ވަކިޕާޓީއަކަށް އަދި ވަކި ފިކުރަކަށް ބެލުމެއްނެތި އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރާނަން: މުޢިއްޒު

13 Jan 2021 | 09:46

މާލޭ ސިޓީގެ މޭޔަރުކަމަށް އިންތިޚާބްވެއްޖެނަމަ ވަކި ޕާޓީއަކަށް އަދި ވަކި ފިކުރަކަށް ބެލުމެއްނެތި އިޚްލާސްތެރިކަމާއެކު ރައްޔިތުންނަށް މަސައްކަތްކޮށްދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމްގެ ފަރާތުން މާލޭ ސިޓީ ކައުންސިލުގެ މޭޔަރުކަމަށް ކުރިމަތިލައްވާ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަންގެ ފަރާތުން މިރޭ އެޕާޓީ އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ކުރީގެ ހައުސިންގ މިނިސްޓަރ ޑރ.މުޢިއްޒު ވިދާޅުވީ، މިސަރުކާރަށް ދެއަހަރު ވެފައިވާއިރު މާލޭގެ ރައްޔިތުންގެ ޙައްޤުގައި ވެފައިވާ އެއްވެސް ވަޢުދެއް ނުފުއްދި، ރައްޔިތުންނަށް ހެޔޮއެދިގެން ކަމެއް ކޮށްފައިވާ ތަނެއް ފެނިފައިނުވާ ކަމަށެވެ.

މުއިއްޒު ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް މިސަރުކާރުން ވީ ވަޢުދަކީ ބޯހިޔާވަހިކަމުގެ ވަޢުދު ކަމަށާއި، އެމްޑީޕީ ވެރިކަން އައުމަށްފަހު ރައީސް އަބްދުﷲ ޔާމިން މާލޭގެ ރައްޔިތުންނަށްޓަކައި އަޅައި ނިންމައި ޙަވާލުކުރުމަށް ތައްޔާރުކޮށްފައިވާ ފްލެޓްތައްވެސް މިސަރުކާރުން ރައްޔިތުންގެ އަތުން ނިގުޅައިގަނެފައިވާ ކަމަށެވެ.

އެގޮތުން ފްލެޓްތަކުގެ ޙައްޤުވެރިންނަށް މިހާރުން މިހާރަށް ފްލެޓްތައް ޙަވާލުކޮށްދެއްވުމަށް މުޢިއްޒުވަނީ ގޮވާލައްވާފައެވެ.

މުޢިއްޒު ވިދާޅުވީ، މާލޭ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް އިންތިޚާބްވެއްޖެނަމަ ވަކިޕާޓީއަކަށް ވަކިފިކުރަކަށް ބެލުމެއްނެތި މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.އަދި އެމަނިކުފާނަކީ ކަމެއް ޙަވާލުކޮށްފިނަމަ ކުރަންޖެހުނު ކޮންމެ ކަމެއްވެސް ކޮށްދީފައިވާ މީހެއްކަން ރައްޔިތުންވެސް ހެކިވާނެ ކަމަށެވެ. އަދި މޭޔަރު ކަމުގެ މަޤާމަށް ކުރިމަތިލެއްވީވެސް ހަމައެޢަޒުމުގައި ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް