ޕިއްޒާކިޗަން ކުރު ވާހަކަ: ވަރި
ދެ މީހަކު ކައިވެންޏެއްކުރަނީ، އެކުގައި އުމުރު ހޭދަކުރާށެވެ. އެކުގައި އުޅެން ބޭނުންވާ ދެމަފިރިއަކު ދުވަހަކުވެސް ވަކިވުމަކަށް ނޭދޭނެއެވެ. ލޯތްބަކުން ފެށޭ ކައިވެންޏެއްގެ ނިމުން ދެކޭކަށް ބޭނުމެއް ނުވާނެއެވެ. ޒަވާޖީ ހަޔާތެއް ފަށަނީ އެކުގައި އުމުރު ހޭދަކުރާށެވެ. އެކަކު އަނެކަކަށް ވަފާތެރިވެގެން ދިރިއުޅޭށެވެ. ނަމަވެސް އިންސާނާގެ ހިތަކީ އެނބުރޭ ވަހުތާނެކެވެ. ސިކުނޑިއަކީ އެކި ދުވަހު އެކި ގޮތަށް ވިސްނާ އެއްޗެއްކެވެ. މީހެއްގެ ހިތް ބަދަލުވާން ނަގާނީ މަދު ސިކުންތުކޮޅެކެވެ. ދަރިން ލިބޭ ހިސާބުން ބައެއް ފަހަރު ވަޅު ޖެހިފައި އޮންނަ ކައިވެނިތައް ރަނގަޅުވެގެންދެއެވެ. އަނެއްބައި ކައިވެނިތަކުގައި ދަރިން ލިބޭ ހިސާބުން ދެމީހުންގެ ދެމެދުގައި ފާރެއް ލެވެއެވެ.
އިނާޔާ އާއި ފާރިޝް ދިމާވީ ކޮލެޖުގައި ކިޔަވަން އުޅުނު ދުވަސްވަރުއެވެ. އިނާޔާ ވެސް ފާރިޝް ވެސް ކިޔަވަން އުޅުނީ އެއް ކްލާހެއްގައެވެ. ޓީޗިންގެ ޑިގްރީ ދެމީހުން ނިންމާލީ އެކުއެކީގައެވެ. ކޯސް ނިމުނު އިރު ދެމީހުން ތިބީ ބޯވައެއްހެން ތަތްވެފައެވެ. އިނާޔާ އަކީ މާލޭގައި ގެދޮރު ހުރި މުއްސަނދި ޢާއިލާއެއްގެ ދެމަފިރިއަކަށް ލިބިފައިވާ ދެ އަންހެން ކުދިންގެ ތެރެއިން، އެންމެ ދޮށްޓަށް ހުންނަ އަންހެން ކުއްޖާއެވެ. ފާރިޝް އަކީ ހއ. ކެލާއަށް ނިސްބަތްވާ މީހެކެވެ. އޭނާގެ ޢާއިލާގައި އޭނާގެ އިތުރުން ދޮށްޓަށް އެއް ބޭބެއާއި ހަގަށް ދެ އަންހެން ކޮއްކޮ ތިބެއެވެ. ފާރިޝް އާއި އޭނާގެ ޢާއިލާ އަކީވެސް ފެށުނީއްސުރެން މާލޭގައި ދިރިއުޅޭ ބައެކެވެ.
ދެމީހުން ގްރެޖުއޭޓްވި ދުވަހު، ފާރިޝް އިނާޔާ ގާތު އިންނަން އެހިއެވެ. އެރޭ ފާރިޝް، އިނާޔާ ގެންދިޔައީ ގޯމޭ ރެސްޓޯރެންޓުގެ ޕްރައިވެޓް ރޫމަކަށެވެ. މުޅި ރޫމްތެރެ ވަނީ ހީލިއަމް ފުއްޕާހަމުން ޖަރީކޮށްފައެވެ. މޭޒުމަތީގައި ތަފާތު ވައްތަރުގެ ކާ އެއްޗެހި އަތުރާލާފައި ހުރިއިރު، އޭގެ މެދުގައި ކުޑަ ހުދު ކުލައެއްގެ ކޭކެއް ބަހައްޓާފައި ހުއްޓެވެ. ކޭކުގައި ލިޔެފައިވަނީ "ވިލް ޔޫ އެލޯއު މީ ޓު ބީ ޔުއާޒް ފޯރްއެވާ؟." މިހެންނެވެ. ފާރުގައި "ވިލްޔޫ މެރީ މީ." ޖަހާފައިވާ ބެނާއެއް ވަނީ ހަރުކޮށްފައެވެ. އިނާޔާ ހުރީ އެތަނަށް ވަދެފައި ބުނާނެ އެއްޗެއް ނޭނގި ބަސް ހުއްޓިފައެވެ. އިނާޔާ ކޭކާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓާ އޭނާގެ ފަހަތުގައި ހުރި ފާރިޝް އެއް ކަކޫ މައްޗަށް ތިރިވެ، އޭނާގެ ޖީބުގައި އޮތް އަނގޮޓި ނެގިއެވެ.
އެއީ އިނާޔާ ފާރިޝް އާއި ދިމާލަށް އެނބުރުނު ވަގުތެއެވެ. ދެމީހުންގެ މޫނުމަތިން އެވަގުތު ފެންނަމުން ދިޔައީ އުފާވެރިކަމާއި، ހިނިތުންވުމެވެ. އިނާޔާ ހުރީ ފެންކަޅިވެފައެވެ. ރައްޓެހިވެގެން ތިން އަހަރު ހޭދަކުރިއިރު، އެއީ ދެމީހުންވެސް އެންމެ އިންތިޒާރުކުރަމުން އައި ވަގުތުކޮޅެވެ. ފާރިޝް، އިނާޔާގެ އިނގިލީގައި އަނގޮޓި އެޅުވި ވަގުތު އިނާޔާއަށް އުފަލުން ރޮވުނެވެ. "ލަވް ޔޫ." ފާރިޝް، އިނާޔާގެ އިނގިލީގައި އަނގޮޓި އެޅުވުމަށްފަހުގައި އޭނާގެ ގައިގައި ބައްދާލިއެވެ. "ލަވް ޔޫ ޓޫ." އިނާޔާ ފާރިޝް އާއި ހަތަރު ކަޅި ހަމަކުރަމުން ބުންޏެވެ. އެރޭ ވެގެން ދިޔައީ ދެމީހުންނަށް މާމުއި ހަނދުވަރުގެ ރެއަކަށެވެ. ދެމީހުން އެތަނުގައި ވަރަށް ގިނަ ވަގުތު ހޭދަކުރިއެވެ. ނަމަވެސް އެ ހޭދަވީ އެއްވެސް ވަގުތެއްގައި ގައިގައި ބައްދާލާ، ބޮސްދިނުން ފިޔަވައި އިތުރު ގުޅުމެއް އެދެމުގައި ނުހިނގައެވެ. އިނާޔާ އަދި ފާރީޝް ވެސް ބޭނުންވަނީ އެގޮތެވެ.
ޕްރޮޕޯސް ކުރިތާ ތިން މަސް ތެރޭގައި އިނާޔާ އާއި ފާރިޝްގެ ކައިވެނިކުރެވުނެވެ. ކުލަގަދަ ހަފުލާއެއްގައި ދެ ފަރާތުގެ ޢާއިލާއާއި ގާތްތިމާގެ ރައްޓެހިންގެ ހާޒިރުގައި ކައިވެނީގެ ގޮތް ޖަހާލިއެވެ. އެއީ އެ ދެމީހުންނަށް އައި އެންމެ އުފާވެރި ރެއެވެ. ކައިވެނީގެ ފުރަތަމަ ރޭ ކޮންމެ ދެމަފިރިއަކަށް ވެސް ވަރަށް ޚާއްޞަވާނެކަން ޔަގީނެވެ. އެ ދެމަފިރިންނަށްވެސް އެރޭ ވަރަށް ޚާއްޞަވިއެވެ. އެކަކު އަނެކެއްގެ ބީހުންތަކާއި، އެކަކު އަނެކަކު ލާ ހޫނު ނޭވާއިން، ދެމީހުންގެ ހިތްވަނީ ފުރިފައެވެ. އިނާޔާގެ ތުނިތުނި ހަށިގަނޑުން، ފާރިޝްގެ ހިތް ފުރާލަދިނެވެ. އެނދުމަތީގައި އޮތް ބެޑު ޝީޓުވެސް އޮތީ އެއްކޮށް އެނދުން ނެއްޓިފައެވެ. އެރޭ އިނާޔާއަށް ލިބުނު އަރާމަކީ މިއިން ދުވަހެއްގައި ވެސް ފިރިހެނެއްގެ ފަރާތުން ތަޖުރިބާ ނުކުރެވޭ ފަދަ އަރާމެކެވެ. ފާރިޝް އަކީ އެދުންވެރިކަން ބޮޑު މީހެއްކަން އެރޭ އިނާޔާއަށް އެނގުނެވެ.
ކައިވެނިކޮށް ދެމީހުން އުޅެމުން އައީ، ވަކި ދިރިއުޅުމެކެވެ. އެއީ އިނާޔާގެ ބައްޕައަށް ހުޅުމާލެއިން ލިބިފައި ހުރި އެޕާޓްމަންޓެއްގައެވެ. އެތަނަކީ އެންމެ ޒަމާނީ ފެންވަރަށް ހަދާފައިވާ ތަނެކެވެ. ފެންވަރުގެ އެޕާޓްމަންޓެއްގައި އުޅުނެއް ކަމަކު، ދެމީހުން ވެސް ބޭނުންވީ ކިޔެވި ދާއިރާއިން ކުރިއަށް ގޮސްގެން އާމްދަނީ ހޯދައިގެން ދިރިއުޅޭށެވެ. ވުމާއެކު ދެތިން ސްކޫލަކަށް ވަޒީފާއަށް ހުށައަޅައިގެން ދެމީހުންނަށް ދެ ސްކޫލަކުން ވަޒީފާ ލިބުނެވެ. ޓީޗިންގެ ދާއިރާއަކީ އެކަމަކަށް ގިނަ ވަގުތު ހޭދަކުރަން ޖެހޭ ބުރަ މަސައްކަތަކަށް ވުމާއެކު، ދެމީހުންނަށް އެކުގައި ވަގުތު ހޭދަކޮށްލަން ލިބެނީ މަދު ފަހަރަކުއެވެ. ނަމަވެސް މިކަމުގެ ސަބަބުން ދެމީހުންގެ ދިރިއުޅުމަށް ކުޑަ ނަމަވެސް ބަދަލެއް ނާދެއެވެ. ފާރިޝް އާއި އިނާޔާ އުޅެމުން ދިޔައީ ވަރަށް އުފަލުގައެވެ.
ގޭތެރޭގެ ކަންކަމުގައި ފާރިޝްއަށް ވަގުތުވީ ވަރަކުން އޭނާގެ އަނބިމީހާއަށް އަބަދުވެސް އެހީތެރިވެދެއެވެ. ދެމީހުންގެ ދިރިއުޅުން ބިނާވެފައިވަނީ އެކަކު އަނެކަކަށް އެހީތެރިވެ އޯގާތެރިވުމުގެ މައްޗަށެވެ. މިގޮތުގައި ހަޔާތް ވޭތުވަމުން ގޮސް، ކައިވެންޏަށް ދެ އަހަރުވީ ފަހުން ފާރިޝް އާއި އިނާޔާއަށް ލޯބިލޯބި ތުއްތު އަންހެން ކުއްޖެއް ލިބުނެވެ. އެއީ ކައިވެންޏަށްފަހު އެދެމީހުންނަށް އައި އެންމެ އުފާވެރި އެއް ދުވަހެވެ. ތުއްތު އައިނީ ލިބުމާއެކު، އިނާޔާ ބޭނުންވީ އައިނީއަށް ހުރިހާ ވަގުތެއް ހުސްކުރުމަށްޓަކައި ވަޒީފާ ދޫކޮށްލާފައި ގޭގައި މަޑުކުރާށެވެ. އަދި އައިނީ ތަންކޮޅެއް ބޮޑުވުމުން އަނެއްކާވެސް ޓީޗިންގެ ދާއިރާއިން ކުރިއަށްދާށެވެ. ފާރިޝް، އިނާޔާގެ މި ނިންމުމަށް މަރުޙަބާ ކިޔެވެ. އައިނީ ލިބުނު ފަހުން، އިނާޔާ ގިނަ ވަގުތު ހޭދަކުރަނީ އައިނީއާއި އެކުގައެވެ. އިނާޔާއަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ގޭތެރޭގެ މަސައްކަތްތައް ކުރުމަށް ނޭޕާލް އަންހެނެއް އެ ގެއަށް ގެނައެވެ. އޭނާ އަކީ ބަލާބެލުމަށް ރީތި ކުއްޖެކެވެ. ހަމުގެ ކުލަ ދޮން، ގުނަވަންތަ ޅަ އުމުރު ފުރައެއްގެ އަންހެން ކުއްޖެކެވެ. ޝީބާގެ އުމުރުން އަދި ވީ އެންމެ ވިހި އަހަރެވެ.
އެއްދުވަހަކު ފާރިޝް ސްކޫލުން ނިމިގެން އައިއިރު، އިނާޔާ އުޅެނީ އައިނީ ފެންވަރުވައިގެން ރީތި ކުރާށެވެ. އައިނީ ރީތި ކުރުމަށްފަހުގައި ނިންދެވުމަށްފަހު، އެނދުގެ ބިއްދޮށުގައި އައިނީ ބޭއްވިއެވެ. އެއީ ފާރިޝްވެސް ފެންވަރައިގެން ނިކުތް ވަގުތެވެ. އިނާޔާ ކޮޓަރިން ބޭރަށް ހިނގައި ގަންނަން އުޅެނިކޮށް، ފާރިޝް އޭނާ ހިފެހެއްޓިއެވެ. "މަޑުކޮށްބަލަ." މަސްތުން ފުރިގެންވާ ރާގެއްގައި ފާރިޝް ބުންޏެވެ. "ކިހިނެއްވީ؟." އިނާޔާ ފާރިޝްއާއި ގާތްވެލިއެވެ. "ހަމަ ނޭނގެނީތަ؟ މިހާރު ގާތް ނުވާތާ ހަފުތާއެއް ވަނީ. ހިނގާބަލަ." ފާރިޝް އިނާޔާގެ އުނަގަނޑުގައި ހިފައި ކުރިއަށްވުރެ ކައިރިކޮށްލިއެވެ. އަދި އިނާޔާގެ ތުންފަތުގައި މަޑުމަޑުން އޭނާގެ ޝަހާދަތް އިނގިލި ކާއްތާލިއެވެ.
ހަމަ އެވަގުތު، އައިނީ ރޯންފެށިއެވެ. އިނާޔާ ސިހިފައި އެ ދިމާލަށް ބަލައިލިއެވެ. އަދި ދުވެފައި ކަހަލަ ގޮތަކަށް އައިނީ ކައިރިއަށް ދިޔައެވެ. އަދި އައިނީ އަނެއްކާވެސް ނިންދެވޭތޯ މަސައްކަތްކުރިއެވެ. އެހިނދު ފާރިޝް ބޯ ކަހަމުން އުނަގަނޑުގައި އޮތް ތުވާލި ނިއުޅާލުމަށްފަހު އަލަމާރިން ސޯޓަކާއި ޓީޝާޓެއް ނަގައި ގަޔަށް ހެޔޮވަރު ކޮށްލިއެވެ. އައިނީ ލިބުނު ފަހުން، އެ ދެމީހުންގެ ގުޅުން އައީ މަޑުމަޑުން ހީނަރުވަމުންނެވެ. ގިނަފަހަރު އެއްދާންކޮށްލަން ވަގުތު ނުލިބޭއިރު، ދެމީހުން އެކުގައި ވަގުތު ހޭދަކުރެވޭލެއް ވެސް މަދުވިއެވެ. ފާރިޝްއަށް މިކަންކަމުން އިންތިހާ ދަރަޖައަށް އުނދަގޫވި ނަމަވެސް، އިނާޔާއަށް މިއިން ކަމެއްގެ ހިލަމެއްވެސް ނުވެއެވެ. އިނާޔާއަށް، އައިނީގެ ކަންކަން ކުރުމަށްފަހުގައި ހުސް ވަގުތެއް ލިބުނަސް، އުޅެނީ ގޭތެރޭގެ ކޮންމެވެސް އެހެން ކަމެއްގައެވެ.
ކަންކަން މިހެން ވާން ފެށުމުން، ފާރިޝް މަޑުމަޑުން އިނާޔާއާއި ދުރުވާން ފެށިއެވެ. ސްކޫލުން ނިމިގެން ގެއަށް އައިސް، އައިނީ ގާތު ވަގުތު ހޭދަކުރުމަށްފަހުގައި ކޮންމެވެސް ރައްޓެއްސަކާއެކު ނިކުންނަނީ ބޭރަށެވެ. ގެއަށް އަންނަނީ ނިދަން ކައިރިކޮށްލާފައެވެ. އަންނަ އިރު ގިނަ ފަހަރު އިނާޔާ އޮންނާނީ ނިދާފައެވެ. އެރޭ ވެސް ފާރިޝް ބޭރުން ގެއަށް އައީ ރައްޓެއްސަކާއެކު ކޮފީއެއް ބޮއެގެންނެވެ. އޭރު ކޮނޑުހުރި އަތް ނޭނގޭހާ ބޯކޮށް ވާރޭވެހެއެވެ. ގެއަށް އައިސް ވަންތަނާ، ފާރިޝްއަށް ފެނުނީ ޓީވީ ބަލަން އޮވެ، ސޯފާގައި ނިދިފައި އޮތް ޝީބާއެވެ. ޝީބާ އޮތީ އޭނާގެ ގައިގެ ވަނާތައް އެނގޭހާ ތުނި، ގަޔަށް ދޫ ޓީޝާޓެއް ލައިގެންނެވެ. ތިރިން ލާފައި އޮތް ހަރުވާޅުން އޭނާ އުނަގަނޑުގެ ބައްޓަން ވަރަށް ބޮޑަށް ހާމަވެއެވެ. ފާރިޝްއަށް، ޝީބާއާއި ދިމާލަށް ބަލާލެވުނީ، އެހެންޏާ އޭނާ ދުވަހަކުވެސް ޝީބާ އާއި ދިމާލަށް ބަލާނުލާ ގޮތަކަށެވެ. ފާރިޝް މަޑު ހިނގުމެއްގައި ހިނގާފައި ގޮސް، ސޯފާގެ އެއްފަރާތެއްގައި ޝީބާ އާއި ދިމާލަށް ކަޅި ޖަހާނުލާ ބަލަންފެށިއެވެ. އެވަގުތު މޯޅިއަކަށް ދެމިލި ޝީބާއަށް ހޭލެވުނެވެ. އަދި ފާރިޝް ކައިރީގައި ހުރިތަން ފެނިފައި، އޭނާ ސިހިފައި ސޯފާއިން ކޮޅަށް ތެދުވިއެވެ.
"ބޭބެ ސޮރީ. މިތާ ޓީވީ ބަލާ ގަޑީ އަހަރެން ނިދުނީ." ޝީބާ ހީކުރީ، އޭނާ ސޯފާގައި ނިދާފައި އޮތުމުން ފާރިޝް ހިތްހަމަ ނުޖެހިގެން ބަލަން ހުރީ ކަމަށެވެ. "އޯކޭ އޯކޭ. ބަލާލީ ހަމަ." ފާރިޝް ހިނިތުންވެލިއެވެ. އެވަގުތު ވަރަށް ބާރު ގުގުރިއެއް ޖެހިއެވެ. ޖެހި ގުގުރިއާއެކު، ސިއްސައިގެން ގޮސް ޝީބާ، ފާރިޝްގެ ގައިގައި އޮޅުލައިގަތެވެ. އެނދުންވެރިކަމުން ފޯވެފައިވާ ފާރިޝް އަށް ކެތްކޮށްލައިގެން ހުރެވެނީއެއް ނޫނެވެ. ފާރިޝްއަށް ނުހުރެވިގެން ޝީބާގެ ގައިގައި ބައްދާލެވުނެވެ. ނަމަވެސް ޝީބާ ދުރަށް ޖެހުނެވެ. އަދި ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ. ފާރިޝް ބޮލުގައި އަތް އަޅާފައި ބާރުކޮށްލުމަށްފަހުގައި މަޑު ހިނގުމެއްގައި ހިނގާފައި ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އަދި ލައިގެން ހުރި އެއްޗެހި ތެމިފައި ހުރުމުން، ތެތް އެއްޗެހި ބަދަލުކޮށްގެން އެނދަށް އަރާ އޮށޯތެވެ.
ނިދާފައި އޮތް، އިނާޔާއާއި އޭނާ އެކި ގޮތްގޮތުން ގާއްވާން މަސައްކަތްކުރިއެވެ. ނަމަވެސް އިނާޔާ ނިންޖާ އޮވެ، ފާރިޝް ދުރަށް ޖައްސައެވެ. ފާރިޝް އެ އައި ރުޅީގައި ބާލީސް ހިފައިގެން ގޮސް ސޯފާގައި އޮށޯތެވެ. އަދި ނިއްކުރި މައްޗަށް އަތް ވައްޓާލައިގެން، ދެލޯ މަރާ ތަގުޅިކޮށްގެން އޮތެވެ. އެގޮތުގައި އޮތްވާ، ޝީބާގެ ކޮޓަރީގެ ދޮރު ހުޅުވުނު އަޑު އިވުނެވެ. ފާރިޝް އެ ދިމާލަށް ބަލާލިއިރު، ޝީބާ ހުރީ ދޮރުމަތީގައި ހުއްޓިލައިގެންނެވެ. ފާރިޝް ބަލާކަށް ނުހުރެ، ދުވެފައި ގޮސް ޝީބާ ގައިގައި ބައްދައިލިއެވެ. އަދި ޝީބާގެ ތުންފަތުގައި ބޮސްދެމުން ކޮޓަރީގެ ދޮރު ލެއްޕިއެވެ. ޝީބާ، ފާރިޝްގެ ހުރިހާ އެދުމެއް ފުއްދައިދިނެވެ. ދެމީހުން ގައިގޯޅި ވަމުން ދިޔައިރު، ފާރިޝްއަށް އޭނާ އަކީ މީހެއްގެ ފިރިއެއްކަން ވެސް ހަނދާނެއް ނެތެވެ. ދެމީހުންގެ އެދުން ފުދުމާއެކު، ފާރިޝް އެ ކޮޓަރިން ނިކުތެވެ. އަދި ސޯފާގައި އޮތް ބާލީސް ހިފައިގެން، އަނެއްކާވެސް ގޮސް ކޮޓަރިއަށް ވަނެވެ. ހެނދުނު ސްކޫލަށްދާންވެގެން ސައިބޯން ސުފުރާ މައްޗަށް އެރިއިރު، ޝީބާ އުޅެނީ ބަދިގެ ތެރޭގައެވެ. އޭރު އިނާޔާ އިނީ ފާރިޝްގެ އިންތިޒާރުގައި ސައިބޯން ނުފަށައެވެ. އިނާޔާ، ސައިބޯން އިނދެގެން ވަރަށް ގިނަ ވާހަކަ ދެއްކިއެވެ. ނަމަވެސް ފާރިޝްގެ ކަޅި ހުއްޓިފައި ވަނީ ޝީބާއަށެވެ. ޝީބާ، ހުރީ ފާރިޝްއާއި ދިމާލަށް ބަލާލަންވެސް ނުކެރިފައެވެ.
ކޮންމެއަކަސް، ޝީބާއާއި، ފާރިޝްގެ ގުޅުން ދިޔައީ އިތުރަށް ވަރުގަދަ ވަމުންނެވެ. ފަހަކަށް އައިސް، އިނާޔާ، ފާރިޝް އާއި ކައިރިވާން މަސައްކަތްކުރި ނަމަވެސް ފާރިޝް އުޅެނީ ވަރަށް ދުރުދުރުންނެވެ. މިކަމުގެ ސަބަބުން އިނާޔާގެ ހިތަށް އެތައް އުނދަގޫތަކެއް ވިއެވެ. ހުދު އިނާޔާއަށް ވެސް އެ ދެމީހުންގެ މެދުގައި އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެއްޖެ ކަމުގެ އިހުސާސް ކުރެވުނެވެ. "ފާރިޝް އަހަރެންނާއި ގާތްވާން ބޭނުންނުވަނީތަ މިހާރު؟." އެއްރޭ ނިދަން އޮވެފައި އިނާޔާ ސުވާލުކުރިއެވެ. "ކޮންކަހަލަ ވާހަކައެއް ތި ދައްކަނީ؟." ފާރިޝް ވެސް ކުރީ ސުވާލެކެވެ. "ނޭނގެ. އަހަރެންނަށް އެހެން ހީވާތީ. ގަބޫލުކުރަން އައިނީ ލިބުނު ފަހުން ވަރަށް ވަގުތު ނުދެވޭކަންވެސް. އެކަމަކު އެއީ އަހަރެން ގަސްތުގައި ކުރާ ކަމެއް ނޫން." އިނާޔާއަށް ކުޑަކޮށް ރޮވޭ ގޮތްވިއެވެ. "ނޭނގެ އިނާ. އަސްލު އަހަރެންވެސް އިނާޔާ އާއި ވަރަށް ދުރުވެއްޖެ. އަހަރެން ގާތްވާން މަސައްކަތްކުރާ ކޮންމެ ފަހަރަކު އިނާ ވެސް އަހަރެން ދުރުކުރޭ. ދަރިން ލިބުނީމަ ބިޒީވެސް ވާނެ. އެކަމަކު އިނާ އަބަދުވެސް އުޅެނީ އައިނީ ކައިރީ. ނޫނީ ގޭގެ ކޮންމެވެސް ކަމެއްގައި. ޝީބާ ގެނައްސަ އެ ހުރީ ކޮންމެވެސް ކަމަކު ދޯ." ފާރިޝްގެ ދުލުން އެންމެ ފަހުން ބޭރުކުރަން ބޭނުންނުވާ ޖުމްލަތައް ބޭރުވިއެވެ.
"އެނގޭ. ފާރިޝް މިރޭ އަހަރެންނާއި ގާތްވެފާނަންތަ؟." އިނާޔާގެ މި ސުވާލާއެކު، ފާރިޝް، އޭނާގެ އަންހެނުން ގައިގައި ބައްދައިލިއެވެ. ނަމަވެސް ފާރިޝްއަކަށް އެއްވެސް އެއްޗެއް އިހުސާސެއް ނުވިއެވެ. ކުރިން އިނާޔާ ގައިގައި ބައްދައިލީމާ އެވާ އިހުސާސެއް މިފަހަރަކު ނުކުރެވުނެވެ. އިނާޔާ މިކަން ދެނެގަތެވެ. އަދި ފާރިޝްއާއި މަޑުމަޑުން ދުރަށް ޖެހިލިއެވެ. ފާރިޝް އޭނާއަށް އުމުރު ދުވަހަށް ގެއްލެން އުޅޭ ކަމުގެ އިހުސާސެއް އެރޭ އިނާޔާއަށް ކުރެވުނެވެ. ފާރިޝްއަށް ހިމޭނަކުން ނޯވެވުނެވެ. އޭނާ އެރޭ އިނާޔާއަށް ޝީބާ އާއި އޭނާއާއި ދެމެދު އޮތް ގުޅުމުގެ ވާހަކަ ކިޔައިދިނެވެ. ފާރިޝްގެ ވާހަކަތައް އަޑު އަހަމުން ދިޔަވަރަކަށް އިނާޔާއަށް ރޮވެނީއެވެ. އޭރު ފާރިޝްއަށް ވެސް ވަނީ ރޮވިފައެވެ. "ތިވަރު ކުރުމުގެ ކުރިން، އެންމެ ފަހަރަކުވެސް އަހަރެންނާއި ތިކަމާއި ގުޅޭގޮތުން ވާހަކަދެއްކި ނަމަ؟" އިނާޔާ ރޮމުން ބުންޏެވެ.
"އަހަރެން ކިތައް ފަހަރު އިނާޔާއާއި ވާހަކަ ދައްކަން މަސައްކަތް ކުރިން. ކިތައް ފަހަރު ގާތްވާން މަސައްކަތްކުރިން. ދަރިން ލިބުމުގެ މާނައަކީ އަހަރެމެންގެ ގުޅުން ހީނަރުވުންތަ؟ އިނާއަށް ހަމަ ރަނގަޅަށް އެނގޭނެ އަހަރެން އެ ކަންތައްތަކަށް އެދޭވަރު. އަހަރެންނަކީ ފިރިހެނެއް. އަހަރެން ޝީބާއާއި ފުރަތަމަ ގާތްވި ފަހުން، ގާތްނުވެ ހުންނަން ވަރަށް މަސައްކަތްކުރިން. ޒިނޭ ނުކުރިއެއް ކަމަކު، އޭނާ އަހަރެންގެ އެދުން ފުއްދައިދޭ. އަހަރެން ޝީބާއަށް ވަރަށް ބޮޑަށް އާދަވެއްޖެ އިނާ. އަހަރެންނަކަށް ތިއީ ކުރީގެ އިނާއެއް ނޫން." ފާރިޝްގެ އަނގައިން ނިކުންނަމުން ދިޔަ ޖުމުލަތައް ވެގެން ދިޔައީ އިނާޔާއަށް ވިހަގަދަ ހަރުފައެއްގެ ވިހައަށެވެ. އޭނާގެ ހިތް ކުދިކުދި ވިއެވެ.
ކައިވެނީގައި، ނޭނގުމެއްގެ ތެރޭގައި ނަމަވެސް، އިނާޔާއަށް ގޯސް ހެދިއްޖެކަމަށް އޭނާ ގަބޫލުކުރިއެވެ. އެކަމަކު އެއީ އޭނާގެ ފިރިމީހާ އެހެން އަންހެނެއްގެ ގާތަށް ހަރާން ގޮތުގައި ދިއުމަށް އޮތް އުޒުރެއް ކަމަކަށް އޭނާ ނުދެކެއެވެ. ލޯތްބެއް ނެތް ގުޅުމެއްގައި ކިތަންމެ ވަރަކަށް ހިފަހައްޓަން މަސައްކަތް ކުރިއަސް އެ ގުޅުމެއް ދެމިގެނެއް ނުދާނެއެވެ. އިނާޔާ ފާރިޝްދެކެ ކިތަންމެ ލޯބިވާ ނަމަވެސް، ފާރިޝްގެ ހިތުގައި މިއަދު އެ ލޯތްބެއް ނެތެވެ. ހެދުނީ ކުޑަކުޑަ ގޯހެއް ނަމަވެސް، އެ ގޯހުގެ ސަބަބުން ދެމީހުންގެ ގުޅުމަށް ހީނަރުކަން އަންނަވަރުގެ ގޯހެކެވެ. ފާރިޝްގެ އެދުންތައް ފުއްދުމަށް ރަނގަޅު ގޮތުގައި އިތުރު އަނތްބެއް އިޚުތިޔާރުކުރެވެން އޮތްވާ އޭނާ ގޯސް މަގެއް އިޚުތިޔާރު ކުރުމަކީ އިނާޔާ އަދި އޭނާގެ ޢާއިލާއިން ވެސް ބަލައިގަތް ކަމެއް ނޫނެވެ. ދަރިއަކު ލިބިފައި އޮއްވާ އެ ކައިވެނި ރޫޅާލަން ޖެހުނީތީ އިނާޔާ އިންތިހާއަށް ހިތާމަ ކުރިއެވެ. ފާރިޝް ވެސް ހިތާމަކުރީ އޭނާއަށް އައިނީ ގެއްލޭތީއެވެ. އޭރު އޭނާ ހުރީ އިނާޔާ މަތިން އެއްކޮށް ފޫހިވެފައެވެ.
ފާރިޝް އެ އެޕާޓްމަންޓުން ނިކުތީ ޝީބާ ވެސް ގޮވައިގެންނެވެ. އަދި އިނާޔާ ވަރިކުރުމަށް ފަހު، ތިން މަސްވީ ތަނާ، ފާރިޝް، ޝީބާއާއި ކައިވެނިކުރިއެވެ. މިކަމުން އިނާޔާގެ ހިތް އިތުރަށްވީ ހަލާކެވެ. ނަމަވެސް އިނާޔާގެ ހިތުގައި ފާރިޝްއާއި މެދު ހުރި ޝަކުވާތަކާއި، ނަފުރަތު އެއްފަރާތްކުރީ އައިނީއަށްޓަކައެވެ. ކައިވެންޏެއްގެ ތެރޭގައި ދެމީހުންގެ ދެމެދުގައި އޮންނަންވާ އެދުންވެރިކަމުގެ ގުޅުމަކީ ކިހާ މުހިއްމު އެއްޗެއްކަން އިނާޔާއަށް ވިސްނުނީ މާ ފަހުންނެވެ. ނަމަވެސް ފާރިޝް ކަންތައްކުރީ އެންމެ ރަނގަޅަކަށް ނޫނެވެ. ކުރެވުނު ކައިވެންޏަކީ އިބުރަތެއް ކަމުގައި ބަލައިގަނެ، އިނާޔާ މަސައްކަތްކުރީ ދަރިފުޅުގެ މުސްތަޤުބަލަށްޓަކައެވެ. ފާރިޝް ވެސް އައިނީއަށް ކޮށްދޭން ޖެހޭ ހުރިހާ ކަމެއް ކޮށްދެއެވެ. އަދި ބައްޕައެއްގެ ލޯބި ދިޔައީ ފުރިހަމައަށް ދެމުންނެވެ.
ވަރިއަކާއި ހަމައަށް ދިއުމުގައި އެތައް ސަބަބުތަކެއް ހުންނައިރު، ދެމަފިރިންގެ ދެމަފިރިކަމުގެ ގުޅުން ހީނަރުވެގެން ވަރިއާ ހަމައަށްދާ މައްސަލަތައް މަދެއް ނޫނެވެ. މިއީ ގިނަ ބަޔަކު ފާޅުކަންބޮޑު ގޮތެއްގައި ދައްކަން ލަދުގަންނަ، ނަމަވެސް ދައްކަން ޖެހޭ ވާހަކައެކެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists