ކުރު ވާހަކަ: މިންޖުވުން

Share on facebook
Share on twitter
Share on telegram
Share on whatsapp

"އެއީ ހަމައެކަނި އަހަރެންގެ ދަރިއެއްތަ؟ އަހަރެން އެކަނިތަ އޭނަ އާއި ވާހަކަދައްކަން ޖެހެނީ؟" އަހަރެން ތަންކޮޅެއް ބާރަށް ޒަޔާން އާއި ދިމާލަށް ބުނީމެވެ. "ޕްލީޒް މައިރާ. ހެޔޮނުވާނެ. ކޮންމެ ދުވަހަކު ތި ވާހަކަ ތިގޮތަށް ނުދެއްކިއްޔާ ނުވަނީތަ؟ އަހަރެންނަކަށް ނުވާނެ އެކަމެއް. މި ބުނީނު އަހަރެންނަކަށް ފަސޭހައެއް ނޫނޭ." ޒަޔާން ވެސް ދުލެއް ނުދިނެވެ. "ފަސޭހަ ނޫނަސް މަސައްކަތް ކުރެވިދާނެ ދޯ. އޭނާގެ ޝަކުވާ އަކީ ތިމަންނަގެ ބައްޕަ ތިމަންނަ އާއި ވާހަކަ ދައްކަން މަސައްކަތް ނުކުރަނީ ކީއްވެހޭ؟ އޭނާ ފެނުނީމަ ހީލާފަ ދެތިން އެއްޗެއް ބުނެވުނީމަ އެ ނިމުނީއެއް ނޫނޭ ޒަޔާން." މައިރާއަށް ރޮވޭގޮތް ވިއެވެ. "ހުއްޓާލާ. ކަލޭ ތިއުޅެނީ އަހަރެންނާއި މީޝަމް އާއި ޖައްސާނެގޮތެއް ނޭނގިގެންތަ؟ އަހަރެން ބައްޕައެއްގެ ހައިސިއްޔަތުން މީޝަމްއަށް ހުރިހާ ކަމެއްވެސް ކޮށްދެން. ހުރިހާ އެއްޗެއްވެސް ހޯދައިދެން. ސައިން ލެންގުއޭޖް އެނގޭ މީހާ ދެން އޭނައާއި ވާހަކަދައްކަބަލަ." ޒަޔާން އެ އައި ރުޅީގައި ކޮޓަރީގެ ދޮރު ލެއްޕުމަށްފަހު ގެއިން ނިކުތެވެ.

އެހިނދު ތޭރަ އަހަރުގެ މީޝަމް ހުރީ އޭނާގެ ކޮޓަރި ދޮރުހުޅުވައިގެން އެ ހުރިހާ ޒުވާބެއްގެ އަޑު އަހާށެވެ. މީޝަމް އަށް އޭނާގެ ބައްޕަ ހުރިހާ ކަމެއް ކޮށްދިނެއް ކަމަކު އޭނާ އެންމެ ބޭނުންވާ ކަންތައް ބައްޕައަކަށް ނުކޮށްދެވެއެވެ. އޭނާ ބޭނުންވަނީ ބައްޕައާއެކު ވަގުތު ހޭދަކުރާށެވެ. މަންމައާއި ވާހަކަދައްކާގޮތަށް ބައްޕައާއި ވެސް ވާހަކަދައްކާށެވެ. ނަމަވެސް މީޝަމްއަށް އެ ނަސީބެއް ދުވަހަކުވެސް ނުލިބެއެވެ. އަހަރެންގެ ދަރިއަކީ މި ދުނިޔެއަށް އުފަންވީއިރު، ވާހަކަނުދެއްކޭ ކުއްޖެކެވެ. ނަމަވެސް މީޝަމްއަށް ކުޑަކޮށް އަޑުއިވެއެވެ. އަހަރެން ކޮޓަރިން ނުކުމެގެން ގޮސް މީޝަމްގެ ކޮޓަރިއަށް ވަނީމެވެ. މީޝަމް އޮތް ގޮތުން އޭނާ އޮތީ ނިދާފައި ނޫންކަން އަހަރެންނަށް އެނގުނެވެ. "ދަރިފުޅާ!" މީޝަމް ނިދާފައި އޮތް އެނދުގެ އެއް އަރިމަތީގައި އިށީންދެލައި އޭނާއަށް ގޮވާލީމެވެ. އަހަރެންގެ އަރުތެރެވަނީ ބެދިފައެވެ. އޭރު ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބައެވެ.

އެވަގުތު މީޝަމް މަޑުމަޑުން ތެދުވެގެން އައިސް އަހަރެންގެ ގައިގައި ބައްދާލިއެވެ. އަދި އަހަރެންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލިއެވެ. އޭނާ އަތުގެ އިޝާރާތުން އެދުނީ އެހެންޏާވެސް އޭނާ އެދެމުން އައި ކަންތަކުގައެވެ. "ބައެއް ފަހަރު ތިހެންވެސް ހިތަށް އަރާ. ދަރިފުޅުގެ ބައްޕައަކީ ހުއްޓަސް ނެތް މީހެއް. އެކަމަކު…. މަންމަ އަސްލުވެސް ވަރިވާންވީތަ؟" އަހަރެންނަށް އަނެއްކާވެސް ރޮވުނެވެ. އެހިނދު މީޝަމް އަހަރެންނަށް ވަރަށް ހިތްވަރުދިނެވެ. އަހަރެންގެ އުފާވެރި ކައިވެންޏަށް ބޮޑު ބަދަލެއް އައީ މީޝަމް ލިބުނު ހިސާބުންނެވެ. ޒަޔާންއަށް ސައިން ލެންގުއޭޖް ދަސްކޮށްގެން މީޝަމް އާއި ވާހަކަދެއްކުންވީ ބޮޑު ކަމަކަށެވެ. މިކަމުގެ ސަބަބުން އަހަރެންނާއި ޒަޔާން އާއި ދެމެދުވެސް އެކި މައްސަލަތައް ޖެހި ދެމީހުން މިވަނީ ވަރަށް ބޮޑަށް ދުރުވެފައެވެ. ނަމަވެސް އަހަރެންނަށް މިއަދު މުހިންމީ އަހަރެންގެ ދަރިއެވެ. އެދަރިފުޅުގެ ހަމަޖެހުމާއި، އުފަލާއި މުސްތަޤުބަލެވެ.

މީޝަމް އެދުނު ގޮތަށް އަހަރެން ޒަޔާން ކައިރިން ވަރިވީމެވެ. ޒަޔާން ކޯޓުގައި މީޝަމް އޭނާގާތަށް ގެންދިއުމަށް ވަރަށް ވަކާލާތުކުރިއެވެ. މީޝަމް އަކީ ނުކުޅެދުންތެރިކަމެއް ހުންނަ ކުއްޖަކަށްވެފައި، ޒަޔާން އަށް މީޝަމް އާއި ވާހަކަދައްކަން ނޭނގުމާއި، އަދި މީޝަމްގެ އެދުމުގެ މަތިން ކޯޓުން ނިންމީ އަހަރެންނާއި މީޝަމް ހަވާލުކުރުމަށެވެ. ޒަޔާންއަށް ލިބޭ ވަރަށް އަހަރެންނަށް ފައިސާ ނުލިބުނެއް ކަމަކު އަހަރެންނަށް މީޝަމް ބެލޭނެ ކަމުގައި އަހަރެން ބުނީމެވެ. ވަރިވުމާއެކު، އަހަރެން ޒަޔާން ދިރިއުޅޭ ގެއިން މީޝަމް ގޮވައިގެން ނިކުމެގެން ދިޔައީ އަހަރެންގެ މަންމައާއި އެއްބަނޑު އެއްބަފާ މީހެއްގެ ގެއަށެވެ. އެގޭގައި ހުސްކޮށް ހުރި ކޮޓަރިއަކަށް މަހަކު ފަސްހާސް ރުފިޔާ ދައްކާ ގޮތަށެވެ. އަހަރެންނަކީ ސަރުކާރު ވަޒީފާއެއްގައި އުޅޭ މީހެކެވެ. އަދި އާމްދަނީ ހޯދުމަށް ކުރާ ހަމައެކަނި މަސައްކަތަކީ ވެސް އެއީއެވެ. ޒަޔާން، މީޝަމް އަށް ޚަރަދުކުރެއެވެ. ނަމަވެސް މަހުގެ ފަހުކޮޅަށް ދާއިރު ގިނަ ފަހަރު ކުރާ ޚަރަދެއް ކުރަނީ އަހަރެންގެ މުސާރައިންނެވެ.

މީޝަމް އަކީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއް ނަމަވެސް، ވިސްނުންތޫނު ކިޔެވުމަށް މޮޅު ކުއްޖެކެވެ. ކުލާހުން ކޮންމެ ފަހަރަކުވެސް އެއްވަނަ ގެންނަ ދަރިވަރެކެވެ. އަހަރެންގެ އަމިއްލަ ދިރިއުޅުމަށްވުރެ މީޝަމް މުހިންމުވަނީ މި ސަބަބާއި ހުރެއެވެ. މީޝަމް ސާނަވީ މަދަރުސާއަށް ދިޔަ އަހަރު އެ ގޭތެރޭގައި ޖެހުނު މައްސަލައެއްގެ ސަބަބުން އެގެއިން ނިކުންނަން ޖެހުނެވެ. އެމީހުން ނަފުރަތުކުރީ އަހަރެންގެ ދަރިއަކީ ވާހަކަނުދެއްކޭ ކުއްޖަކަށްވާތީއެވެ. އަހަރެން މާތް ރަސްކަލާނގެއަށް ވަކީލުކުރުމަށްފަހުގައި އެގެއިން ނިކުމެގެން އެއް ކޮޓަރީގެ ތަނަކަށް ބަދަލުވީމެވެ. ނިދާ ތަނާއި، ކައްކާތަންވެސް ހުންނަނީ ކޮޓަރި ތެރޭގައެވެ. އެހިސާބުން ހަމައެކަނި އެންމެ ވަޒީފާއެއް އަދާކޮށްގެން ފޫނުބެދޭނެކަން ޔަގީންވިއެވެ. ވުމާއެކު އަހަރެން ޕާޓްޓައިމް ވަޒީފާއެއް ފިހާރައަކުން ހޯދީމެވެ. ޒަޔާން އަހަރެންނަށް ވަރަށް މަލާމާތްކުރިއެވެ. އަހަރެންނަށް މީޝަމް ނުބެލެންޏާ ހަވާލުކުރުމަށް ބުންޏެވެ. އަހަރެން އެ ހުރިހާ މަލާމާތަކާއި ފުރައްސާރައިގެ ޖަވާބުގައި ހަނުހުރީމެވެ.

ދުވާލު އޮފީހަށް ގޮސް، މީޝަމްގެ ހުރިހާ ކަމެއް ބަލަމުން، ރޭގަނޑު ވުމާއެކު އޭނާ ފިލާވަޅު ހަދަން އިންނަ ވަގުތު އަހަރެން ދަނީ ފިހާރައަށެވެ. ނަމަވެސް އެހާ ބިޒީކޮށް އުޅެމުން ވެސް މީޝަމް އާއިއެކު ވަގުތު ހޭދަކުރުމަށް އަބަދުވެސް އިސްކަން ދެމެވެ. އެރެއަކީ ވެސް އާދަކާދައިގެ މަތީން އަހަރެން ފިހާރައަށް ދިޔަ ރެއެކެވެ. އަހަރެން މަސައްކަތްކުރަނީ ކުޑަކުދިންގެ ހެދުން ވިއްކާ ފިހާރައެއްގައެވެ. "މައިރާ. ވަރަށް ބިޒީ ދޯ." އަލަށް ލިބިފައި ހުރި ޝިޕްމަންޓުން ހެދުންތަކެއް ނަގައި އޭގައި ޕްރައިޒް ޓެގު އަޅުވަން ހުއްޓާ ފިހާރައިގެ ބޮޑު މީހާ އައެވެ. ފަރުހާދު އައީ ފިހާރަ ބަންދުކުރާ ވަގުތު ކުޑަތަންވާތީއެވެ. "ނޫނޭ. އެހާ ބިޒީއެއް ނޫން. ހިހި…" އަހަރެން ހީލަމުން ބުނީމެވެ. ގަޑިން ދިހަގަޑި ބައިވުމާއެކު ފިހާރަ ބަންދުކުރުމަށްފަހުގައި ފަރުހާދު ސޭލްސް ނިންމަން އިށީނެވެ. އޭރުވެސް އަހަރެން ހުރީ ހެދުންތަކުގައި ޓެގު އަޅުވާށެވެ. ކުއްލިއަކަށް އަހަރެންގެ ފޫކޮޅުގައި އެއްޗެއް ޖެހުނުހެން ހީވިއެވެ. ފަސް އެނބުރި ބަލާލިއިރު ފަރުހާދެވެ. އެވަގުތު އަހަރެންގެ އަތުގައި އޮތް ހެދުން ދޫވެ ބިންމައްޗަށް ވެއްޓުނެވެ.

"އުހޫމް…ރިލެކްސް މައިރާ. އަހަރެން މައިރާގެ ނުރުހުމުގައި އަތެއް ނުލާނަމޭ. މައިރާގެ ހާލަތު އަހަރެންނަށް ވަރަށް ރަނގަޅަށް އެނގޭ. އެކަނިވެރި މައެއްކަން އެނގޭ. އެކަމަކު ސުޕަ މަންމަ އެއް. މައިރާ.. އަހަރެން ބުނި ވަރަކަށް ފައިސާ ދީފާނަން. ވަޒީފާއަށް ނަޔަސް އޯކޭ. މައިރާ އަހަރެންނަށް ކޮށްދޭންޖެހޭނީ ހަމަ އެންމެ ކަމެއް." ފަރުހާދުގެ ދުލުން އިވެމުން ދިޔަ ބަސްތައް އަޑުއިވިފައި އަހަރެންނަށް ލިބުނީ ކުއްލި ޝޮކެކެވެ. ހިތްހީވީ މޭ ފަޅާލާއި ނިކުންނަން އުޅުނު ހެންނެވެ. "އަހަ…އަހަރެން… އަހަރެން މިއީ ތިކަހަލަ މީހެއް ނޫން. އަހަރެންގެ އެކަނިވެރި ކަމުގެ ފައިދާ ނަގަން ނުވިސްނާ." އަހަރެން ފަހަތަށް ޖެހެން ފެށީމެވެ. "ޕިސް..ފައިދާ ނަގާކަށް ނޫނޭ މިއުޅެނީ. އަހަރެންނަށް އަރާމު ލިބުނީމަ މައިރާއަށް ފައިސާ ލިބޭނެ. ދެމީހުންނަށް ވެސް ފައިދާއެއްނު. އޭރުން މީޝަމް ގޮވައިގެން ތިއަށްވުރެ ތަނަވަސް ދިރިއުޅުމެއް އުޅެވޭނެ. މައިރާއަށް ހާދަ ނުވިސްނެއޭ ދޯ." ފަރުހާދު އަހަރެންނާއި ގާތްވާން މަސައްކަތްކުރިއެވެ. ނަމަވެސް އަހަރެން އޭނާއަކަށް އެ ފުރުޞަތެއް ނުދެމެވެ. އަހަރެން ހަޅޭއްލަވައިގަތީމެވެ. "ކަލޭމެން ފިރިހެނުންނަށް ހީވަނީ އެކަނިވެރި މައިންނަކީ ކަލޭމެން ގަޔަށް އަރަން ތިބޭ ކުޅޭކުޅޭ ބުދުތަކެއް ކަމަށްތަ؟ ޗި… ކަލޭ ލާރި ނުދިނަސް މަށަށް މަގޭ ދަރި ބެލޭނެ. ދެން ކުރިއަށް އެންމެ ފިޔަވަޅެއް އަޅައިފިއްޔާވެސް އަހަރެން އަތުގައި މިއޮތް ކޮނޑުން ތި ތަލައިގަ ޖެހިޖެހީނުން ލޭ ކޮށާލާނަން." އަހަރެން ކަށިން ހިތްވަރު ނެރެ، ފަރުހާދުއާއި ދިމާލަށް ހަޅޭއްލަވައިގަތީމެވެ.

އަދި ދުވެފައި ކަހަލަ ގޮތަކަށް އެ ފިހާރަ ތެރެއިން ނުކުތީމެވެ. އޭރު ފަރުހާދު އެ ހުރިތަނުގައި ވަރަށް ރުޅިއައިސްގެން އަހަރެންނާއި ދިމާލަށް ބަލަން ހުއްޓެވެ. އަހަރެން ސައިކަލަށް އަރައި އަވަސް އަވަހަށް ގެއާއި ދިމާލަށް މިސްރާބުޖެހީމެވެ. ސިޑިން މައްޗަށް އަރަމުން އަހަރެން ލޮލުން ހިލިފައި ހުރި ކަރުނައާއި މޫނުމަތީގައި ހުރި ދާތަށް ފޮހެލާ މޫނު ރީތިކޮށްލީމެވެ. އޭރުވެސް އަހަރެންގެ އަތްފައި ތުރުތުރު އަޅައެވެ. އަހަރެން ގެއަށް ދިޔައިރު މީޝަމް އިނީ ފޮތެއް ކިޔާށެވެ. "ދަރިފުޅު އަދިވެސް ނުނިދަންތަ؟" އަހަރެން އަތުގެ އިޝާރާތުން އެހީމެވެ. މީޝަމް އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. ގެއަށް ވަދެ ފެންވަރާލައިގެން މީޝަމް ކައިރީގައި އިށީނީމެވެ. "މާދަން ވީކެންޑްވީމަ ދޯ ހޭލާ ތިއިނީ." އަހަރެން ކުރި ސުވާލަށް މީޝަމް ބުނީ ނޫނެކެވެ. "ދެން. ބައްޕަ ގުޅާނަމޭ ބުނީތަ؟" މިފަހަރުވެސް އޭނާ ބުނީ ނޫނެކެވެ. އެއާއެކު އިން ތަނުން ތެދުވެ އޭނާ ގެންގުޅޭ ސްކެޗް ފޮތް ނެގިއެވެ. އެ ސްކެޗް ފޮތަކީ އަހަރެން އޭނާގެ ބާރަވަނަ އުފަންދުވަހު ހަދިޔާ ކުރި ފޮތެކެވެ. ނަމަވެސް މީޝަމް އޭގެ ބޭނުން އެއްގޮތަކަށްވެސް ނުކުރެއެވެ. ފޮތް ނަގައިގެން އައިސް އެ ފޮތުގައި އަހަރެން ކުރަހާފައި އިން ދެތިން ތަސްވީރެއް އަހަރެންނަށް ދެއްކިއެވެ. އަދި އެއީ އަހަރެން ކުރި ކަމެއްތޯ ސުވާލުކުރިއެވެ. "ހިހި. ޔެސް. މަންމައަށް ބައެއް ރޭރޭ ނިދަން އުނދަގޫވީމަ ތިފޮތް ނަގައިގެން އިނދެ ކުރަހަނީ. ރީތިތަ؟" އަހަރެން ސުވާލުކުރީމެވެ. އެހިނދު މީޝަމް އަހަރެންގެ ގައިގައި ބައްދާލިއެވެ. އަދި އޭނާގެ ފޯނު ނަގައި އާރޓް ކޮމްޕެޓިޝަނަކަށް އިޢުލާންކޮށްފައި އޮތް ޕޯސްޓެއް ދެއްކިއެވެ. "މަންމާ ޕްލީޒް. މީގަ ބައިވެރިވެބަ. މި ކުރެހުންތަކަށް މަންމަ ރަނގަޅަށް ބަލާލަބަލަ. ހާދަ ހާދަ ރީއްޗޭ. އަހަރެންނަށް ޔަގީން މަންމައަށް މިކަންވާނެ ކަން." މީޝަމްގެ މޫނުމަތިން ފެންނަމުން ދިޔައީ އާދަޔާ ޚިލާފު އުފާވެރިކަމެކެވެ.

"މަންމައަކަށް ނުކެރޭނެ. މަންމައަށް ވުރެ މާ ޒުވާން ހުނަރުވެރި ކުދިން ތިބޭނެ. މިއީ މަންމަގެ ޒަމާނެއް ނޫނޭ. މިއީ ދަރިފުޅުމެންގެ ޒަމާނޭ." އަހަރެން އަނެއްކާވެސް އެ ޕޯސްޓަށް ބަލާލީމެވެ. "ނޫން. މީހާގެ ހުރި ހުނަރެއް ދައްކާކަށް ވަކި އުމުރެއް ނޯވެއޭ މަންމާ!. ޔުއަ ސްޓްރޯންގް އިނަފް ޓުޑޫ އެނީތިންގ. މީޝަމް އަށްޓަކައި. ޕްލީޒް." މީޝަމް އޭނާގެ މޭމަތީގައި އަތްތަޅަމުން ބުންޏެވެ. އަހަރެންނަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. އަދި ދަރިފުޅުގެ ޙައްޤުގައި ނަމަވެސް އެ މުބާރާތުގައި ބައިވެރިވުމަށް ނިންމީމެވެ. މީޝަމް ހުރީ އަހަރެންނަށް ހުރިހާ ގޮތަކުން އެހީތެރިވެދޭން ތައްޔާރަށެވެ. އޭރު މުބާރާތަށް ތައްޔާރުވުމަށްޓަކައި އޮތީ ހަފުތާއެކެވެ. ވުމާއެކު، އަހަރެން އޮފީހުން ޗުއްޓީއެއް ނެގީމެވެ. އަހަރެން ޗުއްޓީ ނެގީ ވަރަށް ދުވަސްކޮށްލާފައެވެ. ޗުއްޓީއަށް ދިއުމުން ގެއަށް ގެންނަން ލިބޭ ފައިސާކޮޅު މަދުވާތީ އަހަރެން ހުރީ ޗުއްޓީވެސް ނުނަގާށެވެ. ނަމަވެސް މާތްރަސްކަލާނގެއަށް ވަކީލުކޮށްފައި އެކަން ކުރީމެވެ.

މުބާރާތުގައި ކުރަހަން ޖެހެނީ އާރޓް ގެލެރީއަށް ގޮސް އެތަނުގައި ހޭދަ ކުރާ ތިން ގަޑިއިރު ތެރޭގައެވެ. އަދި ކޮންމެ ވަނައަކަށް ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ. އަހަރެންނާއި މީޝަމް އެކި ކަހަލަ ޓިޕްސް ހޯދާ ބެލީމެވެ. އަދި ކުރަހާނެ ކުރެހުމެއް ވިސްނީމެވެ. އެއްރޭ ފެންވަރައިގެން ނިކުމެ އަހަރެން ރީތިވާ ލޯގަނޑު ކުރިމަތީ މަޑުކޮށްލީމެވެ. ލޯގަނޑު ކުރިމަތީގައި ހޭދަވެގެން ދިޔަ ދިހަ މިނެޓު ތެރޭ ކުރަހަން އެންމެ އެކަށީގެންވާ ކުރެހުން ޚިޔާލަށް އައެވެ. އަހަރެން އެ ޚިޔާލު މީޝަމް އާއި ހިއްސާއެއް ނުކުރަމެވެ. "ކޮމްޕެޓިޝަން ނިމުނީމާ އެގްޒެބިޝަން އޮންނާނެއެއްނު. އެތަނަށް އައީމަ ފެންނާނެ. އިޓްސް އަ ސަޕްރައިޒް." އަހަރެން ދިން ޖަވާބާއެކު މީޝަމް އެކިއެކި ސުވާލުކުރަން ފެށިއެވެ. ނަމަވެސް އަހަރެން ހަނުހުރީމެވެ. މީޝަމް ވިސްނަމުން ދިޔައީ އަހަރެން ކުރަހާނީ ކޮންކަހަލަ ކުރެހުމެއްތޯ އެވެ.

މިވެސް ކިޔާލާ:

ދުވަސްތައް ހޭދަވަމުން ގޮސް މުބާރާތް އޮންނަ ދުވަސް އައިސް ޖެހުނެވެ. އެދުވަހު އަހަރެން ހުރީ ވަރަށް ބޮޑަށް ފިނިވެފައެވެ. ނަމަވެސް މީޝަމް އަހަރެންނަށް ވަރަށް ހިތްވަރުދިނެވެ. އެއީ ބަންދު ދުވަހަކަށް ވުމާއެކު އަހަރެން އެތަނަށް ދިޔައީ މީޝަމްވެސް ގޮވައިގެންނެވެ. އަދި އާރޓް ގެލެރީގެ ބޭރުގައި ހުރި ބެންޗެއްގައި މީޝަމް ބައިންދާފައި އަހަރެން އެތެރެއަށް ވަންނަން ހިނގައިގަތީމެވެ. ދަމުން އަހަރެން ފަސް އެނބުރި ބަލާލީމެވެ. އެހިނދު މީޝަމް އޭނާގެ ތުންފަތް މަތީގައި އަތް އަޅައި އަތް ނެގުމަށްފަހު، އެއަތުގެ އިނގިލިތަކުން "އޯލް ދަ ބެސްޓޭ" ބުނެލިއެވެ. އަހަރެން ދެ އަތްތިލައިން ހިތެއް ދައްކާލާފައި އެތެރެއަށް ވަންނަން ހިނގައިގަތީމެވެ. މުބާރާތް އޮންނަ ހޯލަށް ވަނުމާއެކު ގިނަ އަދަދެއްގެ ޒުވާނުން ފެނުނެވެ. ބަލާލާ ކޮންމެ މީހަކަށްވެސް އަހަރެންނަކީ މެދުއުމުރުފުރާގެ މީހެއްކަން އެނގޭނެއެވެ. ވުމާއެކު އެތަނުގައި ތިބި ބައެއް މީހުންގެ ލޯތައް އަހަރެންނަށް އަމާޒުވިއެވެ. އަހަރެން އެއިން ކޮންމެ މީހަކާ ދިމާލަށް ހިނިތުންވެލުމަށްފަހު، އިށީންނަން ޚާއްޞަކޮށްފައިވާ ގޮނޑީގައި ގޮސް އިށީނީމެވެ.

ތިން ގަޑިއިރުތެރޭ ކުރަހާ ނިންމާލެވުނީ ހަމަ ކިރިޔާއެވެ. ކުރަހަން ގެންގުޅު ފިހި ބާއްވާލާ، ކުރެހުމާއި ދިމާލަށް ބަލާލީމެވެ. އެވަގުތު ހިތުގައި ބުނެދޭން ނޭނގޭ ކަހަލަ އިހުސާސްތަކެއް ކެކި އުތުރި އަރަމުން ދިޔައެވެ. މުބާރާތް ނިމި، ދެން އޮތީ އެގްޒެބިޝަންގެ މަރުޙަލާއެވެ. ޖަޖުންގެ މާރކްސް އާއި އެކު އެންމެ ގިނަ ޕޮއިންޓްލިބޭ ކުރެހުންވެގެންދަނީ މުބާރާތުން އެއްވަނައަށް ހޮވޭ ކުރެހުމަށެވެ. އަހަރެން މީޝަމް ގޮވައިގެން ގޮސް އޭނާއަށް އެ ކުރެހުން ދެއްކީމެވެ. މީޝަމްއަށް ވަގުތުން އެ ކުރެހުމުން ދޭހަވާ މާނަ ނަގައިގަތެވެ. ނަމަވެސް މީޝަމް ސުވާކުރަމުން ދިޔައީ އެ ކުރެހުމުގައިވާ އޮޅިފައި އޮތް ވާގަނޑާއި މެދުގައެވެ. "ވާއު. ބިއުޓިފުލް ޕެއިންޓް. ދަރިފުޅުތަ؟" ހަމަ އެވަގުތު އެ ކުރެހުން ކައިރިއަށް އައިސް ހުއްޓުނު މެދު އުމުރުފަރެއްގެ މީހަކު ސުވާލުކުރިއެވެ. އަހަރެން އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލީމެވެ. "އަޅުގަނޑު މި ކިޔާދޭ ވާހަކަތައް ދަރިފުޅަށް ކިޔައިދޭންވީނު. ކޮން ނަމެއް ދަރިފުޅަށް ކިޔަނީ؟. އެމީހާ ސުވާލުކުރިއެވެ. "މީޝަމް." އަހަރެން ބުނީމެވެ.

އޭނާ މީޝަމްގެ އެއްފަރާތެއްގައި ކުރެހުމާއި ދިމާލަށް ބަލަހައްޓައިގެން އިރުކޮޅެއްވަންދެން މަޑުކޮށްލިއެވެ. "މިންޖުވުން. ނަން ވެސް ރީތި. ފެންނަނީ ކަޅު އަދިރިކަން. ބޮޑުކޮށް ފެންނަން އެ އިނީ އަންހެނެއްގެ މޫނެއްގެ ބައްޓަން. އޭގެ މަތީގައި އެ އިނީ ފިރިހެނެއްގެ މޫނުގެ ބައްޓަން، އަންހެންމީހާގެ މޫނުގެ ބައްޓަމާއި ގުޅިފައި. ބޮޑު ބައްޓަމުގެ ވަށައިގެން ވަނީ އަނދިރިކަން. އިޓްސް އޯލް ބްލެކް. މެދުގައި އެ އިން ވާގަނޑުން ވަކި ހިސާބަކުން ކަތުރަކުން އެވަނީ ބުރިވެފައި. މާނައަކީ ދެމީހުންގެ ގުޅުން އެވަނީ ކެނޑިފައޭ. ކަތުރުގެ ތިރީގައި އިން ވާގަނޑުގެ އަނެއްބައިގައި ފިއްސެއް ހިފަހައްޓައިގެން އެލިގަނެގެން އެ އޮތީ މީޝަމްގެ މަންމަ. ފިހީގެ ތިރީގައި ހިފަހައްޓައިގެން އެ އޮތީ މީޝަމް. މުޅި އެ ހިސާބުގައި ހުރި ކަޅު އަދި އޮރެންޖު ޕެއިންޓަކީ އަލިގަދަ ދިއްލުމެއް. މާނައަކީ ސަލާމަތްވެވުނިއްޔޭ. އަހަރެންނަށް ކުރެހުން ފެންނަ ގޮތް ރަނގަޅުތަ؟" އެމީހާ ކުރެހުމުން ދޭހަވާ މާނަ އެހާ ތަފުސީލުކޮށް ކިޔައިދިނުމުން އަހަރެން ހުރީ އަޖައިބުވެފައެވެ. ޚުދު މީޝަމްގެ ހާލަކީ ވެސް އެއީއެވެ.

"ހިހި. އަހަރެންނަކީ ވެސް ކުރަހާ މީހެއް. އަހަރެންނަށް ހަމަ ކުރެހުމުން ސިފަވި އެއްޗެއް މި ބުނެދިނީ. މިއޮތީ ދެމީހުންގެ ސިކުނޑި ދިމާވެފަ. ހިހި.." އެމީހާ ހޭންފެށިއެވެ. އަހަރެންނާއި މީޝަމް ވެސް ހޭންފެށިމެވެ. "ދާއިން." އޭނާ ސަލާންކުރުމަށް އަތް ދިއްކޮށްލިއެވެ. އެހިނދު ހަދާނެގޮތެއް ނޭނގިފައި ހުއްޓާ، މީޝަމް އަހަރެންގެ ގައިގައި ކޮށްޓާލިއެވެ. "އަ…އަމް.. މައިރާ.." އަހަރެން ދާއިން އާއި ސަލާންކުރީމެވެ. އެގްޒެބިޝަން ނިމި، ނަތީޖާ އިޢުލާންކުރަން އޮތް ދުވަހު އަހަރެން އެ ޙަފުލާއަށް ދިޔައީ ވަރަށް ރީތިވެގެންނެވެ. އެތަނަށް ވަދެ ގޮނޑިއެއްގައި އިށީންދެލައިގެން އިންއިރު ހިތް ދިޔައީ ބާރަށް ތެޅެމުންނެވެ. މުބާރާތުގެ ތިންވަނަ އަދި ދެވަނަ އިޢުލާނުކުރި ހިސާބުން އަހަރެން މާޔޫސްވިއެވެ. އަހަރެން އުއްމީދުކޮށްގެން ހުރީ ދެވަނަ ނޫނީ ތިންވަނައަށް ދިއުމަށެވެ. އެއްވަނައަކަށް އުއްމީދެއް ނުކުރަމެވެ. ނަމަވެސް އެއްވަނައަށް ދިޔަ ފަރާތުގެ ގޮތުގައި އަހަރެންގެ ނަން އިޢުލާން ކުރުމާއެކު ހުއްޓުން އެރިއެވެ. ގޮނޑިން ތެދުވާކަށްވެސް ނޭނގުނެވެ.

އަހަރެންގެ ނަން ދެވަނަ ފަހަރަށް ގޮވުމާއެކު އެންމެން އަހަރެން ހޯދަން ފެށިއެވެ. އެވަގުތު އަހަރެންގެ ފަހަތުގައި އިން މީހަކު "މިއިނީ މައިރާ" އޭ ބުނި އަޑާއެކު ކޮޅަށް ތެދުވީމެވެ. އެހިނދު މުޅި ތަނުގައި އަތްތިލަ ބަޑީގެ އަޑު ގުގުމިއެވެ. އަހަރެން ސްޓޭޖު މައްޗަށް އަރައި ސެޓްފިކެޓާއި، ފަންސާސްހާސް ރުފިޔާގެ ފައިސާގެ ރަމްޒީ އިނާމާއި ހަވާލުވިއިރު މުޅި ގައިން ހީބިހި ނެގިއެވެ. ޙަފުލާ ނިމުނު އިރު އެތަނުގައި އަހަރެން ނުދަންނަ މީހެއް ނެތެވެ. އަހަރެން އެންމެންގެ ތެރެއިން އެއް ފަރާތަކަށް ޖެހިލައި މީޝަމްއަށް ވީޑިއޯކޯލަކުން އަތުގައި އޮތް ސެޓްފިކެޓް ދައްކާލީމެވެ. މީޝަމް އުފަލުން ގޮސް އަޑުން އަޑުނަގައި ރޯން ފެށިއެވެ. އަހަރެންނަށް ވެސް ރޮވުނެވެ.

އެ މުބާރާތަށްފަހު އަހަރެންގެ މުޅި ދިރިއުޅުން ބަދަލުވިއެވެ. އަހަރެން އިތުރު އާމްދަނީއެއް ހޯދުމުގެ ގޮތުން ކުރަހަން ފެށީމެވެ. ކުރަހަން ބޭނުންވާ ހުރިހާ ސާމާނެއް ހަދިޔާކުރީ ދާއިންއެވެ. އަހަރެންނާއި ދާއިންގެ މެދުގައި ގާތް ރަޙުމަތްތެރިކަމުގެ ގުޅުމެއް އުފެދުނެވެ. އަހަރެންގެ ކުރެހުންތައް މަޝްހޫރުވިއެވެ. އޭރު މީޝަމް ވެސް ސްކޫލު ނިމެން ކައިރިވެފައިވާތީ އަދާކުރަމުން ދިޔަ ސަރުކާރު ވަޒީފާ ދޫކޮށްލާ ކުރެހުމަށް ވަގުތު ހުސްކުރީމެވެ. މިހާރު އަހަރެންނަކީ ތަނަވަސް ދިރިއުޅުމެއް އުޅެމުން އަންނަ އުފާވެރި، އެކަނިވެރި މައެކެވެ. އަހަރެންގެ ކުރީގެ ފިރިމީހާ ޒަޔާން، އަލުން އެނބުރި އަހަރެންގެ ދިރިއުޅުމަށް އަންނަން ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް އަހަރެން އެ ފުރުޞަތެއް ނުދެމެވެ. މީޝަމް އޯލެވެލް ނިންމީ ގަދަ ތިންވަނައިގައި ހިމެނިގެންނެވެ. އެކަނިވެރި މައެއްގެ ގޮތުގައި ހުރެ އަހަރެންގެ ދިރިއުޅުން ނަގައި ކޮޅަށްޖަހައި، މީޝަމްއަށް ލިބުނު ކާމިޔާބީގައި ބަރަކާތްލެއްވީތީ ހެއްދެވިފަރާތަށް ހާސްފަށުން ޝުކުރުކުރީމެވެ. ކުރެހި "މިންޖުވުން" އަހަރެންގެ މުޅި ހަޔާތަށް ލިބުނީ ފަނޑުވުމެއް ނެތް އަލިކަމެކެވެ. 

66%0%33%

ހިޔާލު ދެއްވާ!

Your email address will not be published.