ރައީސް ޔާމީންގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި

30 Mar 2021 | 15:12

ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި ޖަލު ޙުކުމް ދަމަހައްޓަން ހައިކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ލިބިފައިވާކަން އެ ކޯޓުން ކަށަވަރުކޮށްދީފައިވާ ކަމުގައި ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ ޙުކުމް ހައިކޯޓުން ދަމަހައްޓާފައިވަނީ އެ މައްސަލަ ހައިކޯޓުގައި ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ.

މައްސަލަ ބެއްލެވި ދެ ފަނޑިޔާރުން ކަމުގައިވާ ޙުސައިން މަޒީދާއި ފަނޑިޔާރު ނިޔާޒު އެ ޙުކުމް ދަމަހައްޓަވަން ތާއީދުކުރެއްވިއެވެ. ނަމަވެސް ފަނޑިޔާރު ޙުސައިން ޝަހީދު ނެރުއްވި ރަޢުޔު ތަފާތެެވެ.

ފަނޑިޔާރު ޙުސައިން ޝަހީދު ނެރުއްވި ރަޢުޔުގައި ވަނީ ރައީސް ޔާމީންގެ މައްޗަށް ޝަރީއަތް ކޮށް ޙުކުމް އިއްވުމުގައި ޤާނޫނީ އިޖުރާއަތްތަކާއި ޚިލާފަށް ބައެއްކަންކަން ކޮށްފައިވާތީ އެ ޙުކުމް ބާތިލު ކުރަން ޖެހޭ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވި ޙުކުމް ދެމެހެއްޓުމަށް ހައިކޯޓުން ތާއީދު ކުރީ މިދިޔަ ޖެނުއަރީމަހުގެ 21 ވަނަ ދުވަހުއެވެ. ހައިކޯޓުގެ ހުކުމް އިސްތިއުނާފު ކުރަން ހުށަހެޅުމަށް ލަސްވެގެން ދިޔައީ، އެ މައްސަލައިގައި ދިރާސާކޮށް ބަލަން ޖެހޭ ކަންކަން ގިނަވުމުން ކަމަށް ރައީސް ޔާމީންގެ އިސް ޤާނޫނީ ވަކީލު، ޑރ.މުޙައްމަދު ޖަމީލު އަޙްމަދު ކުރިން ވިދާޅުވެފައިވެެއެވެ. 

Advertisement

ކޮމެންޓް

Advertisement