މެއި 6 ކޮމެޓީން ހިއުމަން ރައިޓްސް ކޮމިޝަނާއި ބައްދަލު ކޮށްފި

27 Jun 2021 | 20:20

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ދިން ޓެރަރިޒަމްގެ ހަމަލާއާއި ގުޅިގެން އެމަނިކުފާނަށް އިންސާފު ހޯދައިދިނުމަށް ކުރާ މަސައްކަތް ބެލުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އެކުލަވާލި މެއި 6 ކޮމެޓީގެ ފަރާތުން ހިއުމަން ރައިޓްސް ކޮމިޝަނާއި ބައްދަލު ކޮށްފިއެވެ.

ރައީސް ނަޝީދަށް އިންސާފު ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގައި ހިއުމަން ރައިޓްސް ކޮމިޝަނުގެ އެއްބާރުލުން ދެއްވުމަށް މި ބައްދަލުވުމުގައި އެ ކޮމެޓީން އެދިފައިވެއެވެ.

ހިއުމަން ރައިޓްސް ކޮމިޝަނާއިއެކު އެ ކޮމެޓީން ބައްދަލު ކޮށްފައިވާއިރު، އެކޮމެޓީން ވަނީ ސަރުކާރާއި ކަމާއިބެހޭ އެހެނިހެންވެސް މުއައްސަސާތަކާއި ބައްދަލު ކުރުމަށް ނިންމާފައެވެ. އަދި އެ ތަންތަނާއި ބައްދަލު ކުރުމަށް އެޕޮއިންޓްމަންޓަށް އެދެން ފަށާފައިވާކަމަށް ފާއިތުވި ހަފްތާގެ ތެރޭގައި އެ ކޮމެޓީން ވަނީ ބުނެފައެވެ.

އެގޮތުން ސީދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއިވެސް ބައްދަލު ކުރުމަށް ބޭނުންވާ ކަމަށް މީގެ ކުރިން އެކޮމެޓީން ބުނެފައިވެއެވެ.

މެއި 6 ވަނަ ދުވަހު ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން އެމަނިކުފާނަށް އިންސާފު ލިބިދިނުން ލަސްވެއްޖެކަމަށް ބުނެ އެޕާޓީގެ ގިނަ ބަޔަކު އަންނަނީ އަޑު އުފުލަމުންނެވެ. އެގޮތުން، މެއި 6 ކޮމެޓީއަކީވެސް، ރައީސް ނަޝީދަށް އިންސާފު ލިބިދިނުން ލަސްވަމުން ދާކަމަށް ބުނެ، އެ ޕާޓީގެ ޤައުމީ މަޖިލީހަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ހުށަހެޅި ކުއްލި ޤަރާރަކާއި ގުޅިގެން އުފެދުނު ކޮމެޓީއެކެވެ. 

Advertisement

ކޮމެންޓް