ވަގުންނަށް ފުރުސަަތުނުދީ، ތިމާ ގެންގުޅޭ ތަކެއްޗަށް ރައްކާތެރިވޭ: ޕޮލިސް

13 Jan 2021 | 19:03

ވައްކަމުގެ މައްސަލަތައް ހުއްޓުވުމަށްޓަކައި ކޮންމެ ފަރުދަކުވެސް ފަރުދީ ޒިންމާ އަދާކުރުމަކީ މުހިންމު ކަމެކެވެ. ވައްކަމުގެ މައްސަލަތައް ހިނގިޔަ ނުދިނުމަށް ނުވަތަ ވަގުންނަށް ފުރުސަތު ނުދިނުމަށް ކޮންމެ ފަރުދަކަށްވެސް ކުރެވިދާނެ ކަންތައްތަކެއް އެބަހުއްޓެވެ. އެގޮތުން ތިމާ ގެންގުޅޭ މުދަލާއި ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަން ކުރެވިދާނެއެވެ.

ފުލުހުން ބުނީ،އެއިދާރާއަށް ހުށަހަޅާފައިވާ ވައްކަމުގެ މައްސަލަތަކަށް ބަލާއިރު، މުދަލަށް ދޭންވާ އެކަށީގެންވާ ސަމާލުކަން ނުދެވުމުގެ ސަބަބުން ހިނގާފައިވާ ވައްކަމުގެ މައްސަލަތައް ހިމެނޭ ކަމަށެވެ. އެގޮތުން ތަޅުދަނޑި ޖަހާފައި ހުއްޓައި ސައިކަލު ވަގަށް ނެގުމާއި، ސައިކަލު ޕޮކެޓުގައި ފޯނު ފަދަ ތަކެތި ބަހައްޓާފައި ސައިކަލު ޕާކުކޮށްފައި ދިއުމުން ވަގަށްނެގުމާއި، ސައިކަލު މަޑިދަށުގައި ތަކެތި ބެހެއްޓުމުން ވަގަށް ނަގާފައިވާ މައްސަލަތަކުގެ އިތުރުން ގެދޮރު ތަޅުނުލާ ހުއްޓައިވަދެ ވައްކަންކޮށްފައިވާ މައްސަލަތައްވެސް ހިމެނެއެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2019 ވަނަ އަހަރު ވައްކަމުގެ 4552 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ. އަދި ފާއިތުވި އަހަރު 3581 މައްސަލައެއް ހުށަހަޅާފައިވާއިރު މިއަހަރުގެ މިހާތަނަށް ވައްކަމުގެ 178 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ.

ވައްކަމުގެ މައްސަލަތައް އިތުރުވިޔަ ނުދިނުމާއި މިފަދަ މައްސަލަތައް މަދުކުރުމަށް މާލެއާއި އަތޮޅުތަކުގައި ފުލުހުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިފަދަ މައްސަލަތައް މަދުކުރުމަށް އާންމު ރައްޔިތުން ހޭލުންތެރި ކުރުވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައްވެސް ސިލްސިލާކޮށް ކުރިއަށް ގެންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެހެންކަމުނ ވައްކަމުގެ މައްސަލަތަކަކީ އާންމު ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންނޫނީ ހުއްޓުވޭނެ ކަންކަމެއް ނޫނެވެ. ފުރަތަމަ ކަމަކީ ފަރުދީ ޒިންމާ އަދާކުރުމެވެ. ގެންގުޅޭ އަގުބޮޑު ފޯނާއި ލެޕްޓޮޕް، ވޮލެޓް ފަދަ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ އެ ތަކެތި ގެންގުޅޭ ފަރާތުގެ ޒިންމާއެކެވެ. ބޭރުތެރޭގައި އުޅޭއިރު މިފަދަ އަގުބޮޑެތި ތަކެތި އެހެން މީހުންނަށް ފެންނާނެހެން ހާމަކޮށްފައި ނުބެހެއްޓުން ބުއްދިވެރިއެވެ.

އަދި ގޭގައި ހުންނަ އަގުބޮޑެތި ތަކެތިވެސް ހާމަކަންބޮޑު ގޮތެއްގައި ބެހެއްޓުމަކީ ރައްކާތެރި ގޮތެއް ނޫނެވެ. ހަނދާންނެތިގެންވެސް ގޭ ދޮރު ތަޅުނުލާ ބެހެއްޓިދާނެއެވެ. ގެއިން ބޭރަށް ކުޑަ ވަގުތުކޮޅަކަށް ދިޔަ ނަމަވެސް ގޭގެ ދޮރުތައް ރަނގަޅަށް ތަޅުލެވުނުތޯ ޔަގީން ކުރަންވާނެއެވެ. ބޭރުގައި އޮންނަ ފައިފުހި ދަށުގައި ނުވަތަ އެހެން ތަނެއްގައިވިޔަސް ތަޅުދަނިޑި ނުބާއްވާށެވެ. މޫދަށް އެރޭއިރުވެސް ވައްކަން ކުރާ މީހުންގެ އަތުޖެހޭގޮތަށް ދަބަސް، ފޯނު އަދި ވޮލެޓުވިޔަސް ނުބާއްވާށެވެ. ސައިކަލު ޕާކުކޮށްފައި ދިއުމުގެ ކުރިން ތަޅުދަނޑި ނެގުނުތޯ ޔަގީން ކުރާށެވެ. ސައިކަލު ޕޮކެޓުގައި ނުވަތަ މަޑިދަށުގައިވެސް އަގުބޮޑެތި ތަކެތި ނުބަހައްޓާށެވެ.

މީހަކު ނުވަތަ ބަޔަކު ވައްކަމުގެ އަމަލެއް ހިންގާތަން ފެނިއްޖެނަމަ ނުވަތަ އެފަދަ ކަމަކަށް ޝައްކުކުރެވޭ ކަމެއް ފެނިއްޖެނަމަވެސް 3322111، 3322112 ނުވަތަ އިމަޖެންސީ ނަންބަރު 119 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.އަތޮޅުތެރޭގައި ނަމަ އެ އަތޮޅެއްގެ ނުވަތަ އެ ރަށެއްގެ ޕޮލިސް ސްޓޭޝަނަށް އެ މައުލޫމާތު ހިއްސާކުރުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.

Advertisement

ކޮމެންޓް

Advertisement