-
ދީން
09 Oct 2026 | 13:02
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން: ޚުތުބާ

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.

ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި، އަލިއަޅުވާލާފައިވަނީ "މުދަލަކީ މާތް اللهގެ ޙައްޤެކެވެ" މި މައުޟޫޢަށެވެ.

ޚުތުބާގައި ފާހަގަކުރި ގޮތުގައި، ކާއިނާތުގައިވާ އެންމެހައި ތަކެއްޗަކީ މާތް اللهގެ ފުރިހަމަ މިލްކުވެރިކަމުގެ ދަށުގައިވާ ތަކެއްޗެވެ. އަދި އިންސާނާގެ އަތްމަތީގައިވާ މުދަލަކީ އިމްތިޙާނެއްކަން ބަޔާންކުރައްވަމުން ކީރިތި ޤުރްއާނުގެ އަންފާލް ސޫރަތުގެ 28 ވަނަ އާޔަތް ޚުތުބާގައި ގެނެސްދިނެވެ.

އެ އާޔަތުގެ މާނައިގައިވަނީ، "އަދި ތިޔަބައިމީހުން ދަންނާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މުދާތަކާއި، ތިޔަބައިމީހުންގެ ދަރީންނަކީ، އިމްތިޙާނެކެވެ."

އެހެންކަމުން މީހަކު އަމިއްލަ ނަފުސާ ކުރަންވީ ސުވާލަކީ އެއްކުރެވުނު މުދަލުގެ އަދަދާ މެދު ނޫން ކަމަށާއި، މި އިމްތިޙާނުން ކާމިޔާބު ހޯދުނުތޯ ކުރެވޭ ސުވާލު ކަމަށް ޚުތުބާގައި ބުންޏެވެ.

މުދަލަށް އޮންނަ ދަހިވެތިކަމުގެ ނުރައްކާތެރިކަން ހާމަކުރައްވައި ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއް ޚުތުބާގައި ޛިކުރުކުރިއެވެ.

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "ބަކަރި އައިނެއްގެ ތެރެއަށް، ހައިވެފައިވާ މިނިކާ ދެ ކުއްތާ ދޫކޮށްލުމުން، އެ ތަކެއްޗަށް ދޭ ގެއްލުމަށް ވުރެ، މުދަލާއި ޝަރަފަށް އޮންނަ ދަހިވެތިކަމުގެ ސަބަބުން އިންސާނާގެ ދީންވެރިކަމަށް ހުރި ގެއްލުމާއި ފަސާދަ މާ ބޮޑެވެ."

އަދި ޤިޔާމަތް ދުވަހު މުދާ ހޯދި ގޮތާއި އެ މުދާ ހޭދަކުރި ގޮތާ މެދު ސުވާލުވެވުމަށް ދާންދެން އާދަމުގެ ދަރިޔާގެ ދެފައިތިލަ އެ ހުރިތަނުން ގުޑުވައިނުލެވޭނެ ކަމުގެ އިންޒާރުވެސް ޚުތުބާގައި ދިނެވެ.

ޚުތުބާގައި ފާހަގަކުރި ގޮތުގައި، ޙަލާލު އާމްދަނީގެ ތެރޭގައި ތެދުވެރިކަމާއެކު ކުރާ މަސައްކަތާއި، ވަޒީފާގެ އުޖޫރައާއި، ހުއްދަ ވިޔަފާރިއާއި، ހަދިޔާ އަދި ޝަރުޢީ ތަރިކަ ހިމެނެއެވެ.

މާތް ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައިވަނީ "ހެޔޮލަފާ މީހަކަށް ހެޔޮލަފާ މުދަލުގެ މޮޅުކަމާއެވެ!".

ނަމަވެސް، ރިބާ ކެއުމާއި، ރިޝްވަތާއި، މަކަރާއި ޙީލަތް، ވައްކަން، ޖުވާ، ފޭރުން އަދި ޚިޔާނާތްތެރިވުން ފަދަ ޙަރާމް ގޮތްގޮތުން މުދާ ހޯދުމަކީ އިލާހީ އަމާނާތަށް ވެވޭ ބޮޑު ޚިޔާނާތެއް ކަމަށް ޚުތުބާގައި ބުންޏެވެ.

"ހަމަކަށަވަރުން ޙަރާމް ތަކެތި ކައިގެން ހެދިބޮޑުވާ ކޮންމެ ހަށިގަނޑަކަށްމެ، އެންމެ އައުލާކަންބޮޑީ ނަރަކައިގެ އަލިފާނެވެ،" މި ޙަދީޘް ބަސްފުޅު ހަނދާންކޮށްދެމުން، މާތް اللهގެ މުދާ ޙައްޤަކާ ނުލައި ބޭނުންކުރާ މީހުންނަށް ހުރީ ނަރަކަ ކަމުގެ އިންޒާރު ޚުތުބާގައި ތަކުރާރުކުރިއެވެ.

މުދާ ހޭދަކުރުމުގައި އިސްކަންދޭންޖެހޭ ތަރުތީބަށް އަލިއަޅުވާލަމުން ޚުތުބާގައި ބުނީ، އެންމެ އިސް ވާޖިބަކީ އަމިއްލަ އަނބިދަރިންނާއި، މައިންބަފައިން ފަދަ އަހުލުވެރިންނަށް ކުރާ ހޭދަ ކަމަށެވެ. އެއީ ދަރުމައާއި ޘަވާބުގެ ގޮތުން އެންމެ މަތިވެރި ހޭދަކަމުގައި ރަސޫލާ ﷺ ގެ ބަސްފުޅުތަކުން ސާބިތުވާ ކަމަށާއި، އޭގެ ފަހުގައި ގާތްތިމާގެ މީހުންނަށާއި ފަޤީރުންނާއި މިސްކީނުންނަށް ހޭދަކުރުން ވާކަމަށެވެ. މީގެ އިތުރުން މުދާ ޠާހިރުކުރުމަށްޓަކައި އަހަރަކު އެއްފަހަރު ފަރުޟު ޒަކާތް ދެއްކުމަކީ މާތް اللهގެ ޙައްޤު އަދާކުރުން ކަމުގައި ބަޔާންކުރިއެވެ.

ޚުތުބާ ނިންމާލަމުން ވަނީ މުދާ އިސްރާފުކުރުމާއި ބޭކާރު ގޮތުގައި ހަލާކުކޮށްލުމަކީ ވެސް އަމާނާތަށް ޚިޔާނާތްތެރިވުން ކަމަށް ބުނެފައެވެ. އިބްނުލްޤައްޔިމްގެ "މަދާރިޖުއްސާލިކީން" ފޮތާ ޙަވާލާދީ ޚުތުބާގައި ވިދާޅުވީ، މުދަލާއި މުއްސަނދިކަމަކީ ޒުހުދުވެރިކަމާ ފުށުއަރާ ކަމެއް ނޫން ކަމަށާއި، ޝަރުޠަކީ އެ މުދާ ޙަލާލު ގޮތުގައި ހޯދައި، ހެޔޮ ގޮތުގައި ހޭދަކޮށް، الله އާއި އަޅާއާ ދެމެދު އެއްވެސް ހުރަހަކަށް އެ މުދާ ނުވުން ކަމުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
09 Oct 2026
ބޭންކް އޮފް ސިލޯން-ރާއްޖޭގެ ކުރީގެ ވެރިޔަކު ޖަލަށްލާން ހުކުމްކޮށްފި
ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން، އޭނާއަށް ނޭނގި ސައްހަނޫން ލިޔެކިޔުން ތައްޔާރުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި އެ ބޭންކުގެ ކުރީގެ އިސް ވެރިއަކު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
09 Oct 2026
ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފިއެވެ.
09 Oct 2026
ކުރިއަށް ތިން ދުވަހުވެސް މޫސުން ގޯސްވާނެ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރޭ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.