ޝަރުޢީ ރުގްޔާ ކުރުމުގެ ނަމުގައި ގަބުރުސްތާނަށް ވަދެ މަހާނަ ކޮށްނަކަމުގެ މައުލޫމާތު ވެސް ބައެއް ފަހަރު ލިބޭ ކަމަށް ވިދާޅުވެ އެކަމުގެ ހުކުމް ބަޔާންކޮށް ދެއްވާ އެފަދަ ކަންކަމުން ދުރުވުމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިލްތިމާސް ކުރައްވައިފި އެވެ.
ވަޒީރު އެކަމަށް އިލްތިމާސް ކުރެއްވީ ސޯޝަލް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ. ވަޒީރު ވިދާޅުވީ މިއީ ހުއްދަ ކަންކަން ނޫން ކަމަށެވެ. އަދި ވިދާޅުވީ ޝަރުއީ ރުޤްޔާ ކުރުމުގައި އެފަދަ އެއްވެސް ޢަމަލެއް ހިންގުމަކީ ޤުރްއާނާއި ސުންނަތުން ސާބިތުވާ ކަމެއްނޫން ކަމަށެވެ.
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
އަދި ވިދާޅުވީ ޝަރުއީ ރުޤްޔާއަކީ ބަލިމީހާށް ޝިފާއަށް އެދިގެން ޤުރުއާން ކިޔަވައި އޭނާގެ ގަޔަށް ފުމުން، ނުވަތަ ފެނަށް ކިޔަވައި ފެން ބޯން ދިނުން ނުވަތަ ޝިފާއަށް އެދި އެކަމުގައި ސުންނަތުން ސާބިތުވެފައިވާ ދުޢާތައް ކިއުން ކަމަށެވެ.
ވަޒީރު ވިދާޅުވީ މިފަަހަކަށް އައިސް ބައެއް ފަރާތްތަކުން ރުޤުޔާ ކުރުމުގެ ނަމުގައި ޝަރުޢޫ ގޮތުން ހުއްދަ ނޫން ނޭދެވޭ ޢަމަލުތައް ހިންގަމުންދާކަން ވަނީ ސަމާލުކަމަށް އައިސްފައި ކަމަށެވެ.
"މިކަންކަމާމެދު ރައްކާތެރިވުން އެދެން. ބަލިތަކަށް ޝިފާ ދެއްވަނީ މާތް ﷲ އެވެ. ދުޢާކުރުމާއި، ބޭސް ބޭނުންކުރުން ފަދަ ސަބަބުތަކުގައި ހިފުމަކީ އިސްލާމްދީން އަންގަވާފައިވާ ގޮތެވެ،" ވަޒީރު ވިދާޅުވި އެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists