އޭ ތިމަންއިލާހުގެ އަޅުތަކުންނޭވެ!

12 Mar 2021 | 17:06

ޞަޙީޙު މުސްލިމްގައި އަބޫ ޛައްރު رَضِيَ اللهُ عَنْهُ ގެ ކިބައިން ރިވާކުރައްވާފައިވެއެވެ. ﷲ تَبَارَكَ وَتَعَالَى ގެ ޙަޟްރަތުން ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ރިވާކުރެއްވިއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ.

"އޭ ތިމަންއިލާހުގެ އަޅުތަކުންނޭވެ! ހަމަކަށަވަރުން ތިމަންއިލާހުގެ ނަފްސުފުޅުގެ މައްޗަށް އަނިޔާވެރިކަން ޙަރާމްކުރެއްވީމެވެ. އަދި ތިޔަބައިމީހުންގެ މެދުގައިވެސް އެކަން ޙަރާމްކަމެއްކަމުގައި ލެއްވީމެވެ. ފަހެ ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް އަނިޔާވެރިނުވާށެވެ.

އޭ ތިމަންއިލާހުގެ އަޅުތަކުންނޭވެ! ތިމަންއިލާހު އެމީހަކަށް ހިދާޔަތް (ތެދުމަގު) ދެއްކެވިމީހަކު ފިޔަވައި ތިޔަބައިމީހުން އެންމެންނަކީވެސް މަގުފުރެދިފައިވާ ބަޔަކީމެވެ. ފަހެ، ތިމަންއިލާހުގެ ޙަޟްރަތުން ހިދާޔަތް ދެއްކެވުމަށް އެދޭށެވެ. އޭރުން ތިޔަބައިމީހުންނަށް ހިދާޔަތް ދައްކަވާހުށީމެވެ.

އޭ ތިމަންއިލާހުގެ އަޅުތަކުންނޭވެ! ތިމަންއިލާހު އެމީހަކަށް ކާންދެއްވިމީހަކު ފިޔަވައި ތިޔަބައިމީހުން އެންމެންނަކީވެސް ބަނޑުހައިވެފައިވާ ބަޔަކީމެވެ. ފަހެ، ތިޔަބައިމީހުން ތިމަންއިލާހުގެ ޙަޟްރަތުން ކާބޯތަކެތި ދެއްވުމަށް އެދޭށެވެ. އޭރުން ތިމަންއިލާހު ތިޔަބައިމީހުންނަށް ކާބޯތަކެތި ދެއްވާހުށީމެވެ.

އޭ ތިމަންއިލާހުގެ އަޅުތަކުންނޭވެ! ތިމަންއިލާހު ފޭރާންދެއްވި މީހަކު ފިޔަވައި ތިޔަބައިމީހުން އެންމެންނަކީވެސް އޮރިޔާން ޙާލަތުގައިވާ ބަޔަކީމެވެ. ފަހެ، ތިމަންއިލާހުގެ ޙަޟްރަތުން ފޭރާން ދެއްވުމަށް އެދޭށެވެ. އޭރުން ތިމަންއިލާހު ތިޔަބައިމީހުންނަށް ފޭރާން ދެއްވާހުށީމެވެ.

އޭ ތިމަންއިލާހުގެ އަޅުތަކުންނޭވެ! ހަމަކަށަވަރުން ތިޔަބައިމީހުން ރެއާއި ދުވާލު ފާފަކުރަމެވެ. އަދި ތިމަންއިލާހު ހުރިހާ ފާފައެއްވެސް ފުއްސަވާ ދެއްވަމެވެ. ފަހެ، ތިމަންއިލާހުގެ ޙަޟްރަތުން ފާފަ ފުއްސަވައިދެއްވުމަށް އެދޭށެވެ. އޭރުން ތިޔަބައިމީހުންނަށް ފާފަ ފުއްސަވައި ދެއްވާހުށީމެވެ.

އޭ ތިމަންއިލާހުގެ އަޅުތަކުންނޭވެ! ހަމަކަށަވަރުން ތިމަންއިލާހަށް ގެއްލުމެއް ދޭން އުޅެގެން ތިޔަބައިމީހުންނަކަށް ތިމަންއިލާހަށް ގެއްލުމެއް ނުދެވޭނެއެވެ. އަދި ތިމަންއިލާހަށް މަންފާއެއް ފޯރުކޮށްދޭން އުޅެގެން ތިޔަބައިމީހުންނަކަށް ތިމަންއިލާހަށް މަންފާއެއްވެސް ފޯރުކޮށެއް ނުދެވޭނެއެވެ.

އޭ ތިމަންއިލާހުގެ އަޅުތަކުންނޭވެ! ހަމަކަށަވަރުން ތިޔަބައިމީހުން ކުރެ އެންމެ ތަޤުވާވެރި ހިތުގެވެރިޔާ ފަދައިން ފުރަތަމަ މީހާއާއި ފަހު މީހާ، އަދި އިންސީންނާ ޖިންނީން (އެބަހީ: އެ ހުރިހާ އެންމެން) ވީ ނަމަވެސް، އޭގެ ސަބަބުން ތިމަންއިލާހުގެ ވެރިކަމަށް އެއްވެސް އެއްޗެއް އިތުރެއް ނުވާނެއެވެ.

އޭ ތިމަންއިލާހުގެ އަޅުތަކުންނޭވެ! ހަމަކަށަވަރުން ތިޔަބައިމީހުން ކުރެ އެންމެ ފާޖިރުމީހާގެ ހިތްފަދައިން ތިޔަބައިމީހުން ކުރެ ފުރަތަމަ މީހާއާއި ފަހު މީހާ، އަދި އިންސީންނާ ޖިންނީން (އެބަހީ: އެ ހުރިހާ އެންމެން) ވީ ނަމަވެސް، އޭގެ ސަބަބުން ތިމަންއިލާހުގެ ވެރިކަމުން އެއްވެސް އެއްޗެއް އުންޏެއް ނުވާނެއެވެ.

އޭ ތިމަންއިލާހުގެ އަޅުތަކުންނޭވެ! ހަމަކަށަވަރުން ތިޔަބައިމީހުން ކުރެ ފުރަތަމަ މީހާއާއި ފަހު މީހާ، އަދި އިންސީންނާ ޖިންނީން (އެބަހީ: އެ ހުރިހާ އެންމެން) އެއް ތަނަކަށް އެއްވެ، ތިމަންއިލާހުގެ ޙަޟްރަތުގައި ކޮންމެ މީހަކުވެސް އެމީހަކު އެދޭކަމަކަށް ދެންނެވުމުން، އެއިން ކޮންމެ މީހަކަށްމެ އެމީހަކު އެ އެދުނުކަމެއް ތިމަންއިލާހު ދެއްވިކަމުގައިވިޔަސް، ތިނޯހެއް ކަނޑަށްލާފައި ނެގުމުން އެކަނޑުން މަދުވާ މިންވަރަށްވެސް ތިމަންއިލާހުގެ ޙަޟްރަތުގައިވާ އެއްޗަކުން އުންޏެއް ނުވާނެއެވެ.

އޭ ތިމަންއިލާހުގެ އަޅުތަކުންނޭވެ! ތިޔަބައިމީހުންނަށްޓަކައި ތިމަންއިލާހު ހިސާބު ބައްލަވާހުށީ ތިޔަބައިމީހުން ކުޅަ ޢަމަލުތަކެވެ. ދެން (އޭގެ ޖަޒާ) ތިޔަބައިމީހުންނަށް ފުރިހަމައަށް ދެއްވާހުށީމެވެ. ފަހެ، އެ ޢަމަލުތަކުން ހެވެއް ފެނުނުމީހާ ﷲއަށް ޙަމްދުކުރާހުށިކަމެވެ. އަދި އެނޫން ގޮތަކަށް (އެބަހީ؛ ނުބައި ޢަމަލުތައް) ފެނުނުމީހާ އެމީހާގެ އަމިއްލަ ނަފުސަށް މެނުވީ މަލާމާތް ރައްދުނުކުރާށެވެ."

Advertisement

ކޮމެންޓް

Advertisement