ބަލިމީހާގެ އިނގިލިތައް ބުރިކޮށްލަން ޖެހުމާއި ނިޔާވުން, ޢާއިލާގެ ދުލުން: އައިޖީއެމްއެޗްއިން އަޅާނުލުމާއި އިހުމާލުވުން އިންތިހާއަށް!
މާޗރް މަހުގެ 25 ވަނަ ދުވަހު އައިޝާ އަލީ (އަސްލުނަމެއް ނޫން)ގެ ދައްތަ ފާޚާނާގައި އުޅުމުގެ ތެރޭގައި ފާހާނާއަށް ވެއްޓުނެވެ. އަދި ބޯފަޅައިގެން ދިޔައެވެ. އެހެންކަމުން ރަށު ހޮސްޕިޓަލަށް ގެންދިއުމުން ޑޮކްޓަރު ބެލުމަށްފަހު ފެޅިފައިވާތަން ފަހައި އެކްސްރޭ ނެގިއެވެ. އަދި ހުރިހާކަމެއްވެސް ރަނގަޅު ކަމަށް ބުންޏެވެ. އެހެންކަމުން ބޭސް ދިނުމަށްފަހު އައިޝާގެ ދައްތަ ގެއަށް ފޮނުވާލީއެވެ.
މިއީ ހިތާމަވެރި ހާދިސާއެއްގެ ފެށުންކަން އޭރު އައިޝާގެ އާއިލާއަކަށް އިހުސާސްވެސް ނުވެއެވެ.
ދައްތަ ގޮވައިގެން ގެއަށްގޮސް ސައިދީ ހެދުމަށްފަހު ދައްތަ ނިދަން ދިޔައިރުވެސް އެންމެ ރަނގަޅެވެ. ނަމަވެސް އެދުވަހު ހަވީރުން ފެށިގެން ދައްތަގެ އުޅުމަށް ބަދަލުތަކެއް އަހިސްފައިވާކަން އައިޝާއަށް ފާހަގަ ވިއެވެ. ކާ އެއްޗެއް ނުދެވި، ރުޅިގަދަވެ، ލޮލަން ނުފެންނަ ފަދަ ގޮތަކަށް ގެން ދައްތަ އުޅެން ފެށުމުން އަނެއްކާވެސް ދައްތަ ގޮވައިގެން މ. މުލީ ރީޖަނަލް ހޮސްޕިޓަލަށް ދިޔައީއެވެ.
ހޮސްޕިޓަލަށް ގެންދިޔައުމުން ރަށު ހޮސްޕިޓަލުން އައިޖީއެމްއެޗްގެ ނިއުރޮލޮޖިސްޓަކާ މަޝްވަރާ ކުރިއެވެ. އަދި ސީޓީ ބްރެއިން ހަދަން ނިއުރޮލިޖިސްޓް އިރުޝާދު ދިނުމުން، ޖެހިގެން އައި ދުވަހު ހެނދުނު ދައްތަ ގޮވައިގެން އައިޝާމެން މާލެ އައެވެ. އަދި އައިޖީއެމް ހޮސްޕިޓަލަށް ދެއްކިއެވެ.
"އައިޖީއެމްއެޗްގެ އީއާރްގަ އިންނަ ރެޑް ޒޯން، ކްރިޓިކަލް މީހުން ބާއްވާ ތަނުގަ ބާއްވާފަ ސީޓީ ބްރެއިންއެއްވެސް ހެދި. ހަދާފަ އޭރުގަ ބުނީ ސީޓީ ނޯމަލްއޭ، ނެތޭ ހެޑް އިންޖަރީ ވެގެން ބްރެއިން އަކަށް އެއްވެސް ކަމެއް ވެފައެއް." އައިޝާ ކިޔައިދިނެވެ.
އެއަށްފަހު ޓެސްޓުތައް ހެދީ ކަމަށް އައިޝާ ބުންޏެވެ.
"ބްލަޑް އިންވެސްޓިގޭޝަން ހަދަން ވެގެން ބްލަޑް ނަގާފަ، ޔޫރިން ނަގާފަ ދެން އެމީހުން އެ ޓެސްޓުތައް ހަދާފަ ބުނީ ވަރަށް ބޮޑަށް ޔޫރިން އިންފެކްޝަން ވެފައޭ ހުރީ. އެހެންވެގެނޭ މީހާ އެގްރެސިވް ވެފަ ބުނާ އެއްޗަކަށް ރެސްޕޮންޑް ނުކޮށް އުޅުނީ" ހޮސްޕިޓަލާ ހަވާލާދީ އައިޝާ ބުންޏެވެ.
މާރޗް 27 ވަނަ ދުވަހު އައިޝާގެ ދައްތަ އެޗްޑީޔޫއަށް ޓްރާންސްފަރ ކުރި ކަމަށާއި އެއީ ބީޕީ ލޯވެ، ހާޓް ރޭޓް މަތިކޮށް ހުންނާތީ، ބަލިމީހާ ގާތުން ބެލުމަށް ކަމަށް އައިޝާ ބުންޏެވެ.
އެޗްޑީޔޫއަށް ގެންދިއުމަށްފަހު ލޭގެ ޓެސްޓު ހެދުމުން، ލިވަރ އާއި ކިޑްނީ ކުޑަކޮށް ސަކަރާތް ކަމަށް ދައްކާތީ، އާއި ޕްރެޝަރ ދަށްވެ ހާޓްރޭޑް މަތިވާތީ އެޗްޑީޔޫގައި ބާއްވަން ނިންމީއެވެ.
"އެކޮޅުގަ ބޭއްވީ. އޭރު ރަށުން ގެނައި އިރަށްވުރެ ރަނގަޅު. އެކަމަކު ސްޓާފުން ވަރަށް ފަރުވާކުޑަ. ހަމައެކަނި ވަދެވޭ ވަކި ގަޑިތަކުގަ އެހެން ވަދެލާ ފަހަރަކުވެސް ގައުންނާއި ބެޑްޝީޓްވެސް ވަރަށް ހަޑިކޮށް ހުންނަތަން ފެންނަނީ" އައިޝާ ކިޔައިދިނެވެ.
މާރޗް 31 ވަނަ ދުވަހުގެ ރޭ އައިޝާ ހޮސްޕިޓަލަށް ދިއުމުން، އަތުގައި ހުރި ކެނިއުލަރ ތައް ނައްޓާލަން ބޭނުންވާ ކަމަށާއި އެއީ ސެންޓްރަލް ލައިނެއް ކަރަށް ގުޅަން ކޮންސެންޓް ފޯމެއްގައި ސޮއިކުރަން ކަމަށް ނަރުހެއް އައިޝާ ކައިރީ ބުންޏެވެ. އޭރު ދައްތަގެ ވާއަތް އޮތީ ވަރަށް ބޮޑަށް ދުޅަވެފައިކަން އައިޝާއަށް ފާހަގަ ވިއެވެ.
އަނެއް ދުވަހުގެ ރޭ އައިޝާއަށް ފާހަގަވީ ދައްތަގެ ކަނާއަތުގެ އިނގިލިތަކުގެ ނިޔަފަތިތައް ނޫވެފައި ހުރިކަމެވެ. އޭރު ދެ އަތަށްވެސް ކެނިއުލަރ ގުޅައިގެން އިންޖެކްޝަންތައް ޖަހަމުން ދިޔަ ކަމަށް އައިޝާ ބުންޏެވެ.
"ބުނީ އެއީ ކުރިން ކެނިއުލަރ ގުޅާފަ އޮތް އަތް ވީމަ، އައިވީ ދޭތިއޯ. އޭރުގަވެސް ނުބުނޭ އިންޖެންޝަންގެ ސައިޑް އެފެކްޓެކޭ ނޫނީ އެކަހަލަ އެއްވެސް އެއްޗެއް ކިޔައެއް ނުދޭ. އެހެން ބުނެފަ ދެން ދިނީ ބޭސް ސިޓީއެއް. އުނގުޅާ ބޭހެއް ނަގަން. އޭރު ވެސް ވެގެން އުޅޭގޮތެއް ނޭނގޭ." އައިޝާ ބުންޏެވެ.
އޭޕްރީލް ތިންވަނަ ދުވަހު އައިޝާއަށް ފާހަގަވީ ދައްތަގެ އިނގިލިތަކުގެ ކުލަ ވަރަށް ބޮޑަށް ބަދަލުވެފައި ވާތަނެވެ. އެކަން ސާފުކުރަން ކުރި މަސައްކަތް ކާމިޔާބު ނުވެ، ވާނުވާ ނޭނގި ހުންނަން ޖެހުނު ކަމަށް އައިޝާ ބުނެއެވެ.
"އެގަޑީގަ އެއްވެސް ކަމެއް ސާފެއް ނުވޭ. ރޭގަނޑު ދިމާވާ ޑޮކްޓަރެއް ވެއްޖެއްޔާ ބުނަނީ ތިމަންނައަކީއެއް ނޫނޭ ދައްތަގެ ޑޮކްޓަރަކީ، ހެނދުނު ގަޑީގަ އަންނާށޭ ޑޮކްޓަރާ މީޓް ކުރަންޏާ 9ން 11 އަށް" އައިޝާ ބުންޏެވެ.
އެހެންކަމުން ޖެހިގެން އައި ދުވަހު ހެނދުނު ނުވައެއް ޖެހިއިރު އައިޝާ ހޮސްޕިޓަލަށް ދިޔައީ ޑޮކްޓަރާ ބައްދަލު ކުރާށެވެ. އެހިސާބުންވެސް ބައްދަލުވީ ދައްތަގެ ޕްރައިމަރީ ޑޮކްޓަރާ ނޫންކަމަށް އައިޝާ ބުންޏެވެ.
އެދުވަހު ދިމާވި ޑޮކްޓަރު ކަމުގައިވާ އިންޓާނަލް ފިޒީޝަންއާ ސުވާލުކޮށް، އިނގިލިތަކުގެ ކުލަ ބަދަލުވާ ސަބަބު އެހުމުން، އެއީ ދޭ ބޭހެއްގެ ސަބަބުންނޭ، ޕްރެޝަރ ލޯވާތީ ކަމަށް ޑޮކްޓަރު އައިޝާއަށް ކިޔައިދިނެވެ.
" އިނގިލީގެ ކުރިއަށް ދެން ކިހިނެތްހޭ ވާނީ އެހީމަ ބުނީ އެތަންތަން ދެން ބޭނުމެއް ނުކުރެވޭނޭ. އަދި ބަލާނީއޭ ޑޯޒް ތިރިކޮށްފަ" އައިޝާ ބުންޏެވެ.
ނަމަވެސް ދައްތަގެ އިނގިލިތަކަށް ފަރުވާ ކުރުމަށް މާ ބޮޑު ކަމެއް ނުކުރާކަމަށް އައިޝާ ބުނެއެވެ.
"އެމީހުން އެޓެންޑް ވާނެ ކަމަށް ހީކުރީ. އެކަމަކު ފަހުން ކޮންމެ ދުވަހަކު އެހީމަވެސް ބުނަނީ ބޭސް އުނގުޅަނީއޭ. އެއްވެސް ވަރަކަށް ސަރޖިކަލް ސައިޑުން ޑޮކްޓަރަކާ ވާހަކަ ދައްކާ، އެކަހަލަ ކަމެއް ކުރާތަނެއް ނުފެނޭ" އައިޝާ ކިޔައިދިނެވެ.
އޭގެ ފަހުން ދައްތަގެ އަތުގެ އެތެރެވެސް ވަރަށް ބޮޑަށް އިންފެކްޓްވެފައި އޮއްވާ އައިޝާއަށް ފެނުނެވެ. އެހިސާބުން ދައްތަ އޭޑީކޭއަށް ބަދަލުކުރަން އައިޝާއާއި އާއިލާއިން ނިންމީއެވެ.
އެކަމާ ގުޅޭގޮތުން އޭޕްރީލް 15 ވަނަ ދުވަހު އައިޖީއެމްއެޗްއާ މަޝްވަރާ ކުރުމުން އެންމެ ރަނގަޅު ކަމަށް ބުނެ، އަނެއް ދުވަހު ހޮސްޕިޓަލުން ގުޅައި، ދައްތައަށް ކޮވިޑް ޖެހިފައިވާކަމަށް އައިޝާގެ އާއިލާއަށް އެންގިއެވެ.
އައިޖީއެމްއެޗްގެ ޑިސްޗާޖް ސަމަރީ
" ނަރުސްކުދިންވެސް އެއްޗެއް އެނގޭ ކަމަކަށް ނަހަދާ. އެކްސްޕްލެއިން ނުކޮށްދޭ ޕޭޝަންޓަށް ވާގޮތެއް. އޯރަލް އެއްވެސް ބޭހެއް ދީފައެއް ނެތް. ޕޭޝަންޓްގެ އަނގައިގެ ކައިރި ހަލާކުވެގެން، ނުކާން އުޅުނީމަ ބެލިއިރު ދޫ ހަލާކުވެ ވަރަށް ބޮޑަށް ދަތްތައް ހަޑިވެފަ. ތިން ހަފްތާ ވީއިރު އަނގަވެސް ސާފުކޮށްފައެއް ނެތް" އައިޝާގެ ދައްތަގެ ހާލަތު ކިޔައިދެމުން ބުންޏެވެ.
އައިޖީއެމްއެޗްގެ ޑިސްޗާޖް ސަމަރީ
ޖެހިގެން އައި ދުވަހު، ދައްތަ ކޮވިޑް ފެސިލިޓީއަށް ފޮނުވަން ޖެހޭނެ ކަމަށް އައިޖީއެމްއެޗްއިން އައިޝާގެ އާއިލާއަށް އެންގިއެވެ. ނަމަވެސް އަތަށް އެވަރު ވެފައި އޮތް 85 އަހަރުގެ މުސްކުޅި ބަލިމީހެއް އެހާލުގަ އޮއްވަ ފެސިލިޓީއަށް ފޮނުވަން އައިޝާގެ އާއިލާ ބޭނުމެއް ނުވިއެވެ.
އައިޖީއެމްއެޗްގެ ޑިސްޗާޖް ސަމަރީ
" ހޮސްޕިޓަލުން ބުނީ އަތޯ މައްސަލައަކީ. އެކަމް އައިޖީއެމްއެޗްގެ ސަރޖިކަލް ސައިޑުން ޕޭޝަންޓްގެ އަތަކާ ހަވާލެއް ނުވިއޯ، އެހެންވީމަ ޕޭޝަންޓް ގެއަށް ގެންދާށޯ. ބުނީމަ އަޅުގަނޑުމެން ބެލީ އޭޑީކޭ ކޮވިޑް ވޯޑް. އައިޖީއެމްއެޗްއާ ވާހަކަ ދައްކާފަ 16 ވަނަ ދުވަހުގެ ރޭ އޭޑީކޭއަށް ބަދަލު ކުރީ" އައިޝާ ކިޔައިދިނެވެ.
އައިޖީއެމްއެޗްގެ ޑިސްޗާޖް ސަމަރީ
ދައްތަ އޭޑީކޭއަށް ބަދަލު ކުރިފަހުން، ސާރުކުރަން އުޅުމުގެ ތެރޭފައި، ދައްތަގެ ފައިގެ އުކުޅުވަޅުގައި ބޮޑު ފާރުގަނޑެއް އިންކަން އެނގުނެވެ. އެއީ ސެންޓްރަލް ލައިން ގުލާފައިން ތަން ކަން އެހިސާބުން އެނގުނެވެ.
އައިޖީއެމްއެޗްގެ ޑިސްޗާޖް ސަމަރީ
ޖެހިގެން އައި ދުވަހު ހެނދުނު އޭޑީކޭއިން ދައްތަގެ ސާމްޕަލް ނަގައި، އަވަހަށް ސާޖަރީ ކުރަން ބޭނުންވާ ކަމަށް ބުންޏެވެ. ނަމަވެސް ކޮވިޑް އައިސޮލޭޝަންގެ މުއްދަތު ހަމަވާނީ އޭޕްރީލް 19 ވަނަ ދުވަހަށް ކަމުން، ސާޖަރީ މަޑުކުރަން ޖެހުނީއެވެ.
އެ މުއްދަތުގެ ތެރޭގައި ރިޕޯޓުތައް ލިބުމުން ޖަރާސީމަށް ބޭސް ދޭން ފެށިއެވެ. އަދި އޭޕްރީލް 24 ވަނަ ދުވަހު ސާޖަރީ ކުރިއެވެ.
"އަތުގެ އިނގިލިތައް ބުރިކޮށް، ފައިވަޅު ކަފާލާފަ އެތަނުގައި ހުރި ދޮސްތަކާ އެއްޗެހިވެސް ނެގީ. ކެނިއުލަރ ޖަހާފަ ހުރި ތަންތަން ހުރީ އެއްކޮށް ހަލާކުވެފަ ދޮސްވެސް ލާފަ. އެތަންތަން ރިމޫވް ކޮށްފަ ސްޓްރިޗް ކޮށްފަ ހުރީ" ސާޖަރީގެ ފަހުން ދައްތަގެ ހާލު ކިޔައިދެމުން އައިޝާ ބުންޏެވެ.
ސާޖަރިއަށް ދެ ދުވަސް ވީއިރުވެސް ހުރިހާކަމެއް ދިޔައީ ރަނގަޅަށެވެ. ނަމަވެސް ފަހުން ފައިވަޅުގައި ހުރިތަން ވަރަށް ބޮޑަށް ސަކަރާތްވެ، ދޮސް އަންނަ ވަރުން ކޮންމެ ދުވަހަކު ދެތިން ފަހަރު އެތާނގެ ބޭސްގަނޑު ބަދަލު ކުރަން ޖެހުނެވެ. ނަމަވެސް ދައްތަގެ އަތް ރަނގަޅުވަމުން ދިޔަ ކަމަށް އައިޝާ ބުނެއެވެ.
" އޭޕްރީލް 29ގަވެސް އަޅުގަނޑު ހުއްޓާ ބޭސް ބަދަލު ކުރިއިރު އަތް ވަރަށް ރީތިކޮށް ހުރީ" އައިޝާ ބުންޏެވެ.
ނަމަވެސް ސާޖަރީ ހެދުމަށްފަހުގައިވެސް ފައިވަޅުގެ މަސްގަނޑު ވަރަށް ބޮޑަށް ބަލިކަށިވެފައިވާ ކަމަށާއި އެތަނާހެދި މުޅި ހަށިގަނޑަށް އިންފެކްޝަން ފެތުރިފަ ހުރި ވާހަކަ ޑޮކްޓަރު ބުނިކަމަށް އައިޝާ ބުންޏެވެ.
އޭގެ ފަހުން ނޭވާލާން އުނދަގޫވެގެން އުޅުމަށްފަހު، އޭޕްރީލް 30 ވަނަ ދުވަހުގެ ހެނދުނު ދައްތަ ނިޔާވީއެވެ.
މި ހާދިސާއާ ގުޅިގެން އައިޖީއެމްއެޗްއިން ވަނީ ބަޔާނެއް ނެރިފައެވެ.
އާއިލާއިން މިހާރު ނިންމާފައި ވަނީ މިކަމާ ގުޅިގެން ކަމާ ގުޅުންހުރި އިދާރާތަކަށް ސިޓީ ފޮނުވުމަށެވެ. އޭގެ ތެރޭގައި ރައީސް އޮފީހަށާއި ރައްޔިތުންގެ މަޖިލިސް އަދި ހެލްތް މިނިސްޓްރީ ހިމެނެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists