ޕިއްޒާކިޗަން ކުރު ވާހަކަ: އެއީ ލޯބި ހެއްޔެވެ؟

Share on facebook
Share on twitter
Share on telegram
Share on whatsapp

ލޯތްބޭ ބުނީމައި ހިތަށް އަރަނީ ކީކޭހެއްޔެވެ؟. އެކި މީހުން ލޯބި ސިފަކުރަނީ އެކި ގޮތަށެވެ. އެއްބަޔަަކަށް ލޯތްބަކީ ކުރެވޭ އިހުސާސެކެވެ. އަނެއް ބަޔަކަށް އެއީ ވާ އެއްޗެކެވެ. ލޯބީގައި ދިވާނާވާ މީހުންވެސް މަދެއް ނޫނެވެ. ލޯތްބަށްޓަކައި ޤުރުބާންވާ މީހުންނާއި، ލޯތްބަށްޓަަކައި އިންތިޒާރުކުރާ މީހުންނެވެ. ލޯބީގައި ކާމިޔާބު މީހުންނާއި ނާކާމިޔާބުވާ އެތައް ބައެކެވެ. ބައެއް މީހުންނަށް މީހަކު ދެކެ ލޯބިވެވޭއިރުވެސް އެއީ ލޯބި ކަމެއް ނޭނގެއެވެ. ކޮންމެއަކަސް ލޯތްބަކީ ޒާތެއްގެ އިހުސާސެެކެވެ. އަހަރެންނަށްވެސް މިބުނި އިހުސާސް ކުރެވުނެވެ. ލޯބި އޭގެ އިންތިހާ ދަރަޖައަށެވެ. މިއަދާ ހަމައަށްވެސް އަހަރެންނަށް އެ ލޯބި މަތިން ހަނދާންނައްތައެއް ނުލެވުނެވެ.

އެއީ މީގެ ދެ އަހަރު ކުރިއެވެ. އަހަރެންގެ ކައިވެންޏަށް ފަސް އަހަރު ފާއިތުވެގެން ދިޔައީ ފެމިލީ ކޯޓު ތެރެއިންނެވެ. ޒަވާޖީ ހަޔާތުގެ ގޮށް ދޫވެ، އެ ގުޅުން މުލުން ލުހިގެން ގޮސްދާނެ ކަމަކަށް އަހަރެން ކުޑަކޮށްވެސް ހިތަކަށް ނާރަމެވެ. އަހަރެންގެ ޒަވާޖީ ހަޔާތް ފުނޑުފުނޑު ވީ ހިސާބުން، މީހުން މަތިން އެއްކޮށް ފޫހިވިއެވެ. އަންހެނެއް ފިރިހެނެއް ކިޔާނެ ކަމެެއް ނެތެވެ. ނަމަވެސް އަަހަރެންގެ ގާތް އެކުވެރިންނާއި ޢާއިލާ މީހުންގެ ހިތްވަރާއެކު އަހަރެން ހުރީ ކެތްތެރިކަމާއެކު ދިރިއުޅުމައިގެން ކުރިއަށް ދާށެވެ. މީހުން މަތިން ފޫހިވިއެއް ކަމަކު، ބައެއް ފަހަރު އެކަނިވެރިކަން އިހުސާސް ވެސް ވެއެވެ. އެކަހަލަ ވަގުތު ތަކުގައި ކައިރީގައި މީހަކު ހުންނާނެ ނަމައޭ ހިތަށް އަރައެވެ. ވަރިވިތާ ހަ މަސްދުވަސްވީއިރު އަހަރެން ހުރީ މީހަކާއި ވާހަކަދައްކާލަން ބޭނުންވެފައެވެ. އެކަނިވެރިކަމުގެ ސަބަބުން ގޯހެއް ހެދިދާނެތީއެވެ. އަދި އަަހަރެން ބޭނުންވީ މާޒީގެ ކަންކަން ހަނދާންނައްތާލާށެވެ. އެކަނި ހުރެ، އެކަން ނުވާނެކަން ޔަޤީންވުމާއެކު، ޓައިމް ޕާސް އަކަށް ނަމަވެސް މީހަކާއި ވާހަކަދައްކާލަން ހިތަށް އެރިއެވެ.

ޒަމާނަކީ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ޒަމާނެކެވެ. އަހަރެންނަކީ އަބަދުވެސް ސޯޝަލް މީޑިއާ ތެރޭގައި ފުދޭވަރަކަށް އެކްޓިވްކޮށް އުޅޭ މީހެކެވެ. އެއީ އަހަރެންނާއި، އަހަރެންގެ ގާތް ރައްޓެހިންނާއެކު ފޫހިފިލުވާލުމުގެ ގޮތުން ބޭނުން ކުރާ ޕްލެޓްފޯމެކެވެ. އަހަރެން ފޭސްބުކް ބޭނުންކުރާތާ އެތައް ޒަމާނެއްވީ އިރުވެސް، ހާލަކުން ފަހަރަކު ނޫނީ، އިސްވެ މީހަކާއި އަނގައިން ނުބުނަމެވެ. އަހަރެންގެ ފޭސްބުކުގައި ގިނަވާނީ އަހަރެން ދަންނަ މީހުންނެވެ. މަދުން ނަމަވެސް ރެންޑަމްކޮށް އެޑުކޮށްފައި ތިބި މީހުން އުޅެއެވެ. އެއްދުވަހަކު އޮފީހުގައި އިނދެފައި، ފޫހިވެގެން ފޭސްބުކް ފްރެންޑް ލިސްޓް ހާވަން ފެށިމެވެ. މިގޮތަށް ހާވަމުން ދަނިކޮށް ލޮލުގައި އަޅައިގަތީ، އަހަރެންނަށް މީގެ ދެ ހަފުތާކުރިން ރިކުއެސްޓް އައިސްގެން އެޑުކުރި މީހެއްގެ ޕްރޮފައިލަށެވެ. ނަމަކަށް އިނީ "އިސްމާޢީލް އިމްދާހު" އެވެ. އަހަރެން އޭނާގެ ޕްރޮފައިލް ބަލާލީމެވެ. އޭނާ ޕްރޮފައިލްގައި އިިން ފޮޓޯ ފެނިފައި އަހަރެން ފުރަތަމަ ހީކުރީ އެއީ ޑޮކްޓަރެއް ކަމަށެވެ.

އަަހަރެން ތަންކޮޅެއް ކުރިން ދެއްކި ޑޮކްޓަރަކާއި އޭނާއާއި ވަރަށް ވައްތަރެވެ. "އަނެއްކާ އަހަރެން މީނަގެ ރިކުއެސްޓް އެކްސެޕްޓްކޮށްފައި މީނީ މިހެންވެގެންބާ؟." އަހަރެންނަށް ހިތާހިތުން ބުނެލެވުނެވެ. އަހަރެން އެ ރިކުއެސްޓް އެކްސެޕްޓްކުރި ގޮތަކާއި މެދު ދިޔައީ ވިސްނަމުންނެވެ. މިގޮތުގައި އިންދާ އޭނާގެ ސްޓޯރީއަށް އޭނާ ފޮޓޯއެއް ލިއެވެ. ލާފައި އިނީ ސެލްފީއެކެވެ. އޭގެން ވެސް އޭނާ ވައްތަރުވީ ހަމަ މިބުނި ޑޮކްޓަރާއެވެ. ޕްރޮފައިލް ބަލާފައިވެސް، އަހަަރެންނަށް އޭނާއާއި ވާހަކަ ދައްކާކަށް ނުކެރުނެވެ. އިސްވެ މީހުންނާއި ވާހަކަދެއްކުމަކީ އުނދަގޫ ކަމަކަށް ވާތީއެވެ. ކަންމިހެން ވުމާއެކު އަހަރެން އިމްދާހުއާއި ވާހަކަދެއްކުމުގެ ޚިޔާލު ދޫކޮށްލީމެވެ. ނަމަވެސް އޭނާގެ ސްޓޯރީގައި ޝެއާ ކުރާ ހުރިހާ ފޮޓޯއެއް އަަހަރެން ދިޔައީ ބަރާބަރަށް ބަލަމުންނެވެ.

އެކަމަކު މިގޮތަށް އަަހަރެންނަށް ކެތްކޮށްލެވުނީ ދެތިން ދުވަހުއެވެ. އަހަރެންނަކީ ކަމަކާ މެދު ސުވާލު އުފެދޭ ނަމަ، އެކަން ބަލަން ބޭނުންވާ ކަހަލަ މީހެކެވެ. އަަހަރެންނަށް ނުހުރެވިގެން ހައި ޖަހާލީމެވެ. އޭގެ ގާތްގަނޑަކަށް ދިހަ މިނެޓް ފަހުން އޭނާގެ ފަރާތުން ވެސް ހައި ޖަހާލިއެވެ. އަހަރެންނަށް ފުރަތަމަ ވެސް އަހާލެވުނީ ތިއީ ޑޮކްޓަރެއް ހެއްޔެވެ. އޭނާ ވެސް އަަހަރެންނާއި ކުރީ ސުވާލެކެވެ. "އަހަރެން ޑޮކްޓަރަކާއި ވައްތަރީތަ؟" ފުރަަތަމަ ވެސް ޖަވާބުދިން ގޮތުން އޭނާ އަކީ ހިތްހެޔޮ މީހެއްކަން އެނގުނެވެ. އެހިސާބުން އަހަރެމެން ދެމީހުން އެކަކު އަނެކަކަށް ތަޢާރަފު ވެލީމެވެ. އަދި އަހަރެން އިމްދާހު ގާތުން އޭނާއަކީ ޑޮކްޓަރެއްތޯ ސުވާލުކުރީ ކީއްވެކަން އޭނާއަށް ކިޔައިދިނީމެވެ. އޭނާ ހިނިގަނޑެއް ޖަހާލިއެވެ. ކޮންމެއަކަސް ވާހަކަދެއްކުނީ ގޯސް މީހަކާއި ނޫން ކަމަށް އަހަރެން ނިންމީމެވެ. ހިތްހެޔޮ މިޒާޖުގެ މީހުން އަަހަރެންނަށް ވަރަށް ކަމުދެއެވެ. އިމްދާހު ހީކުރި ވަރަށް ވުރެ ފްރެންޑްލީއެވެ.

އަހަރެންނާއި އިމްދާހު އައީ ދޭތެރެއަކުން މެސެންޖާއިން ވާހަކަދައްކަމެވެ. ނަމަވެސް ދެ މަސް ފާއިތުވެގެން ދިޔައިރުވެސް އިމްދާހުއާއި ބައްދަލުވާ ގޮތެއް ނުވިއެވެ. އޭނާވެސް، އަދި އަހަރެން ވެސް ދިރިއުޅެމުން އައީ ވަރަށް ބުރަކޮށް ކަމަށްވާތީއެވެ. އަހަރެންވެސް އޮފީސް ނިމިގެން ގިނަ ވަގުތު ހޭދަކުރަމުން އައީ ފައިސާ ހޯދުމަށްޓަކައި އެކި ކަންކަމުގައެވެ. އަހަރެން ބޭނުންވީ މިނިވަންކަމާއެކު އެކަނި ދިރިއުޅޭށެވެ. އެކަމަށްޓަަކައި އަހަރެން ދިޔައީ މިންނެއް މަސައްކަތްކުރަމުންނެވެ. އިމްދާހުގެ ހާލަކީވެސް އެއީއެވެ. އޭނާ ބުނިގޮތުގައި އޭނާ އަކީވެސް ކުރިން ކައިވެންޏެއް ކުރި ނަމަވެސް، މިހާރު އެކަނި ދިރިއުޅޭ ފިރިހެނެކެވެ. އަމިއްލަ މަސައްކަތްކޮށްގެން ދިރިއުޅެމުން އަންނަ މީހެކެވެ.

އެއްރޭގެ ރޭގަނޑުގެ ވަގުތުގައި ކާން އިނދެފައި މެސެންޖާއަށް، މެސެޖެއް އައިސް އޮތުމާއެކު އެ ހުޅުވާ ބަލައިލީމެވެ. އޮތީ އިމްދާހުގެ މެސެޖެކެވެ. އޭރު އަހަރެންނާއި އިމްދާހުއާއި އޮތީ މޫވީ ނައިޓަކަށް ދާ ވާހަކަ ކިޔާފައެވެ. ބިޒީހޭ ކިޔައި މެސެޖުކޮށްފައި އޮތުމުން އަހަރެން ހީކުރީ އޭނާ މެސެޖުކުރީ މޫވީ ނައިޓަކަށް ދާން ކަމަށެވެ. "ބިޒީއެއް ނޫން." އަހަރެން ކާން އިނދެގެން މެސެޖު ކުރީމެވެ. އިމްދާހު އެދުނީ ބައްދަލުކޮށްލުމަށެވެ. އަހަރެން ކައިގެން ދިޔަސް ލަސްވާނެތޯ ސުވާލުކުރުމުން އިމްދާހު އެދުނީ ހަމަޖެހިލައިގެން ކައިގެން އައުމަށެވެ. ނަމަވެސް އަހަރެން އަވަސްކޮށްލާފައި، ކައިގެން ރީތިވެލައިގެން އޭނާ މަޑުކޮށްގެން އިން ރެސްޓޯރެންޓާއި ދިމާލަށް ދުއްވީމެވެ. "ކޮފީ ހަޓް"ގެ މައްޗަށް އެރިއިރު އަހަރެންގެ ހިތް ދިޔައީ ވަރަށް ބާރަށް ތެޅެމުންނެވެ. ކީއްވެ ކަމެއް ނޭނގެއެވެ.

އިމްދާހު އިނީ އެތަނުގެ އޯޕަން އޭރިއާގައި ހުރި މޭޒެއް ކައިރީ އަހަރެންގެ އިންތިޒާރުގައި ކަޅު ކޮފީތައްޓެއް ބޯށެވެ. ބަލާބެލުމަށް އިމްދާހުއަކީ ހެޔޮވަރު ވަރެއްގެ އިސްކޮޅަކާއި ރޫފައެއް ލިބިގެންވާ، ހައިބަތު ބޮޑު، ހަމުގެ ކުލަ އާދައިގެ ވަރަކަށް އަލި ފިރިހެންވަންތަ މީހެކެވެ. އަހަރެން މަޑުމަޑުން ހިނގާފައި ގޮސް، އިމްދާހު އިން މޭޒާއި އަރާ ހަމަވީމެވެ. އޭނާ އަހަރެން ފެނިފައި ހިނިތުންވެލިއެވެ. އަހަރެންވެސް ހިނިތުން ވެލީމެވެ. "އެންމެފަހުން ދިމާވެއްޖެ ދޯ." އަހަރެން ކައިރީ އިށީންނަން އެދެމުން އޭނާ ބުންޏެވެ. "އާނ.. ބިޒީ މީހާއާއި އެންމެ ފަހުން ދިމާވެއްޖެ." އަހަރެން އިށީންނަމުން ބުނީމެވެ. އެރޭ ކޮފީ މޭޒުކައިރީގައި ތިބެގެން ވަރަށް ގިނަ ވާހަކަ ދެކެވުނެވެ. އަހަރެންނާއި އިމްދާހުއާއި، މިޒާޖުގެ ގޮތުން އެއްގޮތްވެފައި، ދެމީހުންގެ ދެމެދުގައި ޚިޔާލު ދިމާވާ އެއްގޮތް ކަންތައްތައް ވަރަށް ގިނައެވެ. އެރޭ ވަގުތު ދިޔަގޮތްވެސް ނޭނގުނެވެ. އަަހަރެމެން އެތަނުން ނިކުތީ ގާތްގަނޑަކަށް ދެގަޑިއިރަަށްވުރެ ވެސް ގިނައިރުވީ ފަހުންނެވެ. އެރޭ ގެއަށް ގޮސް އިމްދާހު އަހަރެންނާއި ބައްދަލުވުމުން އުފާވިކަމަށް ބުނެ މެސެޖު ކުރިއެވެ. އަހަރެން ވެސް މެސެޖު ކުރީމެވެ.

ކޮންމެއަކަސް އަހަރެމެން ދެމީހުންގެ ދެމެދުގައި އުފެދެމުން ދިޔައީ ވަރަށް ގާތް ރަހުމަތްތެރިކަމެކެވެ. މަދުމަދުން ވާހަކަ ދެކެވުނު ނަމަވެސް، އިމްދާހުއާއި ވާހަކަ ދެއްކޭ ކޮންމެ ފަހަރަކު، އެއީ އަހަރެން ވަރަށް ފޫހިފިލާ ފަހަރަކަށް ވެގެން ދެއެވެ. ދުވަސްތައް ފާއިތުވަމުން ގޮސް، އެއްރޭ އިމްދާހު އެދުނީ އޭނާ ދިރިއުޅޭ އެޕާޓްމަންޓަށް މޫވީ ނައިޓަކަށް އައުމަށެވެ. އަހަރެން ފުރަަތަމަ އެކަމާ ދެކޮޅު ހެދީމެެވެ. އެއީ އަހަރެމެން ދެމީހުންގެ ދެމެދުގައި ގިނަ ފަހަރު ނުސީދާގޮތަކަށް ދެކެވެނީ ގައިގޯޅިވާ ޒާތުގެ ވާހަކަތައް ކަމުގައި ވާތީއެވެ. އަދި އަހަރެން ދުވަހަކުވެސް ރައްޓެހިވި މީހަކާއެކުވެސް، އަދި އިނދެ ވަރިކުރި މީހާއާއި އެކުވެސް އެގޮތަށް ގެއަށް ގޮސްފައި ނުވާތީއެވެ. އެކަމަކުވެސް އަހަރެން ދެ ފިކުރާ ހުރެފައި އާނއެކޭ ބުނީމެވެ.

އިމްދާހުގެ އެޕާޓްމަންޓަކީ ތިން ކޮޓަރީގެ ތަނެކެވެ. ނަމަވެސް އިމްދާހު ފިޔަވާ އެތަނުގައި ދިރިއުޅެނީ ކޮން ބައެއް ކަމެއް އަހަރެންނަކަށް ނޭނގެއެވެ. އިމްދާހުއާއި އަހަރެން ކިތަންމެ ވަރަކަށް ވާހަކަދެއްކި ނަމަވެސް، އޭނާގެ އަސްލު ޙަޤީޤަތް ދެނެގަނެވޭ ވަރަށް ވުރެ ގިނަ ކަންކަން އޮންނަނީ މާ ސިއްރުވެރިކޮށެވެ. އަނެއްކޮޅުން އަހަރެންނަކަށް މާ ބައިވަރު ސުވާލުތަކެއް ކުރާކަށްވެސް ނުކެރެއެވެ. އިމްދާހު އަހަރެން ވެއްދީ އޭނާގެ ކޮޓަރިއަށެވެ. އަދި އެނދުމަތީގައި ހަމަޖެހިލައިގެން އޮށޯވެލުމަށް އޭނާ އެދުނެވެ. އަހަރެންނަށް އެކަންކުރަން ވަރަށް އުނދަގޫވިއެވެ. ވުމާއެކު އަހަރެން އެނދުގައި ކުޑަކޮށް ލެގިލައިގެން ކަހަލަ ގޮތަކަށް އިށީނީމެވެ. އެވަގުތު އިމްދާހު ވެސް އައިސް ކައިރީ އޮށޯވެލިއެވެ. އަދި ބަލާނެ ފިލްމަކާއި މެދު ދެމީހުން މަޝްވަރާ ކުރީމެވެ. އަހަރެން ބޭނުންވީ އެކްޝަން ތްރިލާ ފިލްމެއް ބަލާށެވެ. އިމްދާހު އެކަހަލަ ޒާތެއްގެ ފިލްމެއް އެޅުވިއެވެ. ފިލްމު ފެށުމާއެކު، އަހަރެން މަޑުމަޑުން އެނދުގައި ހަމަޖެހިލައިގެން އޮށޯވެލީމެވެ.

އަހަރެން އޮތީ ވަރަށް ޝައުޤުވެރިކަމާއެކު ފިލްމު ބަލާށެވެ. ފިލްމަށް ގެއްލިފައެވެ. އެހެން އޮއްވާ އިމްދާހު އަހަރެންގެ ބޮލުގައި ފިރުމާލިއެވެ. އަހަރެން އެ ގެއަށް ދިއުމުގެ ކުރިންވެސް އިމްދާހު ގާތުން އެދުނީ، އަހަރެންގެ ގައިގައި އަތްނުލުމަށެވެ. ސަބަބަކީ އަހަރެންނާއި އިމްދާހުއާއި ދެމެދު އޮތީ ހަމައެކަނި ރަޙުމަތްތެރިކަން ކަމުގައި ވާތީއެވެ. އަހަރެންނަކީ ދުވަހަކުވެސް ރަޙުމަތްތެރިއަކާއި ނަހަމަ ގޮތެއްގައި ގުޅުމެއް ބޭއްވި މީހެއް ނޫނެވެ. އަހަރެން އިމްދާހުގެ އަތް ދުރުކޮށްލީމެވެ. މިގޮތަށް ދެތިން ފަހަރަކު ދުރުކުރަންޖެހުނެވެ. ނަމަވެސް އިމްދާހު ދިޔައީ އަހަރެންނާއި މަޑުމަޑުން ކައިރިވަމުންނެވެ. "ޕްލީޒް އިމްދާހު. އަހަރެންނަކީ ތި ހީކުރާ ކަހަލަ ކުއްޖެއް ނޫން. އެހެންނޫނަސް ގިނަފަހަރު ތިގޮތަށް ގާތްވާ މީހުން ގާތްވެލާފައި، ބޭނުންކޮށްލާފައި ދާނީ. ރަނގަޅީ އަހަރެންނާއި ގާތް ނުވިއްޔާ." އަހަރެން އިމްދާހުއާއި ދުރަށް ޖެހުނީމެވެ. "އެންމެން އެއްގޮތެއް ނުވާނެ." އިމްދާހު އެހެން ބުނެފައި އަަހަރެންނާއި އަނެއްކާވެސް ގާތްވެލިއެވެ.

އިމްދާހު އަހަރެން ގައިގައި ވަރަށް މަޑުމަޑުން ބައްދާލިއެވެ. އަދި އަހަރެންގެ ނިއްކުރިއަށް ބޮސްދިނެވެ. ދެން އަހަރެންގެ ކޯތާފަތް މައްޗަށެވެ. އެއަށްފަހު އަހަރެންގެ ތުންފަތަށެވެ. މިހާ ހިސާބަށް ދިއުމާއެކު، އަހަރެންނަށް މަޑުން އޮންނަން އުނދަގޫވިއެވެ. އެރޭ އަހަރެންނާއި އިމްދާހުއާއި ދެމެދު އެއްވެސް ހުރަހެއް ނެތި ހުރިހާ ގުޅުމެއް ހިނގިއެެވެ. އެއީ އަަހަރެން އުއްމީދު ކުރި ގޮތެއް ނޫނެވެ. މީގެ ކުރިންވެސް އަހަރެން ރައްޓެހިވި ތިން ކުދިންނާއި އަހަރެން ގާތްވީމެވެ. ނަމަވެސް އިމްދާހުއާއި ފުރަތަަމަ ގާތްވެވުނު ރޭވެސް ކުރެވުނީ ބުނެދޭން ނޭނގޭ ކަހަލަ އިހުސާސެކެވެ. އަހަރެމެން ދެމީހުންގެ އެދުން ފުދުމާއެކު، ގަޔަށް ފޭރާން ހެޔޮވަރުކޮށްލީމެވެ. އެއަށްފަހު އިމްދާހު ބޭނުންވީ އަަހަރެންނާއެކު ކޮފީއަކަށް ދިއުމަށެވެ. މިކަން ވެސް އަހަރެންނަށް ވީ އާ ކަމަކަށެވެ. މީގެ ކުރިން އަަހަރެންނަށް ލޯބީގެ ދަޅަ ދައްކައިގެން ރައްޓެހިވި ދެތިން މީހަކު، އެދުން ފުދުމާއެކު ބަލަނީ ކޮންމެވެސް އެއްޗެކޭ ކިޔައި އަހަރެން ދުރުކޮށްލެވޭތޯއެވެ. ކޮފީއަށް ގޮސް ދެމީހުން ވެސް މާގިނަ ވާހަކައެއް ނުދައްކަމެވެ. އަހަރެންވެސް، އިމްދާހުވެސް އިނީ ކިޔާނެ އެއްޗެއް ނޭނގިފައެވެ.

އަަހަރެން އެރޭ ގެއަށް ދިޔައިރު ހީކޮށްގެން ހުރީ އެއީ "ވަން ނައިޓް ސްޓޭންޑެއް" ކަަމަށެވެ. ނަމަވެސް އޭގެ ފަހުން ވެސް އިމްދާހު ދޭތެރެއަކުން އަހަރެންނާއި ވާހަކަދައްކައެވެ. އިމްދާހުގެ މަސައްކަތް ހުންނަ ގޮތުން ގިނަ ފަހަރު އޭނާއަށް ހަމައެކަނި އަހާލެވެނީ އަހަރެންގެ ހާލުއަހުވާލެވެ. އޭރު އަހަރެން ހުރީ އިމްދާހަކީ ކިހާވަރެއްގެ ކާކުތޯ ބަލަން ބޭނުންވެފައެވެ. އިމްދާހު އާއި ވާހަކަދެއްކެނީ ހާލަކުން ފަހަރަކު ކަމަށްވެފައި، ވާހަކައެއް އެހިޔަސް އޭނާގެ ޖަވާބު ގިނަ ފަހަރު ލިބޭނީ ވަރަށް ނުސީދާ ގޮތަކަށެވެ. މިކަމުން އަހަރެންގެ ސިކުނޑިއަށް އުނދަގޫވާންފެށިއެވެ. އަދި އޭގެ ފަހުން އިމްދާހު އެކި ކަންކަމުގައި ބިޒީވެ ލޮލަށް ނުފެނި އަނެއްކާވެސް ދެ މަސް ދުވަސް ވެގެން ދިޔައެވެ. ނަމަވެސް އަަހަރެން މެސެންޖާއިން ގޮވާލައިފިއްޔާ ގޮވާލާ، ހާލުބަލާލައެވެ. އެކަމަކު އަހަރެންނާއި އިމްދާހުއާއި ދިިޔައީ މަޑުމަޑުން ދުރުވަމުންނެވެ.

އެހިސާބުން ޙަޤީޤަތުގައިވެސް، އެއީ ހަމަ "ވަން ނައިޓް ސްޓޭންޑެއް" ގެ ގޮތުގައި އަހަރެންނަށް އިހުސާސްކުރެވުނެވެ. ދެމީހުންގެ ދެމެދުގައި ލެވުނު ފާރުގެ ނަތީޖާއަކަށްވީ، އަހަރެންނާއި ވަރަށް ގަޔާވެގެން އުޅޭ ކުއްޖަކާއި އަހަރެން ޑޭޓް ކުރަން ފެށުމެވެ. ފާލިހް އާއި އަަހަރެން ޑޭޓްކުރަން ނިންމީ، އިމްދާހުއާއި ދުރުގައި ހުރުުމަށްޓަކައެވެ. އެކަމަކު ފާލިހުއާއި ޑޭޓްކުރަން ފެށިތާ މަސްދުވަސް ފާއިތުވި ތަނާ އިމްދާހު އަނެއްކާވެސް އަހަރެންނާއި ވާހަކަދައްކަން ފެށިއެވެ. އޭރު އިމްދާހު ހުރީ ވިޔަފާރި ދަތުރެއްގައި، ލަންކާއަށް ގޮހެވެ. އެރޭ އަަހަރެންގެ ހިތުގައި ހުރި ހުރިހާ ވާހަކައެއް އިމްދާހުއާއި ހިއްސާ ކުރީމެވެ. އިމްދާހު އަހަރެންގެ ވާހަކަތައް އަޑުއަހާފައި، އަަހަރެން ގާތުން މަޢާފަށް އެދުނެވެ. އަދި އެރޭ އަހަރެން އޭނާގެ އަމިއްލަ ފައިދާއަށް ބޭނުން ކުރީ ނޫން ކަމުގައި ތަކުރާރުކޮށް ބުނަމުން ދިޔައެވެ. ވިޔަފާރީގެ ކަންކަމުގައި ގިނަ ވަގުތު ހޭދަކުރަން ޖެހުމާއި އޭނާގެ ބައްޕަ ބަލިވުމުން އަަހަރެންނާއި ދުރުވެވުނީ ކަމަށް އޭނާ ބުންޏެވެ.

މިވެސް ކިޔާލާ:

އެ ރެއަށްފަހު އަނެއްކާވެސް އިމްދާހުއާއި އަހަރެންނާއި ވާހަކަދައްކަން ފެށީމެވެ. އަަހަރެންނާއި ފާލިހު އޭރު ތިބީ މައްސަލަ ޖެހިގެން ދުރުވާ ހިސާބަށް ގޮހެވެ. އަަހަރެންނަށް އަނެއްކާވެސް އިމްދާހުއާއި ގާތްވެވުނެވެ. މިފަހަރު ގާތްވިއިރު ހީވީ، ދެމީހުން އެކަކު އަނެކަކަށް ފެންބޮވައިގަނެފައި ތިބިހެންނެވެ. އަހަރެން އެންމެ ފަހުން ފާލިހުވެސް ދޫކޮށްލީމެވެ. އަހަރެންނާއި އިމްދާހުއާއި ދެމެދު ލެވުނު ފާރު ތަޅައިގެން ގޮސް، އެދެމުގައި އެއްވެސް ހުރަހެއް ނެތި، އެތައް ފަހަރެއްގެ މަތިން ގާތްވެވުނެވެ. އެގޮތަށް ގާތްވުމަކީ ގޯސް ކަމެއްކަން އެނގިހުރެއެވެ. ނަމަވެސް އަަހަރެންނަށް، އަހަރެންގެ އަމިއްލަ ނަފްސު ކޮންޓްރޯލެއް ނުކުރެވެއެވެ. މިގޮތަށް އެނދުމަތި ފަޅު ފިލުވަމުން ދިޔައިރު، އަހަރެންނަށް ޙަޤީޤަތުގައި އިމްދާހު އަކީ ކިހާވަރެއްގެ ކާކު ކަމެއް ވެސް ނޭނގެއެވެ. އިމްދާހާއި ގުޅޭގޮތުން އަހަރެންނަށް ހޯދުނީ މަދު އެއްޗެކެވެ. އަހަރެންނަށް އެނގުނު ގޮތުގައި އޭނާ އަކީ މިގޮތަށް އެހެން އަންހެން ކުދިން ކައިރިއަށް މަދުން ނަމަވެސް ދާ މީހެކެވެ.

ހުދު އިމްދާހުވެސް އެކަމަކަށް ދެކޮޅެއް ނުހަދައެވެ. އެކަމަކު އިމްދާހު ބުނަމުން ދިޔައީ އަހަރެން އެ އެންމެނަށްވުރެ ޚާއްޞަ ކަމަށެވެ. އަހަރެން އެ ވާހަަކަ ގަބޫލުކުރީމެވެ. އެކަމަކު އޭރުވެސް އަހަރެންނާއި އިމްދާހުއާއި ދެމެދު އޮތީ ކޮން ގުޅުމެއް ކަމެއް ނުވަތަ އެ ގުޅުމަށް ދޭނެ ނަމެއްވެސް ނޭނގުނެވެ. "އާވީ ފްރެންޑްސް ވިތް ބެނެފިޓް؟." އަހަރެން އެއްރޭ ސުވާލުކުރީމެވެ. "ނޯ." އިިމްދާހު ޖަވާބުދިނެވެ. އަހަރެންނާއި އިމްދާހުއާއި ދެމެދު ހިނގަމުން އައި ގުޅުމަށް އެއް އަހަރު ވެގެން ދިޔައިރު، އަހަރެންނަށް އަމިއްލަ ނަފުސާއި އެތައް ސުވާލެއް ކުރެވެމުން ދިޔައެވެ. "އަހަރެންނަށް އިމްދާހުއާއި ދުރު ނުވެވިގެން މިއުޅެނީ ކީއްވެ ހެއްޔެވެ؟ އިމްދާހު ވެސް އަހަރެން ވެސް އެކަކު އަނެކެއްގެ ކައިރިން އުފާ ހޯދުން ފިޔަވައި އިތުރު ކަމެއް ކުރޭހެއްޔެވެ؟ އަހަރެން އެހެން މީހަކާއި ޑޭޓްކުރިއަސް އިމްދާހު މަތިން ހަނދާން ނުނެތެނީ ކީއްވެ ހެއްޔެވެ؟" މި ސުވާލުތައް އަހަރެންގެ ސިކުނޑި ހާސްކޮށްލިއެވެ.

އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ގާތު ވެސް ޑޭޓް ކުރާ މީހުންގެ ވާހަކައަށްވުރެ ގިނައިން ދެއްކެނީ އިމްދާހުގެ ވާހަކައެވެ. އިމްދާހުއާއި ގާތްވި ފަހުން، އަހަރެން ޑޭޓްކުރި އެކަކާވެސް ގާތެއް ނުވަމެވެ. އަހަރެންގެ ކައިވެނި ރޫޅުނުފަހުން، އަހަރެންގެ ހަށިގަނޑުގައި ހަމައެކަނި ބީހުނު މީހަކީ އިމްދާހެވެ. އަހަރެން އިމްދާހުއާއި ދުރަށް ދިޔުމުގެ ނިޔަތުގައި މީހުންނާއި ޑޭޓްކުރި ނަމަވެސް، އަހަރެންނަށް އިމްދާހުއާއި އިތުރަށް ވެވެނީ ގާތެވެ. އަހަރެން ކިތަންމެ ފަހަރަކު އިމްދާހުދެކެ ލައިކްވާ ވާހަކަ ބުނެވިއްޖެއެވެ. ނަމަވެސް އިމްދާހު އަބަދުވެސް އަހަރެންނާއި މެދު ދެކެމުން އައީ "ޚާއްޞަ ރައްޓެއްސެއް"ގެ ގޮތުގައެވެ. އަހަރެންގެ ސިކުނޑީގައި ކެކި އުތުރި އަރަމުންދިޔަ ސުވާލުތަކަށް ނިިމުމެއް އައީ އަަހަރެންްގެ އެންމެ ގާތް އެކުވެރިއާ ބުނި އެއްޗަކުންނެވެ. " އަހަރެންނަށް ހިއެއް ނުވެ ތީނަ އިމްދާހު ދެކެ ތި ލޯބިވާ ވަރަށް މިއިން ޒަމާނަކުވެސް މީހަކު ދެކެ ލޯބިވިހެނެއް." އަހަރެންނަށް ހުރެވުނު ތަންވެސް ނޭނގުނެވެ.

އަހަރެން އިމްދާހުދެކެ މިވަނީ ލޯބިހެއްޔެވެ؟ އަހަރެންނަށް އަންނަމުން ދިޔަ ބޮޑެތި ބަދަލުތައް އެންމެ ކައިރިން ފެންނަމުން އައި މީހަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ މައީޝާއެވެ. މައީޝާ ބުނި އެއްޗަކާއި މެދު އަހަރެން އެއްރޭ ހަތަރުދަމު ވިސްނީމެވެ. ވިސްނުމަށްފަހު އެންމެ ފަހުން ހަތިޔާރު ބެހެއްޓީމެވެ. އެ ބެހެއްޓި ހަތިޔާރާއެކު، އަހަރެންގެ ހިތް އިމްދާހުއަށް ބަންޑުންކޮށްލީމެވެ. ޙަޤީގަތަކީ އަހަރެން، އިމްދާހުދެކެ އިންތިހާއަށް ލޯބިވާކަން އެހާ ޒަމާންވެގެން ދިޔައިރުވެސް، ނޭނގުމެވެ. އިމްދާހު ދޭނެ ޖަވާބު އެނގިހުރެވެސް އަހަރެން ފުލުފުލުގައި މެސެޖުކުރީމެވެ. އިމްދާހު އަހަރެންދެކެ ކުޑަކޮށްވެސް ލޯބިނުވާކަން އަހަރެންނަށް ޔަގީނެވެ. އެކަމަކު އެގޭ ހެއްޔެވެ؟

އަހަރެންނާއި މީހަކު ދުވަހަކުވެސް އެގޮތަކަށް ގާތެއް ނުވެއެވެ. އޭނާ ގާތްވާ ކޮންމެ ފަހަރަކު އަހަރެންނަށް ރައްކާތެރިކަން އިހުސާސްވެއެވެ. ގާތްވެލާފައި ގެއްލުނަސް، އެނބުރި އަނެއްކާވެސް އަހަރެން ކައިރިއަށް އާދެއެވެ. ނުފެނި އެތައް ދުވަހެއް ހޭދަވިއަސް، އަހަރެންގެ ހާލު ބަލައެވެ. އަހަރެން ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް އަަޑު އަހައެވެ. ދުވަހަކު ވެސް ޖަޖެއް ނުކުރެއެވެ. އަހަރެންނަށް ވަރަށް އިޙުތިރާމު ކުރެއެވެ. އެދުން ފުދުމާއެކު އެހެން މީހުން ގޮތަށް، އަހަރެން އެކަނި ކޮށްލާފައެއް ނުދެއެވެ. ގާތުގައި މަޑުކުރެއެވެ. އަހަރެންނާއި ބޭރުތެރެއިން ވަގުތުވީ ވަރަކުން ބައްދަލުކޮށް ހަދައެވެ. އަހަރެން ޝަކުވާއެއް ކުރިއަސް އެ ޝަކުވާ އަޑުއަހައި މަޢާފަށް އެދެން ޖެހޭނަމަ މަޢާފަށް ވެސް އެދެއެވެ. އަހަރެންނާއި އޯގާތެރިކަމާއި، ލޯތްބާއެކު ނޫން ގޮތަކަށް ދުވަހަކުވެސް ވާހަަކައެއް ނުދައްކައެވެ. މިވަރު ވީމައި، ލޯބި ނޫން އެހެން އިތުރު އެއްޗެއް ވެވޭނެހެއްޔެވެ؟

އާނއެކެވެ. ނޭނގިނަމަވެސް، އަހަރެންނަށް އިމްދާހުދެކެ ވެވިފައިވަނީ ލޯތްބެވެ. އެއީ އަހަރެން ގަސްތުގައި ކުރި ކަމެއް ނޫނެވެ. އަހަރެންނަށް އިމްދާހުގެ ލޯބި ލިބެން ނެތްކަން މާ ކުރިން އެނގިފައި އޮތް ނަމަވެސް އޭނާއާއި ދުރަށް ދާހިތެއް ނުވިއެވެ. އަހަރެން އެކަމާއި އިންތިހާ ދަރަޖައަށް ހިތާމަކުރީމެވެ. މިއޮތީ ދުނިޔެ އެބުނާ، ޙަޤީޤީ ލޯބި ވެވިފައެވެ. ލޯބިވާ މީހަކު ނުލިބުމުން ހިތުގައި ރިހެނީ މިހެން ހެއްޔެވެ؟ ލޮލުގެ ކޮއެ ކަރުނައިން ފުރޭ ރޭތައް ގިނަވިއެވެ. ނަމަވެސް ހިތުގައި އިމްދާހުއާއި މެދު އޮތް ލޯތްބަށް ކުޑަވެސް ބަދަލެއް ނައެވެ. އަހަރެން އިމްދާހުދެކެ ލޯބިވޭ ބުނި ފަހުން އޭނާއާއި ގާތެއް ނުވަމެވެ. ދިމަލެއްވެސް ނުވެއެވެ.

އެގޮތުގައި ހުއްޓާ އަހަރެންނާއި ބައްދަލުވީ މިހާރުގެ އަހަރެންގެ ފިރިމީހާ އަޔާޒުއާއެވެ. އަހަރެންގެ ކައިވެންޏަށް އަހަރެއް ފާއިތުވެގެން ދިޔައިރުވެސް، އިމްދާހު މަތިން ހަނދާން ނައްތައެއް ނުލެވުނެވެ. އަހަރެން އަޔާޒާއި ކައިވެނިކުރީ ދިރިއުޅުމެއް ހޯދުމުގެ ބޭނުމުގައެވެ. ލޯތްބަކުން ނޫނެވެ. އަހަރެންގެ ކައިވެންޏަށް ފަހު ވެސް އިމްދާހު އަހަރެންނާއި ވާހަކަދައްކައެވެ. އިމްދާހު އަހަރެން މަތިން ވަރަށް ހަނދާންކުރެއެވެ. ނަމަވެސް އަހަރެންގެ ކައިވެނި ރޫޅޭކަށް އޭނާ ބޭނުމެއް ނުވެއެވެ. އޭނާ އެދެނީ އަހަރެން އުފަލުގައި ހުރުމަށެވެ. އަހަރެން ދުވަހަކުވެސް މީހަކު ދެކެ ލޯބިނުވާ ވަރަށް އިމްދާހުދެކެ ލޯބިވެއެވެ. އަަހަރެންނަށް އެ ލޯބި ނުލިބުނެއް ކަމަކު، އަހަރެން ވެސް ބޭނުމީ އިމްދާހު ވަރަށް ލޯބިން މީހަކާއެކު ދިރިއުޅުމެއް ފަށާތަން ބަލާށެވެ. އާނއެކެވެ. މިއީ ވެސް ލޯތްބެވެ. 

0%0%0%

ހިޔާލު ދެއްވާ!

Your email address will not be published.