ޣައްޒާގެ ސުންނާފަތި ކޮށްލާފައިވާ ސަރަހައްދު: ފޮޓޯ/ އަލ ޖަޒީރާ
ދުނިޔެ
16 Jan 2025 | 08:23
ޣައްޒާގައި ހިންގަމުން އައި ގަތުލު ޢާއްމު މެދުކެނޑުމަކަށް؛ އެއްބަސްވުމުގައި އޮތީ ކީކޭ؟

ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ޣައްޒާގައި ހިންގަމުންދިޔަ ޤަތުލު ޢާއްމު ނިމުމަކަށް ގެނައުމަށް އެއްބަސްވުމަށް އާދެވިފައިވާ ކަމަށް ޤަތަރާއި އެމެރިކާ އިން ބުނެފިއެވެ. 460 ދުވަހަށްވުރެ ދިގު މުއްދަތަކަށް ކުރިއަށް ދިޔަ މި ޤަތުލު ޢާއްމު ހުއްޓާލަން ނިންމާފައިވަނީ އާދިއްތަ ދުވަހުން ފެށިގެންނެވެ.

ޤަތަރުގެ ބޮޑުވަޒީރު ޝެއިޚް މުޙައްމަދު ބިން އަބްދުއްރަޙްމާން ބިން ޖާސިމް އަލް ޘާނީ ވިދާޅުވި ގޮތުގައި އެއްބަސްވުން ތަންފީޒު ކުރުމުގެ މަސައްކަތް އިސްރާއީލާއި ހަމާސްއާ އެކު ދަނީ ކުރިއަށެވެ.

އަދި އިސްރާއީލުން ބުނެފައިވާ ގޮތުން ބައެއް ކަންކަން އަދިވެސް ނިންމަން ޖެހޭ ކަމަށާ އިސްރާއީލުގެ ސަރުކާރުގެ ވޯޓެއް މިއަދު ނެގޭނެއެވެ. 

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާގައު ހިންގަމުންދިޔަ ޤަތުލު ޢާއްމުގައި 46،000 އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުންވަނީ ޝަހީދުވެފައެވެ.

މި އެއްބަސްވުމުގެ ދަށުން ޤަތުލު އާއްމު ވަގުތީގޮތުން ހުއްޓުމަކަށް އައިސް، ގައްޒާއަށް ދެމުންދިޔަ ހަމަލާތައް ނިމުމަކަށް އަންނާނެއެވެ. އަދި ގައްޒާގައި ހިފަހައްޓާފައިވާ މީހުންނާއި އިސްރާއީލުގައި ބަންދުކޮށްފައިވާ ގިނަ އަދަދެއްގެ މީހުން ދޫކޮށްލެވޭނެއެވެ. މީގެ އިތުރުން، ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެނބުރި ގެއަށް ދިއުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ނަމަވެސް އެތަނުން ގިނަ މީހުންގެ ގެތަށް މިހާރު ވަނީ ބިމާއި ހަމަވެފައެވެ.

އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ

އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ 6 ހަފްތާއަށް ދެމިގެންދާނެއެވެ. ފުރަތަމަ މަރުހަލާގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާގައި ހިފަހައްޓާފައިވާ 33 އިސްރާއީލު ރައްޔިތުން ދޫކޮށްލެވޭނެއެވެ. މީގެ ބަދަލުގައި އިސްރާއީލުން ގިނަ އަދަދެއްގެ ފަލަސްތީނުގެ އަސީރުން ދޫކޮށްލާނެއެވެ. މީގެ ތެރޭގައި އުމުރަށް ޖަލަށްލާފައިވާ މީހުންނާއި، އޮކްޓޯބަރު 7 ގެ ފަހުން ހައްޔަރުކޮށްފައިވާ 1000 އަށްވުރެ ގިނަ މީހުން ހިމެނެއެވެ.

މި އެއްބަސްވުމުގެ ދަށުން، އިސްރާއީލުގެ ސިފައިން ގައްޒާގެ އާބާދީ ސަރަހައްދުތަކުން ފައިބައި، ގައްޒާގެ ބޯޑަރުން 700 މީޓަރަށްވުރެ ދުރަށް ނުދާ ހިސާބަކަށް ދާނެއެވެ. ނަމަވެސް ނެޓްޒަރިމް ކޮރިޑޯ ސަރަހައްދުގައި ސިފައިން ތިބޭނެ ކަމަށާ ނެޓްޒަރިމް ކޮރިޑޯއިން ސިފައިން ފަސްޖެހުން ހިނގާނީ މަރުހަލާތަކަކަށް ބަހާލައިގެން ކަމަށް ބުނެފައިވެއެވެ. 

މީގެ އިތުރުން އިސްރާއީލުން ގައްޒާގެ އުތުރުގައި ތިބި ރައްޔިތުންނަށް އެނބުރި ގެތަކަށް ދިއުމުގެ ހުއްދަ ދޭނެއެވެ. އަދި ޣައްޒާއަށް އިތުރު އެހީ ފޯރުކޮށްދިނުމަށް ހުއްދަ ދެވޭނެއެވެ. އެގޮތުން ދުވާލަކު 600 ޓްރަކުގެ އެހީ ގައްޒާއަށް ވެއްދުމަށް ހުއްދަ ދޭނެއެވެ.

މީގެ އިތުރުން، ޒަޚަމްވެފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް ފަރުވާ ހޯދުމަށް ގައްޒާއިން ނުކުތުމުގެ ހުއްދަ ދޭނެއެވެ. އަދި އެއްބަސްވުން ތަންފީޒުކުރަން ފެށޭތާ 7 ދުވަހުގެ ތެރޭގައި މިސްރާއި ދެމެދު އޮންނަ ރަފާ ބޯޑަރު ހުޅުވާލެވޭނެއެވެ.

ހަމަ އެހެންމެ، މިސްރާއި ގައްޒާއާ ދެމެދު އޮންނަ ބޯޑަރު ސަރަހައްދުން އިސްރާއީލުގެ ސިފައިން މަދުކޮށް، އެއްބަސްވުން އަމަލީ ސިފަ އަންނަތާ 50 ދުވަހުގެ ތެރޭގައި އެއްކޮށް އެތަނުން ނުކުންނާނެއެވެ. 

ފުރަތަމަ މަރުހަލާއަށްފަހު..

ފުރަތަމަ މަރުހަލާގެ ފަހުން ކަން ހިނގާނެ ގޮތާ މެދު މަޝްވަރާކުރެވޭނީ ފުރަތަމަ މަރުހަލާގެ ތެރޭގައެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑެން ބުނެފައިވާ ގޮތުގައި، ދެވަނަ އަދި ތިންވަނަ މަރުހަލާގެ މަޝްވަރާތައް ފުރަތަމަ 6 ހަފްތާއަށްވުރެ ދިގުލައިގެން ދިޔަ ނަމަވެސް ހަނގުރާމަ ހުއްޓިފައި އޮންނާނެއެވެ.

ނަމަވެސް، އިސްރާއީލުން ބުނާ ގޮތުގައި ފުރަތަމަ މަރުހަލާ ނިމި، އިސްރާއީލުގެ ހައްޔަރީން ދޫކޮށްލުމަށްފަހު އަލުން ހަމަލާތައް ނުފަށާނެ ކަމަށް ލިޔުމުން ޔަޤީންކަމެއް ނުދޭނެއެވެ.

ދެވަނަ މަރުހަލާގައި، ހަމާސްއިން ބާކީ ތިބި ހުރިހާ ހައްޔަރީން ދޫކޮށްލާނެއެވެ. މީގެ ތެރޭގައި ގިނައީ ފިރިހެން ސިފައިންނެވެ. މީގެ ބަދަލުގައި އިސްރާއީލުން އިތުރު ފަލަސްތީނުގެ ހައްޔަރީން ދޫކޮށްލާނެއެވެ. އަދި އިސްރާއީލު ސިފައިން ގައްޒާއިން "އެއްކޮށް" ނުކުންނާނެއެވެ.

އެހެންނަމަވެސް، އިސްރާއީލުގެ ކެބިނެޓުން އަދި ވޯޓު ނަގާފައިނުވާ މި ޝަރުތުތަކަކީ، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫގެ ކެބިނެޓުގައި ހިމެނޭ ގިނަ މެންބަރުންގެ ޚިޔާލާ ފުށުއަރާ ކަންތައްތަކެކެވެ. މި މެންބަރުންނަކީ ނެތަންޔާހޫއަށް އެއްބާރުލުން ދިނުމަށް އޭނާ ބަރޯސާވާ ފަރާތްތަކެވެ. އަދި މިއީ ނެތަންޔާހޫ މީގެ ކުރިން ބުނަމުން އައި ކަންކަމާވެސް ފުށުއަރާ ކަންކަމެވެ. އެހެނީ އޭނާ  މިހާތަނަށްވެސް ބުނަމުން އައީ ޤަތުލު ޢާއްމު ދިގުދެމިގެންދާނެ ކަމަށެވެ.

ތިންވަނަ މަރުހަލާ

ތިންވަނަ މަރުހަލާގެ ތަފްސީލުތައް އަދި ސާފެއް ނޫނެވެ. ނަމަވެސް، ދެވަނަ މަރުހަލާގެ ޝަރުތުތައް ފުރިހަމަވެއްޖެނަމަ، ތިންވަނަ މަރުހަލާގައި ބާކީ ތިބި ހައްޔަރީންގެ ހަށިގަނޑުތައް ހަވާލުކުރެވޭނެއެވެ. މީގެ ބަދަލުގައި ބައިނަލްއަޤްވާމީ ބެލުމުގެ ދަށުން، ޣައްޒާގެ 3-5 އަހަރުގެ އާރާސްތުކުރުމުގެ ޕްލޭނެއް ކުރިއަށް ގެންދެވޭނެއެވެ.

ޤަތުލުޢާއްމު ހުއްޓުމަށްފަހު ގައްޒާ ހިންގާނެ ގޮތަކާ މެދު އަދި އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ. އެމެރިކާއިން ބާރުއަޅަނީ ފަލަސްތީނު އޮތޯރިޓީއަކުން މިކަން ކުރުމަށެވެ.

އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ އެންޓަނީ ބްލިންކެން އަންގާރަ ދުވަހު ބުނި ގޮތުގައި ހަނގުރާމައަށްފަހު ގައްޒާ އާރާސްތުކޮށް ހިންގުމަށް ރޭވިފައިވަނީ ފަލަސްތީނު އޮތޯރިޓީން "ބައިނަލްއަޤްވާމީ ބައިވެރިން" ގެނެސް، ވަގުތީ ސަރުކާރެއް އުފައްދައި، އެ ސަރުކާރުން މުހިންމު ޚިދުމަތްތައް ދީ، ސަރަހައްދު ބަލަހައްޓައިގެންނެވެ.

އޭނާ އިތުރަށް ބުނެފައިވާ ގޮތުގައި އެހެން ބައިވެރިން، ޚާއްޞަކޮށް އަރަބި ޤައުމުތަކުން، ކުރު މުއްދަތަކަށް ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފަލަސްތީނަށް ބާރުތަކެއް ފޯރުކޮށްދޭނެއެވެ.

މިފަދަ ޕްލޭނެއް ކާމިޔާބުވުމަށް އަރަބި ޤައުމުތަކުގެ، ޚާއްޞަކޮށް ސައޫދީ އަރަބިއްޔާގެ އެއްބާރުލުން ބޭނުންވާނެއެވެ. ނަމަވެސް އަރަބި ޤައުމުތަކުން ބުނެފައިވަނީ މިފަދަ ޕްލޭނަކަށް އެއްބާރުލުން ދޭނީ ފަލަސްތީނު ދައުލަތެއް އުފެއްދުމަށް މަގުފަހިވާނަމައެވެ.

ނަމަވެސް މިއީ 1990 ގެ އަހަރުތަކުގައި އޮސްލޯ އެއްބަސްވުމުގައި އިސްރާއީލުން ޤަބޫލުކޮށްފައިވާ ދެ ދައުލަތުގެ ހައްލާ ފުށުއަރާ ކަމަކަށް ވުމާއެކު، އިސްރާއީލުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ޚިލާފު ތަފާތުވުންތައް މިކަމުގައި އުފެދިދާނެ ކަމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.