ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާއި ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ (ޕީ.ޓީ.އައި) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ޖުމްލަކޮށް ޙާލަތު ގޯސްވުމާ ގުޅިގެން، ޚައިބަރު ޕަޚްތުންޚްވާ ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފިއެވެ.
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ.
ކުއްލި ޙާލަތު އިއުލާންކޮށް، ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީ ޤަރާރު ނެރުއްވާފައިވަނީ ޕާކިސްތާނުގެ ޤާނޫނުއަސާސީއިން ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ. މިގޮތަށް ޢަމަލުކުރެއްވީ ޕްރޮވިންސްގައި ހަނގުރާމަވެރިންގެ ޙަމަލާތައް އިތުރުވެ، ޤާނޫނީ ވެރިކަން ހިންގަން ދަތިވުމާއި ގުޅިގެން ކަމަށް ބުނެއެވެ. މި ފިޔަވަޅާ ގުޅިގެން ޕްރޮވިންސްގެ ޗީފް މިނިސްޓަރާއި، ކެބިނެޓް މިނިސްޓަރުންނާއި، އެހެނިހެން މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ވަނީ މަޤާމުތަކުން ދުރުކުރެވިފައެވެ.
މި ނިންމުން އައިސްފައިވަނީ ޢިމްރާން ޚާން ޖަލުން މިނިވަންކުރުމަށާއި، ޞިއްޙީ ފަރުވާ ހޯދައިދިނުމަށް ގޮވާލައި ޕީ.ޓީ.އައި. ގެ އެތައް ހާސް ސަޕޯޓަރުންނެއް ވެރިރަށް އިސްލާމްއާބާދުގައި ކުރަމުންދާ މުޒާހަރާތަކަކާ ގުޅިގެންކަމަށް ފާޑުކިޔާ ފަރާތްތަކުން ތުހުމަތުކުރއެވެ. އިމްރާން ޚާންގެ ޕާޓީގެ ފަރާތުން ބުނެފައިވަނީ މި ނިންމުމަކީ ސިޔާސީ ގޮތުން އަޅާފައިވާ ތާކުން ތާކު ނުޖެހޭ ފިޔަވަޅެއް ކަމަށާއި، މިއީ އިތުރަށް ހަމަނުޖެހުންތަކާއި ލޭއޮހޮރުވުންތަކަށް މަގުފަހިވާނެ ކަމެއްކަމުގައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists