ޕިއްޒާކިޗަން ކުރު ވާހަކަ: ހޮޓެލް 1250

Share on facebook
Share on twitter
Share on telegram
Share on whatsapp

ސްކޫލު ނިމުމަށްފަހުގައި ބައްޕަގެ ވިޔަފާރިގެ ހުރިހާ ޒިންމާއެއް މާޔާއަށް ކުއްލި ގޮތަކަށް ނަގަން ޖެހުނެވެ. އޭގެ އަށް އަހަރު ފަހުން، މާޔާގެ ބައްޕަ ވޭތުވެދިޔަ އަހަރު ކާރު އެކްސިޑެންޓެއްގައި މި ދުނިޔެ ދޫކުރީ މުޅި ޢާއިލާ ކަރުނައިން ތެތްމާލާފައެވެ. ޢާއިލާގައި ހަގަށް ދެ ފިރިހެން ކުދިން ތިބި ނަމަވެސް، އެ ކުދިންނަކީ އަދި ކޮލެޖުގައި ކިޔަވާ ކުދީންނެވެ. ދެން ހުރީ އޭނާ ދެ ލޯ ފަދައިން ލޯބިވާ އޭނާގެ މަންމަ އެވެ. ރިސޯޓް ސަޕްލައި ކުރުމާއި، މާލޭގައި ހެދުން ވިއްކާ ދެ ފިހާރަ ހުންނައިރު، މި ހުރިހާ ކަމެއް މާޔާ ބަލަހައްޓަމުން އައީ އޭނާގެ ކޮއްކޮމެންނާއި މަންމަގެ ވެސް ޙައްޤުގައެވެ.

ބައްޕަގެ އެކްސިޑެންޓް ވެގެން ދިޔައީ އެ ޢާއިލާއަށް ބަރުދާސްތު ކުރަން އުނދަގޫ ހާދިސާއަކަށެވެ. މުޅި ޢާއިލާގެ ތަނބު އެމީހުންނަށް ގެއްލިގެން ދިޔުމާއެކު، އެކަމާއި އެންމެ ހިތާމަކޮށް ރޮއެ ހެދީ މާޔާއެވެ. މާޔާ އާއި އޭނާގެ ބައްޕަ އާއި ދެމެދު އަބަދުވެސް އޮންނަނީ ޚާއްޞަ ގުޅުމެކެވެ. އޭނާގެ ބައްޕަ އެހެން ދަރީން ދެކެ ނުވާހާ ލޯބި މާޔާ ދެކެ ވެއެވެ. އަމްރުގެ އެކްސިޑެންޓަކީ ހުޅުމާލެ އާއި މާލެ އާއި ދެމެދު އަޅާފައި އޮތް ބްރިޖު މަތީގައި ހިނގާދިޔަ ކުއްލި ނުރައްކާތެރި އެކްސިޑެންޓެކެވެ. ފުލުހުން ހިންގި ތަޙުޤީޤު ނިންމާލީ، އެއީ ކޮންޓްރޯލުން ނެއްޓުމާއި ގުޅިގެން ހިނގި އެކްސިޑެންޓެއްގެ ގޮތުގައި ނިންމުމަށް ފަހުގައެވެ. ނަމަވެސް މާޔާއަށް އެކަން ގަބޫލުކުރަން އުނދަގޫވިއެވެ. ކީއްވެ ކަމެއް ނޭނގެއެވެ.

މާޔާ ވިޔަފާރީގެ ކަންކަން ބަލަހައްޓަމުން އައީ ބައްޕަ ވެސް އެކަން ކުރަމުން އައި އުސޫލުންނެވެ. އެގޮތުން ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހު ބައްޕަގެ އަމިއްލަ ހިތްހަމަ ޖެހުމަށް ބެންކޮކަށް ގޮސްލައެވެ. އޭގެ ކުރިން ފުރަތަމަ ދަނީ ޢާއިލާ ގޮވައިގެންނެވެ. އެއަށްފަހު ދެން ޑިސެމްބަރު މަހު އެކަނި ކުރާ ދަތުރަކީ އެކޮޅުގަ ތިބޭ ބައްޕަގެ ބިޒްނަސް ޕާޓްނަރުންނާއި ގުޅުން ބަދަހިކުރުމަށް ކުރާ ދަތުރެކެވެ. ބައްޕަ ބުނާގޮތުގައި އެއީ ވިޔަފާރިއަށް ކުރިއެރުން ލިބޭ ކަމެކެވެ. ބައްޕަ ނިޔާވި އަހަރު ބެންކޮކަށް މި ދަތުރު ނުކުރި ނަމަވެސް، މާޔާ ނިންމީ ޖެހިގެން އައި އަހަރު މި ދަތުރު ކުރާށެވެ.

ޗެކިންގެ ކަންކަން ނިމުމާއެކު، ފްލައިޓަށް އެރުމަށް ގޮވާލަންދެން މާޔާ ލައުންޖުގައި މަޑުކޮށްލައިގެން އިނީ ބިރުވެރި ފިލްމެއް ބަލާށެވެ. އެގޮތުގައި އިންދާ، ކުއްލިއަކަށް ކަންފަތް ކައިރީ މީހަކު މާޔާއޭ ކިޔައި ގޮވާލިހެން ހީވިއެވެ. ވަށައި ހޯދައިގެން ބަލާލިއިރު، އެތަނުގައި ރިސެޕްޝަނިސްޓް ފިޔަވައި އިތުރު މީހެއް ފެންނާކަށް ނެތެވެ. މާޔާ ހީކުރީ އެއީ ބިރުވެރި ފިލްމެއް ބަލަން އިނީމާއި، ހީވި ގޮތެއް ކަމަށެވެ. ގާތްގަނޑަކަށް އޭގެ ސާޅީސް ފަސް މިނެޓް ފަހުން، ފްލައިޓަށް އެރުމަށް ގޮވާލި އަޑުއިވުނެވެ. މާޔާ ލައުންޖުން ނިކުމެގެން ފުރާ މީހުންގެ ގިމަތައާއި ދިމާލަށް މިސްރާބު ޖެހިއެވެ. ފްލައިޓަށް އަރައި ހަށިފުރާ ނޭވާއެއް ލުމަށްފަހުގައި އޭނާ ކުޑަދޮރުން ބޭރު ބަލާލިއެވެ. އެއީ ވަރަށް އަވިގަދަ، ވައިމަޑު ހިތްގައިމު ދުވަހެކެވެ.

ފަސް ދުވަހުގެ ހުރުމަށް މާޔާ މި ފަހަރު ބުކް ކުރީ އޭނާގެ ބައްޕަގެ އެންމެ ފަހު ދަތުރުގައި މަޑުކުރި ހޮޓަލެވެ. ހޮޓަލް 1250 އަކީ ބެންކޮކްގައި ހުރި އެންމެ ގިނަ ދުވަސްވީ، ހޮޓަލްތަކުގެ ތެރެއިން ހޮޓަލެކެވެ. ރިސެޕްޝަނުން ކޮޓަރީގެ ތަޅުގަނޑި ނަގައިން، މާޔާ އެރީ ފަނަރަވަނަ ފަންގިފިލާއަށެވެ. ކޮޓަރި ހުޅުވާލުމާއެކު، އެތަނުގެ ތެރެއިން ދުވި މަޑުމަޑު ހުވަނދު މަލުގެ ވަހާއެކު މާޔާއަށް ލޯ މަރާލެވުނެވެ. ކުއީން ސައިޒްގެ ބެޑާއި، ސީލިންމަތީގައި އެލުވާފައި ހުރި ރަތްމުތެއް ފަދަ ޗާންދަލިއާ އާއި، ސީލިންގުގައި އަޅާފައި ހުރި ލެޑު ލައިޓް ތަކުން ކޮޓަރިއަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. އެނދުގެ ދެ އަރިމަތީގައި ސައިޑު ކަބަޑެއް ހުރިއިރު، ކޮޓަރީގެ އަނެއް ފަޅީގައި ބޮޑު ހުދު ކުލައިގެ ސޯފާއެއް ހުއްޓެވެ. ކުޑަދޮރުގެ ފޮތިގަނޑު ކަހާލުމާއެކު، ފެނިގެން ދިޔައީ އެކި ކުލަކުލައިން ވިދާ ބަބުޅަމުން ދިޔަ ލައިޓުތަކެވެ. ހީވީ އުޑުމަތީގައި ފިޔަޖަހަމުން ދިޔަ ތަރިތައް ވަރަށް ކައިރިން ފެނުނު ހެންނެވެ. މުޅި ބެންކޮކު އޮތީ ދިއްލާލާފައެވެ.

އިރުކޮޅަކު ކުޑަދޮރު ކައިރީ މަޑުކުރުމަށްފަހުގައި، މާޔާ އަވަސްވެގަތީ އަންޕެކު ކުރުމަށްފަހު ފެންވަރައިގެން ނިދާލުމަށެވެ. ދަތުރުގެ ވަރުބަލިކަމާއެކު، އެނދުގައި އޮށޯވެލިތާ މާގިނަ އިރު ތަކެއްނުވެ، އޭނާއަށް ނިދުނެވެ. ނިދިފައި އޮތް މާޔާއަށް ހޭލެވުނީ އާދަޔާ ޚިލާފަށް ފައިކޮޅަށް ފިނިވާންފެށުމުންނެވެ. ފުންމައިގެން ތެދުވެ ފައިކޮޅުގައި އަތްޖައްސާލިއިރު، ފިނިކަމުން ހީވަނީ އެހެންފަދަ ކަމެއް ހެންނެވެ. ނަމަވެސް މާޔާ އޮތީ ދާހިއްލާ ފޯވެފައެވެ. އޭސީ ވެސް ހުރީ ފަންސަވީހުގައެވެ. އެއީ ފަންކާ ހުރި ކޮޓަރިއެއް ނޫނެވެ. ހުރިހާ ކުޑަދޮރެއް ހުރީ މާޔާ އެތަނަށް ވަނީއްސުރެން ލައްޕާފައެވެ. އިރުކޮޅަކު ވިސްނަން އިނދެފައި، އަނެއްކާވެސް އޭނާ ބެލީ ނިދޭތޯއެވެ.

ބާލީހުގައި ބޯ އަޅާ، ހަމަޖެހިލިތަނާއި، ދެން އިވުނީ ފާޚާނާ ތެރެއިން އިސްކޫރަކުން ފެން ދޫވާ އަޑެވެ. މިހާ ހިސާބުން މާޔާ ކޮންމެވެސް ވަރަކަށް ޖެހިލުންވިއެވެ. ނަމަވެސް ހިތްވަރުކޮށްފައި އެނދުން ތެދުވެގެން ގޮސް، މަޑުމަޑުން ފާޚާނާގެ ދޮރު ހުޅުވިއެވެ. ދޮރު ހުޅުވާލިއިރު ފެނުނީ، ބިލިގާއާއި ދިމާލަށްހުރި އިސްކުރުން ހޯސްލާފައި ފެންފައިބާ ތަނެވެ. މާޔާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް އިސްކުރު ބަންދުކުރިއެވެ. އޭނާ ފެންވަރައި ނިމިގެން ހަމަ ޔަގީނުންވެސް އެ އިސްކުރު ބަންދުކުރިއެވެ. ދެން އެހާ ޕްރެޝަރުގައި ފެން އަންނަންވީ ކީއްވެގެން ހެއްޔެވެ؟. މާޔާގެ ހިތަށް ވަދެފައިވާ ބިރުވެރި ކަމާއެކު، އަވަހަށް ފާހާނާއިން ނިކުމެގެން ގޮސް އެނދަށް އަރާ، ބޮލާއި އެއްކޮށް ރަޖާގަނޑު އަޅައިގެން އޮވެ ޝަހާދަތް ކިޔައި ކުރުސި ކިޔެވެ. އެގޮތުގައި އޮތްވާ ނިދުނު އިރުވެސް ނޭނގުނެވެ.

ހެނދުނު ހޭލައިގެން ވެސް އޭނާއަށް ވިސްނެމުން ދިޔައީ ރޭގާއި ހިނގާދިޔަ ކަންތައްތަކާއި މެދުގައެވެ. އަނެއްކާ މި ހޮޓަލުގައި ރޫޙާނީ އެއްޗެއް އުޅެނީ ބާއޭ ހިތަށް އެރިއެވެ. މި ވިސްނުމުގައި އިންދާ ރޫމް ސާރވިސްއިން ހެނދުނުގެ ނާސްތާ ގެނެސްދިނެވެ. ރޭގައިވެސް އެއްވެސް އެއްޗެއް ނުކައި ހުރުމާއެކު މާޔާ ހުރީ ވަރަށް ބަނޑުހައިވެފައެވެ. ވުމާއެކު، ސިކުނޑީގައި އެނބުރެމުން ދިޔަ ބޭކާރު ޚިޔާލުތައް އެއްފަރާތްކޮށްފައި އޭނާ އަވަދިނެތި ކެއުމައިގެން ކުރިއަށް ދިޔައެވެ. ކައި ނިމިގެން ފެންވަރާ، ރީތިވެލައިގެން މާޔާ ނިކުތީ ބިޒްނަސް ޕާޓްނަރުންނާއި ބައްދަލުކުރާށެވެ. މަގުމަތިން ޓެކްސީއެއް ނަގައިގެން އެމް.ބީ.ކޭ ސެންޓަރާއި ހަމައަށް ގެންގޮސްދިނުމަށް އޭނާ އެދުނެވެ. އެމީހުން ތިބީ އެތާ ކައިރީ ހުރި ރެސްޓޯރެންޓެއްގައި މާޔާގެ އިންތިޒާރުގައެވެ. އޭނާ ފެނުމާއެކު، އެންމެވެސް ތިބީ ހެވި ދިލިފައެވެ.

ވިޔަފާރިއާއި ގުޅޭ އެތައް ވާހަކައެއް ދެއްކުނު އިރު، ބައްޕަގެ ވާހަކަވެސް އެތަނުގައި ދެކެވުނެވެ. އެ ވާހަކައިގެ ތެރެއިން ވެސް މާޔާ އެންމެ އަޅައިގަތީ އެތަނުގައި އިން އެކަކު ބުނި ވާހަކައެކެވެ. "ބަޓް ވައި؟." ހައިރާންވެފައި އިދެ މާޔާ ސުވާލުކުރިއެވެ. "އިޓް ވޯޒް އަ ޓެކްސް މެސެޖު. ވޯޒް މިޑްނައިޓް. އައި ވޯޒް ސޯ ސްލީޕީ ދެޓް އައި ކުޑް ބެއާލީ ރީޑް ދަ މެސެޖް. ހީ ވޯންޑެޑް ޓު ޝިފްޓް ޓު މައި ހޯމް ފޯ ވަން ނައިޓް. އައި ކޯލްޑް ހިމް ރައިޓް އަވޭ، ބަޓް ހީ ޑިޑްނޮޓް ރެސްޕޯންޑް. އާފްޓާރ ޓޫ ޑޭސް ލޭޓަރ، ހީ ވަޓްސްއެޕް މީ، ސޭއިން ހީ އިޒް ބެކް އިން މޯލްޑީވްސް އެންޑް ހީ ނެވަ ޓޯކްޓް އެބައުޓް ދެޓް ނައިޓް." އެލެކްސްގެ މި ވާހަކަތައް އަޑުއިވިފައި މާޔާގެ ހަނދާނަށް ކުއްލިއަކަށް އަންނަން ފެށީ އެ ފަހަރުގެ ދަތުރަށްފަހު ބައްޕައަށް އަންނަމުން ދިޔަ ކުދިކުދި ބަދަލުތަކެވެ. ބައްޕަ އުޅުނީ އަބަދުވެސް ހިތް ބިރުގަންނާތީއެވެ. ބައެއް ފަހަރު ބިރެއް ފެނިގެން އުޅޭހެން ވެސް ގޭތެރޭގައި އުޅުނެވެ.

މާޔާ ޝޮޕިންކޮށްލުމަށް ބޭނުންވާ ކަމަށް ބުނެ އެ ބައްދަލުވުން ކުރުކޮށްލުމަށްފަހުގައި އެތަނުން ނިކުތެވެ. ނަމަވެސް އޭނާ ހުރިގޮތަށް އައީ ހޮޓަލާއި ދިމާލަށެވެ. ރޫމަށް ވަންނަން އުޅުނު ވަގުތު، އެއްލި ކަޅިއަކުން މާޔާގެ ލޮލުގައި އަޅައިގަތީ ދޮރު ކައިރިއަށް ވެއްޓިފައި އޮތް އަނގޮޓިއެކެވެ. އޭގައި ކޮންމެވެސް ވަރަކަށް ލޭ ހިކިފައި ހުއްޓެވެ. ގަތް ބިރާއެކު އޭނާއަށް ފަހަތަށް ޖެހެވުނެވެ. އަދި ހިންދިރުވާލިއެވެ. މިހާ ހިސާބުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން މާޔާގެ ސިކުނޑި ގަބޫލުކުރިއެވެ. ފެންނަމުން ދިޔަ ކަންކަމަކީ އޭނާއަށް ހީވާ ހީވުމެއް ނޫންކަން ޔަގީން ކުރެވުނެވެ. އޭނާ ބިރުން ހުރެ އަނގޮޓި އެތަނުން ނެގިއެވެ. ދެން އިވުނީ ކަންފަތް ދޮށުގައި މާޔާއޭ ކިޔައި މީހަކު ގޮވާލި އަޑެވެ. ސިހިފައި ފަހަތް އެނބުރި ބަލާލިއިރު އެއްވެސް މީހެއް ފެންނާކަށް ނެތެވެ.

ނަމަވެސް ދެން ކުރިމައްޗަށް އެނބުރުނު ވަގުތު ފެނިގެން ދިޔަ މަންޒަރުން އޭނާ ހޭނުނެތުނީ ހަމަ ކިރިޔާއެވެ. ފެނުނީ ހަށިގަނޑުގެ އެކި ތަންތަން ޒަޚަމްވެފައި، ލެއިން ތަތްތެޅިފައި ހުރި އަންހެނެކެވެ. ގަތް ބިރާއެކު ހަޅޭއްލަވައިގަންނަން ވެސް ނޭނގިފައި ހުރި މާޔާ ދުމެއް ޖަހާފައި ގޮސް ކޮޓަރިއަށް ވަނެވެ. ބިރުން ގޮސް އޭނާއަށް ރޮވުނެވެ. ކުށްލިއަކަށް ސީލިންގުގައި އެލުވާފައި ހުރި ޗާންދަލިއާ ބިންމައްޗަށް ވެއްޓުނެވެ. ދެލޯ ފިއްތާ ބާރުކޮށްލާ، އަޑުގައި ހުރި ބާރެއްލާފައި އޭނާއަށް ހަޅޭއްލަވައި ގަނެވުނެވެ. އެކަމަކު ދެން ލޯ ހުޅުވިއިރު، ޗާންދަލިއާ ހުރީ ސީލިންގުގައި ރީތިކޮށް ކުރިން ވެސް ހުރި ގޮތަށެވެ. އޭނާ ގިސްލަ ގިސްލާފައި ރޯން ފެށިއެވެ. މިގޮތުގައި ރޮއެލަ ރޮއެލަ ހުއްޓާ، ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ޖެހި އަޑު އިވުނެވެ. "ރޫމް ސާރވިސް". ކޮޓަރީގެ ބޭރުން އަޑުއިވުނެވެ. މާޔާއަށް އެއީ ރޫމް ސާރވިސް ކަމާއިމެދު ޝައްކުވިއެވެ. ނަމަވެސް ތެޅިތެޅި އޮތް ހިތަކާއެކު އޭނާ ދޮރު ހުޅުވިއެވެ. "މޭމް އާ ޔޫ އޯކޭ؟." ކޮޓަރީގެ ދޮރުމަތީގައި ހުރީ އިންސާނެއްކަން އެނގުމުން، އޭނާ ފުންނޭވާއެއް ބޭރުކޮށްލިއެވެ. "އަމް..އާ…ޔެސް…ޔެސް… ނަތިން…ނަތިން…" މާޔާއަށް އެއިން އެއްވެސް ކަމެއްގެ ވާހަކަ ދައްކާކަށް ނުކެރުނެވެ. އެމީހުން އެފަދަ ވާހަކައެއް ގަބޫލުނުކޮށްފާނެތީއެވެ. "ދިޒް އިޒް ފޯ ޔޫ. އަ ލޭޑީ ކޭމް ހިއާ އެންޑް އާސްކްޑް ޓު ގިވް އިޓް ޓުޔޫ." ރޫމް ބޯއި އަތުގައި އޮތް ސިޓީއުރަ ވަގުތުން އަތުލުމަށްފަހުގައި ޝުކުރު އަދާކުރުމަށްފަހު އޭނާ ވަގުތުން ދޮރު ލެއްޕިއެވެ.

މިވެސް ކިޔާލާ:

ސިޓީއުރަ ކަނޑާފައި ބަލާލިއިރު އޭގައިއޮތީ ހުދު ކަރުދާސް ގަނޑެކެވެ. ނަމަވެސް އޭގައި އެއްވެސް އެއްޗެއް ލިޔެފައެއް ނެތެވެ. މާޔާ ހުރީ އޭރު ބިރުން ގޮސް ހަދާނެ ގޮތް ހުސްވެފައެވެ. އޭނާ އެ ގަނޑު މޭޒު މަތީގައި ބާއްވާފައި، ދަބަހުން ފޯނު ނެގުމަށްފަހުގައި ވަގުތުން މަންމައާއި ގުޅިއެވެ. ނަމަވެސް މަންމަ ފޯނެއް ނުނަގައެވެ. އޭނާ ފަސްއެނބުރި އެ ކަރުދާސް ގަނޑާއި ދިމާލަށް ބަލާލިއިރު، އޭގައި އޮތީ، ލެއިން "ބޭސްމެންޓް" ލިޔެވިފައެވެ. އޭނާ ހަޅޭއްލަވައިގަތެވެ. މިފަހަރު އޭނާ ރޮމުން ރޮމުން ގޮސް ވަގުތުން ރިސެޕްޝަނަށް ގުޅިއެވެ. މާޔާގެ ވާހަކަތަކާއެކު، މުޅި ހޮޓެލުގެ މެނޭޖްމަންޓް އެލާޓަށް އައެވެ. ފުރަތަމަ އެމީހުން މާޔާ ދެއްކި އެއްވެސް ވާހަކައެއް ގަބޫލެއް ނުކުރިއެވެ.

ނަމަވެސް އޭނާގެ އަތުގައި އޮތް ދޮރުކައިރިން ފެނުނު އަނގޮޓި އާއި، ކަރުދާސް ގަނޑު ދެއްކުމުން އެމީހުން ވަގުތުން ފުލުހުންނަށް ގުޅިއެވެ. އޭރު މުޅި ހޮޓަލް ތެރޭގައި އެ ވާހަކަ ވަނީ ފެތުރިފައެވެ. ފުލުހުން ވަގުތުން ފެށި ތަޙުޤީޤާއެކު އެނގުނީ އެއީ މިދިޔަ އަހަރު އެ ހޮޓަލް ކައިރީގައި ހިނގި ކާރު އެކްސިޑެންޓެއްގައި މަރުވި ޕްރީޑާ ނަމަކަށް ކިޔާ އަންހެނެއްގެ އަތުގައި އަޅާފައި އޮތް އަނގޮޓިއެއް ކަމަށެވެ. ޕްރީޑާ އަކީ އެ ހިސާބުގަނޑުގައި ރޭގަނޑަށް ސަލާންޖަހަން އުޅޭ ފަޤީރު އަންހެނެއް ކަމަށާއި، އެރޭ ކާރު ދުއްވަން އިން މީހާ ހައްޔަރުކުރި ނަމަވެސް، ޕްރީޑާގެ ހަށިގަނޑު އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުންޏެވެ. އަނގޮޓި އަކީ ޕްރީޑާގެ އެއްޗެއްކަން ޔަގީންކޮށްދިނީ އެރޭ އެ ކާރު ދުއްވި ޑްރައިވަރެވެ. އެ ކޭސްގެ އެންމެ އާދަޔާ ޚިލާފު ކަމަކަށްވީ، އެ ޑްރައިވަރު ހައްޔަރުކުރި ރެއާއި ޖެހިގެން އައި ދުވަހު ސެލް ތެރޭގައި އޭނާ މަރުވެފައި އޮތްވާ ފެނުން ކަމަށެވެ. އަދި ކޭސްގެ ވަކި ހިސާބަކުން އިތުރަށް އެއްވެސް ހެއްކެއް ނުފެނުމުން ކޭސް ކްލޯޒް ކުރަން ޖެހުނެވެ.

ބޭސްމަންޓަކީ އެ ހޮޓަލުން ހަފުތާއަކު ދެ ދުވަހު ސާފުކުރާ ތަނަކަށް ވުމާއެކު، އެ ތަނުގައި އެއްވެސް އެއްޗެއް އޮވެދާނެ ކަމާއިމެދު އެމީހުން ސުވާލު އުފެއްދިއެވެ. ނަމަވެސް މާޔާގެ އާދޭހާއެކު، ފުލުހުންވެސް އަދި ހޮޓަލްގެ މެނޭޖްމަންޓުންވެސް ނިންމީ އެތަން ޗެކުކުރުމަށެވެ. ފުލުހުން އެތަން ޗެކުކުރުމުގެ މަސައްކަތް ފެށިއެވެ. އަދި އެތަނުގެ ވޭތުވެދިޔަ އަހަރުގެ ވީޑިއޯ ފުޓޭޖުތައްވެސް ޗެކުކުރަން ފެށިއެވެ. ފުޓޭޖުތަކުން އެއްވެސް ކަމެއް ނުފެނުނެވެ. އެންމެފަހުން ބޭސްމެންޓް ޗެކުކުރުމުގެ ފަހު މަރުޙަލާގެ ތެރޭގައި ބޭސްމެންޓް ފުޅާކުރުމަށް ހަދަން ފަށާފައި، މަސައްކަތް ހުއްޓިފައި އޮތް ދިމާލުގެ ބިންގަނޑު ކޮނުމަށް ފުލުހުން ނިންމިއެވެ. މިވީ ހާ ދުވަހު ބޭސްމެންޓް ސާފުކުރާ މީހުންވެސް އެ ހިސާބު ސާފެއް ނުކުރެއެވެ. ކޮންސްޓްރަކްޝަން އޭރިއާއެއް ކަމުން، އެމީހުންނަށް މެނޭޖްމަންޓުން އަންގާފައި ވަނީ އެގޮތަށް ޢަމަލުކުރުމަށެވެ. ވޭތުވެދިޔަ އަހަރުން ފެށިގެން އެ ތަނުގެ މަސައްކަތް އެއްވެސް ބަޔަކަށް ދީގެން އެކި ސަބަބުތަކާހުރެ ވަނީ ނުކުރެވި ހުއްޓާލާފައެވެ.

އެ ބިންގަނޑު މާ ފުނަށް ކޮންނާކަށް ނުޖެހުނެވެ. ބިންގަނޑުގެ ދަށުގައި އޮތީ އިންސާނެއްގެ ކަށިގަނޑެކެވެ. މާޔާއަށް އެތަން ފެނިފައި ބިރުން ހަޅޭއްލަވައިގަނެވުނެވެ. މިހާ ހިސާބުން، ފުލުހުންގެ ތަޙުޤީޤު އެއް ގިއަރު މައްޗަށް ޖައްސާލިއެވެ. ސައުވީސް ގަޑިއިރު ތެރޭ އެ ކަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދާ ނަތީޖާ ލިބުނުއިރު އެއީ ގެއްލިގެން ހޯދަމުން ދިޔަ ޕްރީޑާގެ ހަށިގަނޑެވެ. މިހާ ހިސާބުން ޕްރީޑާގެ ހާދިސާއާއި އޭނާގެ ބައްޕައާއި ގުޅުމެއް ވާކަމަށް މާޔާއަށް ޝައްކު ކުރެވެން ފެށިއެވެ.

މި ޝައްކު އިތުރަށް ޔަގީންވީ، ހޮޓަލުގެ ރޫމަށް ވަންއިރު، މޭޒުމަތިން އަނެއްކާވެސް ފެނުނު ގަނޑަކުންނެވެ. މާޔާ މިފަހަރު ބިރު ކަނޑާލާފައި ގޮސް އެ ގަނޑު ނަގައި ކިޔަންފެށިއެވެ. "އެކްސިޑެންޓްވީ އިރުވެސް އަހަރެން މަރެއް ނުވޭ. އަހަރެން އޮތީ ހޭނެތިފައި. ނަމަވެސް ބޭރު ޤައުމެއްގައި މާޔާގެ ބައްޕައަށް އިތުރު ތަކުލީފަކާއި ކުރިމަތިލާން ޖެހިދާނެތީ ކަމަށް ބުނެ، އެރޭ އެތަނުން ތަނަށް ޑްރައިވަރުގެ އެކައުންޓަށް ބައިވަރު ފައިސާ ޓްރާންސްފާ ކުރި. އަދި އަހަރެންގެ ހަށިގަނޑު ފޮރުވުމަށް ބުނި. ހޮޓެލުގައި މަސައްކަތް ކުރާ އެ ޑްރައިވަރުގެ ރައްޓެއްސަކާއި ގުޅިގެން، އަހަރެންގެ ހަށިގަނޑު އެތަނުގައި ވަޅުލީ. ހުރިހާ ހެއްކެއް ނައްތާލި. މާޔާގެ ބައްޕަގެ އެކްސިޑެންޓަކީ އަހަރެންނަށް މިހާރު މި ލިބިފައި ހުރި ބާރުގައި ކުރި ކަމެއް. ޑްރައިވަރު ވެސް އަދި ހޮޓަލުގައި މަސައްކަތްކުރި އޭނާގެ އެކުވެރިޔާވެސް މަރާލީ އަހަރެންގެ ރޫޙު. މާޔާގެ ބެންކޮކް ދަތުރަށް އަހަރެން ހުރީ އިންތިޒާރުކޮށްގެން. އަހަރެން އަބަދުވެސް އުޅުނީ މާޔާއާއި ވަރަށް ގާތުގައި. ބައެއް ފަހަރު ހީވެއެއްނު. އަހަރެން ބޭނުންވާ މަޤްޞަދު ހާސިލުވެއްޖެ. އަހަރެން ބޭނުންވީ އަހަރެންގެ ހަށިގަނޑު ވަޅުލާފައި އޮތް ތަން ކޮނެގެން އެ ކަށިގަނޑު ނެގުމަށް."

އެ ގަނޑު ކިޔާ ނިމުނު އިރު މާޔާގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔައެވެ. އޭނާގެ ލޯބިވާ ބައްޕަ އެވަރުގެ ނުބައި ކަމެއް ކުރިއިރު، އިންސާނިއްޔަތުކަން ކޮބާބާއެވެ. ދިރިދިރި އޮތް ފުރާނައެއް ނައްތާލަން ބުނިއިރު ބައްޕަގެ ހިތުގައި އެއްވެސް ރަޙުމެއް ނެތީބާއެވެ. މާޔާ އެ ގަނޑު ވަގުތުން ދަބަހަށްލާ ފޮރުވިއެވެ. އަދި ހިތުގެ އަޑިން ޕްރީޑާގެ ކިބައިން މަޢާފަށް އެދި ރޮމުން ދިޔައެވެ. ޕްރީޑާގެ ހަށިގަނޑު ވަޅުލަންދެން އޭނާ ބެންކޮކްގައި މަޑުކުރިއެވެ. ތަޙުޤީޤަށް މާޔާ ބަޔާންދިން އިރު، އެއްކަލަ ގަނޑުކޮޅުގެ ވާހަކައެއް ނުބުނެއެވެ. އެ ވާހަކަ ދެއްކިއަސް ވާނެ ފައިދާއެއް ނެތުމުންނެވެ. އެ ހާދިސާ އާއި ގުޅުންހުރި އެކަކުވެސް މިހާރު ދުނިޔޭގައި ނެތުމުންނެވެ.

މާޔާ ބެންކޮކުން ފުރައިގެން ދިޔައީ ބަރު ހިތަކާއެކުގައެވެ. އޭނާގެ މުޅި ޢާއިލާއަށްވެސް އެކަން ސިއްރުކުރިއެވެ. އެއްވެސް ހާލެއްގައި ކޮއްކޮ އާއި މަންމަގެ ހިތުގައި ބައްޕައާއި މެދު ނަފުރަތު އުފައްދަން ބޭނުން ނުވާތީއެވެ. ނަމަވެސް މާޔާއަށް، އޭނާގެ ބައްޕައަށް މަޢާފުކުރުންވީ އުނދަގޫ ކަމަކަށެވެ. އެކަމަކު އޭނާގެ ހަޔާތުން ފާއިތުވި ކޮންމެ ދުވަހެއްގައި ބައްޕައަށް މަޢާފުކުރެވޭތޯ އޭނާ ދިޔައީ މަސައްކަތްކުރަމުންނެވެ.  

100%0%0%

ހިޔާލު ދެއްވާ!

Your email address will not be published.