ނައބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
23 Oct 2024 | 11:17
މޫސުމީ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރަންޖެހޭ: ނައިބު ރައީސް

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ކޮމަންވެލްތުގެ މެންބަރު ޤައުމުތަކުން ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ.

ސަމޯއާގައި ކުރިއަށްދާ ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން (ސީއެޗްއޯޖީއެމް) ގެ ހަވާސާ ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ "ސީއެޗްއޯޖީއެމް ކްލައިމެޓް ބްރޭކްފަސްޓް: ބިލްޑިންގް ކޮންސެންސަސް ފޮރ ކްލައިމެޓް ފައިނޭންސް ޓަރގެޓްސް އިން ކޮމަންވެލްތު" ގައި ތަޤުރީރު ކުރައްވަމުން ނައިބު ރައީސް ވަނީ ދުނިޔެ ހޫނުވުމުގެ ސަބަބުން، އެންމެ ނާޒުކު އާބާދީތަކަށް، ޚާއްޞަކޮށް، ކޮމަންވެލްތުގެ އާބާދީތަކަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ.

މޫސުމީ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ކުރަމުން ގެންދާ އުންމީދީ މަސައްކަތްތަކަށް ބޭނުންވާ ދެމެހެއްޓެނިވި މާލީ އެހީ ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ނައިބު ރައީސް ވަނީ ކްލައިމެޓް ފައިނޭންސިންގްގެ ކަންކަމަށް އަހަރެއްގެ މައްޗަށް އެހީގެ ގޮތުގައި ފޯރުކޮށްދިނުމަށް މީގެ ކުރިން އެއްބަސްވެފައިވާ 100 ބިލިއަން ޑޮލަރު، އެއަށްވުރެ އިތުރު ކުރުމަށް ގޮވާލައްވާފައެވެ.

ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގެ ކުލައިމެޓް ބުރޭކްފާސްޓްގައި ނައިބު ރައީސް ބައިވެރިވެވަޑައިގަތުން-- ފޮޓޯ: ރައީސް އޮފީސް

މިއާއިއެކު، ނައިބު ރައީސް ވިދާޅުވީ، ކްލައިމެޓް ފައިނޭންސްގެ ދާއިރާއިން އަހަރަކު 100 ބިލިއަން ޑޮލަރަށްވުރެ އިތުރު އަމާޒެއް ކަނޑައަޅަން ޖެހޭކަމަށާއި،  މޫސުމީ ނޭދެވޭ ބަދަލުތަކުން ކުރިމަތިވާ ގެއްލުންތަކަށް އިޖާބަ ދިނުމާއި، ގެއްލުމުގެ އަސަރު ކުޑަކޮށް، އަދި ނޭދެވޭ ބަދަލުތަކަށް އަހުލުވެރިކުރުމުގެ ކަންކަމަށްވެސް އަމާޒުތަކެއް ކަނޑައަޅަން ޖެހޭ ކަމަށެވެ.

ހަމައެއާއިއެކު، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް) ފަދަ ނާޒުކު ޤައުމުތަކުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން އިތުރަށް ފުރިހަމަކުރުމަށްޓަކައި، މިހާރު އޮތް ބައިނަލްއަޤްވާމީ މާލީ އެހީގެ ނިޒާމަށް ބަދަލުތަކެއް ގެންނަންޖެހޭކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވިދާޅުވީ،  މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ޤައުމުތަކަށް ބޭނުންވާ މާލީ އެހީގެ ކަންކަން ކަށަވަރުކޮށްދިނުމަށް، މިންކުރެވެނިވި އައު އަމާޒެއް ކަނޑައަޅައި، ކުރިއަށް އޮތް ކޮޕް29 ގެ ބައްދަލުވުން ނިމިގެންދާއިރު އެކަމަށް އެއްބަސްވުން މުހިންމުކަމަށެވެ.

ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގެ ކުލައިމެޓް ބުރޭކްފާސްޓްގައި ނައިބު ރައީސް ބައިވެރިވެވަޑައިގަތުން-- ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖެ ފަދައިން، ކޮމަންވެލްތުގެ ގިނަ ޤައުމުތަކަށް ބޭނުންވާ މާލީ ހޯދުމުގައި ދިމާވާ ބޮޑެތި ހުރަސްތައް ފާހަގަކުރައްވައި، ކޮމަންވެލްތު ކްލައިމެޓް ފައިނޭންސް އެކްސެސް ހަބުން ދިވެހިރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ތަޢުރީފު ކުރެއްވިއެވެ.

ހަމައެއާއިއެކު ނައިބު ރައީސް ވަނީ ގްލޯބަލް ސްޓޮކްޓޭކް (ޖީއެސްޓީ)އަށް ރިޢާޔަތްކުރައްވައި، ޤައުމުތަކުން ހާސިލުކުރަންވީ ވަކިވަކި އައު އަމާޒުތަކެއް (އެންޑީސީޒް) ކަނޑައެޅުއްވުމަށް ގޮވާލެއްވުމުގެ އިތުރުން، 1.5 ޑިގްރީގެ މަގަށް އެނބުރި ދިއުމަށާއި، އަންނަން އޮތް ޖީލުތަކަށާއި، ދުނިޔެއަށް ޓަކައި އަޅަންޖެހޭ ސާބިތު ފިޔަވަޅުތައް އެޅުމަށް ކޮމަންވެލްތުގެ މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.