ސަލާމަތީ ސަބަބުތަކަށްޓަކައި، ލޮޖިސްޓިކްސް ކުންފުނި "ޒިޕެލް" ޗައިނާގެ ޝިޕިން ގްރޫޕް ކޮސްކޯ އަށް ވިއްކާލުން ޖަރުމަނުވިލާތުގެ ސަރުކާރުން ހުއްޓުވާފައިވާ ކަމަށް އެ ގައުމުގެ އިކޮނޮމީ މިނިސްޓްރީން އިއްޔެ ބުނެފިއެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ. ޔޫރަޕުގެ ސަރުކާރުތަކުން ދަނީ ލޮޖިސްޓިކްސް އާއި ދަތުރުފަތުރުގެ ވަސީލަތްތަކަށް ޗައިނާގެ ކުންފުނިތަކުން ކުރާ އިންވެސްޓްމަންޓް ތަކާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެއީ މިފަދަ އިންވެސްޓްމަންޓްތަކުގެ ސަބަބުން ނާޒުކު ސަޕްލައި ޗޭންތަކުގެ މައުލޫމާތުތައް ޗައިނާއަށް ލިބި، ވިލާތުގެ ގައުމުތަކުން ޗައިނާއަށް ބަރޯސާވާންޖެހޭ ހާލަތެއް މެދުވެރިވެދާނެތީއެވެ.
ޖަރުމަންވިލާތުގެ އެންޓިޓްރަސްޓް އޮތޯރިޓީން މިދިޔަ ފެބްރުއަރީ މަހު ޒިޕެލްގެ މުއާމަލާތަށް ހުއްދަ ދީފައިވަނީ، ގައުމީ ސަލާމަތާ ގުޅޭ ކަންކަމަކީ އެ އޮތޯރިޓީގެ އިހްތިސާސުން ބޭރުގައިވާ ކަންކަން ކަމަށް ފާހަގަކުރުމަށްފަހުއެވެ. ކޮސްކޯއިން މަސައްކަތްކުރީ ކަނޑުގެ ބަނދަރުތަކާއި އެތެރޭގެ މަންޒިލްތަކާ ދެމެދު ކޮންޓޭނަރު އުފުލުމަށް ހާއްސަ ޒިޕެލް ކުންފުނީގެ 80 އިންސައްތަ ހިއްސާ ގަތުމަށެވެ. ޒިޕެލްގެ ސީއީއޯ އެކްސެލް ޕްލާސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ކަންކަން ނިމިގެންދިޔައީ އެކުންފުނިން ބޭނުންވި ގޮތަށް ނޫންކަމަށާއި، ކޮސްކޯއަށް ހިއްސާ ވިއްކާލަން ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް އަދިވެސް ގަބޫލުކުރައްވާ ކަމަށެވެ. އަދި ކުންފުނީގެ ދުވަހުން ދުވަހަށް ހިންގާ ހިންގުންތައް ކުރިއެކޭވެސް އެއްގޮތަށް ކުރިއަށްދާނެ ކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.
ޖަރުމަނުގެ ކުރީގެ ސަރުކާރުން 2023 ވަނަ އަހަރު ކޯލިޝަންގެ ތެރޭގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް ހުރިނަމަވެސް ހުއްދަ ދިނުމާ ގުޅިގެން، ކޮސްކޯއިން އަންނަނީ ހެމްބާގް ބަނދަރުގައިވާ ކޮންޓޭނަރު ޓާމިނަލެއްގެ ކުޑަ ހިއްސާއެއް މިހާރުވެސް ހިއްސާކުރަމުންނެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists