މެއި 6 ކޮމެޓީން ހޯމް މިނިސްޓަރ އިމްރާނާއި ބައްދަލުކޮށްފި

15 Jul 2021 | 22:17

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް 2021 މެއި 6 ވަނަ ދުވަހު ދިން ޓެރަރިޒަމްގެ ހަމަލާއާއި ގުޅިގެން އެކަމުގެ ތަހުގީގު ކުރިޔަށްދާގޮތް ބެލުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އުފައްދާފައިވާ "މެއި 6 ކޮމެޓީ" އިން ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ އާއި ބައްދަލު ކޮށްފިއެވެ.

އެ ކޮމެޓީގެ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާ ކުރުމަށް މިހާރު ކުރިޔަށްދާ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި، ކޮމެޓީގެ ޗެއަރ ޙަސަން އަފީފު ވިދާޅުވީ، މިމަހު 5 ވަނަ ދުވަހު ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ އާއި ބައްދަލު ކުރެވިފައިވާ ކަމަށެވެ.

އަދި ގިނަ ކަންކަމެއްގެ މަޢުލޫމާތު ހޯދުމަށް މިނިސްޓަރު އަރިހުން ސުވާލު ކުރެވުނު ކަމަށް ޙަސަން އަފީފް ވިދާޅުވިއެވެ.

އެގޮތުން، އެ ދުވަހު ރައީސް ނަޝީދަށް ދޭން އުޅޭ ހަމަލާގެ އިންޓެލިޖެންސް މަޢުލޫމާތު އެއްވެސް ވަރަކަށް ފުލުހުންނަށް ކުރިން ލިބިފައި ނުވާކަމަށް މިނިސްޓަރ ވިދާޅުވި ކަމަށް އޭނާ ވިދާޅުވިއެވެ.

އަފީފް ވިދާޅުވީ، މީސްމީޑިއާގައި މީހުން މެރުމަށާއި ހަރުކަށި ފިކުރު ފަތުރާ މީހުންނާއި އެފަދަ ކަންކަމަށް ގޮވާލާ މީހުން، ހައްޔަރު ނުކުރެވެނީ ކީއްވެތޯ ސުވާލު ކުރެވުނު ކަމަށާއި، ޖަވާބުގައި ހޯމް މިނިސްޓަރ ވިދާޅުވީ، ޓެރަރިޒަމް ޤާނޫނުން ހޯމްމިނިސްޓްރީއަށް މަތިކޮށްފައިވަނީ ހަމަ އެކަނި ޓެރަރިސްޓުން ރިހެބިލިއޭޓް ކުރުމުގެ މަސައްކަތް ކަމަށްކަމަށެވެ.

މިރޭގެ ޖަލްސާގައި އަފީފް ވިދާޅުވީ ހޯމް މިނިސްޓަރ އެފަދައިން ވިދާޅުވިނަމަވެސް، ފުލުހުން ކުރައްވާ މަސައްކަތަކީވެސް ހޯމް މިނިސްޓްރީގެ ޒިންމާގެ ދަށުގައި އޮންނަ ކަމެއް ކަމަށްވާތީ، މިނިސްޓަރ އެވިދާޅުވި ވާހަކަ ޤަބޫލު ނުކުރައްވާ ކަމަށެވެ.

އަދި ޖަލު ބެލެހެއްޓުމުގެ މަސައްކަތްތަކާއި ކުށްވެރިންގެ ޓެގް އެޅުވުން ފަދަ ކަންކަމަށް ބޭނުންވާ ތަކެތި ބަޖެޓްގެ ދަތިކަން ހުންނާތީ ލިބެން ދަތިވާހަކަ މިނިސްޓަރު ފާހަގަކުރައްވާފައިވާތީ، އެކަމާއި ގުޅޭގޮތުން އަފީފް ވިދާޅުވީ، ކޮމެޓީން ޤަބޫލު ކުރާގޮތުގައި، ބަޖެޓްގެ ދަތިކަން ހުއްޓެއްކަމަކު ބޭރުގެ ޤައުމުތަކުގެ އެހީގައިވެސް އެފަދަ ތަކެތި ހޯދިދާނެކަމަށެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި މެއި 6 ކޮމެޓީގެ މަސައްކަތްތައް ކުރިޔަށް ރާވާފައިވާ ގޮތްވެސް ވަނީ ހިއްސާ ކޮށްފައެވެ. 

Advertisement

ކޮމެންޓް

Advertisement