ޣައްޒާގެ 10 އަހަރުގެ ކުއްޖާގެ ސުވާލު: އަހަރުމެންނަށް މިހެންވާންވީ ކީއްވެ؟

16 May 2021 | 16:21

ފަލަސްތީނާއި އިޒްރޭލުގެ ދެމެދުގައިވާ ހަމަނުޖެހުމަކީ ހައްލެއް ނުލިބި، އެތަކެއް އަހަރުތަކެއް ވާންދެން ދިގުދެމިގެން ގޮސްފައިވާ މައްސަލައެކެވެ. މީގެ އަހަރުތަކެއްގެ ކުރީން ހުޅަނގުގެ ބާރުތަކަކުން ނެގި ފިޔަވަޅުތަކެއްގެ ސަބަބުން ފަލަސްތީނުގެ އެއް މިލިޔަން ރައްޔިތުން ވަނީ، އަމިއްލަ ވަޒަނުގައި އެއްވެސް މިނިވަންކަމެއް ނެތި އުޅެންޖެހިފައެވެ. އެގޮތުން އެންމެ ހާލުގައި އަބަދުވެސް އުޅެމުންދާ ބަޔަކީ ޣައްޒާގެ ރައްޔިތުންނެވެ.

ދުނިޔޭގެ އެންމެ ބޮޑު "ޖަލުގައި" ޣައްޒާގެ ރައްޔިތުން ދިރިއުޅެމުންދާއިރު، މިދިޔަ ހޯމަ ދުވަހުން ފެށިގެން އިޒްރޭލުގެ ސިފައިން ދަނީ އެއްވެސް ރަހުމެއް ނެތި ޣައްޒާއަށް ވައިގެ މަގުން ހަމަލާތައް ދެމުންނެވެ. މި ހަމަލާގައި 140އަށްވުރެ ފަލަސްތީނުގެ ރައްޔިތުން ޝަހީދުވެ، ހާހަކާއި ގާތްކުރާ އަދަދެއްގެ މީހުންވަނީ ޒަޚަމްވެފައެވެ.

ބޮމުގެ އަޑާއި އިމާރާތްތައް ބިމާއި ހަމަވެގެންދާ މަންޒަރުތަކަކީ ޣައްޒާގެ ކުޑަކުދީންނަށް އާ މަންޒަރުތަކެއް ނޫނެވެ. ނަމަވެސް، ފަހުގެ ތާރީޚެއްގައި އިޒްރޭލުން ހިންގި އެންމެ އަނިޔާވެރި އަސްކަރީ ކެމްޕޭނާއި އެކު ޣައްޒާގެ ކުޑަކުދިން އުޅެމުންދާ ބިރުވެރި ހާލަތު ބައިނަލްއަގްވާމީ މުޖުތަމައުގެ ސަމާލުކަމަށް އަނެއްކާވެސް މިވަނީ އަންނަން ފަށާފައެވެ. އެގޮތުން މީޑިއާ ނެޓްވޯކެއްކަމަށްވާ "މިޑްލް އީސްޓް އައި"ގެ ފަރާތުން ވަނީ ޣައްޒާގެ ބިރުވެރި ހާލަތާއި މެދު، އެ ޝަހަރުގައި ދިރިއުޅެމުންދާ އުމުރުން 10 އަހަރުގެ ނަދީން އަބްދުލް ތާއިފްގެ އިހުސާސްތައް ގެނެސްދީފައެވެ.

ނަދީން ބުނީ އޭނާ އަބަދުވެސް ހުންނަނީ ބަލިވެފައިކަމަށާއި، އެއްވެސް ކަމެއް ނުކުރެވޭކަމަށެވެ. އަދި އޭނާ ވަށައިގެންވާ ފުނޑުފުނޑުވެފައިވާ އިމާރާތްތައް ދެއްކުމަށްފަހު އެތަންތަން ހަދަންވީތޯ ނަދީން ވަނީ ސުވާލު އަހާފައެވެ. ނަދީން ބުނީ އޭނާއަށް އަދި އެންމެ 10 އަހަރުކަމަށާއި، އެއްވެސް ކަމެއްވެސް ދެން ނުކުރެވޭނެކަމަށެވެ. އަދި ޑޮކްޓަރެއްފަދަ މީހަކަށްވެގެން މީހުންނަށް އެހީވާން ބޭނުންކަމަށާއި، ނަމަވެސް އެކަން ވާކަށް ނެތްކަމަށާއި އޭނާއަކީ އަދި ކުޑަކުއްޖެއްކަމަށް ރޮވޭ ހާލުގައި ނަދީން ވަނީ ބުނެފައެވެ.

މިޑްލް އީސްޓް އައިއާއި ވާހަކަދައްކަމުން ނަދީން އިތުރަށް ބުނީ އޭނާ ބިރުގަންނަކަމަށާއި، ނަމަވެސް އެހާ ބޮޑަކަށް ނޫންކަމަށެވެ. އަދި އޭނާގެ މީހުންނަށްޓަކައި ކޮންމެ ކަމެއްވެސް ކޮށްފާނެކަމަށާއި ނަމަވެސް ކުރާނެކަމެއް ނޭނގޭކަމަށާއި އޭނާއަކީ އެންމެ 10 އަހަރުގެ ކުއްޖެއްކަމަށެވެ. އޭނާ ބުނީ އިމާރާތްތައް ބިމާ ހަމަވެފައިވާ މަންޒަރު ފެނުމުން ކޮންމެ ދުވަހަކުވެސް ރޮވޭ ކަމަށާއި، މިފަދަ ކަމެއްވާންޖެހެނީ ކީއްވެތޯ ސުވާލުކުރެވޭކަމަށެވެ. ނަދީން ބުނިގޮތުގައި އިޒްރޭލުން އެމީހުންނަކީ މުސްލިމުންނަށްވުމުން، އެމީހުން ދެކެ ރުޅިއަންނަކަމަށް އޭނާގެ އާއިލާއިން ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނީ، އޭނާގެ ވަށައިގެން ތިބި ހުރިހާ ކުޑަކުދިންނަކީވެސް ކުދިންކަމަށާއި އެމީހުންނާއި ދިމާލަށް މިސައިލެއް ފޮނުވާލައި މަރާލަން ޖެހެނީ ކީއްވެތޯ ސުވާލުކުރެވޭކަމަށެވެ. އަދި މިއީ އިންސާފުވެރި ގޮތެއް ނޫންކަމަށް ނަދީން ވަނީ ފާހަގަކޮށްފައެވެ.

ބިރުވެރި އަޑުތަކާއި ނާމާން މަންޒަރުތަކަކީ ޣައްޒާގެ ކުޑަކުދީންނަށް "އާންމު" މަންޒަރެކެވެ. އެ ވޭނީ އަނިޔާތަކުގެ ތެރޭގައި ޣައްޒާގެ ރައްޔިތުން އެތަކެއް އަހަރުތަކެއް ވޭތުކޮށްފިއެވެ. ނަމަވެސް އެކަމެއް އިސްލާމީ އުއްމަތުން މިހާތަނަށްވެސް ރަނގަޅު ހައްލެއް ހޯދައިދެވިފައެއް ނުވެއެވެ. ޣައްޒާގެ ކުޑަކުދިންގެ ނަސީބުގައި އުފާވެރިކަމާއި އަމާންކަމުގެ ދުވަސްތަކެއް ފެންނަން އޮތީ ކޮން އިރަކުން ބާވައެވެ؟

Advertisement

ކޮމެންޓް