ޙަޤީޤީ ވާހަކަ: ހިތި 25

09 May 2021 | 19:37

"އަހަރެންނަށް އެނގޭ ހުޝާމް އަހަރެން ބޭނުންވާކަން. ނޫނީ ތިހެނެއް ނޫޅޭނެ. އެކަމަކު އަހަރެންނަކަށް ނޭނގެ. އަހަރެން ވަރަށް ފޫހިވޭ މިހާރު. ލޯބި މަތިންވެސް ފޫހިވެއްޖެ." އަހަރެން ހުޝާމް ގާތު ބުނީމެވެ. "ރަނގަޅޭ. ތި ނޫން ވާހަކައެއް ނުބުނަން. އެކަމަކު އަހަރެން މި ބުނީ އަހަރެންނަށް އެންމެ ފުރުޞަތެއް ދޭށޭ. އަދި ތި ވިސްނުން ވެސް ބަދަލުވާނެ." ހުޝާމް އަހަރެންނާއި ތަންކޮޅެއް ކައިރިއަށް ޖެހިލިއެވެ. އަހަރެން ހުޝާމްއާއި ދިމާލަށް ވަރަށް ރަނގަޅަށް ބަލާލީމެވެ. އެއަށްފަހު އަހަރެންގެ ވަށައިގެންވާ މާޙައުލަށް ކަޅިއެއް ހިންގާލީމެވެ. އަދި ކުރިމަތިން ފެންނަން އޮތް މޫދާ ދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ. "އަހަރެންނަށް އަދި ވަގުތުކޮޅެއްދީ. އަހަރެން ތިކަމާއި ވިސްނާނަން." އަހަރެންގެ ދުލާއި ހަމައަށް އައި ހަމައެކަނި ޖުމުލައަކީ އެއީއެވެ. އެހިނދު ހުޝާމް ހިނިތުންވެފައި އަހަރެންނާއި ދިމާލަށް ބަލާލިއެވެ.

"ޝަމް!. މޫވް އޮން ކުރަން މަސައްކަތް ކުރީމަ ވާނީ. ތިހެން ނުވާނެއޭ ބުނަންޏާ ދުވަހަކުވެސް ނުވާނެ. އަހަރެން ޝަމް ރެޑީވަންދެން ހުރެދާނަން، ޝަމްގެ އަތުގައިވެސް ހިފާނުލާ. ނޫނީ ޝަމްއާއި މެރީ ކުރެވެންދެން އެގޮތުގައި ހުރެދާނަން." ހުޝާމް އަނެއްކާވެސް އޭނާގެ އިހުސާސްތައް ކިޔައިދޭން ފެށިއެވެ. "ހުޝާމް އަހަރެންދެކެ ތިހާ ވަރަށް ލޯބިވާން ޖެހޭ ސަބަބެއް އެބަ އޮތްތަ؟" އަހަރެން އެންމެ ބަލަން ބޭނުންވި ކަމަކީ އެއީއެވެ. "ޝަމް އަކީ ގޯސް ކުއްޖެއް ނޫން. މި ޒަމާނުގަ ވަރަށް މަދުވާނެ ތި ކަހަލަ ރަނގަޅު ކުދިން. އަހަރެންނަށް ފެށުނީއްސުރެ ޝަމް ވަރަށް ކަމުދޭ. އޭރު ދެމީހުން އެއް ޗެނަލެއްގައި މަސައްކަތްކުރި އިރުވެސް ޝަމް ދެކެން. އެކަމަކު ވާހަކަ ދައްކާކަށް ނުކެރޭ. ޝަމް ބޭރުފުށުން ކިތަންމެ ސްޓްރޯންގް ކަމަށް ދެއްކިއަސް، ޝަމް އަކީ އަސްލު ވަރަށް ހިތްބަލި މީހެއް. ޝަމްއަށް އެއްވެސް މީހެއްގެ ފަރާތުން އުފަލެއް ނުލިބުނު. އެކަމަކު ޝަމް އުޅެނީ އަބަދުވެސް އެހެން މީހުން އުފަލުގަ ބެހެއްޓޭތޯ. އެހެންވެ އަހަރެން ބޭނުމީ މިއޮއްހާ ދުވަހު ޝަމްއަށް ނުލިބި އޮތް ހުރިހާ އުފަލެއް ދޭން." ހުޝާމްގެ އެ ބަސްތައް ކިތަންމެހާ ވެސް ފަށުވިވެފައި ހިތްގައިމެވެ. ނަމަވެސް އަހަރެން ދެން މީހަކަށް އިތުބާރު ކުރާނީ ކިހިނެއް ހެއްޔެވެ؟

އަހަރެންގެ ހަޔާތުން ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ފެންނަމުން ދިޔައީ ހުޝާމްގެ ރަނގަޅު ކަމާއި، ހުޝާމް އަހަރެން އުފަލުގައި ބެހެއްޓުމަށް ކުރަމުން އައި މިންނެތް މަސައްކަތްތަކެވެ. އަހަރެންގެ ހިލަ ހިތް މަޑުވާން ފެށިއެވެ. ނަމަވެސް އަހަރެން އެއަށް ލޯތްބެކޭ ނުކިޔަމެވެ. އެއީ މީހަކު ދެކެ ލައިކުވުން ކަމުގައި ވެދާނެއެވެ. ހުޝާމް އަހަރެން ގާތު ލޯބިވާ ވާހަކަ ބުނިތާ ގާތްގަނޑަކަށް ދެމަސް ފަހުން، އަހަރެން ނިންމީ ހުޝާމަށް ފުރުޞަތެއް ދިނުމަށެވެ. އަހަރެން ހުޝާމްގާތު އެދުނީ އެންމެ ކަމަކުއެވެ. އަހަރެންނަށް ދެރައެއް ނުދީ އަހަރެންނާއިއެކު އުމުރު ދުވަހަށް ހުރެދިނުމަށެވެ. ހުޝާމް އަހަރެންނަށް ވަޢުދުވިއެވެ. އަބަދުވެސް އަހަރެންނާއިއެކު ހުންނާނެ ކަމަށް ބުންޏެވެ.

އަހަރެން މަންމަ ގާތު އަދި ޢާއިލާ މީހެއްގެ ގާތުވެސް ހުޝާމްގެ ވާހަކައެއް ނުބުނަމެވެ. އަހަރެން ފުރަތަމަ ބަލަން ބޭނުންވީ ހުޝާމް އާއެކު އުޅެވިދާނެތޯއެވެ. ބައެއް ފަހަރު، ކޮންމެ ރެއަކު ބޭރަށް ދާތީ މަންމަ އަހަރެންނާއި ސުވާލުކޮށް ހަދައެވެ. ނަމަވެސް އަހަރެން ހުޝާމްގެ ވާހަކައެއް ނުބުނަމެވެ. ހުޝާމް އާއެކު ގިނަ ވަގުތު ހޭދަކުރަން ފެށިފަހުން އަހަރެންނަށް ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް އިހުސާސް ކުރެވެން ފެށިއެވެ. ހުޝާމް އަހަރެން ބޭނުންވާ ކަންކަމާއި، އަދި އަހަރެން ގަޔާނުވާ ކަންކަން ވަރަށް ފަސޭހައިން ދަސްކުރިއެވެ. އަހަރެންނެކޭ އެއްގޮތަށް ހުޝާމަކީވެސް، ކެއުމަށް ފޯރި ހުންނަ މީހެކެވެ. ވުމާއެކު ދޭތެރެއަކުން ކާން ދިއުމަކީ އަހަރެމެންގެ އާދައެކެވެ. ހުޝާމް އާއި އެކުގައި ކިތަންމެ ގިނަ ވަގުތެއް ހޭދަކުރި ނަމަވެސް، އޭނާ ދުވަހަކުވެސް އަހަރެންގެ ގަޔަކު އަތެއް ނުލައެވެ. އެއީ އަހަރެންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

އޭނާއަށް އަހަރެން އުފާވާ ކަންކަމަކީ ކޮބައިކަން ވަރަށް ރަނގަޅަށް އެނގެއެވެ. ކުދިކުދި ކަންތައްތަކުން އަހަރެން އުފާވާކަން އޭނާއަށް އެނގެއެވެ. އަހަރެންނާއި މެދު މީހަކު އެހާ ވަރަށް ވިސްނާފާނެ ކަމަކަށް ދުވަހަކުވެސް ހިތަކަށް ނާރައެވެ. އަހަރެންނަށް އެންމެ ކަމުދާ ލިލީމާ ވަރަށް ގިނައިން ހަދިޔާކުރެއެވެ. ޑެއިރީ މިލްކް ޗޮކުލެޓު ވެސް ވަރަށް ގިނައިން ދެއެވެ. ބުރަކޮށް ވަޒީފާގައި އުޅެމުންވެސް އަހަރެންނާއެކު ވަގުތު ހޭދަކުރެއެވެ. އަހަރެން ދައްކާ ވާހަކަތައް އަޑު އަހައެވެ. އަހަރެން ރޯން ބޭނުންވެއްޖެ ނަމަ ހުޝާމް އެ ފުރުޞަތު ވެސް ދެއެވެ. ހުޝާމްގެ މި ސިފަތައް އަހަރެންނަށް ވަރަށް ކަމުދެއެވެ.

ރައްޓެހިވެގެން މަހެއްވީ ފަހުން، އަހަރެން މަންމަ ގާތު ހުޝާމްގެ ވާހަކަ ބުނީމެވެ. މަންމަ އަހަރެންނަށް މަރުޙަބާ ކިޔެވެ. އަދި ހިތްވަރު އެލުވާނުލާ ދިރިއުޅުމައިގެން ކުރިއަށް ދާން މަސައްކަތް ކުރާތީ އެކަމާއި އުފާކުރިއެވެ. މަންމަ އެދުނީ ހުޝާމް ގެއަށް ގެނައުމަށެވެ. އަދި އަބަދު ބޭރުން ބައްދަލު ކުރުމުގެ ބަދަލުގައި ގޭގައި ތިބުމަށް މަންމަ އެދުނެވެ. ހުޝާމް އަހަރެންގެ ގެއަށް ގެނައި ފުރަތަމަ ރޭ ވެސް މަންމައާއި ވަރަށް ވާހަކަ ދެއްކިއެވެ. ހުޝާމަކީ މީހުންނާއި ގުޅޭ ހިތްހެޔޮ މީހަކަށް ވުމެވެ. "ބޮޑު އަނގައެއް ދޯ." ހުޝާމް އެރޭ ކައިގެން ގެއަށް ދިއުމާއެކު މަންމަ ބުނެލީ މިހެންނެވެ. އަހަރެން ހިނި ގަނޑެއް ޖަހާލާފައި އާނއެކޭ ބުނީމެވެ.

ހުޝާމް އާއިއެކު ހޭދަވަމުން ދިޔައީ ވަރަށް އުފާވެރި ދުވަސްތަކެކެވެ. އަހަރެންނަށް ގަބޫލުކުރަން ވެސް ދަތިވިއެވެ. އަހަރެންގެ ދިރިއުޅުމަށް އަނެއްކާވެސް ބަހާރު މޫސުން އައި ފަދައެވެ. ހުޝާމްއާއި ވާހަކަދައްކަން ފެށިއިރު އަހަރެން އައީ ސައިކަލު ދުއްވަން ދަސްކުރަމުންނެވެ. އޭރު އަހަރެން ދިޔައީ ސައިކަލެއް ނެގުމަށްޓަކައި ސޭވް ވެސް ކުރަމުންނެވެ. އަހަރެން ސައިކަލެއް ނެގުމަށްޓަކައި ސޭވް ކުރާކަން ހުޝާމަށް އެނގުމާއެކު އޭނާ ބޭނުންވީ އެކަމުގައި އަހަރެންނަށް އެހީތެރިވާށެވެ. "ހުޝާމް، އަހަރެން އަސްލު ބޭނުމެއް ނޫން ހުޝާމްގެ މުސާރައިން އެއްވެސް އެއްޗެއް މިއަށް ލާކަށް. އެއީ އަހަރެންގެ ނަޒަރުގަ ރަނގަޅު ގޮތެއް ނޫން." އަހަރެން އެކަމާއި ދެކޮޅު ހެދީމެވެ. "އެނގޭ ޝަމްއަކީ އަމިއްލައަށް ކަންކަން ކުރަން ބޭނުންވާ މީހެއްކަން. އަހަރެންނަށް މާ ބައިވަރު ތަކެއް ނުދެވުނަސް، ދޭ އެއްޗެއް ދޭން މިއުޅެނީ ހިތުން ރުހުމުން. މީގެ ބަދަލު ހޯދާކަށް އަހަރެން ދުވަހަކުވެސް ޝަމް ފަހަތަކުން ނުދާނަން." ހުޝާމް ވެސް ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. އަހަރެން އެންމެ ފަހުން ގޮތް ދޫކުރީމެވެ. އަދި ހުޝާމަށް ފެންނަ އެއްޗެއް ދިނަސް އެންމެ ރަނގަޅު ކަމުގައި އަހަރެން ބުނީމެވެ.

އަހަރެންގެ ދިރިއުޅުން ދިޔައީ ދުވަހެއް ދުވަހަކަށް އުޖާލާވަމުންނެވެ. އިރުއަރައި އިރުއޮއްސޭއިރު ހުޝާމް ނުފެންނަ ދުވަހެއް ނުދެއެވެ. ބައްދަލުވެ ވާހަކަ ދައްކާނުލާ އެންމެ ދުވަހެއްވެސް ފާއިތެއް ނުވެއެވެ. އަހަރެންގެ ހިތުގައި ހުޝާމަށް ޚާއްޞަ މަޤާމެއް ދެވިއްޖެހެން ހީވާން ފެށިއެވެ. ނަމަވެސް އަހަރެން އެއިން އެއްވެސް ވާހަކައެއް ހުޝާމް ގާތު ނުބުނަމެވެ. އަދިވެސް އަހަރެންނަށް މީހަކަށް އިތުބާރު ކުރަން އުނދަގޫވީމައެވެ. މިގޮތުގައި އުޅެމުން ގޮސް، އަހަރެންގެ މަންމައާއި ބައްޕަ ގޮވައިގެން މެޑިކަލް ޗެކަޕަކަށް ލަންކާއަށް ފުރަން ޖެހުނެވެ. ފުރަންޖެހޭ ވާހަކަ ބުނީއްސުރެން ހުޝާމް ހުންނަނީ ކަރު އެލުވާލައިގެންނެވެ. އަހަރެން ދުވަސްކޮޅަކަށް ނުފެންނާނެތީއެވެ. އަހަރެންނަށް އެކަންވީ މުޅިން އައު ކަމަކަށެވެ. އަހަރެންގެ ހަޔާތުގައި ދިމާވި އެއްވެސް މީހަކު އަހަރެން، އެމީހުންގެ ލޮލު ކުރިމަތިން ގެއްލިދާނެތީ ނުވަތަ ގޮސްދާނެތީ ދުވަހަކުވެސް ދެރަވިތަނެއް ނުދެކެމެވެ.

ފުރަން ހަފުތާއަކަށްވެފައި އޮތްއިރު، ހުޝާމް ބޭނުންވީ އަހަރެންނާއިއެކު ވީހާވެސް ގިނަ ވަގުތު ހޭދަކުރާށެވެ. ވުމާއެކު ދެމީހުންނަށް ވެސް ވަގުތުވީ ވަރަކުން އެކުގައި ގިނަ ވަގުތު ހޭދަކުރީމެވެ. އެ ރެއަކީވެސް މިގޮތަށް ވަގުތު ހޭދަކުރި ރެއެކެވެ. އަހަރެންނާއި ހުޝާމް އާއި ދެމީހުން ތިބީ، އަހަރެން ގޭގެ ސޯފާގައި ވާހަކަ ދައްކާށެވެ. އޭރު ގަޑިން ބާރަޖަހަނީއެވެ. ގޭ އެންމެންވެސް އެވަގުތު ތިބީ ނިދާފައެވެ. އަހަރެން އިނީ، ބެސްޓްފްރެންޑް މިޝާ ކޮށްފައި އޮތް މެސެޖަކަށް ރިޕްލައި ދޭށެވެ. އެގޮތުގައި އިންދާ، ހުޝާމް އަހަރެންގެ އަތުގެ މުލައްދަނޑީގައި ފިރުމާލިއެވެ. އަހަރެންނަށް މަޑުމަޑުން އޭނާއާއި ދިމާލަށް ބަލާލެވުނެވެ. ހުޝާމް ހީލިއެވެ. އަހަރެންވެސް ހީލީމެވެ. އެހިނދު އޭނާ އަހަރެންނާއި ކައިރިވެލިއެވެ. އަދި އަހަރެންގެ ގައިގައި ބައްދާލިއެވެ. އަދި ބޮލުގައި އޯގާތެރި ކަމާއެކު ފިރުމާލިއެވެ. އެއީ އޭނާ އަހަރެންގެ ހަށިގަނޑުގައި އަތްލި ފުރަތަމަ ފަހަރެވެ. އެގޮތުގައި ތިރީހަކަށް ސިކުންތު ތިބެވުނެވެ. ނަމަވެސް، އަހަރެން ހާސްވާން ފެށިއެވެ. އަދި ހިތްބިރުގަންނަން ފެށިއެވެ. އަހަރެން ވަގުތުން ހުޝާމް އާއި ދުރަށް ޖެހުނީމެވެ. "ކިހިނެއްވީ؟. އަދިވެސް.....؟" ހުޝާމް އިނީ ހައިރާންވެފައެވެ. 

Advertisement

ކޮމެންޓް

Advertisement