Advertisement

އެމްޑީޕީން މަސައްކަތް ކުރަނީ ޑރ. މުޢިއްޒުގެ ސަރުކާރަށް ޖެއްސުން ކުރަން؛ އޭގެ ހެކި އެބަ ފެނޭ: އާޒިމް

މިއަދު ބޭއްްވުނު ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ މަޖިލިސް

މަޖިލީހުގެ މެޖޯރިޓީ ޕާޓީ, އެމްޑީޕީން މަސައްކަތް ކުރަނީ އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތަށް ހުރަސް އަޅައި، އެމަނިކުފާނުގެ ސަރުކާރަށް ޖެއްސުން ކުރުމަށް ކަމަށް، ދަ ޑިމޮކްރެޓްސް ގެ ޕީޖީ ލީޑަރު ޢަލީ ޢާޒިމް ވިދާޅުވެއްޖެއެވެ. 

މަޖިލީހުގެ މިއަދުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް އެމްޑީޕީން ހުރަސްއެޅުމާއި ގުޅިގެން ދަ ޑިމޮކްރެޓްސް ގެ ޕާލަމެންޓްރީ ގްރޫޕުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޢާޒިމް ވިދާޅުވީ، މަޖިލީހުގެ ކުރިއަށް ގެންދަން ވަރަށް މުހިންމު މަސައްކަތްތައް ހުރި ކަމަށެވެ. އެގޮތުން ބަޖެޓް ފާސްކުރުމުގެ މަސައްކަތުގެ އިތުރުން އިންތިޚާބީ ރައީސް ހުވާ ކުރުމުގެ މަސައްކަތް އޭނާ ފާހަގަކުރެއްވިއެވެ.

"އެމްޑީޕީން މިހާރު މަސައްކަތް ކުރަމުންދަނީ، އިންތިޚާބީ ރައީސް އަދި ދެންއޮތް ސަރުކާރަށް ޖެންސުންކޮށް އެކިއެކި ގޮތް ގޮތުން އެކަން (މުޢިއްޒު ހުވާ ކުރުން) ވިޔަ ނުދޭން ކަމަަށް އަޅުގަނޑުމެން ދެކެން. އޭގެ ބައިވަރު ހެކިތައްވެސް ފެންނަން އެބަހުރި. ތަފާތު ގޮތް ގޮތުން މަޖިލިސް ހުއްޓުމަކަށް ގެނެސްދެވޭތޯ މަސައްކަތް ކުރަމުންދަނީ."

މައިނޯރިޓީ ލީޑަރު ޢަލީ ޢާޒިމް 

އާޒިމް ވިދާޅުވީ، މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 2024 ދައުލަތުގެ ބަޖެޓްގެ މަސައްކަތް ތާވަލް ކޮށްފައި ވަނިކޮށް އެކަމަށް ވެސް އެމްޑީޕީ މެންބަރުން ހުރަސް އަޅާފައިވާއިރު، ބަޖެޓްގެ މަސައްކަތް ކުރިއަށް ނުގެންގޮސް ކުރިއަށް އޮތް ސަރުކާރަށް ކުރަން ހުރި މަސައްކަތްތައް ވެސް ކުރިމުގައި ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހޭނެ ކަމަށެވެ. 

އަދި އެމްޑީޕީގެ ފަރާތުން ފެންނަމުންދާ ނޭދެވޭ އަމަލުތައް ހުއްޓާލުމަށް ޑިމޮކްރެޓްސް ގެ ފަރާތުން ތަކުރާރުކޮށް އެދިފައިވާނެ ކަމަށާ، އެހެން ނަމަވެސް، އެއްބާރުލުން ނުލިބޭ ކަމަށް އާޒިމް ވިދާޅުވި އެވެ. 

އާޒިމް ވިދާޅުވީ، ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އޮއްވާ އެހެން މައްސަލައެއް ކުރިއަށް ނުގެންދެވޭނެ ކަމަށް އެމްޑީޕީން ބުނި ނަމަވެސް، މީގެ ކުރިން އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުނު ފަހުންވެސް މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. 

އާޒިމް އެ އިޝާރާތްކުރެއްވީ ރިޔާސީ އިންތިހާބުގެ ކުރިން ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅިފައި ވަނިކޮށް މަޖިލީހުގެ އެހެން މަސައްކަތް ކުރިއަށް ގެންގޮސްފައިވާތީ އެކަމަށެވެ. 

"އެހެންވީމާ އެމްޑީޕީން އެދައްކާ ވާހަކަ ދައްކަނީ، ދެން އަންނަން އޮތް ސަރުކާރަށް ޖެއްސުން ކުރުމަށް ނުވަތަ އެ ސަރުކާރު ހިންގުމުގެ މަސައްކަތަށް ހުރަސްއެޅުމުގެ ވިސްނުން ވަރަށް ބޮޑަށް އޮތަތީވެ ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ." ޢާޒިމް ވިދާޅުވި އެވެ. 

Advertisement

ކޮމެންޓް
ނުރަބޯ
ތިޔައީ އޮޅިފައޮތް ކަމެއް ނޫން. ޑރ މުޢިއްޒުގެ ސަރުކާރު ގާއިމު ވުމުން، އަނިޔާވެރި ޞޯލިޙަށް އޭނާ މިނެދިން ނާޅިއަކުން މިނެދޭނެ ކަމަށް ހީކުރަން.
01 Nov 2023

Advertisement