އާދަމް ޝަރީފުގެ ސުވާލެއް ރައީސްއަށް: ކޮރަޕްޝަނަށް ޒީރޯ ޓޮލެރެންސްގެ ސިޔާސަތު ކޮބާ؟

26 Mar 2021 | 13:16

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންނެވި ކޮރަޕްޝަނަށް ޒީރޯ ޓޮލެރެންސް ދިނުމުގެ ސިޔާސަތު ކޮބައިތޯ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ސުވާލު ކުރައްވައިފިއެވެ.

އާދަމް ޝަރީފު މި ސުވާލު އުފެއްދެވީ ރާއްޖެއަށް ގެންނަން އުޅުނު ވެންޓިލޭޓަރުން ހިޔާނާތްތެރިވި މައްސަލައިގައި ދައުވާ ނުކުރުމަށް ޕީޖީން އެންގި ކަަމަށް ބުނެފައިވާ ޚަބަރެއް ހިއްސާކުރައްވައި ކުރެއްވި ޓްވީޓެއްގައެވެ.

އޭނާ ވިދާޅުވި ގޮތުގައި ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރުމަށް ނިންމުމަކީ، ރައްޔިތުންގެ މުދަލަށް ހިޔާނާތްތެރިވުމަށް ހިތްވަރު ލިބޭނެ ކަމެއް ކަމަށެވެ.

"މިކަމުގެ ސަބަބުން ކޮރަޕްޝަން އިތުރުވާނެ. ކޮރަޕްޝަނަށް ޒީރޯ ޓޮލެެރެންސްދޭ ސިޔާސަތު ކޮބާ؟" އާދަމް ޝަރީފުު ސުވާލު ކުރެއްވިއެވެ.

އޭނާ ކުރެއްވި ޓްވީޓުގައި ވަނީ ތަހުގީގު ކުރުމުގެ ނަމުގައި ޑްރާމާ ކުޅުނީ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ބޭރުކުރުމަށްތޯ ސުވާލު ކުރައްވައިފައެވެ.

ކޯވިޑް-19ގެ ހާލަތުން އަރައިގަތުމަށް ދުބާއީގެ ކުންފުންޏަކާއި ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގެނައުމުގައި ހިންގި ކޮރަޕްޝަނާއި ގުޅިގެން ރައީސް ސޯލިހުގެ ސަރުކާރުގެ ޒީރޯ ޓޮލެރެންސް ސިޔާސަތަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ. 

ކޮމެންޓް