ބައްޕަ، ބޭބެ އަދި ފިރިކަލުން ޝަހީދުވިހިނދު

04 Jan 2021 | 11:06

އެއީ އުޙުދު ހަނގުރާމަކުރެވުނު ދުވަހުގެ އިރުއޮއްސުމާއި ގާތްވެފައިވާ ވަގުތެވެ. މަދީނާގެ ރަށްބޭރަށް އަންހެނުންނާއި ކުޑަކުދިން ނުކުމެތިއްބެވެ. ހަނގުރާމައަށް ނުކުތް މުސްލިމުންގެ ލަޝްކަރަށް އިސްތިޤްބާލުކުރުމަށްޓަކައެވެ. (ހަނގުރާމައަށް ނުކުތް، ލޯބިވާ މީހުން އެނބުރި އަންނާނެ ކަމުގެ އުއްމީދުގައެވެ)

ކާމިޔާބީގެ ވަގުތުކޮޅަކަށްފަހު މުސްލިމުންގެ ތެރެއިން ބައެއް ބޭކަލުންނަށް ކުރެއްވުނު ކުށަކުން ކާފިރުންނަށް ހިތްވަރުލިބިގެން މުސްލިމުންނަށް ބޮޑެތި ގެއްލުންތަކެއް ހަނގުރާމައިގައިވަނީ ލިބިފައެވެ. ނަބިއްޔާ ޞައްލަﷲޢަލައިހި ވަސައްލަމް ޒަޚަމްވެވަޑައިގަތުމާއި، ހަނގުރާމަވެރި އެތައް ބޭކަލުންނެއް ޝަހީދުވެގެންދިޔައެވެ. މިފަދަ ޙާލަތެއްގައި މުސްލިމުންގެ ލަޝްކަރު މަދީނާގެ މީހުން ދިރިއުޅޭ ސަރަޙައްދަށް ވަދެގެން އައި ވަގުތު އެތަނުގައި ހުރި ބަނީ ދީނާރުވަންހައިގެ އަންހެން ބޭކަނބަލެއްގެ ގާތުގައި ބުނެވުނެވެ. "އޭ ކަނބުލޯއެވެ! ކަނބުލޯގެ ބައްޕައާއި ފިރިކަލުންނާއި ބޭބެ ޝަހީދުވެއްޖެއެވެ." އެކަމަނާ ވިދާޅުވިއެވެ. "ރަސޫލާ صلى الله عليه وسلم

ކޮބައިތޯއެވެ؟" ޖަވާބުގައި އެކަލޭގެފާނު ހެޔޮ ޙާލުކޮޅުގައި ހުންނެވިކަމަށް ދެންނެވުނެވެ. އެވަގުތު އެކަމަނާ ވިދާޅުވިއެވެ. "ތިމަންކަމަނާއަށް އެކަލޭގެފާނު ހުންނެވިތަން ދައްކާށެވެ." ދެން އެކަމަނާ އެކަލޭގެފާނުގެ އަރިހަށް ގެންދެވުނެވެ. އެހިނދު އެކަމަނާ ދެންނެވިއެވެ. "އޭ ﷲގެ ރަސޫލާއެވެ! ކަލޭގެފާނު މިދުނިޔޭގައި ހެޔޮޙާލުކޮޅުގައިވާނަމަ ތިމަންކަމަނާއަށް ކުރިމަތިވާ ކޮންމެ މުޞީބާތަކީ އެއްވެސް ކަމެއްނޫނެވެ". سبحان الله!

ކޮންފަދަ މަތިވެރި އީމާންކަމަކާއި ކެތްތެރިކަމެއްތޯއެވެ؟

އަޚުންނާއި އުޚްތުންނޭވެ! މައިންބަފައިންނާއި އަނބިދަރިންނާއި އެންމެހައި މީސްތަކުންނަށް ވުރެބޮޑަށް ކައުސާހިބާ މުޙައްމަދު صلى الله عليه وسلم ދެކެ ލޯބިވެގެންނޫނީ އަހަރެމެންގެ އީމާންކަން ފުރިހަމައެއްނުވާނެއެވެ.

Advertisement

ކޮމެންޓް