Advertisement

އިޒްރޭލުގައި ޔޫއޭއީގެ އެމްބަސީއެއް ހުޅުވައިފި

14 Jul 2021 | 14:10

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)އިން އިޒްރޭލުގެ ތެލްއަވީވްގައި އެގައުމުގެ އެމްބަސީއެއް ހުޅުވައިފިއެވެ.

ތެލްއަވީވްގެ ފިނޭންޝިއަލް ޑިސްޓްރިކްޓްގައި ހުންނަ ސްޓޮކް އެކްސްޗޭންޖް ބިލްޑިންގގައި ގާއިމްކޮށްފައިވާ މި އެމްބަސީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔޫއޭއިން އިޒްރޭލަށް ކަނޑައަޅާފައިވާ ސަފީރު މުހައްމަދު އަލް ޚާޖާ ވިދާޅުވީ މިއީ އިޒްރޭލާއި ޔޫއޭއީގެ ބަދަހިވަމުންދާ ގުޅުމުގެ މުހިންމު ބާބެއް ކަމަށެވެ. އަދި ދެގައުމުން ގުޅިގެން މަސައްކަތްކޮށްގެން ފާގަތު އަދި އަމާން މުސްތަގްބަލެއް ހާސިލްކުރެވޭނެކަމަށްވެސް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޔޫއޭއީއަކީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ "އެބްރަހަމް އެކޯޑްސް"ގެ ދަށުން، އިޒްރޭލާއި އެކު ރަސްމީ ގުޅުންތައް ގާއިމްކުރި ފުރަތަމަ އަރަބި ގައުމެވެ. މިދިޔަ މަހުގެ ތެރޭގައި އިޒްރޭލުން ވަނީ ޔޫއޭއީގައި އެމީހުންގެ އެމްބަސީއެއް ގާއިމްކޮށްފައެވެ.

2020ވަނަ އަހަރުގައި އެބްރަހަމް އެކޯޑްސްގައި ސޮއިކުރެވުނުފަހުން އިޒްރޭލާ ޔޫއޭއީއާއި ދެމެދުގައި ވަނީ 675.22 މިލިޔަން ޑޮލަރުގެ ވިޔަފާރިތައް ކުރެވިފައެވެ.

އަރަބި ގައުމުތަކާ އެކު ގުޅުންތައް ބަދަހިކުރުމުގެ ފުރުސަތުގެ ބަދަލުގައި ހުޅަނގު އައްސޭރީގެ ބިންތަކުގައި މީހުން އާބާދުކުރުމުގެ އިތުރު މަޝްރޫއުތައް ހިންގުން ވަގުތީގޮތުން މަޑުޖައްސާލަން އިޒްރޭލުން އެއްބަސްވިއެވެ. ނަމަވެސް އެމީހުން އެކަމަށް އަމަލުކުރަމުންދާތަން ފެނިފައެއް ނުވެއެވެ.

އިޒްރޭލަކީ ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން އަރަބި ގައުމުތަކުން ނިންމުމުން އެކަމާ މެދު ފަލަސްތީނުން ވަނީ އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އެކަމުގެ ސަބަބުން މިނިވަން ދައުލަތެއް ހޯދުމަށް ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ މަސައްކަތަށް ހުރަސްއެޅިގެންދާނެކަމަށް އެގައުމުން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް