Advertisement

އެތްލެޓިކޯ ބަލިކޮށް އެއްވަނާގައި ބާސެލޯނާއަށް 3 ޕޮއިންޓްގެ ލީޑެއް!

09 Jan 2023 | 02:59
ބާސެލޯނާ އާއި އެތްލެޓިކޯ މެޑްރިޑް ވާދަކުރި މެޗުގެ ތެރެއިން

ސްޕެނިޝް ލަލީގާ ގައި މިރޭ ރަށުން ބޭރުގައި ވާދަވެރި އެތްލެޓިކޯ މެޑްރިޑް 1-0 ން ބަލިކޮށް ފުޓްބޯޅަ ކުލަބް ބާސެލޯނާއި ލީގު ތާވަލުގެ ކުރީގައި 3 ޕޮއިންޓްގެ ލީޑެއްނަގައިފިއެވެ. އެތްލެޓިކޯ މެޑްރިޑްގެ މެޓްރޯޕޮލިޓާނޯ ސްޓޭޑިއަމް މިރޭ ކުޅެވުނު މެޗުގައި ސަސްޕެންޑްޝަނުގެ ސަަބަބުން ބާސާގެ ޓޮޕް ސްކޯރަ ރޮބަޓް ލެވަންޑޯސްކީ އާއި ތަޖުރިބާކާރު ޑިފެންޑަރ ޖޯޑީ އަލްބާ ނުކުޅެއެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ގެންގުޅެ މެޗު ޑޮމިނޭޓްކުރީ ބާސެލޯނާ އިންނެވެ. އަދި މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ 22 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ފުރާންސްގެ ފޯވާޑް އުސްމާނޭ ޑެމްބެލޭ އެވެ. މިއީ ސްޕެއިންގެ ޒުވާން މިޑްފީލްޑަރ ގަވީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މި ލަނޑަކީ 2019 ވަނަ އަހަރުގެ ފަހުން އެތްލެޓިކޯގެ ދަނޑުގައި ބާސެލޯނާއި ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

އެތްލެޓިކޯގެ ޑިފެންޑަރ ސްޓެފަން ސަވިކް ރެފްރީ ރަތްކާޑު ދައްކަނީ

ބާސެލޯނާގެ ލަނޑަށް ފަހު އެޓީމުގެ މިޑްފީލްޑަރ ޕެޑްރީއަށް، ބާސާގެ ލީޑު ފުޅާކޮއްލުމަށް ވަނީ ރަގަޅު ފުރުސަތެއް ލިބި ބޭނުން ނުކުރެވިފައެވެ. އަދި މިހާފުގައި އެތްލެޓިކޯ ޓީމުން މާކޯސް ލޮރެންޓޭ، ގިމެނޭޒް އަދި ގްރީޒްމަން އަށް ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއްލިބި ބޭނުން ނުކުރެވިފައެވެ.

މެޗުގެ ދެވަނަ ހާފުގައި އެތްލެޓިކޯ މެޑްރިޑުން ކުޅުން ރަގަޅުކޮށް ލަނޑެއްޖެހޭތޯ ކުރަމުން އައި މަސައްކަތް ކާމިޔާބު ނުވިއިރު މެޗުގެ އިތުރު ވަގުތުތެރޭގައި އެތްލެޓިކޯގެ ޑިފެންޑަރ ސްޓެފަން ސަވިކް އަދި ބާސެލޯނާގެ ފޯވާޑް ފެރާން ޓޮރޭޒަށް ރެފްރީ ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.

10 ކުޅުންތެރިންނާއި އެކު ދެޓީމު ކުޅެމުން ދަނިކޮށް މެޗުގެ އެންމެ ފަހު މިނެޓްގައި އެތްލެޓިކޯގެ ފުރާންސް ފޯވާޑް ގްރީޒްމަން އަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ވަރަށް ހުސް ފުރުސަތެއްލިބި ވަނީ ބޭނުން ނުކުރެވިފައެވެ. ބާސެލޯނާގެ ގޯލް އޭރިއާތެރެއިން މުޅިން ހުސްކޮށް ހުރެ އޭނާ ފޮނުވާލިބޯޅަ ބަސެލޯނާގެ އުރުގުއާއި ޑިފެންޑަރ ރޮނާލްޑް އަރައުޖޯ ދިފާއުކުރީ ގޯލު ރޮގުމަތިންނެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއި އެކު 16 މެޗުން 41 ޕޮއިންޓް ބާސެލޯނާއަށް ލިބިފައިވާއިރު ދެވަނާގައި އޮތް ރެއާލް މެޑްރިޑަށް 16 މެޗުން ލިބިފައި ވަނީ 38 ޕޮއިންޓެވެ. އަދި މިރޭގެ މެޗުން ބަލިވި އެތްލެޓިކޯ އަށް 16 މެޗުން ލިބިފައި ވަނީ 28 ޕޮއިންޓާއި އެކު ލީގު ތާވަލުގެ ފަސް ވަނައެވެ.

Advertisement

ކޮމެންޓް