ގިނަ ބިލްތަކެއް "ތާށިވެފައި" ހުއްޓައި މުއްދަތެއް ނެތް ގޮތަށް މަޖިލިސް މެދުކަނޑާލައިފި

13 Mar 2019 | 13:43

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގިނަ ބިލްތަކާއި މެދު ގޮތެއް ނުނިންމައި ޖަލްސާތައް ވަކި މުއްދަތެއް ނެތް ގޮތަށް މެދު ކަނޑާލައިފިއެވެ.

މަޖިލީހުގެ މީޑިއާ ޑިރެކްޓަރާއި ހަވާލާދީ "މިހާރު" ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދަން މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމް ނިންމެވީ ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.

ގާސިމް މިގޮތަށް ނިންމެވި އިރު މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ކޮންމެ ހަފްތާއަކު 3 ޖަލްސާ ބާއްވަން ޖެހެއެވެ.

މަޖިލީހުގެ ޖަލްސާތައް މުއްދަތެއް ނެތްގޮތަށް މެދުކަނޑާލާފައި މިވަނީ މަޖިލީހުގެ ރައީސް ގާސިމް އިދިކޮޅު ޕީޕީއެމް އާއި އެކު މަޖިލީހުގެ ބައެއް ގޮނޑިތަކަށް ވާދަކުރަން ނިންމާފައި ވަނިކޮށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ސަރުކާރުގައި ގާސިމްގެ ޖުމްހޫރީ ޕާޓީގެ ގިނަ ވަޒީރުންތަކެއް ތިއްބަވަނިކޮށް ގާސިމް މިގޮތަށް ނިންމެވުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

އެގޮތުން ޖޭޕީއަށް ނިސްބަތްވާ ބައެއް ބޭފުޅުން ވެސް ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

Advertisement

ކޮމެންޓް