Advertisement

ރައީސް ޔާމީން ވަޒީރުންނަށް ފްލެޓް ނުދެއްވުމުން ޝައިނީ ޝަކުވާ ކުރައްވައިފި!

30 May 2021 | 22:33

ރައީސް ޔާމީންގެ ދައުރުގައި ވަޒީރުންނަށް ފްލެޓް ނުދެއްވުމުން ކުރީގެ ފިޝަރީޒް މިނިސްޓަރ މުޙައްމަދު ޝައިނީ ކަމަށް ބެލެވޭ ބޭފުޅަކު ޝަކުވާ ކުރައްވައިފިއެވެ.

މީސްމީޑިއާގައި ލީކު ކޮށްލާފައިވާ އޯޑިއޯއެއްގައި ޝައިނީ ކަމަށް ބެލެވޭ ބޭފުޅަކު ވިދާޅުވެފައިވަނީ، ރާއްޖޭގެ ތާރީޚުގައި ވެސް ކެބިނެޓް މިނިސްޓަރުންނާއިމެދު އެންމެ އިހާނެތިކޮށް ހެދީ ރައީސް ޔާމީން ކަމުގައެވެ.

އަދި ސިފައިންނާއި ފުލުހުންނަށް، ނަރުހުންނާއި ޑަކުޓަރުންނަށް، ސިވިލް ސާވަންޓުންނަށް ފްލެޓް ދިން އިރު ވަޒީރުންގެ ތެރޭގައި ގޯތި ނެތް މީހުންނަށް ފްލެޓެއްގެ ހިސާބުވެސް ރައީސް ޔާމީން ނުދެއްވި ކަމަށް ޝައިނީ ކަމަށް ބެލެވޭ ބޭފުޅާ ވިދާޅުވެފައިވެއެވެ. އަދި އެވާހަކަ ކިހާވަރަށް ކިޔުއްވި ކަމަށާއި ފްލެޓް ދޭނެ ތަންތަން ވެސް ހަމަޖެހިފައި ހުރި ކަމަށް އޯޑިއޯގައި ވިދާޅުވެފައިވެއެވެ.

“މިބުނާ ވާހަކައަކީ ވަޒީރުންގެ ތެރޭގަ ގޯތި ނެތް މީހުންނަށް ކީއްހޭ ވާނީ ފްލެޓެއް ދިނިއްޔާ، ހަމައެކަނި އެއަށް ލާރިދައްކާނޭ ޗާންސެއް ދޭށޭ” އޯޑިއޯގައި ވިދާޅުވެފައިވެއެވެ.

ޝައިނީ ކަމަށް ބެލެވޭ ބޭފުޅާ އޯޑިއޯގައި ވިދާޅުވެފައިވަނީ، ވަޒީރުކަމުން ނިކުމެވަޑައިގެންނެވީ ހުސް އަތާ ކަމަށެވެ. އަދި އެއް ލައްކަ ރުފިޔާ ދެއްވުމަށް ރައީސް ޔާމީން އަރިހުގައި ދެންނެވުމުން އެ ފައިސާ ވެސް އެމަނިކުފާނު ނުދެއްވި ކަމަށް ވިދާޅުވެފައިވެއެވެ.

އެ އޯޑިއޯގައި ޝައިނީ ކަމަށް ބެލެވޭ ބޭފުޅާ ވަނީ މިސަރުކާރުގައި ތިބި ފަރާތްތަކަށް ވެސް ކޮރަޕްޝަންގެ ތުހުމަތު ކުރައްވާފައެވެ. މި އޯޑިއޯއަކީ އެހެން މީހަކާއިއެކު އިންނަވާ ދައްކަވާފައިވާ ވާހަކަތަކެއްކަން އޯޑިއޯއިން އެނގެއެވެ. 

Advertisement

ކޮމެންޓް