އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދުކަނޑާލާފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ. މިކަން ހާމަވެފައިވަނީ އޮޑިޓަރ ޖެނެރަލް ނެރެފައިވާ ދާހިލީ ވުޒާރާގެ 2022 އަދި 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުންނެވެ.
އޮޑިޓް ރިޕޯޓްގައި ބުނެފައިވާ ގޮތުގައި، އަވަހަށް ނިންމުމަށް ކަމަށް ބުނެ ޕޮލްކޯއަށް އުސޫލުން ބޭރުން މި މަޝްރޫޢު ހަވާލުކުރި ނަމަވެސް، ކަމުގެ މަގްސަދު ހާސިލްވެފައިނުވާ ކަމަށެވެ. އެގޮތުން މިއަދާ ހަމައަށްވެސް އެ މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިމިފައެއް ނުވެއެވެ.
މި މަސައްކަތް ޕޮލްކޯއާ ހަވާލުކޮށްފައިވަނީ ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުސޫލުން، "އަވަސް މަސައްކަތެއްގެ" ގޮތުގައެވެ. ދަރުމަވަންތަ ސްކޫލް އިމާރާތްކުރުމުގެ މަސައްކަތް ނިމި، ސްކޫލް ހުޅުވުމަށްފަހު، ސަލާމަތީ ސަބަބުތަކަށްޓަކައި މާލެ ޖަލު ބަންދުކުރުމަށް ހަމަޖެހިފައިވުމުންނާއި، މާލެ ޖަލުގައި ތިބި މީހުން މާފުށީ ޖަލަށާއި، އައްސޭރި ޖަލަށް ބަދަލުކުރުމަށްޓަކައެވެ. މިކަމަށްޓަކައި މާފުށީ ޖަލުގައި 50 ގޮޅީގެ ހައިސެކިއުރިޓީ ވިންގަކާއި، އިތުރު 18 ގޮޅި އަދި ސެކިއުރިޓީ ޕޯސްޓެއް އެންމެ އަވަސް ފުރުސަތެއްގައި އިމާރާތް ކުރުމުގެ މަސައްކަތް 24 ނޮވެންބަރު 2022 ގައި ޖުމުލަ 45.5 މިލިއަން ރުފިޔާއަށް ކުރާ ގޮތަށް ޕޮލްކޯއާ އެކު ވުޒާރާއިން އެއްބަސްވުމެއްގައި ސޮއިކުރިއެވެ.
ނަމަވެސް، މި މަސައްކަތް 6 އޮގަސްޓު 2023 ވަނަ ދުވަހު ދަރުމަވަންތަ ސްކޫލްގެ ކިޔެވުން ފެށިއިރުވެސް ނިމިފައިނުވާކަން ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، ސިންގަލް ސޯސް އުސޫލުން އަވަސް މަސައްކަތެއްގެ ގޮތުގައި މި މަސައްކަތް ޕޮލްކޯއާ ހަވާލުކުރުމުގެ މަގުސަދު ހާސިލުވެފައިނުވާކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.
ޕޮލްކޯއާ ހަވާލުކުރިނަމަވެސް އެފަރާތުން ވަނީ އެ މަސައްކަތް، އަމިއްލަ، ކުންފުންޏެއް ކަމަށްވާ ވީ އަވަރ އިންވެސްޓްމަންޓާ ހަވާލުކޮށްގެން ކުރިއަށްގެންގޮސްފައެވެ. މިކަން މިގޮތަށް ކޮށްފައިވާތީވެ، ވާދަވެރި ބިޑެއްގެ ތެރެއިން ޕޮލްކޯއަށް މަސައްކަތް ކުރުމަށް ހަވާލުކުރުމުން މަސައްކަތް އަގު ހެޔޮކޮށް ކުރުމަށް އޮތް. ފުރުޞަތު ގެއްލިފައިވާކަންވެސް އޮޑިޓުން ވަނީ ފާހަގަކޮށްފައެވެ.
އޮޑިޓުން އެނގޭގޮތުގައި ބިލްތަކަށް ފައިސާ ދެއްކުން ލަސްވުމާ ގުޅިގެން، 2024 ވަނަ އަހަރުގެ ޖޫންމަހުގެ 12 ވަނަ ދުވަހު ހައިސެކިއުރިޓީ ވިންގުގެ މަސައްކަތް ވަނީ މެދުކަނޑާލާފައެވެ. މަސައްކަތް މެދުކެނޑުނު ތާރީހާ ހަމައަށް ނިމިފައިވާ މަސައްކަތަށް 23 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކާފައިވާކަން އޮޑިޓް ރިޕޯޓްގައި ފާހަގަކުރެއެވެ.
ދާހިލީ ވުޒާރާއިން 2022 ވަނަ އަހަރު ޕޮލްކޯއާ ޖަލުތައް އަޅަން ހަވާލުކުރިއިރު އެ ވުޒާރާގެ މިނިސްޓަރަކަށް ހުންނެވީ ޝެއިހް އިމްރާން ޢަބްދުﷲ އެވެ.
ޕޮލްކޯއަކީ މީގެ ކުރިންވެސް ފުލުހުންގެ ފްލެޓްތައް އެޅުމުގެ މައްސަލާގައި އުސޫލުން ބޭރުން ބޮޑެތި މުއާމަލާތްތަކެއް ހިންގާފައިވާ މުއައްސަސާއެކެވެ. އެކަން އޮޑިޓް އޮފީހުން ނެރުނު ބްލޫސް ހައުސިން ޕްރޮޖެކްޓާ ގުޅޭ ހާއްސަ އޮޑިޓުންވެސް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ފުލުހުންގެ ޓަވަރުތައް އެޅުމަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޭންޖެހޭ 58.9 މިލިއަން ރުފިޔާގެ ބަދަލުގައި އެކި ނަންނަމުގައި 124 މިލިއަނަށްވުރެ ގިނަ ރުފިޔާ އައިލެންޑް އެކްސްޕާޓް ކިޔާ ކުންފުންޏަކަށް ދިން މުއާމަލާތާ ގުޅޭ މައްސަލައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists