ރާއްޖެއާއި ސީރިޔާ ބައްދަލު ކުރާ މެޗު މިރޭ

04 Jun 2021 | 18:00

ވޯލްޑްކަޕް އަދި އޭޝިއަންކަޕް ޖޮއިންޓް ކޮލިފައިންގައި ރާއްޖޭގެ ގައުމީ ޓީމާއި ސީރިޔާ މިރޭ ބައްދަލު ކުރާނެއެވެ.

މިއީ، ނެދަލެންޑަށް ނިސްބަތްވާ މާޓިން ކޫޕްމަން، ރާއްޖޭގެ ޤައުމީ ޓީމްގެ ކޯޗްކަމުގެ މަޤާމަށް ހަމަޖެއްސިފަހުން ކުޅެވޭ ފުރަތަމަ މެޗެވެ.

ރާއްޖޭގެ ޓީމު އޭޝިއަން ކަޕަށް ކޮލިފައި ވުމަށް ކުރިއަށް އޮތީ ތިން މެޗެވެ. އެ ތިން މެޗުގައި ރާއްޖެ ނުކުންނާނީ ސީރިޔާ، ޗައިނާ އަދި ފިލިޕީންސްއާ ދެކޮޅަށެވެ.

ރާއްޖެ ހިމެނޭ ގުރޫޕްގެ އެއްވަނަގައި އޮތީ މިރޭގެ މެޗްގައި ކުޅޭ ސީރިޔާއެވެ. ސީރިޔާއަށް ލިބިފައިވަނީ 15 ޕޮއިންޓެވެ. އެއީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެނެވެ. ދެވަނައިގައި ޗައިނާ އޮތީ 10 ޕޮއިންޓާ އެކުއެވެ. ތިންވަނައިގައި އޮތީ ފިލިޕީންސްއެވެ. އެއީ 7 ޕޮއިންޓާއިއެކުއެވެ. ރާއްޖެއަށް ލިބިފައިވަނީ 6 ޕޮޒިންޓެވެ. މި ގްރޫޕްގެ އެންމެ ފުލުގައި އޮތީ ގުއާމްއެވެ. ގުއާމަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ރާއްޖެއާއި ސީރިޔާ ކުޅުނު ފުރަތަމަ މެޗުގައި ރާއްޖޭގެ ގޯލު ކާމިޔާބު ކުރި ކުޅުންތެރިޔާ އަދި ރާއްޖޭގެ ގައުމީ ޓީމުގެ އެންމެ މުހިންމު އަދި ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ކޮވިޑަށް ޕޮޒިޓިވްވެ މިރޭގެ މެޗު އޭނާއަކަށް ނުކުޅެވޭނެއެވެ.

މިރޭގެ މެޗު ޔޫއޭއީގައި ކުޅެވޭއިރު މި މެޗު ފެށޭނީ ރާއްޖެ ގަޑިން ރޭގަނޑު 09:00ގައެވެ. މި މެޗް ޕީއެސްއެމް އިން ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. 

ކޮމެންޓް