ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް އެއަރފޯސްއާއި ނޭވީ އުފައްދާނަން - ޤާސިމް

12 Aug 2023 | 23:37
ޤާސިމް އިބްރާހީމާއި ކުރީގެ ރައީސް ޑޮކްޓަރ މުހައްމަދު ވަހީދު

ވެރިކަން ލިބިވަޑައިގެންފިނަމަ ދިވެހި ޜާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް ދިފާއުކުރުމަށް  ރާއްޖޭގައި އެއަރފޯސްއާއި ކޯސްޓްގާޑުގެ ބަދަލުގައި ނޭވީއެއް އުފައްދަވާނެކަމުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ޤާސިމް ވިދާޅުވީ ރާއްޖޭގައި އެއަރފޯސްއާއި ނޭވީ އުފައްދަވާނީ ދިވެހި ވައިގެ ސިފައިން ވައިގެމަގުން ދިވެހި ގައުމުގެ ވައިގެ ސަރަހައްދު ބަލަހައްޓައި އަމިއްލައަށް ސާވޭލަންސްކުރަމުން ގެންދިއުމަށާއި ނޭވީން ގައުމުގެ ކަނޑުގެ ސަރަހައްދު އަމިއްލައަށް ބަލަހައްޓަމުން ގެންދިއުމަށެވެ. އެއަރފޯސްއާއި ނޭވީ އުފެއްދެވުމަށްފަހު ސަލާމަތީ ބާރުތަކަށް ފޯރުކޮށްދޭންޖެހޭ ވަސީލަތްތައް ހޯއްދަވައިދެއްވާނެކަމަށް ވިދާޅުވިއެވެ. ދިވެހި ރާއްޖެވާންޖެހޭނީ އަމިއްލަފައިމައްޗަށް ތެދުވެ ހިންދެމިލައިގެން ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި މަސްލަހަތު ރައްކާތެރިކުރެވޭފަދަ ގާބިލްކަން ހުރި ބަޔަކަށް ކަމުގައި ވިދާޅުވިއެވެ. ޤާސިމް ވިދާޅުވީ އަބަދަކު އިންޑިއާއިން ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓައިދޭނެކަމަށް ދެކިގެންނުވާނެކަމަށެވެ.

ދިވެހި ސަރުކާރުން އިންޑިއާއިން 2.9 ބިލިޔަން ޑޮލަރުގެ ދަރަނި ނަގާފައިވާކަމަށްވެސް ގާސިމް ވިދާޅުވިއެވެ. އެހާ ބޮޑު ދަރަންޏެއް ނަގާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އެކަމުގެ އެއްވެސް މައުލޫމާތެއް ދީފައިނުވާކަމަށް ވިދާޅުވިއެވެ. ސަރުކާރުގެ ދަރަނިތައް ބޮޑުވެގެންގޮސް މިއަދު ދިވެހި ސަރުކާރުންދޭ ސޮވޮރިން ގެރެންޓީ ގަބޫލުކުރާނެ ބަޔަކުވެސް ނެތްކަމަށްވެސް ވިދާޅުވިއެވެ. ދަރަނި ނަގަމުންދާއިރު ރާއްޖެއަށް އާމްދަނީ ލިބޭނެ އެއްވެސް ކަމެއް ކޮށްފައިނެތްކަމަށާއި އަބަދުވެސް ޓެކްސް ބޮޑުކޮށްގެން ރައްޔިތުން ފެލަންވީތޯ ސުވާލު އުފެއްދެވިއެވެ. ޤާސިމް ވިދާޅުވީ ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމުގެ ހައްލު އޭނާގެ އަތްޕުޅުގައި އޮތްކަމަށެވެ. ދަރަނި ދައްކާނެގޮތްވެސް ވިސްނުންފުޅުގައި ހުރިކަމަށް ވިދާޅުވިއެވެ. ދިވެހި ރައްޔިތުންނަށް ލުއިފަސޭހަކަމާއި ތަނަވަސްކަން ހޯދައިދިނުމުގައި އަމިއްލަފުޅު އެދުމެއް ކުރިއަށް ނެރެންޖެހޭ އެއްވެސް ސަބަބެއް މިއަދަކު އޭނާގެ ކުރިފުޅުމަތީގައި ނެތްކަމަށް ވިދާޅުވިއެވެ. ބޭނުންފުޅުވަނީ އޭނާފަދައިން ރައްޔިތުންނަށް ތަނަވަސްކަން ލިބި އުފާވެރި ދިރިއުޅުމެއްގައި އުޅެވޭނެ މަގުތަނަވަސްވުންކަމުގައި  ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement