Advertisement

މަސްކަނޑުތައް މިއޮތީ އިންޑިޔާ އަށް ހިބަކޮށްދީފަ: ޝިޔާމް

23 Sep 2022 | 21:54
މެންބަރު އަހުމަދު ޝިޔާމް -- ފޮޓޯ: ރައްޔިތުން މަޖިލިސް

މިހާރުގެ ސަރުކާރުން މަސްކަނޑުތައް މިއޮތީ އިންޑިޔާ އަށް ހިބަކޮށްދީފަައި ކަމަށް ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި އިދިކޮޅު މައި ޕާޓީ ޕީޕީއެމް ގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވެފައިވަނީ ބޮޑު ކަންނެލި މަސްވެރިން ޔޫނިއަން (ބީކޭއެމްޔޫ) އިން ގަވާއިދާއި ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ދެ ބޯޓެއްގެ ފޮޓޯ ހިއްސާކޮށް ކުރި ޓުވީޓަކަށް ޖަވާބު ދެއްވަމުންނެވެ.

ބީކޭއެމްޔޫ ގެ ޓުވީޓުގައި ހިއްސާކޮށްފައިވަނީ ލަންކާ އަށް ނިސްބަތްވާ ދެ ބޯޓުގެ ފޮޓޯ ތަކެކެވެ. އެ ގޮތުން ތ.މަޑިފުށީގެ އިރުމަތިން 17 މޭލު ބޭރުން ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ލަންކާ ގެ މަސްބޯޓެއް އދ. މަހިބަދޫ އަސުރުމާ2 ދޯނި އަދި ތ. މަޑިފުށި ގޮދާ ދޯނިން ހިފާއްޓާ މިހާރުވަނީ އެމްއެންޑީއެފް އައް ރިޕޯޓް ކުރެވިފަައި ވާކަމަށް ބީކޭއެމްޔޫ އިން ވަނީ ބުނެފައެވެ.

އެ ޓުވީޓަށް ރައްދު ދެއްވައި، ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވަނީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާއި ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ އިންޑިއާގެ މަސްބޯޓެއްގެ ފޮޓޯ ޓުވިޓާގައި ހިއްސާކުރައްވާފައެވެ. 

 ޝިޔާމް ގެ ޓުވީޓުގައި އޭނާ ވިދާޅުވެފައިވަނީ އިއްޔެ ހއ. ތުރާކުނު ބޭރުގައި ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުތެރޭ ގަދަޔަށް ދާ އަޅަން އުޅުނު އިންޑިޔާ ބޯޓެއްގެ މައްސަލަ އެމްއެންޑީއެފް އަށް ހުށަހެޅުމުންވެސް އަޅާނުލިކަމަށެވެ. އަދި މަސްކަނޑުތައް މިއޮތީ އިންޑިޔާ އަށް ހިބަކޮށްދީފައި ކަމަށް ޝިޔާމް ވިދާޅުވިއެވެ. 

ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާއި ހިލާފަށް މަސްވެރިކަން ކުރާ އެކި ގައުމުތަކުގެ މަސް ބޯޓުތައް އެމްއެންޑީއެފްގެ ކޯސްޓު ގާޑުން ހިފަހައްޓާކަން ފާހަގަކޮށްލެވެއެވެ.

Advertisement

ކޮމެންޓް