ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޑީސީން އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެކުލަވާލާފައިވާ "ގަވާއިދު ނަންބަރު 2019/R-156 (އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާއިރު، ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކުގެ ގަވާއިދު)" ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާކަމަށެވެ. މި ގަވާއިދުގައި، އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތައް ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ.
އެޗްޑިސީން ބުނީ އެ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ހުޅުމާލޭގައި މަސައްކަތްކުރަމުންދާ އަދި މިހާރު ކުރަމުންދާ ފަރާތްތަކުންވެސް އަންނަ ނޮވެމްބަރުމަހުގެ 10 ވަނަ ދުވަހުގެ ކުރިން ކަންކަން ފުރިހަމަކޮށް ނިންމަން ޖެހޭނޭކަމަށެވެ. އެގޮތުން މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ، ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު ކަމަށްވެސް އެޗްޑީސީން ބުންޏެވެ.
މި ފިޔަވަޅުގެ ބޭނުމަކީ، އިމާރާތްކުރުމުގެ ސައިޓުތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، މަސައްކަތުގެ މާހައުލުގައި ދިމާވެދާނެ ނުރައްކާތަކުން ރައްކާތެރިވުން ކަމަށް އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists