ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
ސައުދީގެ ޖެނެރަލް އޮތޯރިޓީ ފޯ ސިވިލް އޭވިއޭޝަން (ގާކާ) އިން ހާމަކުރި ގޮތުގައި، އެއާޕޯޓަށް އަމާޒުވި ފުރަތަމަ ހަމަލާ އަރާފައިވަނީ އެއާޕޯޓުގެ ވަސީލަތްތަކަށެވެ. އަދި ދެވަނަ ހަމަލާ އަމާޒުވީ ސައުދީގެ ޤައުމީ އެއާލައިން ކަމަށްވާ "ސައުދިއާ" ގެ ބޯޓަކަށެވެ.
މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ސައުދިއާގެ ޕައިލެޓެއް ކަމަށްވާ ކެޕްޓަން ޙަމޫދު ޢަލީ އަލްކަލްޘަމީ ހިމެނޭކަން އެ އެއާލައިނުން ވަނީ ކަށަވަރުކޮށްދީފައެވެ. ސައުދިއާއިން ނެރުނު ބަޔާނެއްގައި، ކެޕްޓަން ޙަމޫދުގެ އާއިލާއަށާއި، ގާތްތިމާގެ މީހުންނަށް އަދި އޭނާގެ މަސައްކަތުގެ އެކުވެރިންނަށް ތައުޒިޔާ ފޮނުވާފައިވެއެވެ. އަދި ޤައުމީ އެއާލައިނަށް އޭނާ ކޮށްދެއްވި އަގުހުރި ޚިދުމަތްތައް ފާހަގަކޮށް، އޭނާގެ ހަނދާންތައް އައުކުރާ ކަމަށްވެސް ބަޔާނުގައި ވެއެވެ.
ސައުދިއާއިން އިތުރަށް ބުނެފައިވަނީ، ހަމަލާގެ ސަބަބުން އެއާޕޯޓުގެ ބިމުގައި އޮތް ބޯޓަކަށް ގެއްލުން ލިބުނު ނަމަވެސް، އެ ވަގުތު އެ ބޯޓުގައި އެއްވެސް ފަސިންޖަރަކު ނެތް ކަމަށެވެ.
މި ހަމަލާތަކާ ގުޅިގެން ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތަކުންނާއި ކަމާބެހޭ އިދާރާތަކުން ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ވަގުތުން ފިޔަވަޅު އަޅާފައިވާ ކަމަށް ގާކާއިން ބުނެއެވެ. ނަމަވެސް، މި ހާދިސާގައި ބައެއް ޢާންމު ރައްޔިތުންނަށާއި އެ ޤައުމުގައި ދިރިއުޅޭ ބޭރު މީހުންނަށް ކުދި އަނިޔާތަކުން ފެށިގެން ބޮޑެތި ޒަޚަމްތައް ވެފައިވާތީ، އެ މީހުންނަށް ފަރުވާ ދިނުމަށް ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އޮތޯރިޓީން މައުލޫމާތު ދެއެވެ.
ސަލާމަތީ ބާރުތަކާ ގުޅިގެން ލިބުނު ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ފަސިންޖަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުންދާ ކަމަށް ގާކާއިން ބުނެފައިވެއެވެ. އަދި މިހާރު އެއާޕޯޓުގެ އޮޕަރޭޝަންތައް އަލުން ފަށައި، ވައިގެ ދަތުރުފަތުރުގެ ޚިދުމަތް އާންމު ހާލަތަކަށް ގެނެވިފައިވާ ކަމަށްވެސް އެ އިދާރާއިން ފާހަގަކުރިއެވެ.
ސައުދިއާއިން ހާމަކުރި ގޮތުގައި، ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުން އެ އެއާލައިނުން ދެމުންގެންދާ ދަތުރުތައް މިހާރު ވަނީ އާންމު އުސޫލަށް ރުޖޫޢަވެފައެވެ. އަދި ފްލައިޓް ޝެޑިއުލްތައް ވަރަށް ގާތުން މޮނިޓަރ ކުރަމުންދާ ކަމަށާއި، ރަސްމީ ވަސީލަތްތައް މެދުވެރިކޮށް ފަސިންޖަރުންނަށް މައުލޫމާތު ފޯރުކޮށްދެމުން ގެންދާނެ ކަމަށް އެ އެއާލައިނުން ވަނީ ބުނެފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists