މިނިވަން މާހައުލެއް ނެތްކަމަށްބުނެ ހޮންގް ކޮންގްގެ "އެޕަލް ޑެއިލީ" ނޫސް ހިންގުން ހުއްޓާލައިފި

25 Jun 2021 | 22:42

މިނިވަންކަމާއެކު ނޫސްވެރިކަން ކުރުމަށް އެކަށީގެންވާ މާހައުލެއް ނެތްކަމަށްބުނެ، ހޮންގް ކޮންގްގެ މަޝްހޫރު ޓެބްލޮއިޑް ނޫހެއްކަމަށްވާ "އެޕަލް ޑެއިލީ" ހިންގުން ހުއްޓާލައިފިއެވެ.

ސިޔާސީ އަދި މުނިފޫހިފިލުވުމުގެ ދާއިރާގެ ޓެބްލޮއިޑް ޚަބަރުތަކާއި ރިޕޯޓްތައް ގެނެސްދޭ އެޕަލް ޑެއިލީގެ އެންމެ ފަހުގެ އަދަދު އިއްޔެ ވަނީ ޝާއިއުކޮށްފައެވެ. އެގޮތުން އެ އަދަދުގެ މިލިޔަނެއްހާ ކޮޕީ ހެދިއިރު، އެ ކޮޕީތައް ގަތުމަށާއި ނޫހުގެ މުވައްޒަފުންނަށް ހިތްވަރު ދިނުމުގެ ގޮތުން ގިނަބަޔަކު ވަނީ އެޕަލް ޑެއިލީ ހިންގާ އިމާރާތުގެ ބޭރަށް އެއްވެފައެވެ. އެޕަލް ޑެއިލީ ހިންގަމުންދާ ނެކްސްޓް ޑިޖިޓަލް ކުންފުނިން ބުނިގޮތުގައި އެ ނޫސް ނެރުން ހުއްޓާލަން ނިންމާފައިވަނީ މުވައްޒަފުން މަދުވުމުގެ ސަބަބުންނާއި މިހާރު ތިބި މުވައްޒަފުންގެ ސަލާމަތަށްޓަކައެވެ.

26 އަހަރުވީ އެޕަލް ޑެއިލީ ނޫހަށް ހޮންގް ކޮންގްގެ ސަރުކާރާއި، ޗައިނާގެ ފަރާތުން ތަފާތު ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަމަށް ބައިނަލްއަގްވާމީ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. ހޮންގް ކޮންގްއަކީ ޗައިނާގެ ބެލުމުގެ ދަށުގައި ޚާއްސަ އުސޫލެއްގެ ދަށުން ހިންގަމުންދާ ސަރަހައްދެކެވެ. މީގެ ކުރިން އިނގިރޭސިވިލާތުގެ ކޮލޮނީއެއްގެ ގޮތުގައި އޮތް ހޮންގް ކޮންގްއަށް މިދިޔަ އަހަރުގެ ތެރޭގައި ތަޢާރަފްކުރި ގައުމީ ސަލާމަތާއި ބެހޭ ގާނޫނުގެ ދަށުން، އެ ސަރަހައްދާއި ޗައިނާގެ ގައުމީ ސަލާމަތަށް ނުރައްކާފަދަ އަމަލުތަކެއް ހިންގާކަމުގެ ތުހުމަތު ވަނީ އެޕަލް ޑެއިލީގެ ބޮލުގައި އެޅުވިފައެވެ.

އެގޮތުން އެ ނޫހުގެ ފައުންޑަރ އަދި ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަށް ވަރަށް ބޮޑަށް ފާޑުކިޔާ ފަރާތެއްކަމަށްވާ ޖިމީ ލައިގެ މައްޗަށް އެ ގާނޫނުގެ ދަށުން ތަފާތު ތުހުމަތުތަކެއް ކުރެވި ބަންދުކުރެވިފައިވާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، ދާދިފަހުން އެޕަލް ޑެއިލީގެ އިދާރާއަށްވެސް ހޮންގް ކޮންގްގެ ފުލުހުން ވަނީ ވަދެ ބަލާފާސްކޮށްފައެވެ.

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގައި 500 އެއްހާ ފުލުހުން އެޕަލް ޑެއިލީގެ އިދާރާއަށް ވަދެ އެތަން ބަލާފާސްކޮށްފައިވަނީ ގައުމީ ސަލާމަތާބެހޭ ގާނޫނާއި ޚިލާފްވެފައިވާކަމަށް ބުނެއެވެ. އެ ދުވަހުގެ ބަލާފާސްކުރުމުގެ ތެރެއިން ފުލުހުން ވަނީ އެޕަލް ޑެއިލީގެ ތިން އިސްވެރިންނާއި ޑިޖިޓަލް ނެކްސްޓް ކުންފުނީގެ ދެ އިސްވެރިއަކުވެސް ހައްޔަރުކޮށްފައެވެ. އެއާއި އެކު، އެތަނުގެ ގިނަ މުވައްޒަފުންތަކެއް ވަނީ ރައްކާތެރިކަމުގެ މާހައުލެއް ނެތްކަމަށް ބުނެ ވަޒީފާއިން ވަކިވެފައެވެ.

1997ވަނަ އަހަރުގައި އިނގިރޭސިވިލާތުގެ ކޮލޮނީއަކުން ޗައިނާގެ ބެލުމުގެ ދަށުގައި އޮންނަ ޚާއްސަ ސަރަހައްދަކަށް ހޮންގް ކޮންގް ބަދަލުވެގެންދިޔައިރު އެކުލަވާލެވުނު "ބޭސިކް ލޯ"ގެ ދަށުން ޗައިނާގެ މައި ސަރަހައްދުގައި އާންމުކޮށް ނުލިބޭފަދަ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ފަދަ ހައްގުތައް ހޮންގް ކޮންގްގެ ރައްޔިތުންނަށް ލިބެއެވެ. ނަމަވެސް މި ކަންކަން މަޑުމަޑުން ދުއްވާލައި، ޗައިނާގެ ނުފޫޒު ހޮންގް ކޮންގްގައި އިތުރުވަމުންދާކަމަށްބުނެ 2019ވަނަ އަހަރުގެ ތެރޭގައި ޒުވާނުންތަކެއް އިސް ނަގައިގެން ޗައިނާއާއި ހޮންގްކޮންގްގެ ސަރުކާރާއި ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ފެށިއެވެ. ނަމަވެސް 2020ވަނަ އަހަރުގައި މި މުޒާހަރާތައް ހޫނުވެފައި ވަނިކޮށް، ޗައިނާއިން ވަނީ ގައުމީ ސަލާމަތާއިބެހޭ ގާނޫނެއް ފާސްކޮށްފައެވެ.

މި ގައުމީ ސަލާމަތާއިބެހޭ ގާނޫނުގައި ހޮންގް ކޮންގްގެ އަމަންއަމާން ނަގާލައި، ސަރުކާރު ވައްޓާލައި އަދި ޓެރަރިޒަމްގެ އަމަލުތައް ހިންގަން އުޅޭ އަދި ހިންގާފައިވާކަަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްޗަށް ބޮޑެތި ހުކުމްތަކެއް އައުމުގެ ފުރުސަތު އެބައޮތެވެ. މި ގާނޫނުގައިވާ މައްސަލަތައް ބަލާނެ ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލުމުގެ ބާރު ހޮންގް ކޮންގްގެ އިސްވެރިޔާ ނުވަތަ ޗީފް އެގްޒެކެޓިވްއަށް ލިބެއެވެ. އަދި މި ގާނޫނުގެ ދަށުން ޗައިނާއިން ވަނީ ޚާއްސަ ސަލާމަތީ އިދާރާއެއް ހޮންގްކޮންގްގައި ގާއިމްކޮށްފައެވެ. މިއީ އެ ސަރަހައްދުގެ ޑިމޮކްރަސީ ނެތެމުންދާކަމުގެ ނިޝާނެއްކަމަށް ބައެއް ފަރާތްތަކުން ވަނީ ސިފަކޮށްފައެވެ.

ޗައިނާއިން ބުނާގޮތުގައި މިއީ ބޭސިކް ލޯއާއި އެއްހަމައިން، ހޮންގް ކޮންގްގެ ސަލާމަތީ ކަންކަން ދަމަހައްޓައި އެ ސަރަހައްދުގެ އިގްތިސާދީ ކަންކަން ދެމެހެއްޓުމަށް ކޮންމެހެންވެސް މަޖުބޫރު ގާނޫނެވެ. އަދި މިކަމަކީ ޗައިނާގެ ނުފޫޒު ހޮންގް ކޮންގްގައި ވަރުގަދަކުރަން ކުރާކަމެއް ނޫންކަމަށްވެސް އެގައުމުން ވަނީ ބުނެފައެވެ. 

Advertisement

ކޮމެންޓް