ބާސެލޯނާ އެކޭ އެއްގޮތަށް، ޕީއެސްޖީ އިން ވެސް މެސީއަށް ނޫނެކޭ ބުނެފި!
ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީގެ އެއްބަސްވުން އައުނުކުރަން އޭނާ މިހާރު ކުޅެމުން އަންނަ ފްރާންސްގެ ޕީއެސްޖީ އިން ނިންމައިފިއެވެ. 2021 ވަނަ އަހަރު ސްޕެއިންގެ ބާސެލޯނާ ދޫކޮށް ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއަށް އޭނާ ބަދަލުވީ ދެއަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ނެވެ. އަދި ޕީއެސްޖީން ބޭނުންވެއްޖެނަމަ މިއެއްބަސްވުމުގެ މުއްދަތު އިތުރު އެއް އަހަރަށް އިތުރުކުރުމުގެ ފުރުސަތު އެކުލަބަށް އޮތެވެ.
ޕީއެސްޖީ އިން މެސީގެ ސޮއި ހޯދީ 2020 ވަނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސްލީގު ފައިނަލުގައި ބަޔާން މިއުނިކް އަތުން ހިތްދަތި ގޮތަކަށް ބަލިވުމާއި ގުޅިގެން އެޓީމު އިތުރަށް ވަރުގަދަ ކުރުމުގެ ބޭނުމުގައެވެ. ނަމަވެސް ކުލަބުގެ މެނޭޖްމަންޓާއި ސަޕޯޓަރުން އުންމީދުކުރި ވަރުގެ ކުޅެއް އެކުލަބުގައި މެސީއަށް ދެއްކޭގޮތެއްނުވި އެވެ. އަދި މެސީ އެކުލަބާއި ގުޅުނުފަހުން ޗެންޕިއަންސް ލީގުގެ ދެވަނަ ބުރު ފަހަނައަޅައި އެކުލަބަށް ދެވޭގޮތެއް ނުވިއެވެ.
ފްރާންސް ލީގަކީ ޔޫރަޕުގެ ގަދަ ފަސް ލީގުތެރޭގައި ހިމެނޭ އެންމެ ވާދަވެރިކަން ކުޑަ އެއް ލީގެވެ. ނަމަވެސް އެމްބާޕޭ އާއި ނޭމާ ފަދަ ހުނަރުވެރި ކުޅުންތެރިންނާއި އެކު ކުޅުނު ފުރަތަމަ ސީޒަނުގައި ފްރާންސް ލީގުގައި މެސީއަށް ކާމިޔާބުކުރެވުނީ އެންމެ 6 ލަނޑެވެ. ނަމަވެސް މިސީޒަނުގައި މެސީގެ ކުޅުން ކުރީ ސީޒަނާއި އަޅާ ބަލާއިރު ކޮންމެ ވެސް ވަރެއްގެ ކުރިއެރުމެއް އައިކަން ފާހަގަކުރެވެއެވެ. ނަމަވެސް މުހިންމު މެޗުތަކުގައި މެސީގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ނުފެންނާތީވެ މިސީޒަނުގެ ވަކި ހިސާބަކުން ފެށިގެން ޕީއެސްޖީގެ ދަނޑުގައި ކުޅޭ މެޗުތަކުގައި އެކުލަބުގެ ސަޕޯޓަރުން ދިޔައީ މެސީއާއި ދިމާކުރަމުންނެވެ.
ހާއްސަކޮށް ޗެންޕިއަންސް ލީގުގައި ބަޔާން މިއުނިކް އަތުން ބަލިވެ މުބާރާތުން ކެޓުމާއިއެކު ޕީއެސްޖީގެ ސަޕޯޓަރުންގެ ކެއްތެރިކަން ކޮޅުންލިއެވެ. އަދި އެކުލަބުގެ ކުރީގެ ބައެއް ކުޅުންތެރިންވެސް ސޯޝަލް މީޑިއާގައި ފާޅުގައި މެސީއަށް ފާޑުކިންފެށިއެވެ. މި ހުރިހާކަމެއް މިހެން ހުރިއިރު، ނިމިދިޔަ 2022 ވަނަ އަހަރު ފަހުކޮޅު ގަތަރުގައި ބޭއްވުނު ފީފާ ވޯލްޑް ކަޕްގައި އާޖެންޓީނާގެ ގައުމީ ޓީމައިއެކު މެސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުގެ އިތުރުން އެ މުބާރާތުގެ މޮޅު ކުޅުންތެރިއާގެ މަގާމު ލިބުނީ ވެސް މެސީއަށެވެ.
ނަމަވެސް ވޯލްޑް ކަޕްގައި ގައުމީ ޓީމާއިއެކު ދެއްކި ފަދަ ހުނަރުވެރި ކުޅުމެއް ކުލަބުގައި މެސީއަށް ދެއްކޭގޮތެއްނުވި އެވެ. މިއާއެކު މެސީގެ ކުރީގެ ކުލަބު ބާސެލޯނާ އިން އަލުން އަބުރާ މެސީ ގެންދަން މަސައްކަތް ކުރަމުން އަންނަ ވާހަކަ މީޑިއާގައި ފެންމަތިވިއެވެ. އަދި ހަމަ އެދުވަސްކޮޅު ސައުދީގެ ކުލަބެއްކަމަށްވާ އަލް ހިލާލުން މެސީ ގެންދިއުމަށް 400 މިލިއަންގެ ހުށަހެޅުމެއް ލިބުނު ނަމަވެސް މެސީ ބޭނުންވީ އަދި އެއް ސީޒަން ޔޫރަޕުގައި މަޑުކުރާށެވެ. އަދި އަންނަ ސީޒަނުގެ ނިޔަލަށް ޕީއެސްޖީގައި މަޑުކުރުމަށް މެސީ ހުރީ ތައްޔާރަށެވެ.
ނަމަވެސް މިދިޔަ ހަފްތާގައި އަމިއްލަ ދަނޑުގައި ޕީއެސްޖީ ބަލިވި މެޗަށްފަހު ޖެހިގެންއައި ދުވަހު އޮތް ކުލަބުގެ ފަރިތަކުރުންތަކުގައި ބައިވެރިނުވެ، ކުލަބުގެ ހުއްދަނެތި ސައުދީއަށް ދިއުމާއި ގުޅިގެން އެ ކުލަބުން ވަނީ މުސާރަ ނުލިބޭގޮތަށް ދެ ހަފްތާގެ މުއްދަތަށް މެސީ ކުލަބުގެ ހުރިހާ ހަރަކަތަކުން ސަސްޕެންޑް ކޮށްފައިވެ. މިއާއެކު އެކުލަބާއި މެސީއާއި ދެމެދުގައި އޮތް ގުޅުން ވަނީ ނިމުމަކަށް އައިސްފައެވެ.
ޕީއެސްޖީއަށް ކުޅެދިން 71 މެޗުގައި 31 ލަނޑު ކާމިޔާބުކޮށްދީފައިވަނީ އުމުރުން 36 އަހަރުގެ މެސީ، ފްރާންސް ލީގުގައި ކުޅުނު 54 މެޗުގައި 21 ލަނޑު ކާމިޔާބުކުރިއިރު، ޗެންޕިއަންސް ލީގުގައި ޕީއެސްޖީއަށް ކުޅެދިން 14 މެޗުގައި 09 ލަނޑު ކާމިޔާބުކޮށްދީފައި ވެއެވެ.
ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީ 17 އަހަރު ވަންދެން ކުޅުނު ބާސެލޯނާ ދޫކޮށްލަން ޖެހުނީ ވެސް ކުލަބާއި މައްސަލަޖެހި އެކުލަބުން މެސީގެ އެއްބަސްވުން އައުނުކުރުމުންނެވެ. އަދި މެސީގެ ޕްރޮފެޝަނަލް ކެރިއަރުގައި ކުޅުނު ދެވަނަ ކުލަބު ޕީއެސްޖީގައި ވެސް ކަންތައްތައް ދިމާމިވީ ދާދި އެއްގޮތަކަށެވެ. މިއާއެކު އުފެދޭ ސުވާލަކީ މެސީ ދެން ފެނިގެންދާނީ ކޮން ކުލަބަކުންތޯ އެވެ.މެސީގެ ކުރީގެ ކުލަބު ބާސެލޯނާގެ މިހާރުގެ ކޯޗު ޒަވީ، މެސީ އެކުލަބަށް ގެންދަން ބޭނުންވި ނަމަވެސް އެއީ ވުމަށްވުރެ ނުވުން ގާތްކަމެކެވެ. ސަބަބަކީ ބާސެލޯނާގެ މާލީ ހާލަތު ހުރިގޮތުން ކުލަބުގައި މިހާރު ތިބި ބައެއް ކުޅުންތެރިންގެ އެއްބަސްވުން އާ ނުކުރެވިގެން އުޅޭއިރު، މިހާރު ތިބި ކުޅުންތެރިންގެ ތެރެއިން މަދުވެގެން 6 ނޫނީ 7 ކުޅުންތެރިން ދޫކޮށްލަން ޖެހެއެވެ. މީގެ އިތުރުން ރެފްރީންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުކުރެވި ބާސެލޯނާގެ މައްސަލަ ކޯޓުގައި އޮތްއިރު، ޔުއެފާގެ ގަވާއިދު ބުނާގޮތުން އަންނަ ސީޒަނުގައި ޔޫރަޕުގެ އެއްވެސް މުބާރާތަކުން ބާސެލޯނާ ނުފެނުމުގެ ފުރުސަތު އެބައޮތެވެ. މި ސަބަބާއި ހުރެ މެސީ ބާސެލޯނާއިން ފެނުމަށް ވުރެ ނުފެނުމުގެ ފުރުސަތު ބޮޑުވެ.މިޑިއާ ރިޕޯޓްތައް ބުނާގޮތުގައި އިގިރޭސި ޕްރިމިއާ ލީގު ޗެމްޕިއަން މެންޗެސްޓާ ސިޓީއިން އަންނަނީ މެސީ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އަދި އެކުލަބުގެ ކޯޗު ޕެޕް ގާޑިޔޯލާ އަކީ އަބަދުވެސް މެސީއަށް ވަރަށް ބޮޑަށް ތައުރީފްކުރާ ކޯޗެވެ. ނަމަވެސް އުފެދޭ ސުވާލަކީ ފްރާންސް ލީގުގައި ނުދެއްކުނު ކުޅުމެއް ޕްރެމިއާ ލީގުގައި މެސީއަށް ދެއްކިދާނެތޯއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists