ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ދަޢުވާ ނުކުރުމަށް ޕީޖީން ނިންމި ނިންމުން އަލުން މުރާޖަޢާކުރަނީ

29 Mar 2021 | 13:48

ދުބާއީގެ އެކްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގ ކުންފުންޏަށް 75 ވެންޓިލޭޓަރު ގެންނަން ހަވާލުކުރުމުގައި ހިނގައިދިޔަކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައިގައި އެއްވެސް ފަރާތެއްގެ މައްޗަށް ދަޢުވާނުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ނިންމުން، އަލުން މުރާޖަޢާކުރުމަށް އެ އޮފީހުން ނިންމައިފިއެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޖިނާއީ މައްސަލަތަކުގައި ދަޢުވާކުރުމާއި މެދު ގޮތެއް ނިންމުމަކީ ގާނޫނު އަސާސީން އެ އޮފީހަށް ލިބިފައިވާ ބާރެއްކަމަށާއި، އޭސީސީއަށް އޮންނަ ކަމަކީ ތަހުގީގުކުރުމަށްފަހު މައްސަލައިގައި ހޯދިފައިވާ ހެކިތައް އެ އޮފީހަށް ފޮނުވުން ކަމަށެވެ. އެގޮތުން ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ގޮތެއް ނިންމުމާ މެދުގައިވެސް ބަލާފައިވާނީ ތަހުގީގަށް ހޯދިފައިވާ ހެކިތަކުގެ މައްޗަށް ކަމަށްވެސް ވަނީ ބުނެފައެވެ.

ނަމަވެސް މި މައްސަލައިގައި ޕީޖީ އޮފީހުން ނިންމި ގޮތާއި މެދު އޭސީސީން އިންތިހާއަށް ހިތްހަމަނުޖެހޭތީއާއި، ރައްޔިތުންގެ އިންތިހާ ކަންބޮޑުވުން އޮތުމުން ދައުވާ ނުކުރަން ނިންމި ނިންމުން އަލުން މުރާޖަޢާކުރަން ނިންމާފައިވާކަމަށް ޕީޖީ އޮފީހުން އެ ބަޔާނުގައި ވަނީ ހާމަކޮށްފައެވެ.

އެގޮތުން މައްސަލަ މުރާޖައާ ކުރާއިރު، ފުލުހުންނާ ގުޅިގެން ހޯދިފައިވާ ހެކިތައް ވަކިން ގެނެސް އިތުރަށް ތަހުގީގުކުރަން ޖެހޭކަމެއް އޮތްނަމަ ފުލުހުންގެ އެހީއާއެކު އެކަން ކުރުމަށް އޭސީސީއަށް އިރުޝާދުދިނުމަށްވެސް ޕީޖީން ވަނީ ނިންމާފައެވެ. އަދި މި މައްސަލައިގައި ޕީޖީން ކުރިން ނިންމާފައިވާ ނިންމުން މުރާޖަޢާކުރުމުގައި، ކަންކަން ތަހުގީގުކުރުމުގައި ފުލުހުންގެ އެހީތެރިކަން އޭސީސީއަށް ދޭން ފުލުހުންނަށް އެންގުމަށް ނިންމާފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ. މި މައްސަލައިގައި އަލުން ހޯދޭ ހެކިތަކުގެ އަލީގައި، ޕީޖީ އޮފީހުގެ ނިންމުން މުރާޖައާކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ވެންޓިލޭޓަރުގެ މައްސަލައިގައި މީގެ ކުރިން ސަރުކާރުން އެކި ގޮތަށް ވާހަކަ ދައްކާފައިވާއިރު، ހެލްތު މިނިސްޓަރު އަހުމަދު ނަސީމްވެސް އެންމެ ފަހުން ވިދާޅުވެފައިވަނީ ވެންޓިލޭޓަރުތައް ލިބޭނެ ކަމުގެ ޔަގީންކަމެއް މިހާރު ނެތް ކަމަށެވެ.  

Advertisement

ކޮމެންޓް

Advertisement