ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޖަލަށްލުމަށް ޙުކުމް ކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަން ހުށަހެޅުމުން އެކޯޓުން މައްސަލަ ބަލައިގެންފިއެވެ.
ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުގައި އެންމެ އިސްކޮށް މަސައްކަތްކުރައްވާ ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލު އަޙްމަދު ވަނީ މިކަން ކަށަވަރުކޮށްދެއްވައިފައެވެ.
ޗެނަލް13އަށް ދެއްވި ބަސްދީގަތުމެއްގައި ޑރ.ޖަމީލު ވިދާޅުވީ، ސުޕްރީމް ކޯޓުން ރައީސް ޔާމީންގެ މައްސަލަ ބަލައިގަތް ކަމުގެ ލިޔުން ލިބިވަޑައިގެންފައިވާ ކަމަށެވެ.
ޑރ.ޖަމީލު ވިދާޅުވީ މަނީ ލޯންޑްރިންގެ ކުށުގެ ޤާނޫނު މާނަ ކުރުމުގައި ދިވެހިރާއްޖޭގެ ހައި ކޯޓުންނާއި، ކްރިމިނަލް ކޯޓުން ވަރަށް ބޮޑެތި ގޯސްތަކެއް، އިޖުރާއީ ގޮތުންނާއި، މައުޟޫއީ ގޮތުންވެސް ހަދާފައިވާ ކަމަށެވެ.
"މި މައްސަލައިގައި ސުޕްރީމް ކޯޓަކީ ދަށު ކޯޓުންނާއި، ހައިކޯޓުން ހެދި ގޯސްތަކަށް ފަރުވާ ލިބިގެންދާނެ ތަނެއްކަމުގައި ވަރަށް ބޮޑު އުއްމީދެއް އެބައޮތް."ޑރ.ޖަމީލު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، އެމަނިކުފާނު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ދަށު ކޯޓުން ޙުކުމް ކުރީ، 2019 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 28 ވަނަ ދުވަހުއެވެ. ކްރިމިނަލް ކޯޓުގެ ޙުކުމަށް ހައިކޯޓުންވެސް ވަނީ ތާއީދުކޮށްފައެވެ.
ރައީސް ޔާމީންގެ މައްޗަށް އިއްވި ޖަލު ޙުކުމް ދެމެހެއްޓުމަށް ހައިކޯޓުން ޙުކުމް ކުރީ މިދިޔަ ޖެނުއަރީމަހުގެ 21 ވަނަ ދުވަހުއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists