Advertisement

ދިއްފުށީ ހަމަނުޖެހުން: ޖިންސީ އަނިޔާވި އަންހެން ކުއްޖާގެ ބައްޕަގެ ދުލުން

ދިއްފުށި މަތިން ނަގާފައިވާ ފޮޓޯއެއް

ޖުލައި މަހުގެ 14 ވަނަ ދުވަހުގައި ދިއްފުއްޓަށް އާއިލާއާއެކު ގޮސް ހުރި ވިލިނގިލީ މީހަކު އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ހާދިސާ، އެ އަންހެން ކުއްޖާގެ ބައްޕަ ހާމަކޮށްފިއެވެ.

ޖިންސީ ގޯނާ ލިބުނު އަންހެން ކުއްޖާގެ ބައްޕަ އެދުވަހު ކަންތައްތައް ހިނގައިދިޔަ ގޮތް "ވޮއިސް" އަށް ދިން ބަސްދީގަތުމެއްގައި ކިޔައިދީފައިވާއިރު އެއީ އެ ބައްޕައަށް އަށްވެސް ފަސޭހަ ވާހަކަތަކެއް ނޫންކަމަށް އޭނާ ބުނެފައިވެއެވެ. އެހެން ނަމަވެސް، އެފަދައިން އެވާހަކަތައް ހިއްސާ ކުރަން ޖެހިފައިވަނީ އެ ހާދިސާ އާއި ގުޅިގެން ފެތުރެމުންދާ ދޮގު ވާހަކަތަކުގެ ހަގީގަތް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަމަށްވެސް އޭނާ ބުންޏެވެ.

އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުވާ މުހައްމަދު ޝިހާމް (35އ) އަކީ އެ އަންހެން ކުއްޖާގެ މަންމަގެ ކޮއްކޮ އަކާއި ކުރިން އިނދެ ވަރިވެފައި ހުރި އަންހެންމީހަކާ އިނދެގެން އުޅޭ މީހެއް ކަަމަށާއި، ޝިހާމް ދިއްފުއްޓަށް ގޮސް އަންހެން ކުއްޖާ އުޅޭ ގެއިން ކައިބޮއި އެގޭގައި ވަރަށް ގިނަ ވަގުތު ހޭދަ ކުރާ ކަމަށްވެސް އެކުއްޖާގެ ބައްޕަ ބުންޏެވެ.

އެގޮތުން ހާދިސާ ހިނގި ދުވަހުވެސް ޝިހާމް އެގެއަށް އައިސް އުޅުނީ ކާން ކަމަށާ، އޭރު އެ އަންހެން ކުއްޖާގެ ބައްޕަ އާއި މަންމަވެސް ގޭގައި ނެތް ކަމަށް ކުއްޖާގެ ބައްޕަ ބުންޏެވެ. ނަމަވެސް، ކުއްޖާގެ މާމާ އެ ގޯތީ ތެރޭގައި ބޭރު ހުރި ޖޯއްޔެއްގައި އިން ކަމަށާއި، އަންހެން ކުއްޖާގެ 10 އަހަރުގެ ކޮއްކޮ ވެސް އެވަގުތު ގޯތި ތެރޭގައި އުޅުނު ކަމަށް ކުއްޖާގެ ބައްޕަ ކިޔައިދިނެވެ.

"އޭނާ [ޝިހާމް] އަޅުގަނޑުގެ ދަރިފުޅު ކޮޓަރީގައި ހުއްޓާ ގޮސް ކޮޓަރިއަށް ވަނީ. ދެން ދަރިފުޅު ހީވީ ފާހާނާއަށް ވަންނަން ކަމަށް. އެހެން ނަމަވެސް އެގޮތަކަށް ނޫން ކަން ހިނގީ. އޭނާ އަހަރެންގެ ދަރިފުޅު އަތުގައި ހިފައި ފާޚާނާގެ ތެރެއަށް ކޮއްޕާލީ. ކޮއްޕާލާފަ އޭނާ އަށް ކުރެވުނު ކަމެއް ކުރީ. ދަރިފުޅު ވަރަށް މަސައްކަތުން އޭނާގެ އަތް ދަށުން ސަލާމަތްވެގެން ގޮސް ފިލާ ހުރީ ގޭގެ އައިސް އަލަމާރި ފުރަގަހުގައި. އިރުކޮޅަކުން އޭނާވެސް ކޯޓަރިން ނުކުމެގެން ގޯތީގައި ހުންނަ ޖޯލިފަތީގައި އިށީނދެގެން އިނދެފައި ގެއިން ނުކުމެގެން ދިޔައީ." އެދުވަހު ކަން ހިނގައިދިޔަ ގޮތް ދަރިފުޅު ކިޔައިދިން ގޮތް ރޮމުން "ވޮއިސް" އާ ހިއްސާ ކުރަމުން އެ ކުއްޖާގެ ބައްޕަ ކިޔައިދިނެވެ.

ޝިހާމް ގެއިން ނުކުމެގެން ދިޔުމުން އެ އަންހެން ކުއްޖާ އޭނާގެ ދެބެންގެ ދެދަރި އަންހެން ކުއްޖަކަށް ގުޅައި ކަން ހިނގައިދިޔަ ގޮތް ކިޔައި ދިންކަމަށާ، އެ ކުއްޖާގެ ބައްޕައަށް އެކަން އެނގުނީ އެ ވާހަކަތައް ކިޔައިދިން އަންހެން ކުއްޖާގެ ބައްޕަ މެދުވެރިކޮށް ކަމަށްވެސް އޭނާ ބުންޏެވެ.

ދަރިފުޅާއި މެދު އެފަދަ ގޮތަކަށް މީހަކު ކަންތައްތައް ކުރިކަން އެނގުމުން ވަގުތުން ދަރިފުޅު ކައިރިއަށް ގޮސް އެކަން އޮޅުން ފިލުވި ކަމަށް ކުއްޖާގެ ބައްޕަ ބުންޏެވެ. އަދި އެ ކުއްޖާ ރޮމުން ކަން ހިނގައިދިޔަ ގޮތް ކިޔައިދިން ކަމަށާއި، އެވަގުތު ޝިހާމް ހުރީ ކައިރި ފިހާރައެއް ގައި ކަން އެނގުމުން އެ ފިހާރަ ކައިރިއަށް ކުއްޖާ ގޮވައިގެން ގޮސް ޝިހާމް ދެއްކުމަށްފަހުވެސް އެކަން ކުރީ އޭނާތޯ ސުވާލު ކުރި ކަމަށް ކުއްޖާގެ ބުންޏެވެ.

"ދެން ދަރިފުޅު ފެށީ ރޯން. ރޮމުން ބުނީ އެކަން ކުރީ ޝިހާމް ކަމަށް. އަޅުގަނޑުމެން ގެއަށް އެހެން އައިސް އުޅޭ މީހެއް ވީމާ ކުދިންނަށްވެސް އޭނާާ އެއް ނޯޅޭނެ ދޯ. އަދި އަޅުގަނޑު އެކުއްޖާގެ މާމަ ކައިރީވެސް އެހިން ޝިހާމް އިރުކޮޅެއް ކުރިން ގެއިން ނުކުތްތޯ. ކުއްޖާގެ މާމަ ވެސް ބުނި މާމަ އެތާނގައި އިންދާ ޝިހާމް ގެއިން ނުކުތް ކަމަށް." ޖިންސީ އަނިޔާ ލިބުނު ކުއްޖާގެ ބައްޕަ ކިޔައިދިނެވެ.

14 އަހަރުގެ އެ ކުއްޖާގެ ބައްޕަ ބުނި ގޮތުގައި އެ ހާދިސާއަށްފަހު އޭނާގެ މުޅި އާއިލާގެ ދިރިއުޅުންވެސް ވަނީ ހަފުސްވެފައެވެ. އެ ކުއްޖާއާއި ކުއްޖާގެ މަންމަވެސް ރަނގަޅަށް ކައިބޮއި ނުހަދާއިރު، ގެއިން ބޭރަށްވެސް ނުކުންނަން އެކުއްޖާ އަށް ނުކެރޭކަމަށެވެ.

އެ ހާދިސާ އާއި ގުޅިގެން ޖެންޑާ މިނިސްޓްރީން ކުއްޖާގެ އެސެސްމަންޓް ހަދާފައިވާއިރު ކުއްޖާއަށް ނަފްސާނީ، އަދި ޖިސްމާނީ އަނިޔާތައް ލިބިފައިވާ ކަމަށާއި، ކުއްޖާއަށް ލިބިފައިވާ ޖިސްމާނީ އަނިޔާތައް ގައިގެ އެކި ތަންތަނުންވެސް ފެންނަން ހުރި ކަމަށް އެ ކުއްޖާގެ ބައްޕަ ބުންޏެވެ.

"މިއީ ޒާތީ ހަސަދައެއް ގެ ސަބަބުން ކުރި ކަމެއް ކަމަށް ޝިހާމް ބުނި ނަމަވެސް، އެއްވެސް ބައްޕަ އަކު އޭނާގެ ދަރިފުޅު އެފަދަ ކަމެއްގައި ބޭނުމެއް ނުކުރާނެ. މިހާ ދުވަހު އެއްޗެއް ނުބުނެ މިހުރީވެސް ދަރިފުޅާއިމެދު ވިސްނާފައި. އެކަމަކު މި ކަން ޝިހާމްގެ ބޮލުގައި އަޅުވަނީ ޝިހާމްގެ އަންހެނުންގެ އަތުން ދަރިން ހޯދާށޭ ބުނެ ދޮގު ވާހަކަތައް ފަތުރަން ފެށުމުން މި ކަން މި ހާމަކުރީވެސް." 14 އަހަރުގެ ކުޑަ ކުއްޖާގެ ބައްޕަ ކިޔައިދިނެވެ.

ޝިހާމްގެ މައްޗަށް ތުހުމަތުކުރެވޭ މި މައްސަލަ އާއި ގުޅިގެން ދިއްފުށީގެ އާންމުން، ޝިހާމް ގަން ހިންގުވައި، އޮރިޔާންކޮށް، އޭނާ އަށް އެކިވަރުގެ އަނިޔާ ދީފައި ވެއެވެ. އެ މީހުން ޝިހާމަށް އަނިޔާކުރުމުގެ ކުރިން 14 އަހަރުގެ ކުޑަކުއްޖަކާ އޭނާ ބެހުނު ކަމަށް ތުހުމަތު ކޮށް ސުވާލުކޮށްފައިވެއެވެ. އެކަމާއި ގުޅިގެން މިހާރު އާއްމު ވެފައިވާ ވީޑިއޯ އެއްގައި ޝިހާމް ރޮމުން ކިޔައިދިން ގޮތުގައި، އެ ތުހުމަތުގައި އޭނާގެ ގައިގައި ތަޅައިގަތީ ފިހާރައެއްގެ ތެރޭގައި ހުއްޓައެވެ.

"އަހަރެން އެހީ ކިހިނެއް ވެގެންހޭ ތިއުޅެނީ. އެމީހުން ބުނީ ކީއް ކޮށްފަހޭ ތިޔައީ. އަހަރެން ބުނިން ކަމެއް ނުކުރަމޭ. އެމީހުން ބުނީ ކަލޭ ތިހުރީ ކުޑަކުއްޖަކާ ބެހިފައޭ. އަހަރެން ބުނިން އަހަރެން އެއްވެސް ކުއްޖަކާ ނުބެހެމޭ. ބުނީމާ ބުނީ ނޫނެކޭ އެކުއްޖާވެސް ބުންޏޭ އަހަންނޭ ބެހުނީ. ދެން އެހެން ހަމަ މަގުމައްޗަށް ނެރުނީ. ނެރެ ހަމަ ތަޅަން ފެށީ ތަޅަން ފެށީ." ވީޑިއޯގައި ރޮމުން އޭނާ ބުނެއެވެ.

އެވަގުތު އޭގެ ތެރޭގައި ހިމެނޭ މީހުން ތިބީ އޭނާ ވަށާލާފައި ކަމަށާއި، ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އަނިޔާކުރަމުން ދިޔަ ކަމަށް އޭނާ ބުންޏެވެ. އަދި ހޮސްޕިޓަލަށް ވެއްދުމަށް ފަހު، އެކަން ކުރި ކަމަށް އެއްބަސްވާން ބުނުމުން، އެކަން ނުކުރާ ކަމަށާއި، އަދި ނުކުރާ ކަމަކަށް އެއްބަސް ނުވާނެ ކަމަށް ބުނުމުން، އޭނާ މަރާލާނެ ކަމުގެ އިންޒާރު ދިން ކަމަށް ވެސް ޝިހާމް ކިޔައިދިނެވެ. އަދި އެކަން ކުރީ އޭނާގެ އަނބިމީހާގެ ކުރީގެ ފިރިމީހާގެ އާއިލާއިން ކަމަށް ޝިހާމް ބުންޏެވެ.

އެ ކުއްޖާއަށް ޖިންސީ ގޯނާ ނުކުރާ ކަމަށް ޝިހާމް ބުނި ފަހުން ވެސް، ހޮސްޕިޓަލުން އޭނާ ބޭރަށް ނެރެ، އޭނާގެ ގަައިގެ އެތަން މިތަނުގައި ތެޅި ކަމަށް އޭނާ ބުންޏެވެ.

އަދި އެވަގުތު އެތަނުގައި ތިބި ފުލުހުންގެ ތެރެއިން، މީހަކު އޭނާ ހޭއަރުވާލާނެ ކަމަށް ބުނި ކަމަށް ވެސް ޝިހާމް ތުހުމަތުކުރިއެވެ.

"މި ބުނާ ސާޖަންޓު ބުނީ، ކަލޭ ހީނުކުރައްޗޭ ތިހެން ބޭނުންހާ ގޮތެއް ހެދޭނެއޭ، ތިމަންނަމެންގެ ހިސާބޭ މީ ތިމަންނަމެންގެ ސަރަހައްދޭ މީ، މި ރަށުން ކަލޭ ދާނީ ސްޓްރެޗާއެއްގައޭ، އެގޮތަށް އެގޮތަށް އެރަށުން ގެންދިޔައީ ވެސް. އޭނަ ބުނި ސްޓްރެޗާގަ ދާނީ ވެސް ތިމަންނަމެންގެ އަތްދަށަށޭ. ހޭ އަރުވާލާނަމޭ." ޝިހާމް ބުންޏެވެ.

އެއަށްފަހު، އޭނާ އެ ކުއްޖާ އާ ބެހުނު ކަމަށް އެއްބަސްވެއްޖެ ކަމަށް ބުނެ، އޭނާއަށް އަނިޔާ ކުރި މީހުން ހޮސްޕިޓަލް ބޭރުގައި އެއްވެފައި ތިބި ރަށުގެ ރައްޔިތުންނަށް ދޮގު ހެދި ކަމަށް އޭނާ ބުންޏެވެ.

"ރައްޔިތުން ތިބީ ހޫނު ވެފަ. އެމީހުންނަކަށް އޭރު ހަގީގަތެއް ނޭނގޭ. ފުލުހުން ބޭރުގަ ތިއްބާ ފުލުހުންގެ ސަފު ފޫއަޅުވާ އަނެއްކާވެސް އަނިޔާކުރި މީހުން ވަދެ ހޮސްޕިޓަލުގެ ލައިޓް ނިއްވާފަ އަހަރެން ދަމާ ގެންދިޔައީ. މަގުމައްޗަށް ނެރެ އަހަރެންގެ ގައިގައި ތަޅަމުން އަނިޔާ ކުރަމުން ގޮސް އަހަރެން ހޭ ނެތުނީ،" ޝިހާމް ވީޑިއޯގައި ބުނެފައިވެއެވެ.

އޭނާ އަށް ހުއްޓާނުލާ ދެ ތިން ގަޑިއިރު ވަންދެން އަނިޔާ ކުރުމަށް ފަހު އަނިޔާކުރުން ހުއްޓާލީ އޭނާ މަރުވެދާނެ ކަމަށް އެތާ ހުރި މީހަކު ބުނުމުން ކަމަށާއި، އޭނައަށް ފަރުވާ ދޭން ފެށީ އޭގެ ފަހުން ކަމުގައި ވެސް ޝިހާމް ބުންޏެވެ.

Advertisement

ކޮމެންޓް

Advertisement