އިންޓަވިއު: ވީޑިއޯކުރި މީހާގެ ދުލުން

28 May 2021 | 14:01

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ ބަލިމީހަކަށް އޭނާގެ އެހީތެރިޔާގެ ގޮތުގައިހުރި މީހާ އަނިޔާކުރާ މަންޒަރު ތަކުރާރުކޮށް ފެނުން ކަމަށާއި، ވީޑިއޯކޮށް އާންމު ކުރީ ހިތަށް ކެތް ނުވެގެންކަމަށް އެ ވީޑިއޯކުރި މީހާ ބުނެފިއެވެ.

"ވޮއިސް" އާއި ވާހަކަ ދައްކަމުން، އެމީހާ ބުނީ، އޭނާ ހުޅުމާލޭ މެޑިކަލް ފެސިލީއަށް ދިޔައީ މީގެ 5 ދުވަސް ކުރިން ކަމަށާއި، އެދުވަހުން ފެށިގެންވެސް، އެ ބަލިމީހާއަށް، ބަލިމީހާގެ އެހީތެރިޔަކަށް ހުރި ބިދޭސީ މީހާ އަނިޔާކުރާތަން ތަކުރާރުކޮށް ފެންނަ ކަމަށެވެ. އެހެންވެ އަނިޔާކުރާ މަންޒަރު ވީޑިއޯ ކުރަން ހިތަށް އެރީ ކަމަށްވެސް ބުންޏެވެ.

ވީޑިއޯކުރި މީހާބުނީ، އެ ބިދޭސީ މީހާ ބަލި މީހާ ފާހާނާއަށް ގެންގޮސް ތަޅާ އަޑު އިވޭ ކަމަށެވެ. އަދި "ނުޖަހާށޭ ނުޖަހާށޭ" ބުނެ އެ ބަލިމީހާ ރޯ އަޑު އިވޭ ކަމަށެވެ. އަދި މިކަން ބެލުމަށް ފާހާނާ ކައިރިއަށްގޮސް އަޑު އެހި ކަމަށްވެސް އޭނާ ބުންޏެވެ.

"ވީޑިއޯ ކުރީ ހިތަށް ކެތް ނުވެގެން" ވީޑިއޯ ކުރި މީހާ ބުންޏެވެ.

އޭނާ ބުނީ، ބަލިމީހާއާއި ކޮންމެވެސް ވަރަކަށް ވާހަކަ ދައްކާ ހަދާ ކަމަށާއި، އެ މީހަކީ، ނުކުޅެދޭ މީހެއް ކަމަށެވެ.

މި މައްސަލަ، އެތަނުގައި ތިބޭ ނަރުހުންނަށް އެންގިންތޯ "ވޮއިސް" އިން ސުވާލު ކުރުމުން އޭނާ ބުނީ، އޭނާ ބޭނުންވީ އަނގަބަހުން ބުނުމުގެ ބަދަލުގައި އެންމެނަށް ވެސް ޔަޤީންވާ ގޮތަށް ވީޑިއޯކޮށް އެކަން ސަމާލު ކަމަށް ގެނައުމަށް ކަމަށެވެ.

އޭނާ ބުނީ، އެ ވޯޑުގައި މިހާރު ތިބީ 5 ބަލިމީހުން ކަމަށެވެ. އަދި ބަލިމީހާ މިހާރު ވެސް އެނދުގައި އެބަ އިން ކަމަށެވެ. އަދި މިކަން ހިންގި ބިދޭސީ މީހާ މިހާރު އެތަނުން ގެންގޮސްފައި ވާކަމަށެވެ. 

Advertisement

ކޮމެންޓް

Advertisement