ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން، އޭނާއަށް ނޭނގި ސައްހަނޫން ލިޔެކިޔުން ތައްޔާރުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި އެ ބޭންކުގެ ކުރީގެ އިސް ވެރިއަކު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ކްރިމިނަލް ކޯޓުގެ ގާޟީ ޢަލީ ނަދީމް އިއްޔެ މި ހުކުމް އިއްވަވާފައިވަނީ، ބީއޯސީގެ ކުރީގެ ޑެޕިއުޓީ ކަންޓްރީ މެނޭޖަރު އަދި ކޮމްޕްލަޔަންސް އޮފިސަރުގެ މަގާމުގައި ހުރި މާލެ، މ. މާހިންނެ، ޙަސަން ވަޙީދުގެ މައްޗަށެވެ. މިއީ 2019 ވަނަ އަހަރުން ފެށިގެން ކޯޓުގައި ހިނގަމުންދިޔަ މައްސަލައެކެވެ.
މި މައްސަލައިގައި ދައުލަތުން ޙަސަން ވަޙީދުގެ މައްޗަށް ދެ ދައުވާއެއް އުފުލިއިރު، އެ ދެ ދައުވާވެސް އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. އަދި ގާނޫނުލްއުގޫބާތުގެ ދަށުން އަދަބުގެ ދަރަޖަ ދަށްކުރުމަށްފަހު، އޭނާގެ މައްޗަށް އިއްވި ހުކުމްތަކަކީ:
އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށަށް: ދެ އަހަރާއި ނުވަ މަހާއި 11 ދުވަހުގެ ޖަލު ހުކުމެއްގެ އިތުރުން 144،000 ރުފިޔާގެ ޖޫރިމަނާއެއް.
އެނގިހުރެ ސައްހަނޫން ލިޔުމެއް އުފެއްދުމުގެ ކުށަށް: ހަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއްގެ އިތުރުން 18،000 ރުފިޔާގެ ޖޫރިމަނާއެއް.
ޝަރީއަތުން ނިންމެވި ނިންމެވުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، 9 ޖޫން 2019 ގައި ޙަސަން ވަޙީދު ވަނީ ބީއޯސީގެ ދިވެހި އަންހެން ކަސްޓަމަރަކަށް ނޭނގި، އޭނާގެ އެކައުންޓުން 150،000 އެމެރިކާ ޑޮލަރު ޓްރާންސްފާ ކުރުމަށް ވަގު ޓްރާންސްފާ ރިކުއެސްޓެއް އަމިއްލައަށް ހަދާފައެވެ. އަދި ބޭންކުގެ މުވައްޒަފަކު މެދުވެރިކޮށް އެ ލިޔުން ޕްރޮސެސްކުރުވައި، އަބްދުالله ނަފީޤް ޕާޝާ ކިޔާ މީހެއްގެ އެކައުންޓަށް ފައިސާ ޖަމާކުރުވިއެވެ.
އެ ފައިސާ ޖަމާވިތާ އެންމެ ފަސް މިނެޓުގެ ތެރޭގައި (ހެނދުނު 10:44 ގައި) ނަފީޤް ޕާޝާގެ އެކައުންޓުން ވަނީ "ސީނިއާ އިންޓާނޭޝަނަލް ޕްރައިވެޓް ލިމިޓެޑް" ގެ އެކައުންޓަށް ފޮނުވާފައެވެ. އެ ކުންފުނިން މި ފައިސާ ބޭނުންކޮށްފައިވަނީ ރާއްޖެއިން ބޭރުގެ ހަތަރު ކުންފުންޏެއްގެ އިންވޮއިސްތަކަށް ފައިސާ ދެއްކުމަށެވެ. އަދި މި އިންވޮއިސްތަކަށް ފައިސާ ދެއްކުމަށް ސްވިފްޓް އެޕްލިކޭޝަން ހުށަހަޅާފައިވަނީ ފައިސާ ވަގަށް ނެގުމުގެ ހަ ދުވަސް ކުރިން، 2 ޖޫން 2019 ގައެވެ.
މީގެއިތުރުން، 18 ޖުލައި 2018 ގައިވެސް ހަމަ މި އުސޫލުން އެ އަންހެން މީހާގެ އެކައުންޓުން 110،000 ޑޮލަރު ނަފީޤް ޕާޝާ މެދުވެރިކޮށް ސީނިއާ އިންޓާނޭޝަނަލްއަށް ފޮނުވާފައިވާކަން އޯޑިޓް ރިޕޯޓުން ހާމަވެއެވެ.
މި މައްސަލައިގައި ކުށް ސާބިތުކުރުމަށް މުހިންމު ބުރަދަނެއް ލިބުނީ ފޮރެންސިކް ހެކިތަކުންނެވެ. އެގޮތުން، ޙަސަން ވަޙީދު އޮފީހުގައި ބޭނުންކުރި ސީޕީޔޫއިން އަންހެން މީހާގެ ނަމުގައި ހެދި ވަގު ޓްރާންސްފާ ރިކުއެސްޓުގެ ވޯޑް ޓެމްޕަރަރީ ފައިލް ފެނިފައިވެއެވެ. އަދި އެ ފައިލް ޕްރިންޓުވި ވަގުތާއި، އޭނާ ކެބިންގައި އިނދެ އެ ކަރުދާސް ނެގި ވަގުތު ސީސީޓީވީ ފުޓޭޖާ ސީދާ ދިމާވެއެވެ.
ހަމައެއާއެކު، އޭނާގެ ކެބިން ތެރެއިން އެ އަންހެން މީހާގެ ސޮއި ފަރިތަކޮށްފައިވާ ކަރުދާސްކޮޅުތަކެއް ފެނިފައިވާއިރު، ފޮރެންސިކް ޑޮކިއުމަންޓް އެގްޒަމިނޭޝަން ރިޕޯޓުން ދައްކާގޮތުގައި ޓްރާންސްފާ ރިކުއެސްޓުގައިވަނީ 'ސިމިއުލޭޓެޑް މެތަޑް' ބޭނުންކޮށްގެން ފޯޖުކޮށްފައިވާ ވަގު ސޮޔެކެވެ.
މައްސަލައިގައި ޝާމިލުވާ ފަރާތްތަކުގެ ގުޅުމަށް ބަލާއިރު، ސީނިއާ އިންޓާނޭޝަނަލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޒައިނަލް ޢާރިފަކީ ޙަސަން ވަޙީދުގެ އެންމެ ގާތް އެކުވެރިޔާ، އެކުގައި ދިރިއުޅުނު މީހާ އަދި ވިޔަފާރި ބައިވެރިޔާއެވެ. އަދި ފައިސާ ޖަމާކުރި ނަފީޤް ޕާޝާއަކީ ޒައިނަލްގެ ދޮންބައްޕައެވެ. މީގެއިތުރުން، ނޮވެމްބަރު 2018 އިން ފެށިގެން ސީނިއާ އިންޓަރނޭޝަނަލް އިން ކޮންމެ މަހަކު 52،500 ރުފިޔާގެ މަގުން ޖުމްލަ 367،500 ރުފިޔާ ޙަސަން ވަޙީދުގެ އެކައުންޓަށް ޖަމާކޮށްފައިވާކަންވެސް ތަހުގީގަށް ވަނީ އެނގިފައެވެ.
ފައިސާ ގެއްލިގެން 10 ޖޫން 2019 ގައި އެ އަންހެން މީހާ ބޭންކަށް ގޮސް މައްސަލަ ޖެއްސުމުން، މިއީ ފްރޯޑެއް ކަމަށް އޭނާ ގާތު ބުނުމަށްފަހު، ބޭންކުގެ އެހެން މުވައްޒަފުން ކައިރީ މައްސަލަ ހައްލުވެއްޖެ ކަމަށާއި އަންހެން މީހާ ހަނދާންނެތުނީ ކަމަށް ބުނެ ޙަސަން ވަޙީދު މައްސަލަ އޮޅުވާލަން މަސައްކަތްކުރި ކަމަށްވެސް ކޯޓު ހުކުމުގައި ފާހަގަކޮށްފައިވެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists