ކޭޕާކު މަންޑޭ-- ފޮޓޯ: މިހާރު
ހަބަރު
30 Jul 2024 | 13:49
ކޭ ޕާކް މައްސަލަ: 100 އަށް ވުރެ ގިނަ ދައުވާކޮށްފައިވާ މަންޑޭގެ ޝަރީއަތް ފަށައިފި

ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްޤީ ކުރަމުންދާ ކޭ-ޕާރކް ރެޒިޑެންސްގެ އެޕާޓްމަންޓްތައް ވިއްކުމުގައި އޮޅުވާލުމާއި، މަކަރާއި ޙީލަތް ހަދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، 100 އަށް ވުރެ ގިނަ ދައުވާ އުފުލާފައިވާ މއ.އެރަލްސީ، ޙަސަން މަމްދޫހް (މަންޑޭ) ޝަރީއަތުގެ އަޑުއެހުންތައް މިއަދު ކްރިމިނަލް ކޯޓުގައި ފަށައިފިއެވެ.

މަންޑޭ ގެ މައްޗަށް 105 ދައުވާއެއް ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައެވެ.

އޭރު ޕީޖީ އޮފީހުން މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލައިގައި ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤު ފުރިހަމަކޮށް ހުށަހަޅާފައިވާ ގެއްލުން ލިބުނު 51 މީހުންނާ ގުޅިގެން ދަޢުވާ ކުރުމަށް މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 12 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.

މަންޑޭގެ މައްޗަށް ކުރި ދައުވާތަކުގެ ތެރޭގައި ހިމެނެނީ:

1. މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ކުށުގެ 3 ދަޢުވާ

2. ޓެކުމުގެ ކުށުގެ 50 ދަޢުވާ

3. އޮޅުވާލުމުގެ ޢަމަލެއް ކުރުމުގެ ކުށުގެ 50 ދަޢުވާ

4. މަނީ ލޯންޑްރިންގގެ ކުށުގެ 1 ދަޢުވާ

މަންޑޭގެ އިތުރުން ކޭ ޕާކް މައްސަލައިގައި ދެން ދައުވާ ކުރުމަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވާފައިވަނީ ރ.އަލިފުށި، ކިނާރާ، ޖައިޝާން ސަޢީދުގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ: 

1. މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ކުށުގެ 3 ދަޢުވާ

2. ޓެކުމުގެ ކުށުގެ 20 ދަޢުވާ

3. ޓެކުމުގައި ބައިވެރިވުމުގެ ކުށުގެ 27 ދަޢުވާ

4. އޮޅުވާލުމުގެ ޢަމަލެއް ކުރުމުގެ ކުށުގެ 47 ދަޢުވާ 

މީގެ އިތުރުންވެސް މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ނ) އާއި، 5 ވަނަ މާއްދާގެ (ހ) ގެ ދަށުން މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ކުށުގެ އެއް ދައުވާ ވަނީ މި މީހުންގެ މައްޗަށް ޕީޖީން ކޮށްފައެވެ.

މި ދެމީހުންގެ ޝަރީއަތް މިއަދު އެއްކޮށް ފަށާފައިވާއިރު، މިއަދުގެ އަޑުއެހުމުގައި އެ ދެ މީހުން ވެސް އެދުނީ ވަކީލަކު އައްޔަން ކުރަން ފުރުސަތެއް ދިނުމަށެވެ. އަމިއްލައަށް ވަކީލަކު ހަމަޖެއްސޭ ފަދަ މާލީ ތަނަވަސްކަން ނެތް ނަމަ ދައުލަތުގެ ހަރަދުގައި ވެސް މި ބާވަތުގެ މައްސަލަތަކުގައި ވަކީލުން ހަމަޖައްސައި ދެވޭނެކަން ފާހަގަކޮށް ގާޒީ ވަނީ އެމީހުން ބޭނުން ގޮތެއް ޚިޔާރު ކުރުމަށް އެދިފައެވެ. 

ދެ މީހުންވެސް ބޭނުންވީ އަމިއްލަ އަށް ވަކީލަކު ހަމަޖެއްސުމަށެވެ.

މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ އެންމެ ގިނަވެގެން އެކަމަށް ދެވޭނީ 10 ދުވަސް ކަމަށާއި އަދި ދެން އޮންނަ އަޑުއެހުމެއްގައި ވަކީލަކު ނެތަސް، މައްސަލަ ކުރިއަށް ގެންދަވާނެ ކަމަށެވެ.

މި މައްސަލައިގައި ގެއްލުން ލިބިފައިވާ ފަރާތްތަކަށް ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ޕީޖީ އޮފީހުން ވަނީ މި ދަޢުވާތަކުގައި އެދިފައެވެ.

ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ %95 ޙިއްސާދާރު، ޖިން ޝިހޫގެ ހުއްދަ ނެތި، އޭނާގެ ނަމުގައި ސައްޙަނޫން ސޮއިކޮށްފައިވާ ލިޔުންތަކެއް ބޭންކް އޮފް މޯލްޑިވްސްއަށް މަންޑޭ ހުށަހަޅާފައިވާއިރު، މި މައްސަލައިގައި މިދިޔަ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން މަންޑޭގެ ގެ ބަލާ ފާސްކޮށްފައެވެ.

މި ފާސްކުރުމުގެ ތެރޭގައި މަންޑޭގެ ޕެންޓްހައުސްގެ ތެރެއިން ފެނުނު ގަހަނާއާއި އަތް ދަބަހާއި ސެންޓުގެ އަގު 7 މިލިއަނަށްވުރެ ގިނަ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ. މި ތަކެތި އަނބުރާ ހޯދުމަށް މިދިޔަ ނޮވެމްބަރު މަހުގެ 24 ގައި މަންޑޭ ހައިކޯޓަށް ހުށަހެޅި ނަމަވެސް އެ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ވަނީ ނިންމާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް