އާރާ 9

28 Feb 2021 | 15:24

މިއަދު އާރާ ހުޅުވާލީ 1995 ވަނަ އަހަރު ދުނިޔެއަށް އުފަންވި ކުދިންގެ މަޢުލޫމާތު ފައިލެވެ. އެ ފައިލުގައި ހުރި މަޢުލޫމާތުތައް ބަލަމުންދަނިކޮށް އޭނާގެ ލޮލުގައި އަޅައިގަތީ ނަން ބަދަލުކޮށްފައިވާ ކުއްޖެއްގެ ލިޔުމަކަށެވެ. އެލިޔުމުގައިވަނީ 2007 ވަނަ އަހަރު ޢާއިޝަތު ހިބާގެ ނަން ޢާއިޝަތު އާރާ އަށް ބަދަލުކޮށްފައިވާ ކަމެކެވެ. އާރާ ހައިރާންވިއެވެ. "ހިބާ… 2007… އަހަންނަށް ވާނީ 12 އަހަރު. ހިބާ… މީ އަހަރެން އަޑުވެސް އެހި ނަމެއްނޫން. އަހަންނަށް ކިޔަނީ ހިބާ؟ ކީއްވެބާ ނަން ބަދަލު ކުރީ މަންމަމެން؟" އާރާ މިފަދަ ހިޔާލުތަކަކަށް ގެއްލިފައި ހުއްޓެވެ.

ރަށު އޮފީހުގެ ދުވަސްވީ މުވައްޒަފެއް ކަމުގައިވާ ޢަލީ އަޙްމަދު، އާންމު ނަމުންނަމަ އަލިބެ، ފައިލުތަކެއް ހިފައިގެން އާރާގެ މޭޒުކައިރިއަށް އައިސް ހުއްޓުނެވެ. އާރާ އަށް އެކަމެއް ރޭކައެއްނުލައެވެ. އޭނާ ހުރީ ފިކުރުގެ ތެރެއަށް ގެއްލިފައެވެ. "އަލިބެ އައިސް ހުރިކަންވެސް ނޭނގޭދޯ މަންޖޭ؟" އަލިބެގެ އަޑު ޖެހުމާއެކު އާރާ ސިހުނެވެ. "އަޅުގަނޑަށް ކަމަކަށް ގެއްލިފަ ހުރެވުނީ. ކީއްތޯވީ؟" އާރާ ނުވާކަމަކަށް ހަދަމުން ޖަވާބުދިނެވެ. "މި ފައިލުތައްވެސް އެބަޖެހޭ ޓައިޕުކޮށްލަން" އަލިބެ ފައިލްތައް އާރާގެ މޭޒުމަތީގައި ބެހެެއްޓިއެވެ. އާރާ ބޯޖަހާލިއެވެ.

"އަލިބެ ވަރަށް ދުވަސްވެއްޖެދޯ މި އޮފީހުގަ މަސައްކަތް ކުރައްވާތާ؟" އަލިބެ ދާން ހިނގައިގަތް ތަނުން އާރާ ސުވާލުކުރިއެވެ. އަލިބެ ހުއްޓި ބަލާލާފަ ހީލިއެވެ. "އަޅުގަނޑުގެ ނަން ބަދަލުކުރަން އަޅުގަނޑުގެ މައިންބަފައިން އައި ހަނދާން އެބަހުރިތޯ؟" އާރާ އޭނާގެ ހިތުގައިވާ ސުވާލު ކޮށްލިއެވެ. "ނނނ… އާރާގެ ނަން ބަދަލުކުރަން ފޯމު ހުށައެޅިކަން ހަނދާން އެބަހުރި. ސަބަބެއް ނޭނގޭ އަލިބެއަކަށް." ދުރު ހަނދާނެއް އާކޮށްލާހެން އަލިބެ ބުނެލިއެވެ. އަލިބެ ދިން ޖަވާބުން އާރާއަށް ވެސް އިތުރު ސުވާލެއް ކުރާކަށް ނުކެރުނެވެ. އެއީ އާރާ ބޭނުންވީ ސަބަބު ހޯދާށެވެ.

އެދުވަހު އާރާ ގެއަށް ދިޔަ މަގުމަތީގައި މަންމައާއި ސުވާލުކުރަން ގަސްތުކުރިއެވެ. އޭނާ ގެއަށް އައިއިރު ހުސްނާ އާއި ވަހީދު ތިބީ ސޯފާގައި ޓީވީ ބަލާށެވެ. "މަންމާ ހިބާ އެއީ ކާކު؟" އާރާ ފުރަތަމަވެސް ކޮށްލީ ސުވާލެވެ. ހުސްނާއާއި ވަހީދަށް ލިބުނީ ކުއްލި ސިހުމެކެވެ. "ހިބާ އަކީ އަހަރެންގެ ނަން ދޯ؟ ކީއްވެ ބަދަލު ކުރީ؟ ކޮންއިރަކު ބަދަލު ކުރީ؟ ކީއްވެ އަހަރެން އެނަންމަތިން ހަނދާން ނުވަނީ؟" އެ ދެމީހުނަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އާރާ ސުވާލު ފަތި އަމުނާލިއެވެ. "ދަރިފުޅާ ހަމަޖެހޭ. ބައްޕަ ހުރިހާ ވާހަކައެއް ކިޔާ ދޭނަން." ވަހީދު ސޯފާއިން ތެދުވެ އާރާ އާއި ދިމާލަށް ހިނގައިގަންނަމުން ބުނެލިއެވެ.

"ދަރިފުޅުގެ އުމުރުން 12 އަހަރުގައި އެއްދުވަހަކު އަހަރެމެން ތިންމީހުން ދަތުރުދިޔައިން މިދިމާތުނޑިމައްޗައް. ރީތި ދުވަހެއްވީމަ ބައްޕަގެ އެދުމަކަށް މަންމަވެސް ދާން އެއްބަސްވީ. ކައިގެން މޫދަށްއެރިލަން ދިޔައީވެސް ތިންމީހުން އެކުގައި. މޫދުގަ ގިނައިރުވެގެން ބައްޕަމެން މޫދުން އަރަން ބުނުމުން ދަރިފުޅު ބޭނުންވީ އިރުކޮޅަކު މޫދުގަ އޮންނަން. ދަރިފުޅު މޫދުގަ ބަހައްޓާފަ ގޮނޑުދޮށަށް އެރުން އެއީ ބައްޕަމެނަށް ކުރެވުނު ވަރަށްބޮޑު ކުށެއް. ދަރިފުޅު މަޖާކޮށް އަތްތަޅާ ހަދަމުން ދިޔަ މަންޒަރު ބަލަން ބައްޕަމެނަށް ހުރެވުނީ ނޭނގި. ޙަޤީޤަތުގައި ދަރިފުޅު ގެނބޭތީ ސަލާމަތްވާން ކުރި މަސައްކަތް ބައްޕަމެނަށް ނޭނގުނު. ދަރިފުޅުގެ ހަރަކާތް ހުއްޓުމުން މަންމަ އަށް ޝައްކުވެގެން ބުނީމަ ބައްޕަ ދަރިފުޅު ކޮބާތޯ ބަލަން އެރުނީ. އޭރު ދަރިފުޅު އޮތީ ހޭނެތިފަ. ބައްޕަ ހީކުރީ ބައްޕަގެ ހަމައެކަނި ދަރިފުޅު ގެއްލުނީ ކަމަށް. ނަމަވެސް ދަރިފުޅު ސަލާމަތް ކުރެވުނު. އެކަމަކު ދަރިފުޅު ހޭއެރިއިރު އެއްވެސް އެއްޗެއް ހަނދާނެއްނެތް. ބައްޕަމެން އާ ފެށުމަކުން ދިރިއުޅުން ފަށަންވެގެން ދަރިފުޅުގެ ނަން ބަދަލުކުރީ." ވާހަކަ ކިޔައި ނިމުނު އިރު ވަހީދު ހުރީ ފެންކަޅިވެފައެވެ. ހުސްނާ ރޮނީއެވެ. އާރާވެސް ހިސާބަކަށް އެވާހަކަ އެހުނީތީ ދެރަވިއެވެ.

ރޭގަނޑުގެ ކެއުމަށް ފަހު އާރާ ކޮޓަރިއަށް ވަނެވެ. މިއަދު ހިނގާދިޔަ ކަންތަކާއި ދޭތެރޭ ވިސްނަން ބޭނުން ނުވެގެން އޭނާ އެނދަށްއަރާ ނިދަން މަސައްކަތް ކުރިއެވެ. ދާދި އަވަހަށް އޭނާ ހުވަފެނީ މަންޒިލަށް ދަތުރުކުރިއެވެ. ސާދަވިލޭރޭގެ ހަނދުގެ އަލިން ދިއްލިފައިވާ ރަންކުލައިގެ ދޮންވެލިގަނޑުގައި އާރާ ހުރީ ހުސްފަޔާއެވެ. މަޑުވައިރޯޅިން އޭނާގެ ދިގު އިސްތަށިގަނޑު ވިހުރިލަ ވިހުރިލާ ހުއްޓެވެ. އާރާ އޭނާގެ ވަށައިގެންވާ މަންޒިލަށް ނަޒަރު ހިންގާލިއެވެ. އެއީ އޭނާ ކުރިން އައިސްފައިވާ ތަނެއްކަމުގެ އިހުސާސް ވިއެވެ. ތަންކޮޅެއް ދުރުން ކުއްޖެއްގެ ހުނުމުގެ އަޑުއިވުނެވެ. އާރާ އަށް ބޭއިޚުތިޔާރުގައި އެދިމާލަށް ދެވުނެވެ.

ކުޑަ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް ކުޅެންތިބި މަންޒަރު އާރާއަށް ފެނުނެވެ. ދެކުދިން މަޖަލުގައި ދުވެހަދަނީއެވެ. އާރާ އަށް އެމަންޒަރު ފެނިފައި ހިނތުންވެލެވުނެވެ. ކުއްލިއަކަށް އެ އުފާވެރި މަންޒަރު ބަދަލުވިއެވެ. ކުޅެންތިބި ކުދިންގެ ތެރެއިން އަންހެން ކުއްޖާ ހުރިތަނަށް ހޭނެތިގެން ވެއްޓުނެވެ. ފިރިހެން ކުއްޖާ މަސައްކަތް ކުރަމުން ދިޔައީ އެ ކުއްޖާ ހޭއެރުވޭތޯއެވެ. ފިރިހެން ކުއްޖާ ރޮމުން ނަމަކުން ގޮވައެވެ. އާރާ އެކުދިންނަށް އެހީ ވުމުގެ ނިޔަތުގައި އެދިމާލަށް ދުއްވައިގަތެވެ. "އާރާ!!….އާރާ!!...." ވަކިހިސާބަކަށް ދެވުނުތަނާ އޭނާއަށް އެ ފިރިހެން ކުއްޖާ ކިޔަމުންދިޔަނަން ސާފުވިއެވެ. އޭނާ ހުއްޓުން އެރިއެވެ. ހައިރާންވެ ހުރެ އެ ފިރިހެން ކުއްޖާ ރޮމުންދިޔަ މަންޒަރު ބަލަން ހުރެވުނެވެ. ކެއްމަދުވެފައިވާ އެ ފިރިހެންކުއްޖާގެ އާދޭހުގެ އަޑުން އާރާގެ ލޮލުންވެސް ކަރުނަ ފާއްދާލިއެވެ.

އާރާ ބަލަން ހުއްޓައި ފިރިހެން ކުއްޖާގެ އަތްމަތީގައި އޮތް އަންހެން ކުއްޖާ މައްޗައް އުފުލެން ފެށިއެވެ. ފިރިހެންކުއްޖާ ހިފަހައްޓަން ކުރިމަސައްކަތްވީ ބޭކާރެވެ. އޭރުވެސް އެކުއްޖާ ރޮމުން އާރާއަށް ގޮވަމުންދިޔައެވެ. މައްޗައް އުފުލިފައިވާ އަންހެން ކުއްޖާ އިސާހިތަކު ވައިގެ ތެރެއަށް ގެއްލުނެވެ. ފިރިހެންކުއްޖާ އޭނާގެ ފިޔަގަނޑު ހުޅުވާލާފައި އުދުއްސައި ގަންނަމުން ބަރު އަޑަކުން ހަޅޭއްލަވައިގަތެވެ. އާރާ ސިއްސައިގެންގޮސް ވެލިގަނޑު މައްޗައް ވެއްޓުނެވެ. އެއާއިއެކު އޭނާ އަށް ހުވަފެނީ މަންޒިލުންވެސް ނުކުމެވުނެވެ. އޭނާއަށް ހުރީ އަސްލަށްވެސް ރޮވިފައެވެ. ހޭލެވުމާއެކު ދެލޯބޮޑުވިއެވެ. ކޮޓަރީގައިވާ ނިދާބޮކި ހުރީ ނިވިފައި ކަމުން ކޮޓަރިތެރެއިން އެއްވެސް އެއްޗެއް ނުފެނެއެވެ.

އާރާ އެނދުން ތެދުވެ ލޯ ފޮހެލަމުން އެނދުކައިރީގައިވާ މޭޒުމަތީ އޮތް ފޯނުނަގާ ކޮޓަރި ތެރެއަށް އަލި ކޮށްލިއެވެ. އަދި ގޮސް ފާރުގައިވާ ބޮކި ދިއްލުމަށްފަހު އެނބުރި އައިސް އެނދަށް އެރިއެވެ. އާރާ ފޯނުން ގަޑި ބަލައިލިއިރު މެންދަމު 3 ޖެހީއެވެ. ގައިމަތީ ރަޖާގަނޑު އަޅަމުން އޭނާ އޮށޯވެލިއެވެ. ރަނގަޅަށް އެދުނގައި ހަމަނުޖެހެވިގެން އުޅެނިކޮށް އަނެއްކާވެސް ކޮޓަރީގެ ބޮކި ނިވި ދިއްލުނެވެ. ދެތިން ފަހަރަކު ނިވި ދިއްލިލާފައި އެއްކޮށް ބޮކި ނިވުނެވެ. އާރާ ބިރުގަތްވަރުން ރޮވުނެވެ. އަޑުބެދުނެވެ. ހަމައެވަގުތު އޭނާގެ ދާދިކައިރީގައި މީހަކު އައިސް އިށީނެވެ. "އާރާ… މީ އިފްރާން އޭ" އިފްރާންގެ އަޑު ޖެހުމާއެކު އާރާ ތެދުވެ އެމީހާގެ ގައިގައި ބައްދާލިއެވެ.

- ނުނިމޭ -

Advertisement

ކޮމެންޓް