Advertisement

ރޯދަމަހު ފަހު ދިހައެއްގައި ޝެއިޚް އިބްރާހިމް މެންކުގެ ޚާއްސަ ސިލްސިލާ ދަރުސްތަކެއް ސަލްމާން މިސްކިތުގައި!

ޝެއިޚް އިބްރާހިމް މެންކު

ޒިންބާބުވޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އިބްރާހިމް މެންކުގެ ޚާއްސަ ސިލްސިލާ ދަރުސްތަކެއް މި ރޯދަމަހުގެ ފަހު ދިހައެއްގައި ސަލްމާން މިސްކިތުގައި ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިއްޖެއެވެ. 

އަލް ޢަސްރު ޖަމިއްޔާއިން އިސްލާމިކް މިނިސްޓްރީ އާއި ގުޅިގެން ކުރިއަށް ގެންދާ މި ސިލްސިލާ ދަރުސްތައް އޮންނާނީ ރޯދަ މަހުގެ ފަހު ދިހައެއްގެ ކޮންމެ ދުވަހަކު އަސުރު ނަމާދަށްފަހު ސަލްމާން މިސްކިތުގައެވެ. 

އިނގިރޭސި ބަހުން ދެއްވާ މި ސިލްސިލާ ދަރުސްތަކުގައި މިފަހަރު ޝެއިޚް އަލިއަޅުވާލައްވާނީ އަހަރެމެންގެ ލޮބުވެތި ރަސޫލާ މުހައްމަދު (ޞޢވ) ގެ ހަޔާތްޕުޅުގައި އެކަލޭގެފާނަށް ކުރިމަތިލައްވަން ޖެހި ވަޑައިގެންނެވި ހިތާމަތަކާއި އެކަން ކަމާއި އެކަލޭގެފާނު ކުރިމަތިލެއްވި ގޮތުގެ މައްޗަށް ކަމަށް އަލް އަސްރުން ވޮއިސް އަށް ވަނީ މައުލޫމާތު ދީފައެވެ.

Advertisement

އަދި މީގެ އިތުރުން ސުންނަތުގެ އަލީގައި އަހަރެމެންގެ ދިރިއުޅުމުގައި ދިމާވާ އެކިއެކި ހިތާމަތަކާއި ކުރިމަތިލާނެ ގޮތަށްވެސް ދަރުސް ތަކުގައި އަލިއަޅުވާލައްވާނެ ކަމަށް އަލް އަސްރުން ބުނެއެވެ. 

ބެންކް އޮފް މޯލްޑިވްސް އިސްލާމިކްގެ ސްޕޮންސަރޝިޕާއިއެކު ކުރިއަށް ގެންދާ މި ދަރުސްތަކުގެ މީޑިއާ ޕާޓްނަރަކީ “ވޮއިސް” އެވެ. އަދި މި ހުރިހާ ދަރުހެއް ވޮއިސް މެދުވެރިކޮށް ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ. 

ޝެއިޙް އިބްރާހިމް މެންކް އަކީ ސަޢުދިއަރަބިއްޔާގެ މަދީނާ ޔުނިވަރސިޓިގެ ގްރެޖުއޭޓެކެވެ. ޝެއިޙް އިބްރާހިމް މެންކް ވަނީ މީގެ ކުރިންވެސް ދެފަހަރު މަތިން މިފަދަ ސިލްސިލާ ދަރުސް ރާއްޖޭގައި ދެއްވާފައެވެ. 

އެގޮތުން އަލް ޢަސްރުން އިންތިޒާމް ކޮށްގެން 2019 ގައި "ދަ ލޯޑް އޮފް ދަ ވޯރލްޑްސް" މި ނަމުގައި ޝައިހް އިބްރާހިމް މެންކް ގެ ދަރުސް ސިލްސިލާއެއް ބާއްވާފައިވާއިރު، 2022 ވަނަ އަހަރުވެސް އެ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން "ލިވިންގ ވިތް ޤުރްޢާން" ނަމުގައި ސިލްސިލާ ދަރުސް ތަކެއް ކުރިއަށް ގެންގޮސްފައި ވެއެވެ.

ޝައިހް އިބްރާހިމް މެންކް އަކީ ޒިމްބާބްވޭގެ މަޝްހޫރު ދާއީ މުފްތީ އިސްމާއިލް މެންކް އަށް ބޮޑުބޭބެ ވިދާޅުވާ ބެފުޅެކެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement