ހަބަރު
08 Sep 2023 | 16:52
"އެއީ ހަމަ ރައްޔިތުންގެ ލާާރިއޭ" ބުނެ ތިޔަ ހިފަނީ ހަރާމް ލާރީގައި ކަން ހަމަ ނޭނގެނީ ހެއްޔެވެ؟

ކޮންމެ އިންތިޚާބަކާއި ގުޅިގެންވެސް އެންމެ ގަދައަށް ދެކެވޭ އެއް ވާހަކަ އަކީ ރިޝްވަތުގެ ވާހަކައެވެ. ވަކި ކެންޑިޑޭޓަކަށް ވޯޓުލާން އެއްބަސްވެއްޖެ ނަމަ، އެވެނި ވަރަކަށް ފައިސާ ދޭނަމޭ ބުނާ ވާހަކައެވެ. ނުވަތަ ތިމަންނަ ވޯޓުލާނީ މިވެނި ވަރަކަށް ފައިސާ ދޭ މީހާ އަށޭ، ނޫނީ މިވެނި އެވެނި އެއްޗެއް ދޭ މީހާ އަށޭ ކިޔައި، މީސްމީޑިއާގެ އެކިއެކި މަންސަތަކާއި، އެނޫންވެސް ތަންތަނުގައި ވާހަކަދައްކާ މީހުން ނިސްބަތުން ވަރަށްވެސް ގިނައެވެ. ބައެއް މީހުން އެ ވާހަކަ ދައްކަނީ "މަޖަލަކަށް" ކަމަށް ބުނެއެވެ. އެހެން ނަމަވެސް އެއީ މަޖަލަކަށް ވެސް ބުނަން ހެޔޮވާ ވަރުގެ އެއްޗެއް ހެއްޔެވެ؟ އެހެނީ ތިމަންނަ އެވެނި މިވެނި ފާފައެއް ކުރާނަމޭ "މަޖަލަކަށް" ބުނި ނަމަވެސް، ތިމާ އެ ބުނި ބަސް، ނުވަތަ އެ ޝެއާކުރި ޕޯސްޓު އެއީ ފަހު ދުވަހުން ތިބާ ޖަވާބުދާރީވާން ނުޖެހޭ ކަމެއް ކަމުގައި ނުވާނެ ހެއްޔެވެ؟ އެދުވަހުން އެއީ މަޖަލަކަށް ކުރި ކަމެކޭ ބުނެ، އެކަމުން ރެކެވޭނެ ގޮތެއް އޮންނާނެ ހެއްޔެވެ؟ 

"އެއީ ރިޝްވަތެއް ނޫން, އެއީ ރައްޔިތުންގެ ލާރި"

މީގެ ކުރިން، "މަޖަލަކަށް" ރިޝްވަތުގެ ވާހަކަ ދެއްކުމާއި ހަމައިން އާއްމުކޮށް އެކަން ނިމިގެން ދިޔަ ނަމަވެސް، މިއަދު ރާއްޖެ މިވަނީ އެކަން އައު ހަރުފަތެއް ގިރާކޮށް، އެއްކަލަ މަޖަލަކަށް ރިޝްވަތުގެ ވާހަކަ ދެއްކި މީހާ އާއި އެނޫންވެސް މީހުންނަށް ހަދިޔާއެއްގެ ގޮތުން ލިބޭ އެއްޗަކަށް އެ ފައިސާ ލިބޭ ގޮތްވެފައެވެ. އޭރު އެ ފައިސާ އަކީ ރިޝްވަތެއް ކަމަށް ބުނެ، ނުހިފާނެ ކަމަށް ބުނަމުން އައި މީހުން، މިހާރު އޭގައި ހިފަމުން އަންނަތަން މިދަނީ ފެންނަމުންނެވެ. 

ދެން، މިވާހަކަ ދެއްކުމުން، އެ ފައިސާގައި ހިފާ މީހުން ދައްކަމުންދާ ހުއްޖަތަކީ އެ ބަހަމުންދާ ފައިސާ އަކީ ރައްޔިތުންގެ ފައިސާ ކަމަށެވެ. އެހެންކަމުން، އެއީ ރައްޔިތުންނަށް ހައްގު ފައިސާއެއް ކަމަށާ، އެ ފައިސާގައި ހިފުމަކީ ރިޝްވަތަކަށްވެސް ނުވާނެ ކަމަށެވެ. އެހެންނަމަވެސް، އެއީ ރައްޔިތުންގެ ފައިސާ ނަމަ، އެ ބަހަންވާނީ އެންމެންގެ މެދުގައި ހަމަހަމަ އުސޫލެއްގެ މަތިން ނޫން ހެއްޔެވެ؟ ވަކި ބަޔަކަށް ވަކި ޝަރުތެއް ކުރުމަށްފަހު، ދެފަރާތަށް ދުނިޔަވީ މަންފާތައް ލިބޭ ގޮތަށް ތިޔަ ބުނާ "ރައްޔިތުންގެ ފައިސާ" ބެހުމަކީ އިންސާފެއް ކަމަށްވެސް ގަބޫލު ކުރެވޭ ހެއްޔެވެ؟ ޔަގީނުންވެސް ނުކުރެވޭނެ އެވެ. 

ވޯޓަކީ އަމާނާތެއް

ވޯޓު ވިއްކުން ރާއްޖޭގައި އާއްމުވެފައިވާ މިދުވަސްވަރުގައި ރާއްޖޭގެ ގިނަ ޢިލްމްވެރިން ތަކެއް ވަނީ އެކަމުގެ ހުރި ނުބައި ކަމާއިމެދު އަލި އަޅުއްވާ ލައްވާފައެވެ. 

އެގޮތުން ވޯޓު ދިނުމަށް އެދި އެ ދޭ ފައިސާ އަކީ ރިޝްވަތެއް ކަމުގައި ހުރިހާ ޢިލްމުވެރިންވެސް، އިއްތިފާގުވެ ވަޑައިގަންނަވައެވެ. އަދި ރިޝްވަތު ހިފުމަކީ ލަޢުނަތް ލެއްވިގެންވާ ކަމެއް ކަމުގައި އެ ޢިލްމުވެރިން އަންނަނީ ހާމަ ކޮށްދެއްވަމުންނެވެ. 

ކީރިތި ރަސޫލާ ޞައްލައްالله ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވަފައިވާ ބަސްފުޅެއްގެ މާނައިގައިވަނީ "ރިޝްވަތު ދޭ މީހާއާއި ރިޝްވަތުގައި ހިފާ މީހާއާއި އަދި ރިޝްވަތުގެ ކަންތައް ހަމަޖެއްސުމަށް އެ ދެމެދުގައި ހިނގާ މީހާއަށް މާތް الله ލަޢުނަތްލެއްވިއެވެ."

ލަޢުނަތް ލެއްވުމަކީ މާތް الله ގެ ރަހުމަތުން އެމީހަކު އެއްކިބާ ކުރުމެވެ. 

މީގެ އިތުރުން ވެސް މި މައްސަލައިގައި ހުރި ކަންކަމާއި ގުޅިގެން އަލި އަޅުއްވާ ލައްވަމުން ޝެއިޚް ޝުޢައިބު ނާޒިމް ވަނީ ވޯޓަކީ އަމާނާތެއް ކަމަށާ، އެހެން ކަމުން އެއަށް ޚިޔާނާތްތެރި ވުމަކީ ވަރަށްވެސް ނުރައްކާތެރި ކަމެއް ކަމަށް ވިދާޅުވެފައެެވެ. 

ބައެއް މީހުންނަށް ހީވެފައި މި އޮންނަނީ ވޯޓަކީ ތިމަންނަ އަށް ލިބިފައިވާ ހައްގެކޭ. އެހެންވީމާ ތިމަންނަ ބޭނުން މީހަކަށް އެ ވިއްކަންވީއޭ. ތިމަންނަ އަށް މުދަލެއްގެ ގޮތުގައިި ލިބިފައިވާ ހައްގެކޭ. ތިމަންނައަށް ވިޔަފާރިއެއް، ނުވަތަ ވަޒީފާއެއް ނުވަތަ ރަނގަޅު އަގެއް ހުށަހަޅާ މީހަކަށް ތިމަންނަ ވޯޓު ވިއްކާލަންވީއޭ. ނަމަވެސް ވޯޓަކީ އޭގެ ޒާތުގައި ބަލާނަމަ، އަޅުގަނޑުމެންގެ އަތުގައިވާ އަމާނާތެއް. މާތް الله ސުބްޙާނަހޫ ވަތަޢާލާ އަހަރެމެންނަށް އަމުރު ކުރައްވާފައި ވަނީ އަމާނާތްތައް އޭގެ އަހުލުވެރިންނަށް ރައްދު ކުރެއްވުމަށް. އަދި ވޯޓަކީ އެކަމަށް ކުރިމަތިލައިގެން ތިބޭ މީހުންނާމެދުގައި އަޅުގަނޑުމެން ކުރާ ހުކުމެއް. އަޅުގަނޑުމެން މި ހުކުމް ކުރަނީ އޭގެ ތެރެއިން އެންމެ ރަނގަޅީ ކާކުތޯ. އެހެންވީމާ އަޅުގަނޑުމެން ހުކުމް ކުރާއިރުވެސް، މާތް الله އަމުރު ކުރައްވާފައި ވަނީ އަދުލުވެރިކަމާއިއެކު ހުކުމް ކުރުމަށް. 

ޝެއިޚް ޝުޢައިބު ނާޒިމް 

ވޯޓު ފައިސާގައި ހިފިއްޖެ, ދެން ކިހިނެއް ހަދާނީ؟

ވޯޓްލުމަށް އެދި ދެވޭ އެ ފައިސާ، ނުވަތަ ވަޒީފާ ނުވަތަ އެހެންވެސް މަންފާއެއްގައި ހިފުމުގެ ހުރި ނުބައިކަން ނޭނގި ހުރެ އޭގައި އެތަށް ބަޔަކު ހިފާފައިވާއިރު، ދެން އުފެދޭ ސުވާލަކީ ދެން ކަން ކުރަންވީ ކިހިނަކުންތޯ އެވެ. 

އެ ސުވާލުގެ ޖަވާބު ވެސް ޢިލްމުވެރިން ވަނީ ދެއްވާފައެވެ. އެގޮތުން، އެކަމުގެ ހުރި ނުބައިކަން އެނގުމާއި ހިސާބުން ތަޢުބާވެ މާތް الله ގެ މަގަށް ރުޖޫޢަވާން ޖެހެއެވެ. އަދި އެ ފައިސާ ހިފުނު ކަމަށްޓަކައި އެ ދިން މީހާ އަށް ވޯޓު ލުމަކީ ކުރަންޖެހޭ ކަމެއް ނޫން ކަމަށާ، އެފަދައިން ވޯޓު ދިނުމަކީ އެއް ފާފައަށް އަރައި ގަތުމަށްފަހު އަނެއް ފާފައަށް އަރައިގަތުން ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. އެހެންކަމުން އޭގެ ބަދަލުގައި އެ އަމާނާތް އޭގެ ހައްގު ވެރި ފަރާތަށް ރައްދު ކުރެއްވުމަށް ޢިލްމުވެރިން ވަނީ ނަސޭހަތްތެރިވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.