ރީކޯމޫސަގެ މިސްރާބު އަނެއްކާވެސް ގަމު ދާއިރާއަށް!

22 Dec 2018 | 16:12

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު، އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ލ.ގަމު ދާއިރާއަށް ކުރިމަތިލައްވަން ނިންމަވައިފިއެވެ.

ރީކޯ މޫސަ ގަމު ދާއިރާއަށް ކުރިމަތިލެއްވުމަށް ނިންމަވާފައިވާކަން އެބޭފުޅާ ވަނީ މީޑިޔާތަކަށް ޔަގީންކޮށްދެއްވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ގަމު ދާއިރާއަކީ ރީކޯ މޫސަ މަޖިލީހުގައި އެންމެ ފުރަތަމަ މެންބަރުކަން އަދާކުރެއްވި ދާއިރާއެވެ. ގަމު ދާއިރާގެ މެންބަރުކަމުގައި ހުންނަވައިގެން ރީކޯ ވަނީ ފެހި ގާނޫނު އަސާސީ އެކުލަވާލުމުގައި ބޮޑު ދައުރެއް އަދާކުރައްވާފައެވެ.

ދާދިފަހަކާއި ޖެހެންދެން ރީކޯ މޫސަ ހުންނެވީ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައެވެ. ޕީޕީއެމްގައި ހުންނަވައިގެން އެބޭފުޅާ ވަނީ އެޕާޓީގެ ކެމްޕެއިން ހަރަކާތްތަކުގައި މުހިންމު ދައުރުތަކެއް އަދާކުރައްވާފައެވެ.

ރީކޯ މޫސަ ޕީޕީއެމްއިން ވަކިވެ ވަޑައިގަންނަވާފައިވަނީ އެޕާޓީގެ މުސްތަގްބަލެއް ނެތްކަމަށް ބުނެއެވެ.

Advertisement

ކޮމެންޓް

Advertisement