Advertisement

މިއީ އިވޭ އަޑުތަކާއި، ލިބޭ މަޢުލޫމާތުން ދޮގުތެދު ވަކިކުރާ އަހަރަކަށް ހެއްދެވުމަށް ރައީސް އިލްތިމާސްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު-- ފޮޓޯ/ރައީސް އޮފީސް

މި ފެށުނު އައު އަހަރަކީ އާ އަހަރަކީ އިވޭ އަޑުތަކާއި، ލިބޭ މަޢުލޫމާތުން ދޮގުތެދު ވަކިކުރާ އަހަރަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގެންނެވީ ދިވެހިރައްޔިތުންނަށް އައު އަހަރުގެ ތަހުނިޔާ ވިދާޅުވެ ފޮނުއްވި ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ތަރައްޤީއަށްޓަކައި ވިސްނުންތެރިކަމާއި ހަމަޖެހުން ބޭނުންވާކަން ފާހަގަކުރެއްވިއެވެ. އަދި އައު އަހަރަކީ އިވޭ އަޑުތަކާއި ލިބޭ މަޢުލޫމާތުގެ ދޮގުތެދު ވަކިކުރާ އަހަރަކަށް ހެދުމަށާއި ނަފުސުގެ ތެދުވެރިކަމުގެ މައްޗަށް ބިނާކުރާ އަހަރަކަށް ހެދުމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން ފާއިތުވެގެންދިޔަ އަހަރަކީވެސް ދިވެހިން މުހިންމު ނިންމުންތަކެއް ނިންމައި ކުލަގަދަ ތަސައްވުރެއް ކުރެހި އަހަރެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގައި ބޭރުގެ އެއްވެސް ޢަސްކަރީ ބާރެއް އޮވެގެންނުވާނެކަމަށާއި ދުނިޔޭގެ އެހެން ޤައުމުތައް ޙާޞިލުކުރާ ފަދަ ކުރިއެރުމާއި ތަހުޒީބާއި ތަރައްޤީ ބޭނުންކަން ދިވެހިން ނިންމާފައިވާކަން ޚިޠާބުގައި ފާހަގަކުރެއްވިއެވެ. އަދި އެ ކަމަށް ޓަކައި ފިކުރީ ގޮތުން ޖީލުތައް އިސްލާމީ، ދިވެހި ޤައުމީ ސިފަތަކާއެކު ބިނާކުރަން ބޭނުންވާކަމަށް ވެސް ދިވެހިން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ޚިތާބުގައި ފާހަގަ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވީ ދިވެހިން އައު ސަރުކާރެއް ހޮވައި ދިވެހިންގެ އެ ނިންމުންތައް ހަޤީޤަތަކަށް ހެދުމަށް އެސަރުކާރާ ހަވާލުކޮށްފައިވާކަމަށާއި އަދި ސަރުކާރު ކުރިޔަށްދާނީ އެ މަސްއޫލިއްޔަތު ތެދުވެރިކަމާއި ޒިންމާދާރުކަމާއެކު އަދާކުރުމުގައި ކަމަށެވެ.

ހަމައެހެންމެ ނިމިދިޔަ އަހަރުގެ ފަހު ހަފުތާތަކާއި، މި ފެށުނު އަހަރުގެ ފުރަތަމަ ހަފުތާތަކަކީ މިސަރުކާރުގެ ހަފުތާ ސާދައިގެ ތެރޭގައި ގިނަގުނަ ވަޢުދުތަކެއް އަކުރުން އަކުރަށް ސީދާ ސުންގަޑިއަށް ފުއްދަމުންދާ ދުވަސްތަކެއްކަން ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ.

މިއާއެކު ރައީސުލްޖުމުހޫރިއްޔާ ވަނީ އާ އަހަރަކީ ތިމާގެ އަމިއްލަ ނަފުސު ތެދުވެރިކަމުގެ މައްޗަށް ބިނާކުރާ އަހަރަކަށް ހެދުމަށް އެދިވަޑައިގެންފަ އެވެ. 

"އާ އަހަރަކީ އިވޭ އަޑުތަކާއި، ލިބޭ މަޢުލޫމާތުން ދޮގުތެދު ވަކިކުރާ އަހަރަކަށް ހަދަމާތޯއެވެ! އާ އަހަރަކީ ޙަޤީޤަތް ޤަބޫލުކޮށް، އާ އުންމީދުތަކާއި، އާ ކުރިއެރުންތަކާ އެކު ހަލުވިކޮށް ކުރިޔަށްދާ އަހަރެއް ކަމުގައި ހަދަމާތޯއެވެ! އަޅުގަނޑުމެން ދިވެހީންނަކީ އެއް ޤައުމެކެވެ. އެއް ބައެކެވެ."

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު 

ރައީސުލްޖުމްހޫރިއްޔާ ގެ ޚިތާބު ނިންމަވާލައްވާފައި ވަނީ، ދިވެހިންނަކީ ހެޔޮ ބަސް އަހާ، ހެޔޮ ބަސް ގަބޫލުކުރާ ބަޔަކު ކަމުގައި ލައްވައި، ދޮގު ބަސްތައް އުފެއްދުމާއި، ދޮގު މަޢުލޫމާތުތައް ފެތުރުން ފަދަ ނޭދެވޭ އައިބު އަމަލުތަކުން ދޫތަކާއި އަތްތައް ސަލާމަތް ކުރައްވައި، ސާފު ހިތަކައިގެން ދިރިއުޅުމުގެ ހެޔޮ ނަސީބު މިންވަރު ކުރައްވާފައިވާ ބައެއް ކަމުގައި ލެއްވުން އެދި ދުޢާ ކުރައްވަމުންނެވެ. 

Advertisement

ކޮމެންޓް