މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި އިއްޔެ ހައްޔަރުކުރި ފިލްމީ ތަރީންގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.
ވިލިމާލޭގައި އިއްޔެ ހިނގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ފިލްމީ ފަންނާނުންތަކެއް ކަމަށްވާ އަހްމަދު އަޒްމީލް (އަޒޭ) އާއި އިސްމާއީލް ޖުމައިހް (ޖުމާ) އާއި މުހައްމަދު ވިޝާލް (ރޯމަން) އަދި ޝާހިލް މުހައްމަދު އެވެ.
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
އެ މީހުންގެ ބަންދާއި ގުޅޭ މަޖިލީސްގައި އެ މީހުންނަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން ކޮންމެވެސް މިންވަރރެއްގެ ހެކި ހުށައަޅާފައިވާ ކަމަށް ފާހަގަކޮށްފައިވެ އެވެ. އަދި ސީންއަށް ދިޔަ ފުލުހުންގެ ބަޔާންތައް ހުށައަޅާފައިވާއިރު ޖުމާ އާއި ރޯމަން މަސްތުވާތަކެތީގެ ތިން ބާވަތެއް ކަމަށްވާ އެމްއޭޕީ އާއި ސީއޭޓީ އަދި ޓީއެޗްސީއަށް ޕޮޒިޓިވްވެފައިވާކަން އައިއޯ އިން ފާހަގަކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.
ހަތަރު މީހުންގެ ބަންދަށްވެސް ކޯޓުން ވަނީ 15 ދުވަސް ދީފަ އެވެ.
މީގެ އިތުރުން އެ މީހުން ތިބި ކޮޓަރީގައި ހުރި މޭޒެއްގެ މަތީގައި މަސްތުވާތަކެތި ހާމައަށް ހުރިކަން ސީންއަށް ދިޔަ ފުލުހުންގެ ބަޔާނުން އެނގޭ ކަަމަށްވެސް ބުނެފައިވެ އެވެ.
އެ މީހުންގެ ތެރެއިން ޖުމާ ފިޔަވާ އެންމެންނަކީވެސް މީގެ ކުރީން ހައްޔަރުކޮށްފައިވާ މީހުން ކަން ބަންދު އަމުރުން އެނގެ އެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists