Advertisement

ނަބިއްޔާގެ އެންމެ ފަހު ދުވަސްތައް

03 Apr 2021 | 11:43

ހިޖުރައިން 11 ވަނަ އަހަރުގެ ޞަފަރުމަހުގެ 29 ވީ ހޯމަ ދުވަހު، މި އުއްމަތުގެ މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޖަނާޒާއެއްގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެ ޖަނާޒާއިން ވަޑައިގެންނެވި މަގުމަތީގައި އެކަލޭގެފާނުގެ އިސްތަށިފުޅަށް އާދަޔާޚިލާފު ތަދެއްގެ އިޙްސާސް ކުރެއްވެން ފެއްޓެވިއެވެ. ހަމައެއާއެކު ހަށިކޮޅުގެ ހޫނުކަން އިތުރުވެގެން ދާންފެށިއެވެ. މި ތަދަށް މެދުކެނޑުމެއް ނައިސް 11 ދުވަސް ފާއިތުވެ ދިޔައެވެ. މި ތަދާއެކުވެސް މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ މީސްތަކުންނާއެކު އިމާމެއްގެ ގޮތުގައި ނަމާދުކުރައްވަމުން ގެންދެވިއެވެ.

މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ މި ދުނިޔެއާ އަލްވަދާޢު ކިޔުއްވުމުގެ ހަފްތާއެއް ކުރިއެވެ. އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ ގާތަށް ވަޑައިގަތުމަށް އުނދަގޫފުޅުވީހިނދު، ޢާއިޝާ رَضِيَ اللهُ عَنْهَا ގެ އަރިހުގައި މަޑުކުރެއްވުމުގެ އިޒުނައަށް އެދިވަޑައިގަތުމުން، އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ އިޒުނައާއެކު ޢާއިޝާ رَضِيَ اللهُ عَنْهَا ގެ އަރިހުގައި މަޑުކުރެއްވިއެވެ. އެދުވަސްތަކުގައި އެކަމަނާ ސޫރަތުލް ފަލަޤު އަދި ސޫރަތުއް ނާސް ކިޔަވާ ވިދާޅުވެ، ފުމެލައްވާ، އެކަލޭގެފާނުގެ އާލާސްކަންފުޅަށް ލުއިކަމެއް ދެއްވަވާތޯ ދުޢާކުރައްވަމުން ގެންދެވިއެވެ.

ދުވަސްތައް ފާއިތުވަމުން އައިސް، އެކަލޭގެފާނާ ބައްދަލުވެވަޑައިގެންނެވި އެންމެފަހު ބުދަ ދުވަހެވެ. އެކަލޭގެފާނުގެ އާލާސްކަންފުޅު ބޮޑުވެ، ހަށިކޮޅުގެ ހޫނުކަން ގަދަވާން ފެށިއެވެ. އެކަމުގެ ސަބަބުން އެކަލޭގެފާނުގެ ހޭފުޅު ނެތޭގޮތް ވާން ފެށިއެވެ. އެކަލޭގެފާނަށް އަޅުއްވާ ވޭނުގެ ބޮޑުކަމުން ޙަދީޘް ކުރެއްވިއެވެ. "ތަފާތު ހަތް ވަޅަކުން ހަތް ޤިރަބުގެ ފެން ތިމަންކަލޭގެފާނުގެ ހަށިކޮޅަށް އަޅުއްވާށެވެ! އެއީ މީސްތަކުންގެ ތެރެއަށް ނުކުމެވަޑައިގެން އެބައިމީހުންކުރެ ޢަހްދު ހިއްޕެވުމަށްޓަކައެވެ." ދެން ޙަފްޞާ رَضِيَ اللهُ عَنْهَا ގެ އަތްޕުޅުގައިވާ ބޮޑު ފެންއަޅާ ކަންވާރެއް ގެނެސް އެކަލޭގެފާނުގެ ހަށިކޮޅަށް ފެން އެޅުއްވިއެވެ. އެކަމުގެ ސަބަބުން އެކަލޭގެފާނުގެ ހަށިކޮޅަށް ލުއިކަން ލިބިވަޑައިގަތުމުން، މިސްކިތްކޮޅުގެ ތެރެއަށް ނުކުމެވަޑައިގެން މިންބަރުކޮޅުގައި އިށީނދެވަޑައިގެންނެވިއެވެ. އެހިނދު މީސްތަކުން އެކަލޭގެފާނުގެ އަރިހަށް ޖަމާވިއެވެ. އެހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ޔަހޫދީންނާއި ނަޞާރާއިންނަށް ﷲގެ ލަޢުނަތް ހުށްޓެވެ! އެބައިމީހުންވަނީ އެބައިމީހުންގެ ނަބިއްޔުންގެ ޤަބުރުފުޅުތައް އަޅުކަންކުރެވޭ ތަނެއްކަމުގައި ހަދާފައެވެ. އޭ އަޅުގެވެރި އިލާހު! ތިމަންކަލޭގެފާނުގެ ޤަބުރުފުޅަކީ އަޅުކަންކުރެވޭ ތަނެއްކަމުގައި ނުލައްވާނދޭވެ!" ދެން އެކަލޭގެފާނު މިންބަރުކޮޅުން ފައިބައިވަޑައިގެން މެންދުރު ނަމާދުކުރެއްވިއެވެ. ނަމާދަށްފަހު، އަލުން މިންބަރުކޮޅަށް އަރައިވަޑައިގެން ކުރިން ޙަދީޘްކުރެއްވި ފަދައިން ޙަދީޘް ކުރެއްވުމަށްފަހު، އަންޞާރިއްޔަ ބޭކަލުންނަށް ހެޔޮކޮށްހިތްތެވުމަށް ވަޞިއްޔަތްކުރެއްވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ. "ހަމަކަށަވަރުން ދުނިޔޭގައިވާ ތަކެއްޗާއި، ﷲ ގެ ޙަޟްރަތުގައިވާ ތަކެތީގެ ތެރެއިން އިޚްތިޔާރުކުރުމުގެ ފުރުޞަތު އެކަލާނގެ އަޅަކަށް ދެއްވަވައިފިއެވެ. އެ އަޅަކު އިޚްތިޔާރުކުރީ އެކަލާނގެ ޙަޟްރަތުގައިވާ ތަކެއްޗެވެ." އެހިނދު، އަބޫބަކުރު رَضِيَ اللهُ عَنْهُ ކީރިތި ކުރައްވަން ފެއްޓެވިއެވެ. އެ އަޅަކީ ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ކަން އަބޫބަކުރު رَضِيَ اللهُ عَنْهُއަށް އެނގިވަޑައިގެންނެވިއެވެ. ދެން، ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ އަބޫބަކުރު رَضِيَ اللهُ عَنْهُ ގެ މަތިވެރިކަން ބަޔާންކޮށްދެއްވިއެވެ.

މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަވަހާރަވުމުގެ 4 ދުވަސްކުރިން އައި ބުރާސްފަތި ދުވަހެވެ. އެކަލޭގެފާނު އެ ޙާލުކޮޅުގައިވެސް މީސްތަކުންނަށް ހެޔޮކަމަށް ވަޞިއްޔަތްކުރެއްވުމަށްޓަކައި، ލިޔުމަށް އެއްޗެއް ގެނައުމަށް އެންގެވިއެވެ. އެހެންނަމަވެސް، އެކަލޭގެފާނަށް އުނދަގޫފުޅުވާނެތީ ތިމަންމެނަށް ޤުރްއާން އެބަވޭނޫންތޯ އެއްބަޔަކު ދެންނެވިއެވެ. އަނެއްބައި ބޭކަލުން ލިޔުއްވުމަށް އެދިވަޑައިގެންނެވިއެވެ. މިކަމާހުރެ އެކަލޭގެފާނުގެ ގެކޮޅުގައި އަޑުގަދަވުމުން އެކަލޭގެފާނު ނުލިޔުއްވައި މުޝްރިކުން ޢަރަބިކަރައިން ދުރުކުރުމަށާއި، ޒައިދުގެފާނުގެ ލަޝްކަރު ހަނގުރާމައަށް ފޮނުއްވުމަށާއި، ނަމާދުކުރުމަށާއި، އަޅުންނަށް ހެޔޮކޮށްހިތުމަށް ވަޞިއްޔަތްޕުޅުތަކެއް ކުރެއްވިއެވެ. މި ހުރިހާ ދުވަހެއްވަންދެން އެކަލޭގެފާނުގެ އާލާސްކަންފުޅާއެކު މީސްތަކުންނާއިގެން ޖަމާޢަތުގައި ނަމާދުކުރެއްވިއެވެ. މި ދުވަހުގެ މަޣްރިބުނަމާދަކީ އެކަލޭގެފާނު މީސްތަކުންނާއިގެން އިމާމުވެ ކުރެއްވި އެންމެފަހު ނަމާދެވެ. އެ ނަމާދުގައި ސޫރަތުލް މުރުސަލާތު ކިޔަވާ ވިދާޅުވިއެވެ.

އެއަށްފަހު، ޢިޝާނަމާދުގެ ވަގުތަށްވީއިރު އެކަލޭގެފާނުގެ އާލާސްކަންފުޅު ބޮޑުވެ، ތެދުވެވަޑައިގަތުމަށް އުނދަގޫފުޅުވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ. "މީސްތަކުން ނަމާދުކޮށްފިތޯއެވެ؟" އެކަލޭގެފާނަށް ދެންނެވުނެވެ. "ނޫނެކެވެ. މީސްތަކުން ކަލޭގެފާނަށް އިންތިޒާރުކުރަނީއެވެ." ދެން ފެންކަންވާރުން އެކަލޭގެފާނުގެ ހަށިކޮޅަށް ފެން އެޅުއްވުމަށް އެންގެވިއެވެ. ފެން އެޅުއްވުމުން ތެދުވެވަޑައިގެންނެވުމަށް މަސައްކަތްޕުޅު ކުރެއްވިހިނދު ހޭފުޅުނެތުނެވެ. އިރުކޮޅަކުން ހޭފުޅުއެރުމުން މީސްތަކުން ނަމާދުކޮށްފިތޯ؟ ސުވާކުރެއްވިއެވެ. މިގޮތަށް، ތިންވަރަކަށް ފަހަރު އެކަލޭގެފާނު ތެދުވެވަޑައިގެންނެވުމަށް މަސައްކަތްޕުޅުކުރެއްވިއެވެ. ދެން، ތެދުވެވަޑައިނުގެންނެވުމުން މީސްތަކުންނާއިގެން ނަމާދުކުރެއްވުމަށް އަބޫބަކުރު رَضِيَ اللهُ عَنْهُ އަށް އެންގެވިއެވެ.

ޖެހިގެންއައި ދުވަސްތަކުގެ ތެރެއިން ދުވަހެއްގެ މެންދުރުވަގުތެވެ. މީސްތަކުންނާއިގެން އަބޫބަކުރު رَضِيَ اللهُ عَنْهُ މެންދުރުނަމާދުކުރައްވަން ހުންނަވަނިކޮށް، ޢައްބާސް رَضِيَ اللهُ عَنْهُ އާއި އެހެން ބޭކަލެއްގެ އެހީތެރިކަމާއެކު މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ މިސްކިތްކޮޅަށް ވަދެވަޑައިގެންނެވިއެވެ. އެހިނދު، އަބޫބަކުރު رَضِيَ اللهُ عَنْهُ އިމާމުކަމުން ފަހަތަށް ޖެހިވަޑައިގެންނެވުމަށް އުޅުއްވިހިނދު، އިމާމްކަމާއިގެން ކުރިއަށްވަޑައިގަތުމަށް އެކަލޭގެފާނުގެ އަތްޕުޅުން އިޝާރާތްކުރެއްވިއެވެ. އެކަލޭގެފާނު ވަޑައިގެން އަބޫބަކުރު رَضِيَ اللهُ عَنْهُ ގެ އަރިހުގައި އިށީނދެވަޑައިގެން ނަމާދުކުރެއްވިއެވެ.

މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ މި ދުނިޔެ ދޫކުރެއްވުމުގެ އެއްދުވަސްކުރިއެވެ. އެ ދުވަހަކީ އާދިއްތަ ދުވަހެކެވެ. މި ދުވަހު އެކަލޭގެފާނުގެ އަޅުން މިނިވަން ކުރެއްވިއެވެ. އެކަލޭގެފާނުގެ އަތްޕުޅުގައިވި 7 ދީނާރު ޞަދަޤާތްކުރެއްވިއެވެ. އެކަލޭގެފާނުގެ ދަހަނާކޮޅުތައް މުސްލިމުންނަށް ހިބަކޮށްދެއްވިއެވެ.

ޖެހިގެން އައި ދުވަހެވެ. މީސްތަކުންނަށް އައި އެންމެ ހިތާމަވެރި ދުވަހެވެ. އެންމެ ހެޔޮ ލޮބުވެތި ސާހިބާ މި ދުނިޔެއާ ވަކިވެވަޑައިގެންނެވި ދުވަހެވެ. އެދުވަހަކީ ހިޖުރައިން 11 ވަނަ އަހަރުގެ ރަބީޢުލްއައްވަލްމަހުގެ 12 ވީ ހޯމަދުވަހެވެ. ވަގުތަކީ އެދުވަހުގެ ފަތިސްނަމާދުގައި އަބޫބަކުރު رَضِيَ اللهُ عَنْهُ މީސްތަކުންނާއިގެން ނަމާދުކުރައްވަން ސަފުތައް ހެއްދެވި ވަގުތެވެ. އެކަލޭގެފާނުގެ ގެކޮޅުގެ ފަރުދާ އެއްފަރާތްކޮށްލެއްވުމަށްފަހު މިސްކިތްކޮޅުގެ ތެރެއަށް ބައްލަވާލެއްވިއެވެ. އެހިނދު، މީސްތަކުން ނަމާދުކުރަން ތައްޔާރުވެފައިވާތަން ފެނިވަޑައިގެން އުފާފުޅުން ހިނިވަރުނަކޮށްލެއްވިއެވެ. އެކަލޭގެފާނު ނަމާދުކުރައްވަން ނުކުމެވަޑައިގަންނަވަނީކަމަށް މީސްތަކުންނަށް ހީވެ، ނަމާދު ފެށުން ލަސްކޮށްލުމުން، ނަމާދުކުރިއަށް ގެންދިޔުމަށް އިޝާރާތްކޮށްލެއްވުމަށްފަހު، ގެކޮޅުގެ ފަރުދާ ދަންމަވާލެއްވިއެވެ. މިއީ އެ ނަމާދަކާ އެކަލޭގެފާނު ބައްދަލުވެވަޑައިގެންނެވި އެންމެފަހުގެ ނަމާދެވެ.

އެދުވަހުގެ ޟުޙާވަގުތު ޖެހުނުހިނދު، އެކަލޭގެފާނުގެ ދަރިކަނބަލުން ފާޠިމާ رَضِيَ اللهُ عَنْهَا ގެންނެވުމަށްފަހު، ސިއްރުފުޅެއް ވިދާޅުވިއެވެ. އެހިނދު، އެކަމަނާ ވަރަށް ބޮޑަށް ކީރިތިކުރެއްވިއެވެ. ދެން، އެހެން ސިއްރުފުޅެއް ވިދާޅުވުމުން އެކަމަނާ އުފާފުޅުކުރެއްވިއެވެ. ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަވަހާރަވުމުން އެކަމަނާ ބަޔާންކުރެއްވިގޮތުގައި، އެކަލޭގެފާނު އެންމެ ފުރަތަމަ ވިދާޅުވި ސިއްރުފުޅަކީ މި އާލާސްކަންފުޅަކީ ތިމަންކަލޭގެފާނު އަވަހާރަވުމުގެ އާލާސްކަންފުޅުކަމެވެ. އަދި ދެން ވިދާޅުވި ސިއްރުފުޅަކީ އަހުލުބައިތުންކުރެ އެންމެ ފުރަތަމަ އެކަލޭގެފާނާ ބައްދަލުކުރައްވާނީ ތިމަންކަމަނާކަމަށެވެ. އަދި ސުވަރުގޭގެ މުއުމިނު އަންހެންކަނބަލުންގެ ވެރިއެއްގެ ގޮތުގައި ތިމަންކަމަނާ ވާނެކަމެވެ.

މިއަށްފަހު، އެކަލޭގެފާނުގެ ހަށިކޮޅުގެ ވޭން ގަދަވުމުގެ ސަބަބުން، ފާޠިމާ رَضِيَ اللهُ عَنْهَا ކަންބޮޑުވެވަޑައިގަތުމުން ޙަދީޘްކުރެއްވިއެވެ. "މިއަދަށްފަހު ކަމަނާގެ ބައްޕާފުޅަށް އުނދަގޫކަމެއް ނުވާނެތެވެ." ދެން އެކަލޭގެފާނުގެ ދެ ކާފަދަރިކަލުންކަމުގައިވާ ޙަސަންގެފާނާއި ޙުސައިންގެފާނު ގެންނެވުމަށް އެދިވަޑައިގަތުމުން، އެ ދެ ދަރިކަލުން ގެންނެވުމުން، އެ ކުދިންނަށް ބޮސްދެއްވިއެވެ. އަދި އެ ދެ ދަރިކަލުންނަށް ހެޔޮކޮށް ހިތުމަށް ވަޞިއްޔަތްކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށް ނަޞޭޙަތްދެއްވިއެވެ.

މިއަށްފަހު، އެކަލޭގެފާނުގެ ޙާލުކޮޅު އިތުރަށް ގޯސްވެ، އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "އޭ ޢާއިޝާއެވެ! ޚައިބަރުން ތިމަންކަލޭގެފާނަށް ފަރިއްކުޅުއްވުނު (ވިހަ ލާފައިވާ) ކެއުމުގެ ވޭންވަރުތައް ތިމަންކަލޭގެފާނަށް އެބަ އަޅުއްވައެވެ. މިއީ އެވިހައިގެ ސަބަބުން ތިމަންކަލޭގެފާނުގެ ހިތްޕުޅުގެ ނާރުފުޅު ބުރިބުރިވެގެންދާނެ ވަގުތެކެވެ."

އެކަލޭގެފާނު މި ފަނާވަނިވި ދުނިޔެއާ އަލްވަދާޢުކިޔުމުގެ ވަގުތު އައިސްޖެހުނެވެ. އެހިނދު ޢާއިޝާ رَضِيَ اللهُ عَنْهَا އެކަލޭގެފާނު ނެންގެވުމަށްފަހު، އެކަމަނާގެ މޭފުޅުގައި ޖައްސަވާލެއްވިއެވެ. އެހިނދު އެކަމަނާގެ އަޚް އަބްދުއްރަޙްމާން ސިވާކުދަނޑިކޮޅެއް ހިއްޕަވައިގެން ވަޑައިގެންނެވުމުން، އެކަލޭގެފާނު އެ ދަނޑިކޮޅަށް ބައްލަވަން ފެއްޓެވުމުން، އެކަލޭގެފާނު ދަތްޕުޅު އުނގުޅުއްވުމަށް ބޭނުންފުޅުވެ ވަޑައިގެންނެވީކަން އެނގިވަޑައިގެން، އެ ދަނޑިކޮޅު ހޯއްދަވައި، އެކަމަނާގެ އަނގަފުޅުން އެ ދަނޑިކޮޅު މަޑުކޮށްލެއްވުމަށްފަހު، އެކަލޭގެފާނުގެ ދަތްޕުޅު އުނގުޅުއްވައިދެއްވިއެވެ. އެހިނދު ކައިރީގައިވާ ފެން އެއްޗަކަށް އެކަލޭގެފާނުގެ އަތްޕުޅު ލެއްވުމަށްފަހު، މޫނުފުޅުގައި ފެން އުނގުޅުއްވަމުން ޙަދީޘްކުރެއްވިއެވެ. "لا إله إلا الله، ހަމަކަށަވަރުން މަރަކީ އެކަމަށް އުނދަގޫތަކެއްވާ ކަމެކެވެ." ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "އެބައެއްގެ މައްޗަށް ނިޢުމަތް ދެއްވެވި ނަބިއްޔުންނާއި، ޞިއްދީޤުންނާއި، ޝަހީދުންނާއި، ޞާލިޙުންނާ އެކުގައެވެ." އަދި ދުޢާކުރެއްވިއެވެ. "އޭ އަޅުގެވެރި އިލާހު! މި އަޅާއަށް ފާފަފުއްސަވާނދޭވެ! އަދި މިއަޅާއަށް ރަޙްމަތްލައްވާނދޭވެ! އަދި އެންމެ މަތިވެރި ފަރާތާ ބައްދަލުކުރައްވާނދޭވެ!" ފަހު ކަލިމަ ތިން ފަހަރަށް ތަކުރާރުކުރައްވައި އެކަލޭގެފާނުގެ އަތްޕުޅު މައްޗަށް އުފުއްލަވާލެއްވިއެވެ. އެހިނދު، އެކަލޭގެފާނުގެ ޠާހިރުވެގެންވާ ފުރާނަފުޅު އެންމެ މަތިވެރި ފަރާތުގެ ޙަޟްރަތަށް ގެންދެވުނެވެ. إنا لله وإنا إليه راجعون.

Advertisement

ކޮމެންޓް