ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވެ.
ދެ ގަޑިއިރަށްވުރެ ދިގު މުއްދަތަކަށް ކުރިއަށްދިޔަ މި ބައްދަލުވުމުގައި، އެ މަޝްރޫޢުގެ އެކި އިންތަކާ މެދު ފުޅާ ދާއިރާއެއްގައި ވާހަކަ ދެކެވިފައިވާ ކަމަށް އިލްމުވެރީންގެ ގުޅުމުން ބުންޏެވެ. މި ބައްދަލުވުމުގައި ޢިލްމުވެރިންގެ ކަންބޮޑުވުންތަކާމެދު މަޝްވަރާކޮށްފަ އެވެ.
އެގޮތުން އޮތް މުހިންމު ކަންބޮޑުވުންތަކުގެ ތެރޭގައި ބިން ކުއްޔަށް ދިނުމުގައި ޤައުމީ މަޞްލަޙަތަށް އުނިކަން އަތުވެދާނެ ފަދަ ދިގު މުއްދަތުތައް ކަނޑައެޅުމާއި އެއްބަސްވުންތަކުގެ ޙަޤީޤީ ތަފްޞީލުތައް ރައްޔިތުންނަށް ހާމަނުކޮށް ސިއްރުކުރުމާއި މަޝްރޫޢުގެ އިސް ފަރާތެއް ކަމަށްވާ މުޙައްމަދު އަލާއްބާރުގެ އިސްރާއީލުގެ ވިޔަފާރިވެރިންނާއި އިސް ފަރާތްތަކާއެކު އޮތް ބަދަހި ގުޅުން ފާހަގަކޮށްފައިވެ އެވެ.
އަދި ޣައްޒާގެ ނިކަމެތި ޙާލަތާ މެދު އަލާއްބާރު ދައްކަވާފައިވާ، ޢާންމުންގެ ނުރުހުން އަމާޒުވި ވާހަކަތައް ހިމެނެ އެވެ.
މި ކަންކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، އިތުރު ދީނީ ޢިލްމުވެރިންނާއި ޖަމްޢިއްޔާތައް ބައިވެރިކޮށްގެން ކުރެވެހެން ހުރި މަސައްކަތްތައް، ގުޅިގެން ކުރުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists