އެއީ ހަމައެކަނި ނަންބަރުތަކެއް ނޫން، އެއީ އެތަކެއް ދިރިއުޅުންތަކެއް!

15 Apr 2021 | 16:16

ފާއިތުވެދިޔަ އަހަރެއްހާ ދުވަހުގެ މުއްދަތަކީ ދުނިޔޭގެ ކޮންމެ ފަރުދެއްގެ ދިރިއުޅުމަށްވެސް އެތަކެއް ގިނަގުނަ ބަދަލުތަކެއް ގެނުވާފައިވާ ދުވަސްތަކެކެވެ. އާ ތަޖުރިބާތަކެއް ތަޙައްމަލުކޮށް، އާ ކަންތައްތަކެއް އާންމު ދިރިއުޅުމުގެ ބައިތަކަކަށް ހަދަން ޖެހިއްޖެއެވެ. ލޮލަށް ނުފެންނަ ކުޑަކުޑަ، އެހެން ނަމަވެސް ވަރަށްވެސް ނުރައްކާތެރި ވައިރަހެއްގެ ސަބަބުން އިންސާނީ ނަސްލުގެ ދިރިއުޅުން މުޅީންހެން ބަދަލުވެގެން ގޮސްފިއެވެ. ގިނަބައެއްގެ އާންމު ދިރިއުޅުން އެފުށް މިފުށަށް ޖެހިއްޖެއެވެ. ލޯބިވާ އެތައް ބަޔަކު ނުރައްކަލަށް ހުށައެޅިއްޖެއެވެ. އޭގެ ތެރެއިން ބައެއް ފަރާތްތައް މި ފަނާކުރަނިވި ދުނިޔެއަށް އަލްވަދާއުވެސް ކިޔައިފިއެވެ.

މި ހާލަތަކީ މިއަދު އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖޭގެވެސް ހާލަތެވެ. ކޮވިޑް-19ގެ ބަލިމަޑުކަން މުޅި ދުނިޔޭގައި ހަލުވި މިނެއްގައި ފެތުރެމުން ދިޔައިރު، އެ ބަލިމަޑުކަން ދިވެހިރާއްޖެއަށްވެސް ވަކި ހިސާބަކުން ފޯރިއެވެ. ރިސޯޓުތަކުން މަދުމަދުން ކޮވިޑްގެ ކޭސްތައް ފެންނަމުންދިޔައިރު، އެތަކެއް ބައެއްގެ ކަންބޮޑުވުންތައް ދިޔައީ އިތުރުވަމުންނެވެ. އެގޮތުން އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެގެންދިޔައީ މާލެއިން ކޮވިޑްގެ އެންމެ ޕޮޒިޓިވް ކޭހެއް ފެނުނަސް ވެގެންދާނެ ގޮތަކާއި މެދުގައެވެ.

ތޮއްޖެހިފައިވާ ގޮޅިތަކެއްގައި ގިނަބަޔަކު ދިރިއުޅެމުންދާ މާލެއަކީ އަބަދުވެސް އެކި ބަލިތައް ހަލުވި މިނެއްގައި ފެތުރޭ ތަނެކެވެ. ވައިރަލް ހުންތަކާއި ރޯގާތަކަކީ މޫސުމީ ކަމެއްހެން މާލޭގައި ހިނގައިދާ ކަމެކެވެ. އަޅުގަނޑުގެ އުމުރުން މިވީ މަދު ދުވަސްތަކުގައިވެސް އެފަދަ ބައެއް ކަންތައްތައް ހިނގައިދިޔަ ހަނދާން ހުރެއެވެ. ނަމަވެސް ކޮވިޑް-19 ފަދަ ފަސޭހައިން ފެތުރޭ ނުރައްކާތެރި ޢާލަމީ ވަބާއަކުން މާލެ "ހަފުސްވެގެން" ހިނގައިދާނެކަމާއި މެދު އެތަކެއް ފަރާތްތަކުން ދިޔައީ ކަންބޮޑުވަމުންނެވެ. ވަކިން ޚާއްޞަކޮށް ކަމާއި ގުޅޭ ޞިއްޙީ ފަރާތްތަކުންނެވެ.

މާލެފަދަ ތޮއްޖެހި އަދި ބައިބޯވެފައިވާ ތަނަކުން ކޮވިޑް ފަދަ ނުރައްކާތެރި ބައްޔެއް ފެނުމުން، އޭގެ ސަބަބުން ގިނަ ފުރާނަތަކެއް ގެއްލިދާނެކަމުގެ ބިރުވެރިކަން އަބަދުވެސް އޮތެވެ. ކޮވިޑަކީ އޭގެ ޒާތުގައި ފުރާނައަށްވެސް ނުރައްކާތެރިވާފަދަ ބައްޔަކަށްވުމުންނެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް މިބަލީގައި 67 މީހަކު ނިޔާވިކަމަށް ވަނީ ރެކޯޑް ކުރެވިފައެވެ. އެ ފަރާތްތަކުގެ ފާފަތައް ފުއްސަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރަމެވެ.

ހަނދާނުގައި ބަހައްޓަންޖެހޭކަމަކީ މި 67 މަރަކީ ހަމައެކަނި ނަންބަރުތަކެއް ނޫންކަމެވެ. އެއީ ހަމައެކަނި އަޅުގަނޑުމެން ނޫސްވެރިން ލިޔަން އަދި އާންމު ފަރުދުން ކިޔަން އޮތް ޚަބަރުތަކެއްވެސް ނޫންކަމެވެ. މި ބަލީގައި ދުނިޔެއާއި ވަކިވެފައިވާ ކޮންމެ ފަރުދަކީ އަމިއްލަ ހަޔާތެއް އޮތް މީހެކެވެ. އެ ހަޔާތާއި އެތައް ބައެއްގެ ދިރިއުޅުން ގުޅިލާމެހިފައިވާނެއެވެ. އެ ގުޅުންތަކުގެ ތެރެއިން އެތަކެއް ހަނދާންތަކެއް ވާނެއެވެ. އެހެނަސް ކޮވިޑްގެ ނުރައްކާތެރިކަމުގައި އެފަރާތްތައް ދުނިޔެއަށް އަލްވަދާއު ކިޔަން ޖެހުނީ، ދިރިތިބީންގެ މައްޗަށް އެ ހަނދާންތައް ދޫކޮށްލާ ހާލުގައެވެ. މީގެ ތެރެއިން ބައެއް ފަރާތްތަކުގެ ޢާއިލާތަކާއި ގާތް އެހެނިހެން ފަރާތްތަކަށް، ގެއްލިގެންދިޔަ ފަރާތްތަކަށް އެންމެފަހުގެ ވަދާޢީ ސަލާމެއް ކޮށްލުމުގެ ފުރުޞަތުވެސް ނުލިބެއެވެ. ލޯބިވާ މީހަކަށް ވަދާޢީ ސަލާމެއްކޮށްލުމުގެ ފުރުޞަތު ނުލިބި، އެފަރާތްތައް ކަފުނުގެ ތެރެއަށް ލެވިގޮސް ވަޅުލެވޭ ޚަބަރު ފަސޭހަކަމާ އެކު އަހާލަން ކުޅަދާނަވާނީ ފަހެ ކާކަށްތޯއެވެ؟

އިންސާނަކު ވަކިވެ ދިއުމުން، އެ އަންނަ ފަޅުކަމާއި ހުސްކަމަކީ ދުވަހަކުވެސް ފިލުވޭނެފަދަ ކަމެއް ނޫނެވެ. ކޮވިޑް-19 ބަލީގައި ރާއްޖެއިން ނިޔާވި 67 މީހުންގެ ޢާއިލާތަކުންވެސް މިއަދު އެދަނީ އެ އިހުސާސް ތަޙައްމަލުކުރަމުންނެވެ. ނުރައްކާތެރި ބައްޔެއްގައި ލޯބިވާ ފަރާތްތަކާއި ވަކިވާން ޖެހުމަކީ އެމީހުންގެ ހިތްތަކުން ދުވަހަކުވެސް ފޮހެވޭނެ ކަމެއް ނޫނެވެ. އެފަދަ ހާލަތެއް މެދުވެރި ނުވާނަމަ ހާދަހާ ރަނގަޅުވީހޭ އެއިން ކޮންމެ ފަރާތެއްގެ ޢާއިލާ އަދި ގާތުގައި އުޅުނު މީހުން ބުނާނެކަން ކަށަވަރެވެ.

ކޮވިޑް-19ގެ ޢާލަމީ ވަބާގެ "ނުފެންނަ" ފަރާތަކީ މިއީއެވެ. އެ ބަލީގެ އަސަރުގެ ސަބަބުން ދިރިއުޅުންތަކަށް އަންނަ އިޔާދަނުކުރެވޭފަދަ ބަދަލުތަކުން ކުރާ ވޭނީ އަސަރުތަކެވެ. މިބަލިން ރައްކާތެރިވާން އެކީ އެންމެން އެކުގައި އެއް އަޒުމެއްގައި މަސައްކަތް ކުރަންވީ މިހެން ވެގެންނެވެ. ބަލީގައި ނިޔާވާ ކޮންމެ ފަރުދަކީ ހަމައެކަނި ނަންބަރެއް ނޫނެވެ. އެއީ އެތަކެއް ދިރިއުޅުމަކާއި ގުޅިފައިވާ ހިތްދަތިވެގެންވާ ބަދަލެކެވެ.

Advertisement

ކޮމެންޓް