ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އަދި ފައިސަލް ނަސީމް--ފޮޓޯ: ޝަރުހާން
ރިޕޯޓް
09 Oct 2026 | 17:07
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟

އިއްޔެ ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.

އެންމެ ފުރަތަމަ އެވާހަކަ ދެކެވުނީއްސުރެ މިއަދާ ހަމަޔަށް އައި އިރުވެސް ކުރެވޭ ސުވާލަކީ ހަމަ ހަގީގަތުގައިވެސް ރައީސް ސޯލިޙް ފައިސަލް ވެރިކަމަށް ގެންނަން ތާއީދުކުރެއްވީ ހެއްޔެވެ؟ ޓިކެޓަށް ކުރިމަތިލައްވަނީ ރައީސް ސޯލިހްގެ ތާއީދާއެކުކަމަށް ފައިސަލްއާއި އާޒިމް ކިތަންމެ ވަރަކަށް ވިދާޅުވިޔަސް، އަދިވެސް ރައީސް ސޯލިޙް ފާޅުގައި އެކަމުގައި އެއްޗެއް ވިދާޅުވިތަނެއް ނުފެއެވެ.

ރައީސް ސޯލިޙްގެ އަރިސް ބޭފުޅަކުވެސް އެހެން ފާޅުގައި ވިދާޅެއް ނުވެއެވެ. ރައީސް ސޯލިހްގެ އަރިހުގައި ސިޔާސީ އާރުލާ އެތައް ބޭފުޅުންނެއް އެބަތިއްބެވިއެވެ. އެއިން ބޭފުޅަކު އަދިއެއް ފައިސަލް ނުވަތަ އާޒިމް އާއެކު ނިކުންނެވި ތަނެއް ނުފެއެވެ. ހަމައެކަނި ފެންނަނީ ރައީސްގެ ކޮއްކޯފުޅު އަދި ކުރީގެ މެމްބަރު އަލީ ނިޔާޒްއެވެ. ނިޔާ ވެސް ސާފުސީދާކޮށް ރައީސް ސޯލިޙް ހުންނެވީ ފައިސަލްއާއި އާޒިމް ވެރިކަމަށް ނެރުއްވައިގެންކަމަށް ވިދާޅު ނުވެ، މުޅިންވެސް ދެއްވަނީ ނުސީދާ މެސެޖެވެ.

އެމްޑީޕީގެ އިސް ބައެއް ބޭފުޅުންނާ ޕާޓީގައި ގިނަ ދުވަސްވީ ބޭފުޅުން ވިދާޅުވާ ގޮތުގައި ރައީސް ސާލިޙްގެ ތާއީދު އޮތް ނަމަ އެމަނިކުފާނު ނިކުންނަވާ، ފާޅުގައި އެހެން ވިދާޅުވާނެއެވެ. ސުވާލު މާކެއްގެ ތެރެއަށް އެކަން ދޫކޮށްލައްވައިގެން އެހުންނަވަނީ ރައީސް ސޯލިޙްގެ 'ސްލޯ ރިއެކްޝަން'ގެ ސިޔާސަތުގެ ތެރެއިންކަމަށްވެސް ވެދާނެއެވެ.

ރައީސް ސޯލިޙްގެ އަރިސް ބޭފުޅުންގެ ތެރެއިން ކޮއްކޯފުޅު އަލީ ނިޔާޒް އެކަނި ފައިސަލްއާއެކު ހުންނެވިތަން ފެނުމަކީވެސް ސުވާލު އުފެދޭ ކަމެކެވެ. އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި ރައީސް ސޯލިޙްގެ ތާއީދު އޮންނަ ބޭފުޅަކާއެކު ނޫނީ ސިއްކަ އާއިލާގެ ސިޔާސީ ބޭފުޅުން ނުނިކުންނަވާނެއެވެ.

ފަސްޓްލޭޑީ ފަޒްނާގެ އާއިލާގެ އެކި ބޭފުޅުންނާއި ކައިވެނި ބައްލައިގެން އެތިއްބެވީ ރައީސް ސޯލިހްގެ ސަރުކާރުގައި ހަގީގަތުގައި 'އެތެރެ ކޮއިލު'ގެ ބޭފުޅުންނެވެ. ބިގޭ، އެމްސީ ހަމީދު، އަލީ ޝިޔާމް މެން ފަދަ އެއްވެސް ބޭފުޅަކު އަދި ފައިސަލްއާއެކު ނެތުމަކީ 'ރައީސް ސޯލިޙްގެ ތާޢީދު އެބައޮތް' ކަމަށް އެވިދާޅުވާ ވިދާޅުވުމާމެދު ސުވާލު އުފައްދަން ޖާގަ ލިބޭ ކަމެކެވެ.

ފައިސަލް އަދި އާޒިމް 

ރައީސް ސޯލިޙްގެ ތައީދާއި އެއްބާރުލުމާއެކު ޕްރައިމަރީ ރޭހަށް ނިކުންނެވިކަން އެކި ގޮތްގޮތަށް ވިސްނައިދެވޭތޯ ފައިސަލްވެސް އާޒިމްވެސް ޓީވީ ޕްރޮގްރާމްގެ އިތުރުން އެހެން މަންސަތަކުގައިވެސް މަސައްކަތްކުރައްވައެވެ. އެބޭފުޅުންގެ ކެންޑިޑެސީގެ އެންމެ މުހިއްމު އުންސުރަކީ އެއީކަންވެސް ހީވެއެވެ.

އެހެންނަމަވެސް ރައީސް ސޯލިޙްގެ ތާއީދު އެބޭފުޅުން އެމާނަ ކުރައްވަނީ އެމްޑީޕީގެ ވަގުތީ ޗެއާޕަރސަން ހޮވަން އުޅުނުއިރު ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު ޢަބްދުﷲ ވަޙީދުއަށް ވީގޮތަށްކަމަށް ރައީސް ސޯލިޙްގެ ސަރުކާރުގެ އިސް ބޭފުޅަކު ސިފަކުރެއްވިއެވެ.

ޢަބްދުﷲ ވަޙީދަށް ފަހުވަގުތު ރައީސް ސޯލިޙާއި އޭރުގެ ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދުގެ ތާއީދު ނެތުމުން، އޭނާ ވިދާޅުވީ އެކަމަށް ކުރިމަތިލެއްވީ އެބޭފުޅުންގެ ތާއީދާއި އެކުގައިކަމަށެވެ. އިސްވެ މިދެންނެވި ބޭފުޅާ އެކަމާ ބެހޭ ގޮތުން ވިދާޅުވީ "ރައީސް އިބޫ އާއި ޝާހިދު އާއި ދެބޭފުޅުން ކައިރީގައި ތިމަންނަ މާދަމައިން ފަށައިގެން ހިނގާނީ އިދިކޮޅަށް ކަމަށް ބުންޏަސް އެބޭފުޅުން ވިދާޅުވާނީ ތިއީ ވަރަށް ރަނގަޅު ޚިޔާލެކޭ، ކުރިއަށް ވަޑައިގަންނަވާ" ށޭ ކަމަށެވެ.

އެގޮތުން ޗެއާޕަރސަންކަމަށް ކުރިމަތިލާން ޢަބްދުﷲ ވަޙީދު ޚިޔާލު ފާޅުކުރުމުން، އާއްމު އުޞޫލުން އެއްވެސް މީހަކަށް 'ނޫނެކޭ' ނުބުނާ އުޞޫލުން އެބޭފުޅުންގެ އާއްމު ޖަވާބު ދެއްވީމާ ޢަބްދުﷲ ވަހީދަށް އެބޭފުޅުންގެ ތާޢީދު ލިބިލެއްވީކަމަށް ހީފުޅުވީކަމަށް ވެދާނެއެވެ. މިހާރު އުފެދޭ ސުވާލަކީ ފައިސަލް ޓިކެޓަށް ޝައުގުވެރިކަން ފާޅުކޮށް އެވާހަކަ ވިދާޅުވުމުން ރައީސް ސޯލިޙް "ތިއީ ވަރަށް ރަނގަޅުކަމެއް، އަވަހަށް ކުރިއަށް ވަޑައިގަންނަވާ"ށޭ ވިދާޅުވީ ބާއެވެ؟

ފައިސަލް ނަސީމަށް ރައީސް ސޯލިހްގެ ތާއީދު އެބައޮތްތޯ ސުވާލު އުފައްދާ ބޭފުޅުން ނަންގަވާ އަނެއް ޕޮއިންޓަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރަނިން މޭޓްކަން ނުދެއްވުމުން، ފައިސަލް ނިކުންނަވާ ރައީސް ސޯލިޙާއި ދެކޮޅަށް ސިއްރިޔާތުގައި ކެމްޕޭން ކުރެއްވިކަމަށް ދެކެވޭ ވާހަކަތަކެވެ.

ރައީސް ސޯލިޙްގެ ކެމްޕޭނުގައި ފައްޔާޒް އިސްމާއީލާއި ޢަބްދުﷲ ޝާހިދު އުޅުއްވިއިރު، ފައިސަލް ގެންދެވީ ރައީސާއި ދެކޮޅަށް ކެމްޕޭން ކުރައްވަމުންނެވެ. އެހެންކަމުން ރައީސް ސޯލިޙް އެ ދެބޭފުޅުންކުރެ ބޭފުޅެއްގެ ފަހަތަށް ނާރުއްވައި، އެއިންތިޚާބުގައި އެމަނިކުފާނާއި ދެކޮޅަށް މަސައްކަތްކުރެއްވި ބޭފުޅެއްގެ ފަހަތަށް މި އިންތިޚާބުގައި އެރުމަކީ ހަގީގަތުގައި ރައީސް ސޯލިޙަށް ތާއީދުކުރައްވާ ބޭފުޅުންނަށް ކުރެވޭ ބޭއިންސާފަކަށް ނޫނީ ނުވާނެއެވެ.

ދެން އޮތީ މިކަމުގައި ރައީސް ސޯލިޙް އެއްޗެއް ވިދާޅުވާންދެން މަޑުކުރުމެވެ. ރައީސް ސޯލިހް ހަމަހަގީގަތުގައިވެސް ފައިސަލް އަށް ތާއީދުކުރެއްވިނަމަ އެކަން އިއުލާންކުރެއްވުން ލަސްކުރައްވަނީ ކީއްވެގެންބާވައޭ ސުވާލު އުފެދެއެވެ.

ތާއީދުކުރައްވާކަން އިއުލާންކުރައްވައިފިނަމަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ވަރަށް ފޯރިގަދަ ވެގެންދާނެއެވެ. ތާއީދު ނުކުރައްވާނަމަ ފައިސަލްގެ މުޅި ކެމްޕޭން 'ފަނި' ވީއެވެ. ދޮގެއްގެ މައްޗަށް ފެށި ކެމްޕޭނަކަށް ރައްޔިތުންގެ ތާއީދެއް ނޯންނާނެއެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
09 Oct 2026
ބޭންކް އޮފް ސިލޯން-ރާއްޖޭގެ ކުރީގެ ވެރިޔަކު ޖަލަށްލާން ހުކުމްކޮށްފި
ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން، އޭނާއަށް ނޭނގި ސައްހަނޫން ލިޔެކިޔުން ތައްޔާރުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި އެ ބޭންކުގެ ކުރީގެ އިސް ވެރިއަކު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
09 Oct 2026
ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފިއެވެ.